06/20/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

DHIVEHI

 

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ ގެ ނަންބަރު : 02-ޕީ.އާރު /2005/ އެމް.ޑީ.ޕީ، ނޫސްބަޔާނަށް ޤާނޫނީ ހަމަތަކުގެ މަތީން ނަޒަރެއް!
15/06/2005 | ދިޕޮލިޓިކްސް
ޙަވާލާދެވިފައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ނެރުއްވި ނޫސްބަޔާނަށް ޤާނޫނީ ޢިލްމުވެރީންގެ ލަފައާއިއެކު ނަޒަރު ހިންގާ، އެމައްސަލާ ޑީ.ޕީގެ އެންމެހާ ކިޔުންތެރީންނަށް ސާފު ކޮށްދިނުމަށް މި ފުރުޞަތުގެ ބޭނުން ކުރާނަމެވެ.
އެ ނޫސް ބަޔާން އަމާޒުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ސިޔާސީ ޕާރޓީ ހަދުމާއި، އެފަދަ ޖަމާޢަތެއްގެ މެމްބަރަކަށް ވުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ މައްޗަށެވެ.
މި މައްސަލައަކީ ޤާނޫނީ ނަޒަރަކުން ބަލައި ހައްލެއް ހޯދަން ޖެހޭ މައްސަލާއެކެވެ. މި މައްސަލާގައި 'ދިޕޮލިޓިކްސް' ފަދަ މިނިވަން ވެބްސައިޓަކުން ލިޔުމުގެ ބޭނުމަކީ ވަކި ފަރާތަކަށް ނުޖެހޭ، ޢަދުލުވެރި ހުށަހެޅުމެއް މައްސަލާއާއި ގުޅޭގޮތުން ހުށަހެޅުމެވެ.
ހަވާލާދެވިފައިވާ އެމް.ޑީ.ޕީގެ ނޫސްބަޔާން އަމާޒުކުރެވިފައިވަނީ ރައީސް މައުމޫނު އޭނާގެ އަމިއްލަ ހައިސިއްޔަތުން އުފައްދަވާފައިވާ 'ދިވެހި ރައްޔިތުންގެ ޕާރޓީ' އޭ ކިޔާ ޕާރޓީން މި މައްސަލާގައި ނެރުއްވި ނޫސް ބަޔާނަކަށް ރައްދު ޖަވާބެއް ދިނުމަށެވެ.


ދިވެހި ރައްޔިތުންގެ ޕާރޓީ (އެމް.ޕީ.ޕީ) އިން ނެރުއްވި ނޫސް ބަޔާނުގެ ޚުލާޞާ :


ރައީސުލް ޖުމްހޫރައްޔާ ކަމުގެ މަޤާމަކީ ޤާނޫނުއަސާސީއާއި އެއްގޮތްވާ ގޮތުގެމަތީން މީހަކާއި ޙަވާލުކުރެވޭ ވަޒީފާއަކަށްވެފައި، އެ މަޤާމު ފުރާފަރާތަކަށް ދުސްތޫރީ ހަމަތަކުގެމަތީން ޙަވާލުކުރެވޭ އެހެނިހެން ވާޖިބުތަކުގެ ތެރޭގައި، ސިފައިންނާއި ފުލުހުންގެ ކޮމާންޑަރ އިން ޗީފަކީ ރައީސުލް ޖުމްހޫރިއްޔާކަމަށް ދުސްތޫރީ ގޮތުން ވުމަކީ، އެއްވެސް ޙާލެއްގައި ރައީސުލް ޖުމްހޫރިއްޔާއަކީ ސިފައިންގެ މީހެއްކަމަށް، ނުވަތަ ފުލުހުންގެ މީހެއްކަމަށް، ދުސްތޫރީ އަދި ޤާނޫނީ ހަމަތަކުގެ މަތީން ބެލެވޭނެ ސަބަބެއެއް ނޫނެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ ސިޔާސީ ޕާރޓީތަކާއި ބެހޭ ޤަވާޢިދުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާއަށް ޕާރޓީ ހެދުމާއި ޕާރޓީއެއްގެ މެމްބަރަކަށް ވުމަކީ މަނާކަމެއް ނޫނެވެ.

ހަވާލާދެވިފައިވާ އެމް.ޑީ.ޕީގެ ނޫސްބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާއަށް ސިޔާސީ ޕާރޓީއެއް ހެދުމާއި، ސިޔާސީ ޕާރޓީއެއްގެ މެމްބަރަކަށް ވުމަކީ ޤާނޫނީ ހަމަތަކުގެ މަތީން ނުކުރެވޭނެ ކަމެއް ކަމަށް ވިދާޅުވެ، ދައްކަވާފައިވާ ހުއްޖަތްތަކަށް ނަޒަރެއް!


އެމް.ޑީ.ޕީގެ ނޫސް ބަޔާނުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އެކުލަވާލެވިފައިވާ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވާ ފަރާތަކުން ސިޔާސީ ޕާރޓީއެއް އުފެއްދުމާއި، އެފަދަ ޕާރޓީއެއްގައި ބައިވެރިވެ ވަޑައިގަތުމަކީ ޤާނޫނުއަސާސީ ތަންދޭ ކަމެއް ނޫންކަމަށް ވިދާޅުވެ، އެ ވާހަކަ ސާބިތު ކުރެއްވުމަށްޓަކައި ބަޔާންކުރައްވާފައިވާ ސަބަބުތަކަށް ތަރުތީބުން އަލި އަޅުވާލާނަމެވެ.
އެ ނޫސްބަޔާނުގެ ނަންބަރި 4 ގެ (ހ) ގައި ސިފައިންގެ ބަޔަކު ޖަލުގައި މީހަކު މަރާލި މައްސަލާގެ ތަޙްޤީޤުގެ އަލީގައި ރައީސުލް ޖުމްހޫރިއްޔާއަކީ ސިފައިނާއި ފުލުހުންނަށް އަމުރުކުރުމުގެ ބާރު ލިބިގެންވާ ފަރާތެއްކަން އެނގެން އޮންނާތީއާއި، ސިފައިންނަކީ މުސްތަޤިއްލު ޖަމާޢަތެއް ނޫންކަން ސާބިތުވާކަމަށް ވިދާޅުވެ، ރައީސުލް ޖުމްހޫރިއްޔާއަށް ސިޔާސީ ޕާރޓީ ހެދުމާއި ސިޔާސީ ޕާރޓީއެއްގައި ބައިވެރިވުމަކީ ކުރެވިގެން ނުވާނެކަމެއް ކަމަށް ވިދާޅުވެފައި ވީނަމަވެސް، އެ ވިދާޅުވާ މަރުގެ މައްސަލާއިން ނޫނަސް ރައީސުލް ޖުމްހޫރިއްޔާއަކީ ސިފައިންނާއި ފުލުހުންނަށް ޤާނޫނުއަސާސީގައި ބުނާ ގޮތުގެ މަތީން އަމުރުކުރުމުގެ ބާރު ލިބިގެންވާ ފަރާތެކެވެ. ނަމަވެސް، ސިފައިންނާއި ފުލުހުން ރައީސުލް ޖުމްހޫރިއްޔާގެ އަމުރުގެ ދަށުގައި ތިބުމަކީ ރައީސުލް ޖުމްހޫރިއްޔާއަކީ ސިފައިންގެ މީހަކަށް ނުވަތަ ފުލުހުންގެ މީހަކަށް ވާ ކަމެއް ނޫނެވެ. ދުނުޔޭގެ ޤައުމުތަކުގައި ކަން އޮންނަ ގޮތުގެ ވާހަކަ އެ ނޫސްބަޔާނުގައި ލިޔުއްވާފައިވާއިރު، ފާހަގަ ކޮށްލަން ޖެހޭ ޙަޤީޤަތަކީ އެމެރިކާގެ ރައީސަކީވެސް އަދި އިނގިރޭސިވިލާތުގެ ރާނީއަކީވެސް އެތަނުގެ ދުސްތޫރީ ނިޒާމުގެ ދަށުން ސިފައިންނާއި ފުލުހުންގެ ކޮމާންޑަރ އިން ޗީފް ނުވަތަ އެމީހުންނަށް އެންމެ މަތީ ދަރަޖައިގާ އަމުރު ކުރެވޭ ފަރާތެވެ. އެކަން އެހެން އޮންނަ އޮތުމަކީ އެއްވެސް ހާލެއްގައި ރައީސުލް ޖުމްހޫރިއްޔާ ސިފައިންގެ މީހަކަށް ބަދަލުވާ ކަމެއް ނޫނެވެ.  އެކަން އެހެން އޮންނަ އޮތުމަކީ އެއްވެސް ޙާލެއްގައި ރައީސުލް ޖުމްހޫރިއްޔާ ސިފައިންގެ މީހަކަށް ބަދަލުވާ ކަމެއް ނޫނެވެ.
މީގެ އިތުރުން ދިވެހި ރާއްޖޭގެ ޤާނޫނުއަސާސީގައި ރައީސުލް ޖުމްހޫރިއްޔާއަށް ސިޔާސީ ޕާރޓީ ހެދުމާއި އެފަދަ ޕާރޓީއެއްގެ މެމްބަރަކަށްވުން މަނާކުރާ އެއްވެސް މާއްދާއެއް ނެތްކަން ފާހަގަކުރަން ޖެހެއެވެ.
އެ ނޫސްބަޔާނުގެ 4 ގެ (ށ) ގައި ރައީސުލް ޖުމްހޫރިއްޔާއަކީ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް އެމް.ޑީ.ޕީން ދެކޭތީ، އޭނާއަށް ޕާރޓީ ހެދުމާއި ޕާރޓީގައި ބައިވެރި ނުވެވޭނެކަމަށް ބުނުނެފައި ވީނަމަވެސް، ޤާނޫނުސާސީގެ 8 ވަނަ ބާބުގައި 'ޝަރީޢަތް ހިންގާ ފަރާތް (1) ހައިކޯޓު' މި ސުރުޚީގެ ދަށުން ނަންގަނެފައިވާ ޤާނޫނުއަސާސީގެ 112 ވަނަ މާއްދާގެ 2 ވަނަ ނަންބަރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަކީ ރައީސުލް ޖުމްހޫރިއްޔާ ނޫންކަން އޮޅުމެއް ނެތި ސާފުކޮށް ދޭހަވެއެވެ. އަދި އެ މަޤާމަށް ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ ފަރާތުގެ ޝަރުޠުތައް 133 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވެއެވެ. އޭގެ މާނައަކީ ރައީސުލް ޖުމްހޫރިއްޔާއަކީ ޤާނޫނުއަސާސީގެ ގިއުގަނޑުގެ ތެރޭގައި އުއްތަމަ ފަނޑިޔާރުކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި ޤާނޫނުއަސާސީގައި ރައީސުލް ޖުމްހުރިއްޔާއަށް ޤާނޫނުއަސާސީގައި ނަންގަނެފައިވާ ގޮތުގެމަތީން އުއްތަމަ ފަނޑިޔާރު އައްޔަންކުރުމުގެ ބާރު ލިބިދީފައިވިޔަސް، ރައީސުލް ޖުމްހުރިއްޔާއަކީ ސީދާ ރާއްޖޭގެ އުއްތަމަފަނޑިޔާރުކަމަށް އެއްވެސް ޙާލެއްގައި ޤާނޫނުއަސާސީގައި ބުނެފައި ނުވާއިރު، މިފަދަ ދެކޮޅުނުޖެހޭ ވާހަކައެއް އެމް.ޑީ.ޕީގެ ނޫސް ބަޔާނުގައި އޮތުމުން އެ ޕާރޓީގެ ޤާނޫނީ ހޭލުންތެރިކަން ކުޑަކަން ސާބިތުވެއެވެ.
އެ ނޫސްބަޔާނުގެ 5 ، 6 ވަނަ ނަންބަރުގައި ދައްކާފައިވަނީ މިމައްސަލައާއި ގުޅުމެއްނެތް އެމް.ޑީ.ޕީން ހުށަހަޅުއްވާ ޚިޔާލުތަކެއް ކަމުން، މައުޟޫއިން ބޭރުވެ، އެވާހަކައާއިމެދު އެއްޗެއް ބުނުމަކީ ބޭނުން ކަމެއް ކަމަށް ނުދެކެމެވެ.
އެ ނޫސްބަޔާނުގެ 7 ،8 ގައި ދައްކާފައިވާ ވާހަކައަކީ މައުމޫނު ޢަބްދުލް ޤައްޔޫމު ސިފައިންގެ ޔުނީފޯރމެއް އަޅުއްވައިގެން އުޅުއްވި ވާހަކައަކާއި، އެ ޔުނިފޯރމެއްގައި ނަންގަވާފައިވާ ފޮޓޯތަކެއްގެ ވާހަކަ ކަމުން، އެ ވާހަކަތަކަކީ، އެ ވާހަކަތައް ސާބިތުވާނެ އެއްވެސް ހެއްކެއް ހިމެނުއްވުމަކާއިނުލާ ދައްކަވާފައިވާ 'ތޯތޯވާހަކައަކަށް' ވާތީ، އެ ވާހަކަތަކުގައި ޤާނޫނީ ގޮތުން ބަލާއިރު އެއްވެސް އޮށްޓަރެއް ނެތުމާއިއެކު، ދަންނަވަން ޖެހެނީ، ސިޔާސީ ޙަރަކާތްތައް ހިންގުމުގައި މިބާވަތުގެ ތާކުންތާކު ނުޖެހޭ ވާހަކަތައް ރަސްމީ ސިފައިގާ ދެއްކުމުން ދޭހަވަނީ އެމް.ޑީ.ޕީން މިކަމުގައި ޒާތީ އުސޫލެއް ގެންގުޅުއްވާ ކަމެވެ.
ވީމާ، ދަންނަވަން ޖެހެނީ، ދިވެހިރާއްޖޭގެ ސިޔާސީ ޕާރޓީއާއި ބެހޭ ޤަވާޢިދުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނަވާ ފަރާތަށް ޕާރޓީހެދުމާއި، ޕާރޓީތަކުގައި ބައިވެރިވުން މަނާ ކުރެވިފައި ނުވާއިރު، އެކަމަކީ މަނާކަމެއް ކަމަށާއި، ހޯމް މިނިސްޓްރީން މއ.ކިނބިގަސްދޮށުގެ މައުމޫނު ޢަބްދުލް ޤައްޔޫމަށް ޕާރޓީ ހެދުމުގެ ހުއްދަ ދެއްވިކަމީ އެ ޤަވާޢިދާ ޚިލާފުކަމެއް ކަމަށް އެމް.ޑީ.ޕީން އުފުލާ ދަޢުވާއަކީ ކަނޑައެޅިގެން ބާޠިލު ދަޢްވާ އެކެވެ. އަދި އެމް.ޑީ.ޕީން ސަރުކާރުގެ ކަމާއިބެހޭ އިދާރާއެއްގެ ބޮލުގައި އެއްވެސް ޙަޤީޤީ ސަބަބުތަކެއް ނެތި، ޤަވާޢިދާ ޚިލާފުވުމުގެ ތުހުމުމަތު އެޅުވިކަމީ، ހިތާމަކުރަން ޖެހޭ ކަމެކެވެ. އަދި، މިމައްސަލާގައި އެމް.ޑީ.ޕީއާއި މެދު ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ.
ނިންމާލުމުގެ ކުރީން، ފާހަގަ ކޮށްލަން ޖެހޭ ޙަޤީޤަތަކީ، މިއަދު ރާއްޖޭގައި އޮތް ދުސްތޫރީ ނިޒާމު ބަދަލުނުކޮށް، ސިޔާސީ ޕާރޓީ ހިންގާއިރު ޤާނޫނީ ފުށޫއެރުންތައް ކުރިމަތިވާނެކަމެވެ. މިހާރު ޢަމަލުކުރެވޭ ޤާނޫނުއަސާސީގައި ދައުލަތުގެ ބާރުތައް މަސްހުނިވެފައި އޮތުމާއިއެކު، ޕާރޓީ ސިސްޓަމަށް މިކަމުގެ ދަތިތައް ކުރިމަތި ވާނެކަމީ ޔަޤީން ކަމެކެވެ.
އެހެންނަމަވެސް، މިކަން މިގޮތަށް ވާނެކަން އެނގިތިބެ، ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތި، ސިޔާސީ ޕާރޓިތައް ހަދާ ހިންގަން އިސްނެންގެވި ފަރާތްތަކުން، މުޖުތަމަޢްގައި ބައިބައިވުން ނުއުފެދޭފަދަ ގޮތަކަށް މައްސަލާތަކާއި މެދު ޢަމަލުކުރެއްވުމަށް ގޮވާލަމެވެ. އަދި، މިހާރު އޮތް ޤާނޫނީ އޮނިގަނޑުގެ ބަލިފައިތަކުގެ ނާޖާއިޒު ފައިދާ ނަނއގަވަން އެއްވެސް ޕާރޓީއަކުން މަސައްކަތް ނުކުރެއްވުމަށް ފަށްފަށުން ގޮވާލަމެވެ. އަދި ޕާރޓީ ސިސްޓަމަކީ ހަނގުރާމައެއް ނޫންކަން ހަނދުމަފުޅު ކުރައްވާށެވެ. ޕާރޓީ ސިސްޓަމަކީ މުޖުތަމަޢް ބައިބައިކޮށްލަން ބޭނުންކުރެވޭ ހަތިޔާރަކަށް ނަހައްދަވާށެވެ. މި ނިޒާމުގެ އައުކަމާއި، މުޖުތަމަޢްގައި މިނިޒާމާއިމެދު އޮތް ހޭލުންތެރިކަން ކުޑަކަމުގެ ނާޖާއިޒު ފައިދާ، ނަންގަވަން އެއްވެސް ޕާރޓީއަކުން މަސައްކަތް ނުކުރައްވާށެވެ. ނިމުނީ!


 

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us