|
ރާއްޖޭގެ ތަޢްލީމީ ނިޒާމު ހަރުދަނާކޮށް، ހަރުދަނާ ތަރުބަވީ
ސިޔާސަތެއް ރޭވުމަކީ އިޞްލާޙީ އެގެންޑާގެ އެންމެ އިސް
މަޤްޞަދުކަމަށް ވާނެޖެހޭނެ
20/09/2005
|
ދިޕޮލިޓިކްސް
ދިވެހި
މުޖުތަމަޢުގައި ޖާހިލުކަން ޢާންމުވެ، ދިވެހީންގެ ފަހުގެ
ޖީލުތަކުގެ މެދުގައި ދީނީ، އިޖްތިމާޢީ އަދި ސިޔާސީ
ހޭލުންތެރިކަން ވަރަށް ކުޑަވެފައިވާކަން ފާހަގަ ކުރެވެއެވެ.
އަދުގެ ދިވެހި މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުންމެ،
އަޚްލާޤީ އަދި ދީނީ ގިއުގަނޑުން ބޭރުވެ، ކުށްކުރުމާއި
ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތައް ކުޅައުމުގައި އެމީހުންގެ
ވަގުތުތައް ހޭދަކުރާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ދިވެހި
މުޖުތަމަޢަށް މޫލަމުންދާ ބަލިމަޑުކަން ނައްތަލާ، ދިވެހީންގެ
ނަފްސަށް ޢިލްމީ އަދި އަޚްލާޤީ ކާނާ ދިނުމަކީ މިއަދު
ދިވެހިރާއްޖޭގެ ހުންގާނުގައި ތިއްބެވި ވެރީންނާއި ތަރުބިއްޔަތުދޭ
ހުރިހާ ފަރާތެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަމުގައި
އަޅުގަނޑު ދެކެމެވެ.
ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކާއި
ރައްރަށަށް އެއްފެންވަރެއްގައި ތަޢްލީމުގެ ޚިދުމަތް ފޯރުކޮށް
ދިނުމަކީ ސަރުކާރުގެ ވާޖިބެއް
ދެކުނު އޭޝިޔާގެ ގައުމުތަކާއި އަޅާކިޔާއިރު ދިވެހިރާއްޖެއަކީ
މާލީ ތަނަވަސްކަން ލިބިފައިވާ ޤައުމެކެވެ. ޢާއްމު ރައްޔިތުންނަށް
ދޭންޖެހޭ ތަޢްލީމު ދިނުންފަދަ، އަސާސީ ޚިދުމަތްތަކުގެ ފެންވަރު
ރަނގަޅުކުރުމަކީ ދިވެހިރާއްޖެ އިތުރަށް ތަރައްޤީކޮށް،
ދިވެހިރާއްޖޭގެ ސިޔާސީ އަދި އިޖްތިމާޢީ ނިޒާމު ހަރުދަނާ
ކުރުމުގައި ސަރުކާރުން ފިޔަވަޅު އަޅަން ޖެހިފައިވާ މުހިންމު
ކަމެކެވެ.
މާލޭގެ މަދަރުސާތަކުގައި ތަޢްލީމު ދެވޭ ފެންވަރަށް ރާއްގެތެރޭގެ
ގިނަ ރަށްރަށުގައި ތަޢްލީމުގެ ޚިދުމަތް ފޯރުކޮށްދެވިފައި
ނުވާކަން ފާހަގަ ކުރަން ޖެހެއެވެ. މާލޭގެ ރައްޔިތުންނާއި
ޚިލާފަށް، ރާއްޖެތެރޭގެ ރަށްވެހީން ޒަމާނުއްސުރެ، އެމީހުންގެ
ދަރީންނަށް އުނގަންނައި ދިނުމުގައި ދަތިތަކާއި
ކުރިމަތިލަމުންދާކަމަކީ އަޅުގަނޑުމެން އެންމެން ދަންނަ
ޙަޤީޤަތެކެވެ. ނުފޯރާ ފޮތިން ފޫގަޅައިގެން ދުވާލުދާ ހަތަރުދަމު
ކުރާ ބުރަ މަސައްކަތުން ލިބޭ ފައިސާކޮޅު، މާލޭގެ ގޯތިގެދޮރުގެ
ވިޔަފާރި ކުރާ މީހުން ދެފައި އުނގަށް ލައިގެން، 125 ޗެނަލްގެ
ޑިޝްއެންޓަނާގެ ޗެނަލްތައް ބަދަލުކުރަން ތިއްބާ އެމީހުންނަށް
ދީގެން، ރާއްޖެތެރޭގެ ރައްވެހީން އެމީހުންގެ ދަރީންނަށް ތަޢްލީމު
ދިނުމަށް ކުރާ މަސައްކަތަކީ މިހާރުގެ ދިވެހިރާއްޖޭގެ އިޤްތިޞާދީ
ފެންވަރަށް ބަލާއިރު ދިވެހި އެއްވެސް ރައްޔިތަކު އުފުލަންޖެހޭ
ބުރައެއް ނޫނެވެ. ދިވެހިސަރުކާރުގެ އޮނިގަނޑަށް އިޞްލާޙީ
ބަދަލުތަކެއް ގެނައުމުގެ ފިޔަވަޅުތައް ކުރިޔަށް އެޅެމުންދާއިރު
މިބާވަތުގެ އަސާސީ މައްސަލަތަކަށް އަވަސް ޙައްލެއް ހޯއްދަވައި
ދެއްވޭނެ ގޮތްތަކެއް ރޭވުމަކީ ކޮނެމެހެން ކުރަންޖެހޭ ކަމެކެވެ.
ރާއްޖެތެރޭގެ ކޮންމެ ރަށެއްގައި ފެންފަރު ރަނގަޅު ސްކޫލުތަކެއް
ބިނާކުރުމަކީ އެކަށީގެންވާ ކަމަކަށް ނުވިޔަސް، ކޮންމެ އަތޮޅަކީ
މާލެއެކޭވެސް އެއް ފެންވަރަކަށް ތަޢްލިމުގެ ޚިދުމަތްތަށް
ފަސޭހައިން ލިބެން އޮންނަ ތަނަކަށް ހަދަންޖެހޭނެއެވެ.
ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ މީހުންކަމަށްވިޔަސް،
ދިވެހީންނަކީ އެންމެހާ އަސާސީ ޚިދުމަތްތަކެއް އެއްފެންވަރެއްގައި
ލިބިދެވިފައިވާ ބަޔަކަށް ހެދުމަކީ ސަރުކާރު ހިންގަވާ
ފަރާތްތަކުގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއް ކަމަށްވާތީ،
މާލެއެކޭ އެއްފެންވަރެއްގައި ރާއްޖެތެރޭގެ ރަށްރަށުގައި ތަޢްލީމު
ދެވޭނޭ ނިޒާމެއް ޤާއިމުކުރުމަށް އަވަސް ފިޔަވަޅުތަކެއް
އެޅުއްވުމަކީ، ޢަދުލު އިންސާފާއި، ރައްޔިތުންގެ މެދުގައި
ތަފާތުކުރެމެއްނެތް، ހަމަހަމަކަމުގެ ނިޒާމެއް ޤާއިމުކުރުމުގައި
ކޮންމެހެން ލާޒިމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
ތަޢްލީމީ ނިޒާމުގެ ތެރެއިން ލާފައި،
ދިވެހި ދަރީންގެ ދީނީ ތަރިބުއްޔަތު ރަނގަޅު ކުރުމާއި،
މުޖުތަމަޢްގައި ދީނީ ހޭޅުންތެރިކަން އިތުރުކުރަން ޖެހޭ
ދީނަކީ
އިންސާނާގެ ނަފްސު ތަރުބިއްޔަތުކުރުމުގެ އަސާސީ މިންގަޑެވެ.
ޒަމާން ބަދަލުވެ، ޢިލްމީ ހޯދުންތަކާއި ޓެކްނޮލޮޖީ ކިތައްމެ
ކުރިއަރައި ދިޔަނަމަވެސް އިންސާނުންނަށް ރޫޙާނީ ތަރުބިއްޔަތެއް
ނުދެވި، އުނގަންނައިދެވޭ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި
ނުހިފޭނެއެވެ. ދިވެހިރާއްޖޭގެ ސްކޫލުތަކުގައި މިޒަމާނުގެ ޢިލްމު
އުނގަންނައި ދިނުމަށް މުޤައްރަރުތަކެއް ކަނޑައެޅިފައިވާއިރު
އިސްލާމްދީން އުނގަންނައި ދިނުމަށް އެންމެ އެކަށިގެންވާ
މުޤައްރަރުތަކެއް އެކުލަވާލެވިފައިނުވާކަން ހިތާމައާއި އެކު
ފާހަގަ ކޮށްލަންޖެހެއެވެ." އޯ ލެވަލް، އޭ ލެވަލް" ފެންވަރަށް
ތަޢްލީމު ޙާޞިލުކުރެވޭއިރު ހެޔޮކޮށް ޤުރުއާން ކިޔަވަން ނޭނގޭ،
ދީނުގެ ރުކުންތައް ނޭނގޭ، އަދި ކުޑަމިނުން
ނަމާދުގެ ރުކުންތައް ނުދަންނަ ކުދީން އަޅުގަނޑުމެގެ ތެރޭގައި
މަދެއް ނޫނެވެ. ދީނުގައި ޙަރާމް ކަންތައްތަކާއި ޙަލާލު
ކަންތައްތަކަކީ ކޮބައިކަން ނޭނގޭ ކުދީން އެހާމެ ގިނައެވެ. މިހެން
ދިމާވާ ސަބަބަކީ ކަނޑައެޅިފައިވާ މުޤައްރަރުތަކުގެ
އުނިކަމުންނާއި ދީނީ ޢިލްމު އުނގަންނައި ދިނުމަށް ދެވިފައިވާ
އަހައްމިޔަތުގެ ކުޑަކަމުންކަން އަޅުގަނޑުމެން ޤަބޫލު ކުރަން
ޖެހެއެވެ. ސަރުކާރުގެ ތަޢްލީމާއި ބެހޭ މުއައްސަސާތަކުގެ
އިހުމާލަކީ މިކަމުގެ ޙަޤީޤީ ސަބަބުކަމަށްވެސް އަޅުގަނޑު
ދެކެމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރާފުރިހަމަވެގެން އަންނަ
ދެޖިންސުގެ ކުދީން އެކުދީންގެ ހަވާ ނަފަސުގެ އެދުންތަކަށް
ހެއްލި، މަގުފުރެދި، މުޖުތަމަޢުގައި ބަދުއަޚްލާޤީ ފާޙިޝް
ޢަމަލުތައް ކުޅައިމާއި، ކުށް ކުޅައުން ޢާންމުވެ، ދިވެހިރާއްޖެ
ވަނީ ތަރުބިއްޔަތު ކުރެވިފައިނުވާ، އަޚްލާޤީ ގޮތުން
ދަށުދަރަޖައިގެ، މަގުގެއްލިފައިވާ ޖީލުތަކަކާއި ކުރިމަތިލާން
ޖެހިފައެވެ.
އިންސާނާގެ ހަށިގަނޑުގެ މަސްގަޑަށް ދެވޭ ކާނާއަށްވުރެ އޭނާގެ
ނަފްސަށް ނުވަތަ ރޫޙަށް ރަނގަޅުކާނާ ދިނުން މުހިންމެވެ. ތަޢްލީމީ
ނިޒާމުގައި ދީނީތަރުބިއްޔަތުގެ މާއްދާތައް މިހާރަށްވުރެ ހަރުދަނާ
އުޞޫލެއެއްގެ މަތީން އެކުލަވާލައިގެން މެނުވީ މުޖުތަމަޢުގައި
އަށަގަނެފައިވާ އަޚްލާޤީ ބަލިމަޑުކަމުން ސަލާމަތްވެވޭކަށް
ނޯންނާނެއެވެ. ދީނީ ހޭލުންތެރިކަމާއި ދީނުގެ ޢިލްމު
އަޅުގަނޑުމެންގެ ދަރީންނަށް އުނގަންނައިދެވިގެން މެނުވީ
ދިވެހިރާއްޖޭގެ ކުރިމަގު ބާއްޖަވެރި ކުރެވޭކަށް ނޯންނާނެއެވެ.
އަމާން ކަމާއި މިނިވަންކަމާއި، ސާބިތުކަމަކީ އެފަދަ
ތަރުބިއްޔަތެއްނެތް އިންސާނުންތަކެއްގެ މެދުގައި ދުވަހަކުވެސް
އޮންނާނެ އެއްޗެއް ނޫނެވެ.
ވީމާ، ޤައުމުގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި ކުރެވެމުން މިދާ
މަސައްކަތުގައި މިހާރު އުފެދިފައި މިވާ ސިޔާސީ މަޤްޞަދުތަކުގެ
އިތުރުން ތަޢްލީމީ އަދި އަޚްލާޤީ ގޮތުން ތަރުބިޔަތު ކުރެވިފައިވާ
ޖީލުތަކެއް އުފެއްދުމަށް ސަމާލުވެ ތިބުމަށް އަދުގެ ސަރުކާރާއި،
ކުރިފަޅާ ހެދެމުންދާ ސިޔާސީ ޖަމާޢަތްތަކަށް ގޮވާލަމެވެ. ނިމުނީ!
|