|
މަދަނީ
ނުކިޔަމަންތެރިކަމާއިއެކު މުޖުތަމަޢަށް ނުތަނަވަސްކަން
19/01/2006
| އަލްޙާން ފަހުމީ
ރިޔާސީ
ޤަރާރެއްގެ ދަށުން ހެދިފައިވާ ޤަވައިދެއްގެ މައްޗަށް ބިނާވެގެންވާ
ޕާރޓީ ސިސްޓަމެއް ރާއްޖެއަށް ގެންނެވިކަމީ، ޤާނޫނީ ނަޒަރަކުން
ބަލާއިރު އަދުގެ ސަރުކާރުން އަޅާފައިވާ ބަލިކަށި ފިޔަވަޅެކެވެ.
އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ސިޔާސީ
ޖަމާޢަތްތަކާއި ސިޔާސީ ޙަރަކާތްތަކަށް ދޮރެއް ހުޅުވިފައިވިޔަސް،
އެޙަރަކާތްތައް ހިންގެންވާނީ ދައުލަތުގެ ޤާނޫނު ހެދުމުގެ ބާރު
ޙަވާލުކުރެވިފައިވާ، ރައްޔިތުންގެ މަޖްލީހުން ހަދާ ފާސްކޮށްފައިވާ
ޤާނޫނެއްގެ ދަށުންނެވެ. ރައީސް މައުމޫނުގެ ރިޔާސީ ޤަރާރެއްގެ
ދަށުން، ސަރުކާރުން ހަދާފައިވާ 'އުނި' ޤަވާޢިދަކުން ރާއްޖޭގައި
މަލްޓިޕާރޓީ ސިސްޓަމެއް - ގިނަ ޕާރޓީތަކެއް އުފެއްދުމުގެ ފުރުޞަތު
އޮތް ނިޒާމެއް - ތަޢާރަފް ކުރެވުނީ މިފަދަ ނިޒާމެއް ހިންގުމަށް
ބޭނުންވާ ޤާނޫނީ އޮނިގަނޑެއް ނެތިކަން ޤަބޫލުކުރަން ޖެހެއެވެ.
ޤާނޫނަކީ ޖަމާޢަތުގެ ތަފާތު ޙަރަކާތްތަކަށް، ކަނޑައެޅިފައިވާ ވަކި
ތަރަހެއްގެ ތެރޭން ޖާގަދެވިގެން، ޖަމާޢީ މަޞްލަޙަތު ޙިމާޔަތްކޮށް،
ވަކިވަކި ފަރުދުންގެ ޙައްޤުތައްމެ ރައްކާތެރިކޮށް، ޢަދުލުވެރި
ނިޒާމަކަށްޓަކައި އަޅަންޖެހޭ ބިންގަލެކެވެ.
އެހެންކަމުން، އެފަދަ ބިންގަލަކާއިނުލާ، މިފަދަ ބޮޑު ބަދަލަކާއި
ގުޅިގެން ކުރިމަތިވާނެ މައްސަލަތަކާއި، ޖަމާޢަތުގެ މިޞްރާބަށް
އަންނާނެ ބަދަލުތަކާއި ކުރިމަތިލުމުގެ ޤާބިލުކަން ނެތް،
ރައްޔިތުންގެ ސުލޫކާއި ނުގުޅޭ، މުސްކުޅިވެފައިވާ ޤާނޫނީ ނިޒާމެއްގެ
ތެރެއަށް، ބަންޑާރަ ނައިބުގެ އޮފީހުން ދޫކޮށްލެއްވި 'ސިޔާސީ
ޕާރޓީތަކާއި ބެހޭ ޤަވާޢިދާކީ' އަޅުގަނޑު ދެކޭގޮތުގައި ޖަމާޢީ
މަޞްލަޙަތު ގެއްލި، ޤައުމުގައި ބައިބައިވުމާއި ބިރުވެރިކަން
ކުރިމަތިވުމަށް މެދުވެރިވެފައިވާ މައިގަނޑު ސަބަބެވެ. ކަންކަން
އިންތިޒާމުކުރާނެ ޤާނޫނެއް ނެތުމުގެ ސަބަބުން ހުއްދަ، ސިޔާސީ
ޙަރަކާތްތަކުގެ ނަމުގައި ބޮޑެތި ޖަރީމާތައް ހިންގާ، ޢާންމު
މަޞްލަޙަތު ނަގާލަން ބަޔަކުމީހުންނަށް ފުރުޞަތު ލިބުމުގެ ޙަޤީޤީ
ސަބަބަކީވެސް އެއީކަމުގައި ދަންނަވަން ޖެހެއެވެ.
މާލެއާއި ރާއްޖޭގެ އެހެނިހެން ބައެއް ހިސާބުތަކުގައި 'ދިވެހި
ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ' (އެމް.ޑީ.ޕީ) އިން ހިންގަމުންދާ
މަދަނީ ނުކިޔަމަންތެރިކަމުގެ ޙަރަކާތްތަކުގެ އަސާސީ މަޤްޞަދަކީ
ޤާއިމުވެފައިވާ ސަރުކާރު ވައްޓާލާ، އެޕާރޓީ ވެރިކަމަށް އައުމެވެ.
ސިޔާސީ ޕާރޓީއެއްގެ އަސާސީ މަޤްޞަދަކީވެސް އެއީއެވެ. އެމަޤްޞަދު
ޙާޞިލުކުރުމަށް އެމް.ޑީ.ޕީން މިހާރު ބޭނުންކުރަމުންދާ ހަތިޔާރަކީ
'ސިޔާސީ ހީލަތްތެރިކަމުގެ' އުކުޅުތެކެވެ. އެގޮތުން،
ބޭނުންކުރެވެމުން މިދާ 'އުކުޅަކީ' ޑިމޮކްރަސީ އާއި ރިފޯމްގެ
ފޭރާމުގައި ޖަމާޢަތުގެ ޙައްޤުތަކަށް އަރައިގަނެ، ސަރުކާރުގެ ވާޖިބު
އަދާނުކުރެވޭކަން ސަރުކާރާއި ރައްޔިތުންނަށް ސާބިތުކޮށްދީ، އެކަން
ކުރެވޭނީ ތިމާމެންނަށްކަން ބުނެދިނުމަށް ބޭނުންކުރެވޭ 'ޞުލްޙަވެރި
މުޒާހަރާއާއި، ނުކިޔަމަންތެރިކަން ދެއްކުމުގެ' ޙަރަކާތްތަކެވެ.
އެކަންކަމަކީ ޙަޤީޤަތުގައިވެސް 'ޑިމޮކްރަސީ' އެވެ. އެހެނަސް،
ކުރިމަތިވަމުންދާ ބަލާމުސީބާތަށް ރިޢާޔަތްކޮށް، އެފަދަ
ޑިމޮކްރަސީއަކީ ރާއްޖެފަދަ ހިކިފަސްތަން ކުޑަ ތަނަކަށް
އެކަށީގެންވާ އެއްޗެއް ނޫންކަން ގިނަ މީހުންގެ ވާހަކައިން
ދޭހަވެއެވެ.
އެހެންކަމުން، 'އަންނި' ދޫކޮށްލަންދެން' ނުވަތަ ރައީސް މައުމުނާއި،
އާދަމް ޒާހިރު މަޤާމުން އިސްތިއުފާ ނުދޭހާ ހިނދަކު،
ނުކިޔަމަންތެރިކަމުގެ ހިނގާލުންތަކާއި ހަޅުތާލުތައް ހިންގުން
ވެގެންދާނީ، އެމް.ޑީ.ޕީގެ ވެރީންނާއި، މެމްބަރުން ނޫން، އެހެނިހެން
ދިވެހި ރައްޔިތުންނަށް އުނދަގޫވެ، ދިރިއުޅެން ދަތިވާނެ
ޙަރަކާތްތަކަކަށެވެ.
ވީމާ، މިފުރުޞަތުގައި، އެމް.ޑީ.ޕީގެ ނުކިޔަމަންތެރިކަން ދެއްކުމުގެ
ކަންތައްތަކުގެ 'މުސީބާތްތައް' އެންމެހާ ރައްޔިތުންނަށް ނުފޯރާފަދަ
ގޮތަކަށް ގެންދިއުމަށް އެމް.ޑީ.ޕީގެ ވެރީންނާއި މެމްބަރުންނަށް
އިލްތިމާސް ކުރަމެވެ. އަދި އަންހެނުންނާއި ކުޑަކުދިންނާއި،
މުސްކުޅިން ހިނގާބިނގާ އުޅޭ، ދުއްވާ އެއްޗެހި ގިނަ، ހަނި މަގުތަކާއި،
ބަލިމީހުން އެޑްމިޓް ކުރެވިފައި ތިބޭ ހޮސްޕިޓާތަކާއި،
ސްކޫލްތަކާއި، ވިޔަފާރީގެ ދާއިރާތަކަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް
އެމް.ޑީ.ޕީގެ 'ނުކިޔަމަންތެރިކަން ދެއްކުމުގެ' ހިނގާލުންތައް
އިންތިޒާމުކުރުމަށްވެސް ގޮވާލަމެވެ. އަދި މިފަދަ 'ޑިމޮކްރެޓިކް'
ޙަރަކާތްތަކުން ރައްޔިތުންނަށް ޢާންމު އުނދަގޫ ފޯރާނަމަ އެކަން
ވަގުތުންވަގުތަށް ހުއްޓުވުމަށްވެސް ސަރުކާރުގެ ކަމާއިބެހޭ އިދާރާ
ތަކަށް ފަށްފަށުން އިލްތިމާސް ކުރަމެވެ. ނިމުނީ! |