 |
|
2008 ވަނަ
އަހަރު- ދިވެހި ތާރީޚް ލެއިން ލިޔެލެވޭނެ އަހަރެއް!
08/04/2006
| އައްލާބެއްޔާ | އީ-މެއިލް
ރިފޯމް
ނުވަތަ އިސްލާހޭ މިކިޔާ އެއްޗެއްގެ ވާހަކަ ދައްކާދައްކާ މިހާރު
ކަރުން ލޭރަހަ ލާންފަށައިފިއެވެ. ބައެއް ބޭފުޅުން
ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖެއަށް މިހާރުވެސް އިސްލާހު
އައިސްފައިވާލެއް ގިނަކަމުން ފުރިގެން ބަންޑުންވާން
ކައިރިވެއްޖެވެ. ނަމަވެސް ދެންތިއްބެވި ބޭފުޅުން ވިދާޅުވަނީ
ކޮންތާކުތޯއެވެ؟ އިސްލާހެއް ކީއްކުރަންތޯއެވެ؟ އިސްލާހުގެ
ވަސްވެސް އައިސްފައިނުވެއެވެ. އިސްލާހުވާނީ އިސްލާހުކުރަން
ބަޔަކުމީހުން މަސައްކަތް ކުރާނަމަތާއެވެ! ޚާއްސަމަޖިލީހުގައިވެސް
ޤާނޫނު އަސާސީ ބާއްވާވާފައި ހޭބޯނާރައި އެއްބަޔަކު
އަނެއްބަޔެއްގެ އިތުބާރު އޮތްތޯ ބައްލަވަނީއެވެ. މަޖިލީހުގެ
ރައީސާއި ނާއިބު ރައީސްގެ އިތުރުން ވަޒީރުންގެވެސްމެއެވެ. ދެން
ފެނިގެންދާނީ މަޖިލިސްތެރެ ސާފުކުރާ މީހުންގެ އިތުބާރެއް އޮތްތޯ
ބަހުސްކުރައްވަން ފައްޓަވާތަން ތޯއްޗެކެވެ؟ މިހާރުދާގޮތަށް
ދާނަމަ، މަގުޗާޓް ކީއްކުރަންތޯއެވެ؟ 'ޞިރާޠު މަގު'
ކުރެއްސެވިޔަސް ވާނެ އެއްކަމެއްވެސް ހަމަ ނޯންނާއެވެ. ވީއިރު،
މިހާހިސާބުން އުފެދޭ އެންމެ ބޮޑު ސުވާލަކީ އަންނަ ރިޔާސީދައުރު
ފެށެންވާއިރަށް ޤާނޫނު އަސާސީ އިސްލާހު ނުވެއްޖެނަމަ ދެންވާނީ
ކިހިނެތް ތޯއެވެ؟
އޭގެ އެންމެ ބޮޑުއަސަރު ފެންނާނީ ރިޔާސީ އިންތިޚާބުންނެވެ.
ނުވަތަ އިންތިޚާބުތެރޭގައެވެ. މިހާރު އަމަލުކުރަމުންދާ ޤާނޫނު
އަސާސީގައިވާގޮތުން އިންތިޚާބަށް ކުރިމަތި ލައްވާ ކެނޑިޑޭޓުންގެ
ނަންތައް އެންމެ ފުރަތަމަވެސް ހުށެހެޅޭނީ ރައްޔިތުންގެ
މަޖިލީހަށެވެ. މަޖިލީހުން ފާސްކުރާ ކެނޑިޑޭޓަކަށް ރައްޔިތުންދޭނީ
ފެންނަ ނުފެންނަ ވޯޓެކެވެ. އެހެންކަމުން ޤާނޫނު އަސާސީ އިސްލާހު
ނުވަނީސް އިންތިޚާބެއް ބާއްވަވާނަމަ، މަޖިލީހުން ފާސްކުރާނީ ޑީ.
އާރ. ޕީ ކެނޑިޑޭޓްގެ ނަންކަމީ ދުވާލުގެ އިރުފަދައިން
އެނގޭކަމެކެވެ. ޤާނޫނު އަސާސީ އިސްލާހުކުރެއްވުން ސަމާސާއަކަށް
ހައްދަވައިގެން ޚާއްސަމަޖިލީހުގައި ޖޯކްވިދާޅުވާބޭފުޅުން
އެކުރެއްވި އަމަލުތަކުގެ ހަޤީޤީ ނަތީޖާ ފެނިގެންދާނީ އޭރުންނެވެ.
އެގޮތަށް ކަންތައްތައް މެދުވެރިވެގެން އިންތިޚާބުގައި
ވާދަކުރައްވާ ބޭފުޅަކު ކެމްޕެއިން ކުރައްވަން ފައްޓަވައިފިނަމަ،
ދެންވެގެންދާނެގޮތް ހިތަށް ގެންނަންވެސް އަޅުގަނޑު
ޖެހިލުންވެއެވެ. ވިސްނަވާށެވެ. ޕާޓީތަކަށް ތާއީދުހޯދުމަށް
އައްޑޫ، ތިނަދޫ، ހުރާ ފަދަ ތަންތަނުގައި ބޭއްވޭ
ބައްދަލުވުންތަކަށް ވެގެންދަނީ ކިހިނެތްތޯއެވެ؟ ގިނަފަހަރަށް
ނިމިގެންގޮސްފައިވަނީ ބޮޑުހަމަނުޖެހުމަކުންނެވެ. އެގޮތަށް
ވަޑައިގަންނަވާ ބައެއް ބޭފުޅުން މޫދުން ނަގަންޖެހޭތަންވެސް
އެބައާދެއެވެ. ވީއިރު، އެންމެ ކެނޑިޑޭޓަކު، ވަކިންޚާއްސަކޮށް ޑީ.
އާރު. ޕީގެ ކެނޑިޓޭޓަކު ވާދަކުރައްވާ ރިޔާސީ އިންތިޚާބެއްގައި
ތާއީދު ހޯއްދެވުމަށް އައްޑޫ، ތިނަދޫ ފަދަ ތަންތަނަށް
ވަޑައިގަންނަވާނަމަ، ދެންވާނެގޮތް ވިސްނަވާލައްވާށެވެ.
އެކަންތައްތައް ވެގެންދާނީ ބޮޑުވެގެންވާ ލޭ އޮހޮރުވުމަށެވެ.
ސަޕޯޓަރުންގެ މެދުގައި ވަކިންޚާއްސަކޮށް އެމް. ޑީ. ޕީއާއި ޑީ.
އާރު. ޕީގެ ސަޕޯޓަރުންމެދު ގައެވެ. މާލެ، އައްޑޫ، ތިނަދޫ ފަދަ
ރަށްތަކުގައި ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގުމަކީ ވަރަށް
ގާތްކަމެކެވެ. ވޯޓް ފޮށިތައް ބަހައްޓައިފައި ހުންނަ ތަންނަށް
ހަމަލާދީ އެތަންތަނުގައި ހުޅުރޯކުރުމަށް މަސައްކަތްކުރާނެކަމީ
އަޅުގަނޑު ޝައްކުކުރާ ކަމެއްނޫނެއެވެ. ވޯޓްފޮށިތަކުގެ
ހިމާޔަތުގައި ތިއްބަވާ އެރަށްރަށުގެ އާންމު ރައްޔިތުންނާއި
ފުލުހުން އަދި އެފަރާތްތަކުގެ އާއިލާތަކަށް
ނުރައްކާވާހިސާބަށްވެސް ކަންތައްތައް ދިޔުމަކީ އެކަށީގެންވާ
ކަމެކެވެ. ކުރުގޮތަކަށް ދަންނަވާނަމަ ވޯޓްލާދުވަސް ވެގެންދާނީ
މަޝްހޫރު ކަޅުހުކުރު ފަށްކުރުމަކަށެވެ. ނަމަވެސް ކުރީފަހަރާއި
ޚިލާފަށް ހަމައެކަނި މާލޭގެ ބަދަލުގައި މުޅިރާއްޖޭގައި ހިނގާނެ
ބޮޑު ހަމަނުޖެހުން ގަނޑަކަށެވެ. މިހަމަނުޖެހުނުޖެހުމުގައި
ބައެއްމީހުންގެ ފުރާނަޔަށް ނުރައްކާވުމަކީވެސް އަޅުގަނޑަށް
ޤަބޫލުކުރަން ވަރަށް ފަސޭހަކަމެކެވެ. ޕާޓީތަކަށް ތާއީދު ހޯދުމަށް
މިހާރު ބޭއްވޭ އާދައިގެ ބައްދަލުވުންތަކަށް ވިސްނާލުމުންނެވެ.
މިދެންނެވި އާދައިގެ ބައްދަލުވުންތަކުގައި އެފަދަ ނުރައްކާތެރި
މާރާމާރީއާއި ހަމަނުޖެހުންތައް ހިނގާފައިވާއިރު، ރިޔާސީ
އިންތިޚާބެއް އަމުދުން ސަމާސާކޮށް އެއްވެސްބަޔަކު
ނުނަގާނެތީއެވެ.
ދެންއޮތީ ރިޔާސީ އިންތިޚާބު އިނދިކޮޅު ޕާޓީތަކުން ވަކިން
ޚާއްސަކޮށް އެމް. ޑީ. ޕީއިން ބޮއިކޮޓް ކޮށްފިނަމަ ވާނެ ގޮތަކެވެ.
ތިމަންނާމެން މިތިބީ އިންތިޚާބު ބޮއިކޮޓްކޮށްގެންނޭ ވޯޓުލާކަށް
ނުދާނަމޭ ބުނެ ނިންމާލުމަކީ ވަރަށް ނާދިރު ކަމެކެވެ. އޭގެ
ބަދަލުގައި ވޯޓްލާން އެހެން މީހުންނަށްވެސް ދިޔަނުދީ، ވޯޓްލާންދާ
މީހުންނަށް ބިރުދައްކައި މިބާވަތުގެ ކަންތައްތައް ހިނގުމަކީވެސް
ބުއްދި ޤަބޫލުކުރެވޭ ކަމެކެވެ. އަދި ވޯޓްފޮށި ވަގަށް ނަގަންއުޅެ،
އެކަންކަމުގެ ތެރޭގައިވެސް އެތައް ހަމަނުޖެހުމެއް ހިނގައި ލޭ
އޮހޮރުމަކީވެސް އެކަށީގެންވާ ކަންކަމެވެ. މީގެ އިތުރުން
ވޯޓްފޮށިތައް ގެންގޮސް ގެނެސްހަދާ އުޅަދުތަކަށް ހަމަލާދީ
އެކަންކަމުގައި އުޅުއްވާ ބޭބޭފުޅުންނަށް އިންތިޚާބުގެ
ތެރޭގައްޔާއި އިންތިޚާބަށްފަހުވެސް ނުރައްކާތެރި ހަމަލާތައް
އަމާޒުވުމަކީ އަޅުގަނޑަށް ޤަބޫލުކުރަން ވަރަށްފަސޭހަ ކަމެކެވެ.
ޖުމްލަކޮށް ދަންނަވާނަމަ، މިހާރު މިދާގޮތަށް ދާނަމަ، 2008ވަނަ
އަހަރުގެ އިންތިޚާބު ދިވެހި ތާރީޚްގައި ލިޔެވިގެންދާނީ
ލެއިންނެވެ. އަދި އިންތިޚާބަށްފަހު ހިނގާ ހަމަނުޖެހުންތަކުގެ
ސަބަބުން، މުޅި 2008 ވަނަ އަހަރުވެސް ވެގެންދާނީ ކަޅު
އަހަރަކަށެވެ. ނިމުނީ!
|
|
 |
|