|
ދީން ޙިމާޔަތް ކޮށް މުޖުތަމަޢުން ފަސާދަ ނައްތާލުމަކީ
ކޮންފަރާތެއްގެ ޒިންމާއެއް؟
12/09/2005
|
އައްޝައިޚް
ހުޙަންމަދު ޝަހީމް ޢަލީ ސަޢީދު ( ޢަދާލަތު ޕާރޓީގެ
ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު)
ދީން
ޙިމާޔަތްކޮށް މުޖުތަމަޢުން ފަސާދަ ނައްތާލުމަކީ ކޮންފަރާތެއްގެ
ޒިންމާއެއް ހެއްޔެވެ؟ އެއީ ހަމައެކަނި ވެރިކަމުގެ ޒިންމާއެއް
ހެއްޔެވެ؟ ނުވަނަ އެއީ ހަމައެކަނި އަފްރާދުންގެ
ޒިންމާއެއްހެއްޔެވެ؟ ނުވަތަ އެއީ މިދެފަރާތުގެވެސް ޒިންމާއެއް
ބާވައެވެ ؟ މި މަސްއޫލިއްޔަތު އިސްވެ އުފުލަންޖެހޭ ބަޔަކީ ފަހެ
ކޮބާއި ހެއްޔެވެ؟ ނުވަތަ މިއީ އެއްވެސް ބަޔަކު ކުރުން ކޮންމެ
ހެން ލާޒިމުކަމެއް ކަމެއް ބާވައެވެ؟ މިއީ އުފެދެމުންދާ
ސުވާލުތަކެކެވެ.
ޝައްކެއްނެތްގޮތުގައި ދީން ޙިމާޔަތްކޮށް މުޖުތަމަޢުން
ފާހިޝްކަންތައްތަކާއި މުންކަރާތްތައް ނައްތާލުމަކީ މުޖުތަމަޢުގެ
އެންމެހައި އަފްރާދުންގެ ވާޖިބެކެވެ. މިކަމަކީ ރައްޔިތުންނާއި ،
ވެރިންނާއި ، އިސްލާމްދީނުގެ ޢިލްމުވެރިން ، ގުޅިގެން ނޫނީ
ނުކުރެވޭނެކަމެކެވެ. ނަމަވެސް މިކަމުގައި އެންމެ އިސްވެ ޒިންމާ
އުފުލަންޖެހޭނެ ފަރާރަކީ އިސްލާމީ ޖަމާޢަތުގެ ބާރުލިބިގެންވާ
ފަރާތެވެ. އެއީ އެޖަމާޢަތުގެ ވެރިކަމެވެ.
ޝައްކެއްނެތް ގޮތުގައި އިސްލާމީ ޝަރީޢަތުގައި ވެރިކަމުގެ
ނިޒާމެއް ލައްވާފައިވަނީ ދީން ޙިމާޔަތްކޮށް އިޞްލާޙަށް
މަގުދެއްކުމަށެވެ. ﷲ ގެ އަމުރުފުޅުތައް ބިންމަތީގައި
ޤާއިމުކުރުމަށެވެ. މުޙައްމަދުގެފާނުގެ ޝަރީޢަތުގައި ވެރިކަމުގެ
ނިޒާމެއް ލެއްވިގެންވާފަދަ ފުރިހަމަ ގޮތަކަށް އެހެން އެއްވެސް
ނަބިއްޔެއް ، އަދި ރަސޫލެއްގެ ޝަރީޢަތުގައި ވެރިކަމުގެ ނިޒާމެއް
ލެއްވިގެން ނުވާކަން ކަށަވަރެވެ. އަދި އިންސާނުންނަށް ވެސް
މިފަދަ ފުރިހަމަ ، ޝާމިލު ޝަރީޢަތެއް ގެނައުމަކީ ދުވަހަކުވެސް
ނުކުރެވޭނެކަމެކެވެ.
ﷲ އެކަލާނގެ އިރާދަކުރެއްވި ބަޔަކަށް ވެރިކަން ދެއްވައި
ޢިއްޒަތްތެރި ކުރަށްވައެވެ . އެއީ އިސްވެދިޔަފަދައިން އެކަލާނގެ
ދީނުގެ ޙުކުމްތަކާއި ޝިޢާރުތައް ބިންމަތީގައި ޤާއިމްކުރުމަށެވެ.
ނަމާދު އޭގެވަގުތުގައި އަދާކުރުމަށާއި ، އެހެންމީހުންނަށް
އެނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް ގޮވާލުމަށެވެ. އަދި
ޙައްޤުގޮތުގައި ޒަކާތްދިނުމަށާއި ، މީހުންގެ އަތުން ޒަކާތްނަގައި
އޭގެ ޙައްޤުވެރިންނަށް ޙަވާލުކޮށް ދިނުމަށެވެ.
ހެޔޮކަންތައްތަކައް އަމުރުކުރުމަށާއި ، ނުބައިވެގެންވާ
ކަންތައްތައް ނަހީކުރުމަށެވެ. ބިންމަތީގައި ޢަދްލުވެރިކަން
ޤާއިމުކޮށް ، ދުނިޔޭގެ ކަންތައްތައް އިޞްލާޙުގެ މަގުން
ހިންގެވުމަށެވެ. ނަޞްރު ދެއްވާނެ ކަމަށް ﷲ ވަޢްދުވެ
ވޮޑިގެންފައިވަނީ މިފަދަ ވެރިންނަށެވެ. އަލްޙައްޖު ސޫރަތުގެ 40 –
41 ގެމާނައިގައިވެއެވެ: '' އަދި ހަމަކަށަވަރުން ﷲ އަށް ނަޞްރުދޭ
ބަޔަކަށް ﷲ ނަޞްރު ދެއްވާނެކަން ކަށަވަރެވެ . ހަމަކަށަވަރުން ﷲ
އީ ކީރިތިވަންތަ ބާރުވެރިވަންތަ ރަސްކަލާނގެއެވެ. ﷲ އަށް
ނަޞްރުދޭ މީހުންނީ ތިމަންﷲ އެބައިމީހުންނަށް ބާރުދެއްވައިފި
ހިނދެއްގައި ނަމާދުކޮށް ޒަކާތްދީ ، ހެޔޮކަންތަކަށް އަމުރުކޮށް ،
ނުބައިކަންތައް ނަހީކޮށް އުޅޭމީހުންނެވެ. ކަންތަކުގެ ނިންމުން
މިލްކުވެގެންވަނީ ﷲ އަށެވެ.''
އަބޫބަކުރުގެ ފާނު ވެރިކަމަށް އިސްކުރެވުނު ދުވަހު އުންމަތާއި
މުޚާޠަބުކުރައްވައި ދެއްވި އެންމެ ފުރަތަމަ ތަޤްރީރުގައި ޢަމަލީ
ގޮތުން މިއާޔަތް ތަރުޖަމާ ކުރައްވަމުން ވިދާޅުވެފައިވެއެވެ ''
އަހުރެން ތިޔަބައިމީހުންގެ ވެރިޔަކުކަމުގައި އިސްކުރެވިއްޖެއެވެ.
ތިޔަބައިމީހުންކުރެން މިކަމަށް އެންމެ އެކަށީގެންވާ މީހަކީ
އަހުރެން ކަމުގައި އަހުރެން ނުދެކެމެވެ. އަހުރެން ﷲ ގެ ދީނުގައި
ހިފަހައްޓައިގެން ހުރިހާ ހިނދަކު އަހުރެންނާއި އެހީތެރިވެދޭށެވެ!
އަހުރެން ﷲ ގެ މަގުން އެއްކިބާވެއްޖެ ހިނދެއްގައި އަހުރެން
މަގަށް އަޅުވާލަދޭށެވެ! ދަންނާށެވެ! އަހުރެންގެ ގާތުގައި
ތިޔަބައިމީހުން ކުރެން އެންމެ ބާރުގަދަ މީހަކީ
ތިޔަބައިމީހުންގެތެރެއިންވާ އެންމެ ނިކަމެތިމިހާއެވެ. އެއީ
އޭނާގެ ޙައްޤުތައް ފުރިހަމައަށް އޭނާއަށް ހޯދައި ދިނުމަށެވެ.
އަދި އަހުރެންގެ ގާތުގައި ތިޔަބައިމީހުންގެތެރެއިން އެންމެ
ނިކަމެތި ބަލިކަށި މީހަކީ ތިޔަބައިމީހުންގެ ތެރެއިންވާ އެއްމެ
ބާރުގަދަ މީހާއެވެ. އެއީ އެހެންމީހުންގެ ޙައްޤުތައް އޭނާގެ
ކިބައިން ހޯދައިދިނުމުގައެވެ. ''
މިއީ ނަބަވީ މަދުރަސާގެ އެންމެ އިސް ދަރިވަރު އައްޞިއްދީޤުގެ
ބަސްފުޅެވެ. އެބަސްފުޅުން އުންމަތަށް އިޚްލާޞްތެރިވުމާއި،
ތެދުވެރިވުމާއި، ވަފާތެރިވުމުގެ ހެކިތައް ފާޅުވެއެވެ. އެމާތް
ޚަލީފާ ބަޔާންކުރެއްވީ އެއީ
ﷲ ގެ އަޅެއްކަމަށެވެ. އެކަލޭގެފާނު
އަބަދުވެސް ހުންނަވީ އެކަލާނގެ އެންގެވި
ގޮތުގައިކަމަށެވެ.
އެގޮތުން ކަސިޔާރުވެއްޖެނަމަ މަގަށް އެޅުވުމަށް
އިލްތިމާސްކުރެއްވީއެވެ. އިސްލާމީ ޖަމާއަތުގެ ވެރިއެއްގެ
ނަމޫނާއަކީ މިއީއެވެ.
މިހެންކަމުން ޙަޤީޤަތައް އެނބުރިދާއިރު ވެރިކަމުގެ ނުވަތަ
ޚިލާފަތުގެ މާނައަކީ ނިޔާބަތު ކަމުގައި ނޫނީ ނުވާނެއެވެ، އެއީ
ނައިބުކަމެވެ. އިސްލާމީ ޖަމާޢަތުގެ ވެރިޔާއަކީ ﷲ ގެ މަތިވެރި
އަމުރުފުޅުތައް ބިންމަތީގައި ތަންފީޒުކުރެއްވުމަށް
ކަނޑައަޅުއްވާފައިވާ ނާއިބެވެ. އަސްލު ވެރިފަރާތަކީ ﷲ އެވެ.
މާތް ނަބިއްޔާ މުޙައްމަދުގެފާނަށް އައްނިސާއު ސޫރަތުގެ 105 ވަނަ
އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ:[
ހަމަކަށަވަރުން ޙައްޤުގޮތުގައި ތިމަން ﷲ ކަލޭގެފާނަށް ފޮތް
ބާވައިލެއްވީމެވެ. ކަލޭގެފާނަށް ﷲ ދައްކަވާފައިވާގޮތުގެމަތީން ،
މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށްޓަކައެވެ. ފަހެ
ޚިޔާނާތްތެރީންނަށްޓަކައި ، އެއްފަރާތުން ވާހަކަދައްކަވާ
ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވާށެވެ.]
މި ގޮތުން އިސްލާމީ ޖަމާޢަތުގެ ވެރިޔާއަކީ ، ދީނާ، ދުނިޔޭގެ
ކަންތައް އިސްލާޙު ގެ މަގުން ހިންގުމުގެ ފުރިހަމަ މިނިވަންކަން
ލިބިގެންވާ ފަރާތެވެ، މި މިނިވަން ކަން ބިނާވެގެންވަނީ ،
އިންސާނީ ކަރާމާތާ، އަދުލުވެރިކަމާއި ، މުޖުތަމަޢުގެ
ޞުލްޙަމަސްލަޙަތުގެ މައްޗަށެވެ. އިސްލާމީ ދައުލަތުގެ މަސްލަހަތު
ހުރި ކޮންމެ ކަމެއްގައި ޝަރުޢުގެ ހަމަތަކާއި ޚިލާފުނުވާ ގޮތަށް
ޤާރާރު ކަނޑައެޅުމުގެ ފުރިހަމަ މިނވަންކަމާ، ބާރު ޙާކިމަށް
ލިބިގެންވެއެވެ.
އަދި މިއާ އެކު މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ﷲ ގެ
ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ އަށް
ބާރު އަޅުއްވާފައިވެއެވެ ، މިގޮތުން ޤިޔާމަތްދުވަހު، ﷲ ގެ
ޢަރްޝީގެ ހިޔާވަހިކަންނޫން އެހެން ހިޔާވަހިކަމެއް ނުވާ
ދުވަހުގައި އެ ހިޔާވަހިކަން ލިބޭ ހަތްބައިގެ ތެރޭގައި އެންމެ
އިސްބަޔަކީ ޢަދުލުވެރި ވެރިން ކަމުގައި ކީރިތި ރަސޫލާ ޞައްލަﷲ
ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްކުރައްވާފައިވެއެވެ.
ﷲ ގެ އަމުރުފުޅާއެއްގޮތަށް އަމަލުކުރާވެރީންގެ ޤަދަރު
އުފުއްލަވައި ، އެފަދަވެރީންނަށް ކިޔަމަންގަތުން އެއީ
އީމާންކަމުގެތެރެއިން ވާކަމެއްކަމުގައި ލައްވައި ،
އެބައިމީހުންނަށް ކިޔަމަންގަތުން ﷲ އާއި ރަސޫލާއަށް
ކިޔަމަންގަތުމާއެކު ޝާމިލްކުރައްވާފައިވެއެވެ.
މިހެންކަމުން ﷲ ގެ ރުހިވޮޑިގަތުންވާ ކޮންމެ ކަމެއްގައި އެކަލާނގެ
އެންގެވިގޮތުގައި ހުރި ވެރިމީހާ އަށް ތަބަޢަވެ ، އޭނާ ޙިމާޔަތް
ކުރުމަކީ ދީނުގެ ތެރެއިންވާ ކަމެކެވެ، އަމުރު ކުރެވިގެންވާ
ކަމެކެވެ. އިސްލާމީ ޢަޤީދާއިން ބައެކެވެ. އައްނިސާއު ސޫރަތުގެ 59
ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ
މާނައިގައިވެއެވެ: '' އޭ އީމާންވީ މީސްތަކުންނޭވެ!
ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި ،
ތިޔަބައިމީހުންގެ ވެރިންނަށްވެސް ކިޔަމަންވާށެވެ. ކަމަކާއިމެދު
ތިޔަބައިމީހުން ދެބަސްވެއްޖެނަމަ ، ﷲ އަށާއި ރަސޫލާއަށް
އެކަމެއްރައްދުކުރާށެވެ. ( އެބަހީ : އެކަމާއިމެދު
ޙުކުމެއްކުރެއްވުން އެދެފާރާތައް ރައްދުކުރާށެވެ!
އެކަމާމެދުއެދެފަރާތުގެ ޙުކުމްއޮތީ ކިހިނަކުންތޯބަލައި ،
އެގޮތަކަށް ، ޢަމަލުކުރާށެވެ.) ތިޔަބައިމީހުން . ﷲ އަށާއި ،
އާޚިރަތް ދުވަހަށް އީމާންވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް
ހެޔޮކަންބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް
ބޮޑުމެއެވެ. ''
އިސްވެ ބަޔާންވެ ދިޔަ ނުޞޫޞުތަކުން އެނގި ކަށަވަރުވާ ގޮތުން
މުޖުތަމަޢުން ފަސާދަ ނައްތާލުމަށް ބާރު އަޅައި އެކަން ކުރުމުގައި
އެންމެ އިސްވެ ، ހަރަކާތްތެރިވާންޖެހޭނެ ފަރާތަކީ
އެމުޖުތަމަޢެއްގެ ބާރުވެރި ފަރާތެވެ. މިކަމުގައި ރައްޔިތުން
އެފަރާތައް ވާގިވެރިވެ ، އެހީތެރިވެ އުޅުމަކީ ރައްޔިތުންގެ
މައްޗައް ލާޒިމުވެގެންވާ ކަމެކެވެ.
މިއަދު އަޅުގަނޑުމެންގެ ޤައުމު މިވަނީ އަޚްލާޤާއި ތަރުބަވީ
ގޮތުން އިޞްލާޙަށް ބޭނުންވެފައެވެ. މިފަދަ ކަންތައްތައް
އިޞްލާޙުކުރުމަކީ ދަސްތޫރީ ނިޒާމަށް އިޞްލާޙީ ބަދަލު ގެނައުމުގެ
ކުރިން އިޞްލާޙު ކުރަން ލާޒިމުވެގެންވާ ކަންތައްތަކެވެ. މިފަދަ
ކަންތައްތައް އިޞްލާޙު ކުރެވޭނީ އެންމެން އެކަތި ގަނޑަކަށް
ވެގެން ، އެކުވެރިވެ ، އެކައްޗެއް ކިޔައިގެން ސަފުތައް
ގާތްކޮންގެންނެވެ. މިހެން މިދެންނެވި ސަބަބަކީ ދީނަކީ ޤައުމުގެ
އަޞްލުކަމުގައި ވުމެވެ. އޭގެ މަތީގައި ޤައުމުގެ ހުރިހާކަމެއް
ބިނާވެގެންވާ ތަނބުކަމަށް ވަތީއެވެ. އޭގައި ރެނދު އަޅައިފިނަމަ
މުޅި ޤައުމުގައި ރެނދު އަޅައިގެންދާނެކަން ކަށަވަރެވެ. މިއަދު
ޤައުމުގެ ތެރެއިން ފެންނަމުން މިދާ ނާމާންކަމާއި ، ދެބަސްވުމުގެ
އަޞްލަކީ އެއީއެވެ. މިހެންކަމުން ތިރީގައި އަޅުގަނޑު
މިއަލިއަޅުވާލަނީ ކަމާބެހޭފަރާތުން އިސްނަންގަވައިގެން ޤައުމުގެ
މުސްތަޤްބަލައްޓަކައި މިވަގުތަށް ދީނީ ގޮތުން އިޞްލާހީ
ބަދަލުތަކެއް ގެނެވިދާނެކަމަށް އަޅުގަނޑަށް ފެންނަ ބައެއް
ނުކުތާތަކެވެ:-
1- ޤާނޫނު އަސާސީ އިޞްލާޙުކުރުމުގައި ވީހާވެސް ބޮޑަށް އިސްލާމީ
ޢަޤީދާއާއި މުސްލިމުންގެ ޘަޤާފަތާއި ގުޅުންބޮޑު ކުރުން : އާދެ!
ކުރިންވެސް އަޅުގަނޑު ދެންނެވި ފަދައިން މުޙައްމަދުގެފާނުގެ
ޝަރީޢަތުގައި ވެރިކަމުގެ ނިޒާމެއް ލެއްވިގެންވާފަދަ ފުރިހަމަ
ގޮތަކަށް އެހެން އެއްވެސް ނަބިއްޔެއްގެ ޝަރީޢަތުގައި ވެރިކަމުގެ
ނިޒާމެއް ލެއްވިގެން ނުވާކަން ކަށަވަރެވެ.
އިސްލާމްދީނުގައި ދީނާއި ދަވްލަތަކީ ލާމެހި ގުޅިފައިވާ ދޭއްޗެވެ.
ވަކިވާނެ ދޭއްޗެއްނޫނެވެ. ދީން ދަވްލަތުން ވަކިކޮށްލުމަކީ
ނަޞާރާއިން ދުނިޔެއަށް އުފަންކުރި ފަލްސަފާއެކެވެ. އެއީ
އެބައިމީހުންގެ މައްޗައް ވެރިކަން ކުރަމުންދިޔަ ފައްޅިތަކުން
ގެނގުޅުނު ބަލިކަށި ނިޒާމުގެ ސަބަބުންނެވެ. މިހެން ކަމުން
އެބައިމީހުންނަށް މަޖްބޫރުވީ ފައްޅިއާވަކިވެގެން ދަވްލަތް
ހިންގުމަށް އާނިޒާމެއް ކަންޑައެޅުމަށެވެ. އެއީ ނަސްޚުވެފައިވާ
އެބައިމީހުންގެ ޝަރީޢަތުގައިވެސް އެފަދަ ފުރިހަމަ ނިޒާމެއް
ލެއްވިފައި ނުވާތީއެވެ.
މުސްލިމުންގެ ދީނަކީ ދަވްލަތް ހިންގުމުގެ ނިޒާމެއް އެންމެ
ފުރިހަމަ ގޮތުގައި އޮތް ދީނެވެ. ވެރިޔާގެ ވާޖިބުތަކާއި
ރައްޔިތުންގެ ވާޖިބުތައް ބަޔާންވެފައިވެއެވެ. އެއްބައެއްގެ
ކޮނޑުގައި އަނެއްބަޔަކާމެދު އެޅިފައިވާ ޙައްޤުތައް ފުރިހަމައަށް
ބަޔާންކުރައްވާފައިވެއެވެ. މިޒަމާނުގެ އުޞޫލުތަކާއި ހަމަތަށް
ކީރިތި ޤުރްއާނާއި ނަބިއްޔާގެ ސުންނަތުން ވަރަށް ފުރިހަމައަށް
ނެގެން އެބަހުރިކަން ކަށަވަރެވެ. އިސްލާމީ ޤައުމުތަކުގެ ދަވްލަތް
ހިނގުމުގެ ނިޒާމުން ދީން ވަކިކޮށްލުމަށް އަބަދުވެސް ހުޅަނގުން
މަސައްކަތްކުރަމުން ދެއެވެ. އަޅުގަނޑުމެން އެބައިމީހުންގެ
ހެއްލުންތެރިކަމުގައި ނުޖެހިވޭތޯ އަބަދުވެސް
މަސައްކަތްކުރަންވާނެއެވެ. މާތް ﷲ ތަވްފީޤްދެއްވާށި- އާމީން .
ހަޤީޤަތުގައި ދުނިޔެއަށް އެންމެ ބޮޑު ، ވަރުގަދަ އިޞްލާޙީ
އިންޤިލާބެއް ގެނައި ދީނަކީ މާތްވެގެންވާ އިސްލާމް ދީނެވެ.
އިސްލާމްދީނުގައި ވަކިކަމެއްކުރުމަށް އަންގަވާފައިވާ ގޮތައް
އެކަމެއް ކުރުމުން މުޖުތަމަޢަށާއި ، އަފްރާދުންނަށް ފައިދާ
ކުރާކަމީ އިންސާނުން ތަޖުރިބާކޮށްފައިވާ ކަމެކެވެ.
މިހެން
ކަމުން އަޅުގަނޑުމެންގެ ޤައުމުގެ ޤާނޫނުއަސާސީ އިޞްލާޙު
ކުރެވެމުންދާއިރު ، ބަރުލަމާނުގެ އެންމެހައި ޢިޒްތެރިން
މަސައްކަތްކުރަންވާނީ ވީހާވެސް ބޮޑަށް ޤާނޫނޫއަސާސީގައި
އިސްލާމްދީނާއި ، އިސްލާމީ ޘަޤާފަތް ތަންދޭގޮތަށް ނުކުތާތަށް
އެކުލަވާލެވޭތޯއެވެ. އިސްލާމްދީނާއި ، މުސްލިމުންގެ ޢަޤީދާއާއި
ގުޅުމެންނުވާ ހުޅަނގުގެ ފިކުރުތަކުން ޤާނޫނު އަސާސީ ރައްކާތެރި
ކުރުމެވެ. އެހެނީ ޤާނޫނު އަސާސީ އަކީ ޤައުމުގެ މަޞީރު ކަނޑައަޅާ
، ވަރަށް ބާރުގަދަ އެއްޗެއްކަމުގައިވުމެވެ. ޤައުމުގެ
މުސްތަޤްބަލްގެ މަންޒިލް މަޤްޞޫދަކީ ކޮބައިކަން ކަނޑައަޅާ
އެއްޗަކަށްވުމެވެ. މުސްލިމުންގެ ޘަޤާފަތް ތަންދޭގޮތަށް
ޤާނޫނުއަސާސީ އެކަށައެޅިއްޖެނަމަ ، ދުވަހެއް ދުވަހަކަށް ޤައުމަށް
ލިބިގެންދާނީ އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަން
ކަށަވަރެވެ.
2 –
ހުކުރު ޚުޠްބާއަށް ހެޔޮބަދަލު ގެނައުން : އިސްލާމްދީނުގައި
ޚުޠްބާއަކީ މުޖުތަމަޢު އިޞްލާޙު ކުރުމުގައި އެންމެ ބޮޑު ދައުރެއް
އަދާކުރާ އެކައްޗެވެ. ޚުޠްބާ ވާންޖެހޭނީ އެވަގުތަކު މުޖުތަމަޢަށް
ބޭނުންވާ އެންމެ މުހިއްމުކަމަކާ ބެހޭ ގޮތުން ވާހަކަ ދެކެވޭ
އެއްޗަކަށެވެ. މީސްތަކުންނަށް ބޭނުންވަނީ އެބައިމީހުންގެ
ދިރިއުޅުން އިސްލާމީ ރިވެތި އުޞޫލުން ބައްޓަން ކުރުމަށެވެ.
ކޮންމެ ކަމެއްގައިވެސް އޮންނަ އިސްލާމީ ޙުކުމާއި ރީތި ގޮތް
އެނގުމަށެވެ.
މަސްތުވާތަކެތީގެ މައްސަލައާ ބެހޭގޮތުން ޚުޠުބާގައި ވީހާވެސް
ގިނައިން ވާހަކަދެކެވެން ވެއްޖެއެވެ. މުޅިޤައުމު މިއޮތީ
މިކަމުގައި ޣަރަޤުވެފައެވެ. މިކަމުގެ ސަބަބުން
މުޅިޤައުމުގައިވަނީ ނާމާންކަމާއި ބިރުވެރިކަން ފެތުރިފައެވެ.
ޒުވާން ޖީލުވަނީ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައެވެ.
ދިވެހީންނަކީ ދީންދެކެ ލޯބިވާ ، ބައެކެވެ، އެހެން އެއްވެސް
ދީނެއް ޤަބޫލު ނުކޮށް 800 އަހަރުވެގެން ހިގައްޖެއެވެ.
ޒުވާނުން މަސްތުވާތަކެތި ނަގަނީ ދީން ދެކެ ލޯބި ނުވާތީކީ
އެއްނޫނެވެ. އެކަންތައްތަކުގައި ދީނުގެ ޙުކުމް އޮޅުން ފިލަން
ޖެހޭ ވަރަށް އޮޅުން ފިލާފައި ނެތުމުންނެވެ. އަދި ހަމަ އެހެންމެ
ޒިނޭކުރުމާއި ، ރާބުއިމާއި ، މީސްތަކުންގެ މުދާތައް ނުހައްގުން
ކެއުމާއި ، އަންހެނާގެ ޙައްޤުތަކާއި ، އެއްޖިންސުގެ ގުޅުން
ހިންގުމާއި ، މިފަދަ ނުބައި ޢަމަލުތަކުގެ ޙުކުމްތަކާއި
ބެހޭގޮތުން އިތުރަށް ، ފުޅާދާއިރާއެއްގައި ޚުޠްބާގައި ވާހަކަ
ދެކެވެން ވެއްޖެއެވެ. މިހާރު ކިޔެމުންދާ ޚުޠްބާތަކަކީ
ތަންކޮޅެއްކުރީގެ ޚުޠްބާތަކެއްއްކަމުން ، އެޚުޠްބާތައް
އުންމަތުގެ މިހާރުގެ ޙާލަތާއި ގުޅުން ކުޑަކަމަށް ބެލެވެއެވެ.
މިހެން ކަމުން އެއަށް ހެޔޮބަދަލެއް ގެންނަން ވަނީ ޖެހިފައެވެ.
މިގޮތުން ޚުޠްބާގެ ބޭނުން ޙައްޤު ގޮތުގައި ހިފިއްޖެނަމަ
މުޖުތަމަޢުން ވަރަށް ގިނަ ފާހިޝްކަންތައްތައް ނައްތާލެވި ،
ޤައުމުގައި އަމަން އަމާންކަމާއި އެކުވެރިކަން ޤާއިމު
ކުރެވިދާނެކަމަށް ފެނެއެވެ.
3- ސްކޫލް މަދްރަސާތަކާއި ތަރުބަވީ މަރުކަޒުތަކަށް ހެޔޮ ބަދަލު
ގެނައުން :
އަޅުގަނޑުމެންގެ ޤައުމުން އިސްލާމްދީން ނޫންއެހެން އެއްވެސް
ދީނެއް ދުވަހަކުވެސް ޤަބޫލެއް ނުކުރާނެއެވެ. އެހެން ދީނަކަށް
މިފަސްގަނޑުން ދުވަހަކުވެސް ﷲ އިރާދަ ކުރެއްވިއްޔާ ފުރްޞަތެއް
ނުދެވޭނެއެވެ. މިހެން ކަމުން އަބަދުވެސް އަޅުގަނޑުމެން
މަސައްކަތްކުރަނީ ޅަދަރީންނަށް ދީނީ ތަރުބިއްޔަތު ދިނުމަށެވެ ،
ރާއްޖޭގައި ދީނީ ތަޢްލީމު ދޭ މައި ދެމަރުކަޒު ، އަދި ، މިއަދުގެ
ސަރުކާރުން ދިވެހި ދަރީންނަށް ހަދިޔާކުރެއްވި އެންމެ އަގު ބޮޑު
ދެތަރިކަ އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާއާއި ،
(މަޢްހަދު) ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގެ
ދަރިވަރުންގެތެރެއިން ކުއްޖަކު މަސްތުވާތަކެތީގެ ވަބާގައި
ޖެހިފައިވާކަމަށް ދިރާސާތަކުން ނުދައްކައެވެ. މީގެން އެނގޭ
އެއްޗަކީ އިސްލާމީ ތަޢްލީމާއި ތަރުބިއްޔަތުގެ މުހިންމު ކަމެވެ.
އަދި އެއީ މުޖުތަމަޢުގެ އަމަންއަމާންކަމާއި ހަމަޖެހުމުގެ
އަސްލުކަމެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ
ޒުވާނުންނަކީ އެންމެ ޅައިރުން ފެށިގެން އިސްލާމީ ތަރުބިޔަތު
ލިބެންޖެހޭވަރަށް ލިބިފައި ނުވާ ދަރީން ކަމަށް ވުމަކީ
އެކަށީގެންވާކަމެކެވެ. މިފަދަ ކަންތައްތަކުގައި
މައިންބަފައިންނާއި ތަރުބަވީ މަރުކަޒުތަކުން އިތުރު ވިސްނުމަކަށް
ދިއުން ހުއްޓެވެ.
އާދެ! ޢަރަބިއްޔާއާއި މަޢްހަދު ފަދަ ، ތަރުބަވީ ، ތަޢްލީމީ
މަރުކަޒުތައް އިތުރުކޮށް ، ނުވަތަ އެހެނިހެން މަދްރަސާތަކުގެ
ދީނީ މުޤައްރަރުތައް ފުޅާކޮށް ، ތަވްޙީދާއި ، ތަފްސީރާއި ،
ފިޤްހު ފަދަ މާއްދާތަކުގެ މުޤައްރަރު އިތުތުކޮށް ހެޔޮ ބަދަލު
ގެނައުމަކީ މިހާރު ޤައުމަށް ވަރަށް ބޮޑަށް ބޭނުންވެއްޖެކަމެކެވެ.
އަޅުގަނޑުމެންގެ ޅަދަރީން ޤައުމުން ބޭރަށް ފޮނުވަންޖެހޭނީ
އިސްލާމީ ޢަޤީދާ ހަރުދަނާ ކުރުވާފަކަމަށް އަޅުގަނޑުމެން
އިލްތިމާސް ކުރަމެވެ.
ޝައްކެއްނެތްގޮތުގައި ބޭރުން އަންނަ ނަޞާރާއިންގެ ހަމަލާތަކުން
އަޅުގަނޑުމެންގެ ޤައުމުގެ ދީނީ ޢަޤީދާ އަޅުގަނޑުމެންނަށް
ސަލާމަތް ކުރެވޭނީ ފުރަތަމަ އަޅުގަނޑުމެންގެ ޤައުމުގެ އެތެރޭގައި
ޅަދަރީންނަށް ތަރުބިއްޔަތު ދެވޭ ތަންތަނާއި ، މަދްރަސާތަކުން
މިކަމާ ވަރަށް ބޮޑަށް ވިސްނައިގެންނެވެ. މިގޮތުން މަދްރަސާތަކުގެ
އެންމެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން
މަދްރަސާތަކުގައި މިހާރަށް ވުރެން ބޮޑަށް އިސްލާމްދީނާބެހޭ
ވާހަކަތައް ދައްކަވައި ، ތަރްބަވީ ޕްރޮގްރާމްތައް
ގިނަކުރެއްވުމުން . އިސާހިތަކު ހެޔޮ ބަދަލުތަކެއް
ފެނިގެންދާނެކަން ކަށަވަރެވެ.
4- ދީނީ ނަސޭޙަތް ދިނުމުގެ ދޮރު މިހާރަށް ވުރެން ބޮޑަށް
ހުޅުވާލުން
ހަޤީޤަތުގައި ދީނީ ނަސޭޙަތް ދިނުމުގެ ފުރުޞަތު ހަނިކޮށްފައި
އޮތުމަކީ މުޖުތަމަޢުގައި އަމަންއަމާންކަން ގެއްލި ،
ފާހިޝްކަންތައްތައް ފެތުރުމުގެ އިތުރުން ދީނީ ގޮތުން
ހައްދުފަހަނައަޅާ ދިއުމުގެ ޚިޔާލުގެ މީހުން އުފަންކުރުވާކަމެވެ.
މިއަދު އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވެގެން އުޅޭ
މައްސަލަތަކުގެ ތެރޭގައި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ
ޚިޔާލުގެ މީހުންގެ މައްސަލަ ހިމެނެއެވެ. ވަރަށް ގިނަ
ޒުވާނުންތަކެއް ވަނީ މިވަބާގައި ޖެހިފައެވެ.
ޢިލްމުވެރިން މެދުވެރިކޮށް މިފަދަ އުޞޫލުތައް ގެންގުޅޭ މީހުންގެ
މައްސަލަ ޙައްލުކުމަށް ކަމާބެހޭފަރާތުން މަސައްކަތްކުރުމަކީ
ވަރަށް މުހިއްމު ކަމަކަށް މިވަނީ ވެފައެވެ. އެހެން ނޫންނަމަ
މިތަނުގައި ތަފާތު ފިރުޤާތައް އުފެދި ، ޤައުމު ބައިބައިވެ ،
ލޭއޮހުރުމާއި ، ދީނީ ހަނގުރާމައަށް މަގުފަހިވެދާނެއެވެ. މިއީ
އެއްވެސް ދިވެއްސަކު ބޭނުންވާނެ ކަމެއްނޫނެވެ. މިހެން ކަމުން
ނަސޭހަތް ދިނުމުގެ ދޮރު ފުޅާކުރުމަކީ މި ދަނޑިވަޅުގައި ވަރަށް
ޙިކުމަތްތެރި ގޮތެކެވެ. ދީނީ ނަސޭހަތް ދިނުމާއި ، ތަޤްރީރު
ކުރުމުގެ ހުއްދަ ދެއްވުމަށް ވަކިމުއްދަތެއް
ކަނޑައަޅުއްވާފައިއޮތުން މިއީ އެހާ ބުއްދިވެރި ގޮތެއްކަމަކަށް
ނުފެނެއެވެ. ޤައުމުގެ އަމަން އަމާންކަމާއި ޞުލްހަ މަޞްލަޙަތު
ގެއްލޭގޮތަށް ވާހަކަ ދައްކާ ހަދާ މީހުންނަށް ދެވިފައިވާ ހުއްދަ
ބާޠިލް ކުރުމުގެ ޙައްޤު ކަމާފަރާތްތަކަށް ލިބިގެންވެއެވެ.
ނަމަވެސް މިކަމުގައި އެއްވެސް ފަރާތަކަށް ހުއްދަ ނުދެއްވާ ވަކި
މުއްދަތެއް ކަނޑައެޅިފައި އޮތުމުން ޤައުމުގައި އިތުރު
ދެބަސްވުންތަކެއް ތަޢްލީމީ ޒުވާނުންނާއި ކަމާބެހޭ ފަރާތްތަކާއި
ދެމެދު އުފެދުމަށް މަގުފަހިވެދާނެއެވެ. މިފަދަކަންތައްތަކުން
ޤައުމު ސަލާމަތްކުރުމަކީ އެންމެހައި އަފްރާދުންގެ ޒިންމާއެކެވެ.
މިއީ ސަފުތައް ގާތްކޮށް އެންމެން އެކަތިގަނޑަކަށް ވާންވީ
ދުވަސްވަރެކެވެ.
ހަރުކަށި އުޞޫލުތަށް ގެންގުޅޭ މީހުންގެ ސަބަބުން އެންމެނަށް
އެކަމުގެ އަސަރު ކުރުމަކީ އޮތްކަމެއްނޫނެވެ. ރާއްޖެތެރެއާ
މާލޭގައި ދީނީގޮތުން ވާހަކަ ދެއްކުމުގެ ފުރްޞަތު މެދުމިނުގެ
އިސްލާމީ ޚިޔާލުތަށް ގެންގުޅޭ މުޢްތަބަރު ޢިލްމުވެރިންނަށް
މިހާރަށް ވުރެން ބޮޑަށް ހުޅުވާލަންވީއެވެ. އޭރުން އިސާހިތަކު
ޤައުމަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަށް އަންނަން ފަށާފާނެއެވެ.
މީހުން ދީންވެރިވި ވަރަކަށް ޤައުމުގެ ސަރުކާއި ، ވެރިންނަށް
ކިޔަމަންވާނެއެވެ. އެއީ އިސްލާމީ ޖަމާޢަތުގެ ވެރިޔާއާއި ،
ވެރިކަން ޙިމާޔަތްކުރުމަކީ އިސްލާމީ ޢަޤީދާގެ ބައެކެވެ.
މީސްތަކުން ލާދީނީވި ވަރަކަށް ވެރިކަމުގެ މައްޗައް ނިކުމެ،
ހަޅުތާލަ ކޮށް ވެރިން ފަޟީޙަތްކޮށް ، ހައިބަތު ކުޑަ ކުރާނެއެވެ.
މިހެންކަމުން އަބަދުވެސް މަސައްކަތްކުރަންޖެހޭނީ ޤައުމުގެ
މަޞްލަޙަތު ދީންމަތީގައި ޤާއިމު ކުރެވޭތޯއެވެ. ހުރިހާ ފަރާތަކަށް
، އަމަން އަމާންކަމާއި ޞުލްޙަމަޞްލަހަތު އޮތީ އެގޮތުގައިކަން
ކަށަވަރެވެ.
5- މުސްލިމު އަންހެނުން ހެދުން އަޅަން ޖެހޭ ގޮތަކީ ކޮބައިކަން
އިސްލާމީ ޝަރުޢުގައި އޮތްގޮތަށް ޤައުމީ ފެންވަރުގައި
ބަޔާންކޮށްދިނުން:
މިހާރަކަށް އައިސް މައިންބަފައިންނާއި އެއްބަޑު މީހުންނާއެކު
މަގުމަތީގައި ހިނގާބިގާ އުޅުމަށް އެތަށްބަޔަކު ލަދުވެތިވެއެވެ.
ދިވެހިރާއްޖޭގެ ބައެއް އަންހެންބޭފުޅުން ވަނީ އިސްލާމީ
ޘަޤާފަތާއި އެއްގޮތަކަށް ވެސް ގުޅުމެއްނުވާ ހުޅަނގުގެ ވަބާގައި
ޖެހިފައެވެ. މިކަމަކީ ޤައުމީ ފެންވަރުގައި އިޞްލާޙުކުރަން
ޖެހިފައިވާ ކަމެކެވެ.
އިސްލާމްދީނުގައި މުސްލިމު އަންހެނާ މުޖުތަމަޢުތެރެއަށް ނިކުންނަ
އިރު ހެދުން އަޅަންޖެހޭ ގޮތް ވަނީ ކަނޑައަޅުއްވާފައެވެ.
މިހެންކަމުން މުސްލިމު އަންހެނާ އަށް ކަނޑައަޅުއްވާފައިވާ
ގޮތުގައި އޭނާ ހިފުމަކީ އޭނާގެ މައްޗައް ލާޒިމުވެގެންވާ
ކަމެކެވެ. ނިވާކަން ކުޑަގޮތަށް މަގުމަތީގައި އުޅުމަކީ
އިސްލާމްދީން ހުއްދަކުރައްވާފައިވާ ކަމެއްނޫނެވެ.
މިހެންކަމުން ދީނީ ގޮތުން އެކަމެއްގެ ޙަޤީޤަތް ހާމަވެފައި
އޮތުމަކީ އެކަމަށް ޢަމަލު ކުރާ މީހުންނަށް ލިބޭނެ އުފަލެކެވެ.
އަދި އެހެންބަޔަކު އެއަށް ޢަމަލުވެސް ކޮއްފާނެކަމެކެވެ.
މިމައްސަލައަށް މިއިޝާރާތްކޮށްލީ ޙަޤީޤަތުގައިވެސް
އަންހެނުންނަކީ ޤައުމުގެ ޒީނަތްތެރިކަމަށް ވާތީއެވެ. އެކަނބަލުން
އިސްލާމީ ވަންތަކަމާއެކު ޤައުމުން ފެންނަން ތިބުމަކީ ޤައުމުގެ
އިސްލާމީ ހައިބަތުތު ބޮޑުވެ ، ޤައުމަށް ރީތިކަން ލިބި ، އިސްލާމީ
ވަންތަކަން ދައްކުވައިދޭ ، އަބުރުވެރި ޤައުމަކަށް ޤައުމު
ވެގެންދާނެކަމެކެވެ.
މިއީ ދީނީގޮތުން ޤައުމުގެ މުސްތަޤްބަލައްޓަކައި އިޞްލާޙީ
ބަދަލެއް ގެންނަން ބޭނުންވެއްޖެ ހިނދެއްގައި ކުރެވިދާނެ
ބައެއްކަހަލަ ކަންތައްތަކެވެ. ޤައުމުގައި އިސްލާމީ ޢަޤީދާ
ހަރުދަނާކުރުމަށް ޤައުމުގެ ޒަޢީމު ގޮވާލައްވާފައިވާތީއާއި ، އަދި
މިކަމަށް މަސައްކަތްކުރުމަކީ ކޮންމެ ދިވެހި ދަރިޔަކުވެސް
ކުރަންޖެހޭނެކަމެއްކަމުގައި ވިދާޅުވެފައިވާތީ މިކަމުގައި
ޙިއްސާވުމުގެ ގޮތުން މިނިވަންކަމާއެކު ، މެދުމިނުގެ އިސްލާމީ
ހަމަތަކުގެ އަލީގައި އިސްލާމްދީން ހުށ |