16 February 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

EDUCATION & ARTS

 

މަތީ ތަޢުލީމާ ބެހޭ މިނިސްޓްރީ އުފެދުނު އިރުވެސް މަތީ ތަޢުލީމުގެ ސިޔާސަތު ވަކަރަށް ޖަހަނީ

16/02/2006 | އިބްނި އަޙްމަދު | އީ-މެއިލް
ފާއިތުވި އަހަރު ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ރައީސް މައުމޫނު ގެންނެވި ބަދަލަކީ ވަރަށް ގިނަ ބައަކު މަރުޙަބާކީ ބަދަލެކެވެ. އާމިނިސްޓްރީތައް އުފައްދަވައި، ކެބިނެޓް ތަޢުލީމީ ޒުވާނުންގެ ޖޯޝުން ތާޒާ ކުރެއްވިއެވެ. ވަޒީރުކަމުގައި ރިކޯޑުތަކާ ދިމާއަށް ދަތުރުކުރަމުން ދިޔަ "މުސްކުޅި" ބޭފުޅުން، މަޖުބޫރުވެވަޑައިގެން ނަމަވެސް އެކަހެރިކުރެއްވިއެވެ. މިގެންނެވި ބަދަލުތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކާއި ޢާންމުންގެ ފާޑުކިއުން އެންމެ ބޮޑަށް އަމާޒުވެގެން ދިޔަ ބަދަލަކީ ހަޔަރ-އެޑިއުކޭޝަން މިނިސްޓްރީއެއް އުފެއްދެވުމެވެ. އިދިކޮޅު ފަރާތްތަކުގެ ބަހުރުވައިން ނަމަ "ޔޫ.ކޭ.ޖީ މިނިސްޓްރީ" އުފެއްދެވުމެވެ.
ދިވެހިރާއްޖެއަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއެއް ބޭނުންވޭބާވައެވެ؟ ދިވެހި ތަޢުލީމީ ދާއިރާ އެހާވަރަށް ފުޅާވެ، ފުރުޞަތު އިތުރުވެފައިވޭބާވައެވެ؟ ޑިޕާޓްމަންޓަކުން ނުކުރެވޭ ވަރަށް އެދާއިރާގެ މަސައްކަތް އިތުވެފައިވޭބާވައެވެ؟ އަޅުގަނޑު ހިތުން މިއީ ކޮށްލުން އެންމެ ރަނގަޅު ސުވާލުތަކެކެވެ. ދިވެހިރާއްޖޭގައި ރެގިއުލޭޓް ކުރާނެ މާގިނަ ކޮލެޖުތަކެއް ނެތެވެ. ހުރީ ސަރުކާރުން ހިންގަވާ އެންމެ ކޮލެޖެކެވެ. ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ހޯދުމުގެ މާބޮޑު ފުރުޞަތެއް ނެތެވެ. ސަރުކާރުން ޚަރަދު ކުރައްވައިގެން މަތީ ތަޢުލީމަށް ބޭރަށް ފޮނުއްވަނީ މަތީ ތަޢުލީމަށް އެދި އެދި ތިބި ކުދިންގެ ތެރެއިން މަދު ޢަދަދެއްގެ ކުދިންނެވެ. އެހެންކަމުން މިކަމަށް މިނިސްޓްރީއެއް ބޭނުންވޭބާއޭ މިއީ ހަމަ ޙަޤީޤަތުގައިވެސް އުފެދޭ ސުވާލެކެވެ.
މަތީ ތަޢުލީމާ ބެހޭ ސެކްޝަން އެކި މިނިސްޓްރީތަކުގެ ތެރޭގައި ދެމި ދެމި ހަރުވުމުން ޑިޕާޓްމަންޓަކަށް ބަދަލުވެ، ދޮންވެ ފައްކާވުމުން މިނިސްޓްރީއަކަށް ބަދަލުވިއިރު މިއަދު އެތަނުން ދޭ ޚިދުމަތްތަކާއި ކުރާކަންތައް ކުރިއާ މާބޮޑު ތަފާތެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެވެ. އައިނަމަ އައި އެންމެ ބޮޑު ބަދަލަކީ ތަނުގެ ބަޖެޓް ބޮޑުވެ މުވައްޒަފުން އިތުރުވުމެވެ.
މަތީ ތަޢުލީމާ ބެހޭ ޚާއްޞަ އޮފީހަކީ އެތަނަކުން ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އޮފީހެކެވެ. މަތީ ތަޢުލީމުގެ ފުރުޞަތު އިތުރުކުރުމުގައެވެ. އެހެން ޤައުމުތަކުގެ މަތީ ތަޢުލީމާ ބެހޭ އިދާރާތަކާއ، ކޮލެޖްތަކާއި ޔުނިވަރސިޓީތަކާއި ގުޅުން ބަދަހި ކުރުމުގައެވެ. އަމިއްލަ ޚަރަދުގައި އަދި ސަރުކާރުގެ ޚަރަދުގައި ކިޔަވަންދާ ކުދިންނަށް ކޮލެޖުތަކުން ޖާގަ ހޯދައި ދިނުމުގައެވެ. ނަމަވެސް ހިތާމައާއެކު ފާހަގަކުރަން ޖެހެނީ ދިވެހި ރައްޔިތުންގެ މަތީ ތަޢުލީމާ ބެހޭ ވުޒާރާއަށް ވިލާ ފައުންޑޭޝަނުން މިދެންނެވި ކަންތައް ކުރާ މިންވަރާ ގާތަށްވެސް ނުކުރެވޭކަމެވެ.
މަތީ ތަޢުލީމާ ބެހޭ މިނސްޓްރީ އަކީ އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި އެތަނަކުން ސަރުކާރުގެ ޚަރަދުގައި ކިޔަވަންދާ ހުރިހާ ކުދިންގެ ކަންތައްތައް ބަލަހައްޓަން ޖެހޭ އިދާރާއެވެ. ނަމަވެސް ޙަޤީޤަތުގައި ކަންތައް ވަމުން ދަނީ މުޅިން ތަފާތު ކޮށެވެ. ސަރުކާރުގެ އެކި އެކި އޮފީސްތަކަށް ދައުލަތުގެ ބަޖެޓުން ދޭ ކޯސްތަކާއި ބޭރުޤައުމުތަކުގެ އެހީގެ ދަށުން ސަރުކާރުގެ އެކި އެކި ދާއިރާތަކަށް ލިބޭ ކޯސްތަކުގެ ތެރެއިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އިން އެކޯސްތަކުގެ ކަންތައްތައް ބަލަހައްޓަމުން ދަނީ ވަރަށް މަދު ކޯސްތަކެއްގައެވެ. ގިނަ ކޯސްތަކުގެ ހުރިހާ ކަމެއްވެސް ކުރަނީ އެކޯހެއް ލިބޭ އޮފީހަކުންނެވެ. ޙަޤީޤަތަށް ވިސްނާއިރު މަތީ ތަޢުލީމާ ބެހޭ އިދާރާއެއް ހުއްޓާ އެ އޮފީހަކަށް ލިބޭ ކޯސްތައް އެއޮފީހަކުން ކުރުމަކީ މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ބޭނުމާ މެދު ސުވާލު އުފެދޭ ކަމެކެވެ. އަދި އެގޮތަށް ކަންތައް ވުމަށް ސަރުކާރުން ދޫކޮށްލާފައި އޮތުމަކީ އިންސާފުވެރިކޮށް ކޯސްތައް ބެހިގެން ދިއުމަށް ހުރަސް އެޅޭ ކަމެކެވެ. އޮފީސްތަކަށް މިދެންނެވި ބާރު އޮތުމުން އެއޮފީހެއްގެ ވެރިން ހިތްޕުޅާވާ ފަރާތްތަކަށް ކޯސްތައް ދިނުމަކީ ވަރަށް ޢާންމުކޮށް ދިމާވާ ކަމެކެވެ.
ސަރުކާރުން މަތީ ތަޢުލީމާ ބެހޭ ފަންޑެއް އުފައްދަވައި ގިނަ ޢަދަދެއްގެ ކުދިން އެފަންޑުގެ ދަށުން މަތީ ތަޢުލީމަށް ރާއްޖެއިން ބޭރަށް ފޮނުވާއިރު އެކުދިން ކިޔަވަން ފޮނުވާނެ ތަނެއް ހޯދުމުގައިވެސް ޑީ.އެޗް.އީ.ޓީ އަށް ބޮޑެތި މައްސަލަތަކާއި ކުރިމަތިވަމުންދާ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ބޭރުގެ ޔުނިވަރސިޓީތަކާއި މަތީ ތަޢުލީމާއި ބެހޭ އިދާރާތަކާއި ރަނގަޅު ގުޅުމަކާއި ދެނެގަތުމެއް އުފެއްދިފައިވީ ނަމަ މިކަމަކީ އެހާ އުދަގޫވެގެން ވާނެ ކަމެއް ނޫނެވެ. ވިލާ ފައުންޑޭޝަނަށް މިކަމުގައި މެދުވެރިނުވާ ދަތިކަން ޑީ.އެޗް.އީ.ޓީ އަށް ކުރިމަތިވުމީ ލަދުގަންނަން ޖެހޭ ކަމެކެވެ.
ސަރުކާރުގެ ޚަރަދުގައާއި އެކި އެކި ޤައުމުތަކުގެ އެހީގެ ދަށުން އެތައް ދަރިވަރުނެއް ރާއްޖެއިން ބޭރުގައި ކިޔަވަމުންދާއިރު އެކުދިންގެ ކިޔެވުމުގެ ކަންތައްތައް ޑީ.އެޗް.އީ.ޓީ ން ބަލާކަމާމެދުވެސް ސުވާލު އުފެދެއެވެ. ގިނަ ކުދިން ވަރަށް ރަނގަޅަށް ކިޔަވަމުން، ރަނގަޅު ނަތީޖާ ހޯދަމުން ދިޔަ ނަމަވެސް މަދު ޢަދަދެއްގެ ކުދިން ވަރަށް ދަށް ނަތީޖާ ހޯދާކަމީ ޙަޤީޤަތެކެވެ. އޭގެތެރޭގައި ސަރުކާރުން ވަރަށް ބޮޑެތި ޚަރަދުކޮށްފައި ފޮނުވާފައިވާ ކުދިންވެސް ހިމެނެއެވެ. ނަމަވެސް ނަތީޖާ ދަށް ކުދިންގެ ނަތީޖާ ދަށްވާ ސަބަބާއި ކިޔެވުން ކުރިއަށް ދާ ގޮތް ނުބެލޭނަމަ މަދު ކުދިން ނަމަވެސް ގޯޅިއަޅައިގެން ދިއުމަކީ ވަރަށް ގާތްކަމެކެވެ. އަދި މިހާރުވެސް މަދުން ނަމަވެސް ކުރިމަތިވަމުންދާ ކަމެކެވެ. މިކަމަކީ ސަރުކާރުން މިހާރަށްވުރެ ގާތުން ބަލަމުންދާ ކަމެއް ނަމަ އެފަދަ ގޮތަކަށް ކަންތައްތައް ވެގެން ދިއުމަކީ ވަރަށް ނާދިރުކަމެކެވެ. މިކަމުގައި ދަރިވަރުންގެ ކިޔެވުން ދާ ގޮތް ނުބެލުމުގެ އިތުރަށް ކިޔަވަން ނޫޅޭ ބައަކަށް ބޭކާރު ޚަރަދު ކުރުމަކީ އެކަމުގެ ޒިއްމާ ޑީ.އެޗް.އީ.ޓީން ނަގަން ޖެހޭނެކަމެކެވެ.
ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދިނުމުގައިވެސް ޑީ.އެޗް.އީ.ޓީން ކަންތައްތައް ކޮށްދެމުން ދަނީ އެންމެ ރަނގަޅަކަށްނޫނެވެ. ދަރިވަރުންނަށް ލިބެންޖެހޭ ލިވިންގ އެލަވަންސް ފޯރުކޮށްދިނުމުގައި ލަސްވާ ކަމީ ވަރަށް ޢާންމުކޮށް އަޑުއިވޭ ޝަކުވާއެކެވެ. އޭގެއިތުރުން ބައެއް ޤައުމުތަކުގައި ދިރިއުޅުމުގެ ޚަރަދު އަހަރުން އަހަރަށް ބޮޑުވަމުންދާއިރު އަދި ލިބޭ ފައިސާކޮޅުން ދެކޮޅު ނުޖެހޭކަމުގެ ޝަކުވާ ދަރިވަރުން ކުރަމުންދާއިރުވެސް ޑީ.އެޗް.އީ.ޓީން އެކަމާ އަޅާ ނުލާ ކަމީ ވަރަށް ދެރަކަމެކެވެ.
ދަރިވަރުންނަށް ކޮށްދެންޖެހޭ ކަންތައްތަކުގައި މައްސަލަތަކެއް އުޅޭއިރު ޚަރަދު ކުރުމުގައިވެސް ޑީ.އެޗް.އީ.ޓީން ގެންގުޅެމުން ދަނީ ވަރަށް ދޯދިއާ ސިޔާސަތެކެވެ. ކުޑަ ކުޑަ މިސާލެއް ދަންނަވާލާނަމެވެ. ދެހާސް ހަތަރުވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއަކަށް ކިޔަވަން ދިޔަ ދަރިވަރެއްގެ ކޯސް ފީ ދެއްކި އިރު އެކުއްޖާގެ އެކޮމޮޑޭޝަނަށްވެސް ޑީ.އެޗް.އީ.ޓީން ވަނީ ފައިސާ ދައްކާފައެވެ. އެކޮމޮޑޭޝަން ފީ އަކީ މަހުން މަހަށް ކުއްޖާ އަތަށް ފޮނުވާ އެއްޗަކަށް ވާއިރު "އޮޅިގެން" ނަމަވެސް އެކުއްޖާގެ އެކޮމޮޑޭޝަން ފީ ދެއްކުމަކީ ޒިއްމާ ނެގުމުގައި ވެވުނު ވަރަށް ބޮޑު އިހުމާލަކަށް ނޫނީ ނުވާނެއެވެ. މިދެންނެވި ކަންތައް މެދުވެރިވުމުންވެސް "އަޅާނުލާ" ދޫކޮށްލުން ފިޔަވައި ޑީ.އެޗް.އީ.ޓީ އަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. ޔުނިވަރސިޓީއަށް އެކޮމޮޑޭޝަން ފީ ދެއްކުމުގެ އިތުރުން ޑީ.އެޗް.އީ.ޓީ އަށް ޖެހުނީ މަހުން މަހަށް ދިނުމަށް ކަޑައަޅާފައިވާ ލިވިންގ އެލަވަންސްވެސް އެދަރިވަރަށް ދޭށެވެ. އެފަދަ އެހެން މިސާލެކެވެ. އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދަރިވަކު ވިސާ ހެއްދުމަށް ޚަރަދުވާ ފައިސާ ފޮނުވާ ދިނުމަށް އެދުމުން އެދަރިވަރު ފޮނުވި ލިޔުންތަކުގެ މައްޗަށް ބިނާކޮށް މާބޮޑު ބެލުމެއް ނެތި އެކުއްޖާއަށް 500 ޕައުންޑް ފޮނުވުމަކީވެސް ޑީ.އެޗް.އީ.ޓީން ބަލަންވާ ވަރަށް ކަންތައް ނުބަލާ ކަމުގެ މިސާލެކެވެ. 500 ޕައުންޑަކީ އެމަޖެންސީގައި ވަގުތުން ވިސާހައްދައިދިނުމަށް ނަގާ ފީއެވެ. ޢާންމުކޮށް ވިސާހެއްދުމަށް ނަގާ ފީއަކީ 250 ޕައުންޑެވެ. އެހެންކަމުން "ފަރުވާކުޑަ" ކަމުގެ މިފަދަ އެތައް ކަމެއް ތަކުރާރުވެފައިވާނެކަމީ ވަރަށް ބޮޑަށް ޤަބޫލުކުރެވޭ ކަމެކެވެ.
މަތީތަޢުލީމާ ބެހޭ ވުޒާރާއެއް އުފެދި އެތަނުގެ ދަށުން މަތީ ތަޢުލީމާ ބެހޭ ޑިޕާޓްމަންޓެއް ހިނގަމުން ދާއިރު އެތަނުން ދޭ ޚިދުމަތްތަކާއި އިންތިޒާމުތައް މިހާރަށްވުރެ މާބޮޑަށްވެސް ރަނގަޅުވާން ޖެހޭނެއެވެ. ދިވެހިންނަށް މަތީ ތަޢުލީމުގެ އިތުރު ފުރުޞަތު ހޯދުމަށް މަސައްކަތްތައް ކުރެވެން ޖެހޭނެއެވެ. މަތީ ތަޢުލީމު ހޯދަމުންދާ ދަރިވަރުންގެ ކިޔެވުމުގެ ކަންތައްތައް ދާނުދާ ގޮތް ބެލެންޖެހޭނެއެވެ. އެކުދިންނަށް ކޮށްދޭން ޖެހޭ ކަންތައްތައް މިހާރަށްވުރެ ރަނގަޅަށް ކުރެވެންޖެހޭނެއެވެ. ފަރުވާ ކުޑަވުމުގެ ސަބަބުން ބޭކާރު ޚަރަދު ވިޔަ ދީގެންނުވާނެއެވެ. މިކަންތައްތައް މިހާރަށްވުރެ ރަނގަޅު ނުކުރެވޭނަމަ މަތީ ތަޢުލީމާ ބެހޭ ވުޒާރާއާ ދެކޮޅަށް ކުރެވޭ ޝަކުވާގެ އަޑު މަޑުވުމެއް ނެތެވެ. ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved