|
އައި.ޖީ.އެމް.އެޗުން ދޭ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ޒިއްމާ
ނަގާނީ ކާކުބާ؟
09/02/2006
| އިބުނު އަޙްމަދު | އީ-މެއިލް
ރާއްޖޭގެ ސިއްޙީ ޚިދުމަތަކީ ޒަމާނުއްސުރެވެސް އެޚިދުމަތަކަށް
އެންމެ ބޮޑަށް ފާޑު ކިޔޭ ޚިދުމަތެވެ. މީގެ 15 ވަރަކަށް އަހަރު
ކުރިއަށް ބަލާލާއިރު ރައްޔިތުންގެ ފާޑުކިޔުން އެންމެ ބޮޑަށް
އަމާޒުވެފައިވީ ސެންޓްރަލް ހޮސްޕިޓަލަށެވެ. އެތަނުން ލިބެން ހުންނަ
ޚިދުމަތުގެ ފެންވަރު ދެރަވެފައި މަދު ކަމުންނެވެ. އެއާއެކު
އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދިން ދީލަތި އެހީއެއްގެ ގޮތުން
ސެންޓްރަލް ހޮސްޕިޓަލަށްވުރެ ފެންވަރު ރަނގަޅު ޒަމާނީ ހޮސްޕިޓަލެއް
ލިބުމުންވެސް ޝަކުވާއަކަށް ބަދަލެއް ނައެވެ. އައި.ޖީ.އެމް
ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރުވާ ކުޑަކަމުންނެވެ. ޚިދުމަތް
ލަސްވެފައި ފެންވަރު ދަށް ކަމުންނެވެ. ބޭނުން އިރަކު ބޭނުން
ޑޮކްޓަރަކަށް ނުދެއްތީއެވެ. އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ޝަކުވާ
ކުރަނީ އަދި ޝަކުވާ ގިނަވަނީވެސް ސަބަބުތަކެއް ހުރުމުންނެވެ.
އެހެންނަމަވެސް ދިވެހި ލިޔުންތެރިން ހަދާ ގޮތަށް ތަނުގެ ގޯސް
ކަންތައްތަކުގެ ވާހަކަ އެކަނި ދައްކައިފައި ހުއްޓާލުމަކީ އެންމެ
ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ސަބަބުތަކަށްވެސް ބަލަންޖެހެއެވެ.
އައި.ޖީ.އެމް އެޗުގައި ރަނގަޅަށް ދަނީ ކޮންކަންތައްތަކެއްބާވައެވެ؟
އަޅުގަނޑު ހިތުން ލިބެން ހުރި ވަސީލަތްތަކާ އަޅާބަލާއިރު
އައި.ޖީ.އެމް.އެޗުގައި ރަނގަޅު، ހިއްވަރު ދޭންޖެހޭ ކަންތައްތަކެއް
އެބަހުއްޓެވެ. ޚާއްޞަގޮތެއްގައި އެމަޖެންސީގައި ކުރަންޖެހޭ
އޮޕަރޭޝަންތަކާއި އެހެނިހެން އޮޕަރޭޝަންތައް ކުރުމުގައި އެތަނުގެ
ޚިދުމަތް ފާހަގަކޮށްލަންޖެހެއެވެ. އަވަސްވެފައި ކުރާ
އޮޕަރޭޝަންތަކުގެ ފެންވަރުވެސް ރަނގަޅުވީމައެވެ. މިސާލަކަށް ހާނިޔާ
އޮޕަރޭޝަނަކަށް ހަފްތާ ދެހަފްތާއަށްވުރެ ގިނަ ދުވަހު އޮޕަރޭޝަން
އައި.ޖީ.އެމް. އެޗުން ނުކުރެވިގެން ބަލިމީހަކު މަޑުކުރަން ޖެހުމަކީ
ވަރަށް ނާދިރުކަމެކެވެ. ނަމަވެސް ނަން މަޝްހޫރު އިނގިރޭސި
ވިލާތުގައި އެފަދަ އޮޕަރޭޝަނެއް ކުރުމަށް މަދުވެގެން ހަމަސްދުވަހު
މަޑު ކުރަން ޖެހެއެވެ. މިއީ ތަނުގެ ޚިދުމަތް ރަނގަޅަށް
ދިރާސާކޮށްފިނަމަ ފެންނާނެ ރަނގަޅު ކަންތައްތަކުގެ
ތެރެއިންކަމެއްގެ މިސާލެކެވެ. ބަލިމީހުންގެ ކިއު ބޮޑުވުން ފިޔަވައި
އެތަނުގެ ގިނަ ޑިޕާޓްމަންޓްތަކުގެ ޚިދުމަތްތަކަކީ މިސަރަޙައްދުގެ
އެހެން ޤައުމުތަކުގައި އެތަންތަނުގެ ޢާންމުންނަށް ފޯރުކޮށްދޭ
ޚިދުމަތްތަކަށްވުރެ ހާސް ގުނަ ރަނގަޅު ޚިދުމަތްތަކެކެވެ.
އައި.ޖީ.އެމް ހޮސްޕިޓަލާމެދު އެންމެ ޢާންމުކޮށް އަޑުއިވޭ
ޝަކުވާއަކީ ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ނުލިބުމުގެ
ޝަކުވާއެވެ. ތެދެކެވެ. ހަފްތާއެއްހާ ދުވަހު މަސައްކަތްކޮށްގެންވެސް
ޑޮކްޓަރަކަށް ދައްކަން އެޕޮއިންޓްމަން ނުލިބުމަކީ ވަރަށް ޢާންމު
ކަމެކެވެ. ޑޮކްޓަރުން މަދުވުމަކީ ސަރުކާރުގެ މައްސަލައެކެވެ.
މިފަދަ މުހިއްމު ޢާންމު ޚިދުމަތަކަށް ބޭނުންވާ ޑޮކްޓަރުން ކިތަންމެ
ބޮޑު މުސާރައަކަށް ނަމަވެސް ގެނެވެން ޖެހޭނެއެވެ. ނުގެނެވޭނަމަ
އެއީ ސަރުކާރުގެ ނުކުޅެދުންތެރިކަމެވެ. މިކަމުގައި ކުރިމަތިވަނީ
ހަމައެކަނި ޑޮކްޓަރުން މަދުވުމުގެ މައްސަލައެއްނޫނެވެ. ބަލިމީހުން
ބޭނުންވާ ގޮތަކީވެސް މިކަމުގައި ކުރިމަތިވާ ވަރަށް ބޮޑު
މައްސަލައެކެވެ.
އައި.ޖީ.އެމް.އެޗްގައި މަސައްކަތް ކުރައްވާ ދިވެހި ޑޮކްޓަރުންނަކީ
ނިސްބަތުން ޚިދުމަތް ދިނުމުގައި ވަރަށް ރަނގަޅުކަމަށް ޢާންމުން
ފާހަގަ ކުރާ ޑޮކްޓަރުންނެވެ. އެއިން ޑޮކްޓަރަކަށް ދެއްކުމަށް
އޮންނަ ކިއު ނިސްބަތުން ވަރަށް ބޮޑެވެ. އެޕޮއިންޓްމަންޓް ދޫކުރަން
ފަށާތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެޑޮކްޓަރުންނަށް ދޫކުރަން
އޮންނަ ޢަދަދަށް އެޕޮއިންޓްމަންޓް ދޫކޮށް ނިމުމަކީ އެކަމާވެސް
ޢާންމުން ޝަކުވާ ކުރާކަމެވެ. ނަމަވެސް އެކަން ޙައްލު ކުރުމަށް
އެޑޮކްޓަރުން ދުވާލުދާ ހަތަރު ދަމު ޑިއުޓީއަށް ބޭއްތިއްބުމަކީ
ހޮސްޕިޓަލަށް ކުރެވޭނެ ކަމެއްނޫނެވެ. އެކަމަށް ހޮސްޕިޓަލަށް
ގެނެވޭނެ ޙައްލަކީ އެދާއިރާއެއްގެ ޑޮކްޓަރުންގެ ޢަދަދު
ސަރުކާރުގައި ދަންނަވައިގެން އިތުރުކުރެވޭތޯ ބެލުމެވެ. ނަމަވެސް
ބޭރުން ގެންނަ ޑޮކްޓަރުންނަށް ދައްކަން ބަލިމީހުން ބޭނުން ނުވާ
ނަމަ އެއީ ދުވަހަކުވެސް ޙައްލުވާނެ މައްސަލައެއްނޫނެވެ.
އެއްޚިދުމަތެއްދޭ އެއްފެންވަރެއްގެ ޑޮކްޓަރުންގެ ތެރެއިން
އެއްބައަކަށް ބޮޑުކިއުއެއް އޮވެފައި އަނެއްބައި ޑޮކްޓަރުންނަށް
ދައްކަން ދެތިން ބަލިމީހުން ނައުމަކީވެސް ވަރަށް ޢާންމުކޮށް
ދިމާވާކަމެކެވެ. އޭގެ ސަބަބަކީ އެޑޮކްޓަރުންގެ ޚިދުމަތުގެ ފެންވަރު
ދެރަވުމެއް އެކަންޏެއްނޫނެވެ. އޭގެ ބަދަލުގައި ރަނގަޅުކަމަށް
އަޑުއަރާފައިވާ މަޝްހޫރު ޑޮކްޓަރުންނަށް ދެއްކުމަށް ބަލިމީހުންގެ
ހުންނަ ފޯރިއަކީ މީގެ ވަރަށް ބޮޑު ސަބަބެކެވެ. ހޮސްޕިޓަލުތެރޭގައި
މިކަންތައް ބަލަން އެންމެ ދުވަހެއް ހޭދަކުރި ނަމަވެސް އެކަން
ފާހަގަ ކުރެވޭނެއެވެ. ބޮޑު މުސާރަދީފައި ޔޫރަޕުން ކުލަ ދޮން
ޑޮކްޓަރުން ގެނައުމަކީ މިކަމުގެ ވަގުތީ ޙައްލަކަށް ވެދާނެއެވެ.
ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ޙައްލަކީ ވީހާވެސް ގިނަ ދިވެހި
ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް ފޮނުވުމެވެ. ސުވާލަކީ ސަރުކާރުން
މުސްތަޤުބަލަށްޓަކައި އެކަމަށް އިންވެސްޓް ކުރަން
ތައްޔާރުބާވައެވެ؟
ބަލިމީހުންގެ ކިއު ބޮޑުވުމާއި ރަށްރަށުން އަންނަ ބަލިމީހުންނަށް
ޑޮކްޓަރަކަށް ނުދެއްކިގެން އެތައް ދުވަހަކު މަޑު ކުރަންޖެހުމުގެ
ޝަކުވާ އިތުރުވަމުންދާއިރު މިކަމަށް ދާއިމީ ޙައްލެއް ގެނައުމަށް
ސަރުކާރުން މާބޮޑު ފިޔަވަޅެއް އަޅާތީ ނުފެނެއެވެ. މިނިސްޓަރ އޮފް
ހެލްތުކަމާ ޙަވާލުވުމަށްފެހު ދެއްވި ބަސްދީގަތުމެއްގައި އަލްފާޟިލް
އިލްޔާސް އިބްރާހިމް ވިދާޅުވީ މިމައްސަލައަށް އޮތް އެންމެ ބޮޑު
ޙައްލަކީ މާލޭގައި އިތުރު ހޮސްޕިޓަލެއް ބިނާކުރުމެވެ. އެއީ
ކަންއޮތްގޮތް ކަމަށް ވާނަމަ އޭ.ޑީ.ކޭ ހޮސްޕިޓަލް ހިންގާ ޢިމާރާތް
ސަރުކާރަށް ނުނަންގަވައި އަލުން 35 އަހަރަށް އެތަން ކުށްޔަށް
ދޫކުރެއްވީ ކީއްވެތޯއެވެ؟ އެކަން އެގޮތަށް ކުރެއްވީ އެންމެ
މީހެއްގެ ފަރާތުން ސިޔާސީ އެދުމެއް ފުއްދުމަށް ކަމަށްވާނަމަ އެއީ
ހިތާމަކުރަންޖެހޭ ކަމެކެވެ.
އައި.ޖީ.އެމް ހޮސްޕިޓަލުންދޭ ޚިދުމަތުގެ ފެންވަރުގެ ވާހަކަ
ދައްކާއިރު ސަރުކާރާއި ޢާންމުންވެސް އެތަން ހަދާފައިވަނީ ސިޔާސީ
ކުޅިގަނޑު ކުޅޭ ތަނަކަށެވެ. ރައްޔިތުނަގެ މަޖިލީހުގެ އިންތިޚާބެއް
ގާތްވީމަ އެތަނަށް އެކަން ބަލަން ދާ ކޮންމެ މީހަކަށް އެކަން ފާހަގަ
ކުރެވޭނެއެވެ. އެދުވަސްވަރު އެތަން ވަނީ ކެމްޕޭނު ކުރާ
މަރުކަޒަކަށް އެކަންޏެއްނޫނެވެ. އެތަނުގެ ޑޮކްޓަރުންނަށް
މަޖުބޫރުކޮށްގެން ސިޔާސީ ފައިދާތައް ނަގަނީވެސް މަދެއްކޮށެއް
ނޫނެވެ. މިދެންނެވި ގޮތަށް އައި.ޖީ.އެމް.އެޗުން ކުރެވެން ހުންނަ
އޮޕަރޭޝަންތައް ކުރުމަށް ބަލިމީހުން ބޭރަށް ފޮނުވުމަކީވެސް
ހިނގާކަމެކެވެ. އޭ.ޑީ.ކޭ ފަދަ އަމިއްލަތަނަކުން ވަކި އަތޮޅެއްގެ
ބައަކަށް ހިލޭ ޚިދުމަތްތަކެއް ދިނަކަސް އެފަދަ ކަމެއް ސަރުކާރުގެ
ތަނެއްގައި ހިގިޔަދީގެން ނުވާނެއެވެ. މިއީ އެންމެންނަށް އެގޭ
ފިޔަވަޅުނޭޅިފައިވާ ވަރަށް ބޮޑު "ސިއްރެކެވެ". ނަމަވެސް މިއީ
ރަނގަޅުކުރެވެން ޖެހޭނެކަމެކެވެ. އެފަދަ ކަންތައް ހިންގާ
މީހުންނާމެދު ފިޔަވަޅު އެޅޭންޖެހޭނެ ކަމެކެވެ. ހިތާމައަކީ ދިވެހި
ސިޔާސީ މަސްރަޙު މިފަދަ ކަމެއް ކުރެވޭ ވަރަށް ވުރެ ދަށް
ޙާލަތެއްގައިވާކަމެވެ.
ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބައަކު އައި.ޖީ.އެމް އެޗް
ދެކެނީ އެއީ ޑޮކްޓަރުގެ ސެޓްފިކެޓް ދޫކުރާތަނެއްގެ ގޮތުގައެވެ.
އައި.ޖީ.އެމް.އެޗް ކެޝުއަލްޓީގެ ޚިދުމަތް ހޯދަންދާ މީހުންގެ
ތެރެއިން ވަރަށް ގިނަ ބައަކު ދަނީ އޮފީހަށް ޙާޒިރުނުވާތީ ސަލާމުގެ
ސެޓްފިކެޓެއް ހޯދުމަށެވެ. ސެޓްފިކެޓް ދޭވަރަށް ބަލިނޫންކަމަށް
ޑޮކްޓަރަކު ވިދާޅުވެއްޖެ ނަމަ އެޑޮކްޓަރަކަށް ބިރުދައްކާ
ހަޑިހުތުރު ބަހުރުވައިން އެއްޗެހި ގޮވުމަކީ ޢާންމުކަމެކެވެ. ކޮންމެ
އަހަރެއްގެ ދިރާސީ އަހަރުފެށޭ ދުވަސްވަރަކީވެސް ސެޓްފިކެޓުގެ
ދުވަސްވަރަކަށް އޮންނަނީވެފައެވެ. ސިއްޙީ އުޒުރަކާ ނުލާ
އަތޮޅުތަކުން އަންނަ ދަރިވަރުންނަށް މާލޭގައި ސަރުކާރުން ހިންގާ
ޕްރައިމަރީ ސްކޫލުތަކަށް ނުވަދެވޭނެ ކަމަށް ސަރުކާރުން
ކަޑައަޅުއްވާފައިވާތީ އެދުވަސްވަރު ޑޮކްޓަރެއްގެ ސެޓްފިކެޓެއް
ހޯދުމަށް އާދޭސްކުރަނީ މަދުބައެއްނޫނެވެ. އައި.ޖީ.އެމް.އެޗުން
ރަނގަޅަށް ލިބެން ހުންނަ އަދި ފަރުވާވެސް ކުރެވޭ ފަދަ
ކަންތައްތަކުގައި ރާއްޖެއިން ބޭރަށް ދިއުމަށް ވެލްފެއަރ ސެޓްފިކެޓް
ހޯދުމަށް އެދެނީވެސް މަދު ޢަދަދެއްގެ ބަލިމީހުންނެއް ނޫނެވެ.
މިކަންތައްތަކަކީ ހޮސްޕިޓަލުގެ ޚިދުމަތަށް ހުރަސް އެޅޭ
ކަންތައްތަކެވެ. އޮފީހަށް ސަލާމްބުނުމުގެ މައްސަލައާއި،
އަތޮޅުތަކުގެ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކަށް ވެއްދުމުގެ
މައްސަލައާއި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގައި
ގެންގުޅޭ ޢުޞޫލުތަކަށް ހަރުދަނާ ބަދަލުތަކެއް ގެންނަވައިފިނަމަ
މިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށް
ފެނެއެވެ.
ޢާންމުން އައި.ޖީ.އެމް ހޮސްޕިޓަލުގެ "ކަޑަ" ކަމުގެ ވާހަކަ
ދައްކާއިރު ޢާންމުންގެ ފަރާތުން އެތަނުގެ ޑޮކްޓަރުންނަށް ލިބެނީ
ކޯއްޗެއްތޯއެވެ؟ މަލާމާތާއި ފުރައްސާރައެވެ. އެތަނުގެ ޒުވާން
އަންހެން ޑޮކްޓަރުންންނާއި އެހެނިހެން ކުދިންނާ ދިމާއަށް
"މުޑުދާރު" ބަސްތައް ބޭނުންކޮށް ޖިންސީ ފުރައްސާރަ ކުރުމަކީވެސް
ދިވެހި ޒުވާން ފިރިހެން ކުދިންގެ ޒަމާނީ ފެޝަނުގެ ތެރެއިން ބައެއް
ކަމަށް ވަނީ ހަދާފައެވެ. ޑޮކްޓަރު ޑިއުޓީގައި އިންނަވާފައި "ސައި
ބުރޭކަށް" ކޮޓަރިން ނުކުމެއްޖެ ނަމަވެސް އެޑޮކްޓަރަކު ވަޒީފާއިން
ވަކިވާވަރު ކުރުމަކީވެސް އެތަނުން ފެންނަ ކަމެކެވެ. ވޯޑުގައި ތިބޭ
ބަލިމީހުންގެ ޙާލަތުގެ ސަބަބުން ޑޮކްޓަރަކަށް 9 ޖަހާއިރަށް
ކޮޓަރިއަށް ނުދެވިއްޖެ ނަމަވެސް އެޑޮކްޓަރެއް ރުޅިއަރުވާ އެއްޗެހި
ގޮވުމަކީ ތަކުރާރުވަމުންދާ ކަމެކެވެ. ޢާންމުންގެ ފަރާތުން މިކަން
ނުހުއްޓި، ސަރުކާރަށްވެސް ފިޔަވަޅެއް އެޅުމުގައި
ނާކާމިޔާބުވެފައިވާތީ، އެތަނުގެ ޑޮކްޓަރުންގެ ޚިދުމަތަށް ބަދަލު
އައުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ. ޚިދުމަތެއް
ކޮށްދިންކަމުގެ އުފާ ނުލިބުމުގެ އިތުރަށް އިންސާނަކަށް ވީތީ
ލިބެންޖެހޭ ޤަދަރާއި އިޙްތިރާމުންވެސް މަޙުރޫމްވާތީއެވެ.
ޑޮކްޓަރުންނަކީ އަޅުގަނޑުމެންނަށްޓަކައި ވަރަށް މަތިވެރި
ޤުރުބާނީތަކެއްވާބައެކެވެ. އެކަމުގެ ޢިލްމު ހޯދުމަށް އެތައް
އަހަރަކު މަސައްކަތް ކޮށްފައިވާބައެކެވެ. ދެބައި ޢުމުރާ ހަމައަށް
ދިރިއުޅުމުގެ އުފާތަކުން މަޙުރޫމްވެގެން ތިބެ
އަޅުގަނޑުމެންނަށްޓަކައި އުގެނިގެން ތިބި ބައެކެވެ. ހަފްތާއަކު
ހަދުވަހު އަޅުގަނޑުމެންނަށްޓަކައި އެތަކެއް ވަގުތުތަކެއް ހޭދަ
ކުރާބައެކެވެ. އެފަދަ ޤުރުބާނީތަކެއް ވާބައަކަށް ދިވެހިރާއްޖޭގައި
އޮތީ ހިތްހަމަޖެހުމުގެ ކުޑަ މިންވަރެކެވެ. ޑޮކްޓަރުންނަށް ދެވޭ
މުސާރައަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ކުޑަ
އެއްޗެކެވެ. އެމީހުންނަށް ލިބެނީ އެހެން ޤައުމުތަކުގައި
ޑޮކްޓަރުންނަށް ލިބޭ އިޙްތިރާމާ ބަލާއިރު "ޒައްރެއްގެ" މިންވަރުގެ
އިޙްތިރާމެކެވެ. ވަޒީފާގެ ހިތްހަމަ ޖެހުމަކީ އެމީހުންނަށްޓަކައި
ނުވާއެއްޗެއް ކަހަލައެވެ.
އައި.ޖީ.އެމް ހޮސްޕިޓަލުގެ ޚިދުމަތް ރަނގަޅު ކުރެވޭނީ ސަރުކާރުން
އެތަނަށް ދިމާވެފައިވާ ދަތިތަކަށް އަވަސް ޙައްލެއް
ހޯއްދަވައިދީގެންނެވެ. ރަނގަޅުފެންވަރުގެ ޑޮކްޓަރުންނާއި
ޢިމާރާތާއި، ވަޞީލަތްތައް ފޯރުކޮށްދީގެންނެވެ. ތަނުގެ
މުވައްޒަފުންގެ ސަލާމަތަށް އިތުރު ފިޔަވަޅުތަކެއް އަޅައިގެންނެވެ.
އެމީހުން ކުރާ މަސައްކަތާ އެކަށޭނަ މުސާރައެއް ދީގެންނެވެ.
އައި.ޖީ.އެމް.އެޗްގެ ޚިދުމަތް ރަނގަޅު ކުރެވޭނީ ޢާންމުންވެސް
އެތަނާމެދު ދެކޭގޮތް ބަދަލުކުރެވިގެންނެވެ. ތަނުގެ
މުވައްޒަފުންނަށް އިޙްތިރާމްކޮށް އިތުބާރުވެސް ކޮށްގެންނެވެ.
ދިމާކުރުމާއި އެއްޗެހިގޮވުން ފަދަ "ނާތަހުޒީބު" އުޞޫތައް
ދޫކޮށްލައިގެންނެވެ. އެހެންނޫންނަމަ ދުވަހަކުވެސް ޝަކުވާގެ އަޑު
މަޑެއްނުވާނެއެވެ.
ނިމުނީ! |