26 February 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ޤާނޫނު އަސާސީ ޑްރާފްޓްކުރުމާއި ޕެޓިޝަނުގެ ވަބާ!
26/02/2006 | އިބުނު އަޙްމަދު | އީ-މެއިލް
ވިހިވަނަ ޤަރުނުގެ މެދުތެރޭގައި ފަރަންސޭސިވިލާތުގައި ތިންފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ ހެންރީ ކިއުލް ވިދާޅުވެފައިވެއެވެ. "ޕޮލިޓިކްސްއަކީ ހުނަރެކެވެ. އެއީ ކަންކަން ލަސްކުރަމުން ކުރަމުން ގޮސް އެކަމެއް ނެތިގެންދާވަރަށް ލަސްކުރަން އެގޭ އެގުމެވެ." ދިވެހި ސިޔާސީ އުދަރެހަށް ނަޒަރު ހިންގާލި ކޮންމެ މީހަކަށް މިއީ އޭގައި އޮށްޓަރު ހުރި ވިދާޅުވުމެއްކަން ސާބިތުވާ އެތަކެއް ހެކިތަކެއް ފެންނާނެއެވެ.
މިހިނދުން މިހިނދަށް އެކަމެއްގެ އަޑު މުޅި ޤައުމުގައި ގުގުމާލާފައިވާ އަޑަކީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އަޑެވެ. ކޯރަމް ހަމަނުވެގެން ޖަލްސާ ނުބޭއްވިގެން އުޅޭތީއެވެ. ސަލާމަތީ ކަންތައްތައް ހުރި ގޮތުން ޖަލްސާތައް ކެންސަލްކޮށް ލަސްކުރަމުންދާތީއެވެ. ވަކި މާއްދާތަކެއް ފާސްކުރުމަށް މެންބަރުންތަކެއް މިންނެތް މަސައްކަތްތަކެއް ކުރައްވަމުން، ނުރުހިއްޖެ ހިނދެއްގައި ޖަލްސާތަކުން "ވޯކްއައުޓް" ކުރައްވާތީއެވެ. އެމާއްދާތަކަށް ބަޙުސް ނުކުރުމަށް އެދި މެންބަރުންތަކެއް "ޕެޓިޝަނެއް"ގައި ސޮއިކޮށް މަޖިލީހަށް ހުށަހަޅައިގެން އުޅޭތީއެވެ. އަދި އެމެންބަރުން އެމާއްދާތަކަށް ބަޙުސް ކުރައްވަން ބޭނުންފުޅު ނުވާތީ މަޖިލީހަށް ޙާޟިރުނުވާތީއެވެ. ވަކިން ޚާއްޞަކޮށް ޤާނޫނު އަސާސީގެ ޑްރާފްޓަކަށްފަހު ޓްރާފްޓެއް ކުރެވެމުންދާތީއެވެ. މިދެންނެވި ހުރިހާ ކަމެއްވެސް ގުޅިފައިވަނީ އަދު ދިވެހި ޤައުމުގައި ހިނގަމުންދާ ސިޔާސީ ތަޅާފޮޅުންތަކާއެވެ. ތަންކޮޅެއް ތިލަކޮށް ދަންނަވާނަމަ "ސިޔާސީ، ޒާތީ" ޙަސަދައާއެވެ.
އެތެރެއާއި ބޭރުގެ ނުފޫޒުތައް އިތުރުވެ، ރައްޔިތުން ތިބީ ހަމަ ޙަޤީޤަތުގައިވެސް ބަދަލުތަކަކަށް ބޭނުންވެގެންކަން ރައީސް މައުމޫނަށް ވިސްނިވަޑައިގަތުމުން 2004 ވަނަ އަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ޤާނޫނު އަސާސީ އިސްލާޙުކޮށް ސިޔާސީ ބަދަލުތަކެއް ގެންނަވަން ޤަސްތުކުރައްވާކަން ހާމަ ކުރެއްވިއެވެ. އޭގެ ފަހުން 9 ޖޫން 2004 ގައި ޤާނޫނު އަސާސީއަށް ގެންނަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އިސްލާޙުތައް ރައްޔިތުންނާއެކު ޙިއްސާ ކުރެއްވިއެވެ. އެމަނިކުފާނު ހާމަކުރެއްވި އިސްލާޙީ އެޖެންޑާ އަކީ އެއަށް އެތެރެއާއި ބޭރުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ އެޖެންޑާއެކެވެ. ސުވާލަކީ އަދުގެ ސަރުކާރަށް އިސްލާޙީ އެޖެންޑާއާއެކު ރައްޔިތުން ބޭނުންވާ މަންޒިލް މަޤުޞޫދަށް ވާޞިލްވެވޭތޯއެވެ؟
ދިވެހިރާއްޖޭގައި ހުންނަ ޔޫ.އެން.ޑީ.ޕީ ގެ އޮފީހުން 17 މޭ 2004 ގައި ނެރެފައިވާ ނޫސްބަޔާނެއްގައިވާގޮތުން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާޙުތައް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ލޯ ސޮސައިޓީއާއި އެޖަމްޢިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއި ކުރެވިފައެވެ. އެ ނޫސްބަޔާނުގައިވާ ގޮތުން ޔޫ.އެން.ޑީ.ޕީ އާއި ލޯ ސޮސައިޓީ ގުޅިގެން އެމަސައްކަތް ކުރައްވަން ހަމަޖެއްސެވީ 2004 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވާދެއްވަމުން ޤާނޫނު އަސާސީ އިސްލާޙުކުރުމުގެ މަސައްކަތް ކުރެއްވުމަށް ޤަސްތުކުރައްވާކަން ހާމަކުރައްވާފައިވުމާއެކު އެކަމަށް އެއްބާރުލުމުގެ ގޮތުންނެވެ. އެހެންކަމުން މިހާރު އެޑްރާފްޓެއްގެ ވާހަކަ ފެންމަތިވެގެން އުޅޭ ޤާނޫނު އަސާސީގެ ޑްރާފްޓަކީ ސަރުކާރާއި އެއްވެސް ބެހުމެއްނެތި ޔޫ.އެން.ޑީ.ޕީ ގެ އެއްބާރުލުމާއެކު ލޯ ސޮސައިޓީން ތައްޔާރުކޮށްފައިވާ އެއްޗެއްކަން އެގެއެވެ. އަދި އެއީ ރައީސް މައުމޫނުގެ އެންގެވުމަކަށް އެންމެ 20 ދުވަހުގެ ތެރޭގައި ތައްޔާރު ކުރެވުނު އެއްޗެއް ނޫންކަންވެސް އެގެއެވެ. އެހެން ނަމަވެސް މިމަސައްކަތް ނިމުނު ތާރީޚާއި ފަހުން އެއަށް ވެގެން ދިޔަ ގޮތެއް ރަސްމީ ސިފައެއްގައި ޔޫ.އެން.ޑީ.ޕީން ހާމަކުރައްވާފައެއްނުވެއެވެ. ސުވާލަކީ މިދެންނެވި ޑްރާފްޓް ސަރުކާރަށް ހުށަހެޅުއްވުނީ ކޮން އިރަކުތޯއާއި އަދި އެއާމެދު ސަރުކާރުން ޢަމަލު ކުރެއްވީ ކހިނެއްތޯއެވެ؟ އަދި ސަރުކާރުން އެޑްރާފްޓް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރިޔާސަތާ ޙަވާލުކުރެއްވި ނަމަ އެއާމެދު ރިޔާސަތުން އަޅާނުލައި ދޫކޮށްލެއްވީ ކީއްވެތޯއެވެ؟ ނުވަތަ އެކަން މެންބަރުންގެ ސަމާލުކަމަށް ނުގެނައީ ކީއްވެގެންތޯއެވެ؟
މިދެންނެވި ޑްރާފްޓްގެ ވާހަކަ ފެންމަތިވެގެން ދިޔައީ ދިވެހި ސިޔާސީ އުދަރެހުން ދައްކާލި ކުލަވަރެއްގެ ސަބަބުންނެވެ. ހުރިހާ ޕާޓީތައް ބައިވެރިވާ ބައްދަލުވުމެއް ބޭއްވުމަށް ކޮމަންވެލްތުން ކުރި މަސައްކަތަށް އެމް.ޑީ.ޕީން އިޖާބަ ނުދިނުމާއި، ކޮމަންވެލްތުގެ އެހީއާއެކު ޑްރާފްޓްކުރާ ޤާނޫނު އަސާސީއަށް އެމް.ޑީ.ޕީގެ ބައިވެރިވުން ނުލިބުމުން އުފެދުނު ނުތަނަވަސްކަމެއްގެ ތެރެއިންނެވެ. ކަންތައްތައް ވެގެން ދިޔަ ގޮތުން ކޮމަންވެލްތުން އެމް.ޑީ.ޕީން ބޭނުންވާ ކަންތައްތަކަށް ސަރުކާރަށް ބާރު ނޭޅުމުގެ ސަބަބުން އެޕާޓީން ކޮމަންވެލްތާ ދޭތެރޭ ކޮންމެވެސްވަރެއްގެ ހިތްހަމަނުޖެހުމެއް އުފެދިފައިވުމަކީ މީގެ މައިގަނޑު ސަބަބަކަށްވުން އެކަށީގެންވެއެވެ.
ލޯ ސޮސައިޓީން ތައްޔާރުކުރި ޤާނޫނު އަސާސީގެ ޑްރާފްޓް ސަރުކާރުން "އަންބޮޑިއަށް" ލައިގެން އުޅޭކަމުގެ ވާހަކަ އެމް.ޑީ.ޕީން ދައްކާއިރު އެޕާޓީއަށް މިދެންނެވި ޑްރާފްޓްގެ ކަންތައްތައް ނޭގި އޮތުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ސަބަބަކީ އެމް.ޑީ.ޕީގެ ވަރަށް އިސްކޮށް ޙަރަކާތްތެރިވާ ބައެއް ބޭފުޅުންނަކީ ލޯ ސޮސައިޓީގައި ވެސް އިސްކޮށް ޙަރަކާތްތެރިވަމުންދާ މެންބަރުންނެވެ. އެހެންކަމުން އެޕާޓީއަށް މިދެންނެވި ޑްރާފްޓްގެ ކަންތައް ނޭގި އޮތުމަކީ އެތަކެއް ސުވާލު އުފެދޭކަމެކެވެ.
އެމް.ޑީ.ޕީން ފަށާފައިވާ "ފުރަތަމަ ބަދަލު"ގެ ކެމްޕޭން ފެށުމުގެ ގޮތުން އެޕާޓީން ބޭއްވި ޢާންމު ބައްދަލުވުމެއްގައި ޕާޓީގެ ރައީސް އިބްރާހިމް އިސްމާޢިލް ވިދާޅުވީ ލޯ ސޮސައިޓީން ތައްޔާރު ކުރައްވާފައިވާ ޤާނޫނު އަސާސީގެ ޑްރާފްޓް އަސްލަކަށް ބައްލަވައިގެން އެމް.ޑީ.ޕީ ގެ ޤާނޫނީ ބޭފުޅުން އާ ޑްރާފްޓެއް ތައްޔާރުކޮށް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެއެވެ. މިވިދާޅުވުމާއި ގުޅިގެންވެސް އުފެދިގެން ދަނީ ސުވާލު ބޮޑިވަރެކެވެ. ޤާނޫނު އަސާސީގެ ޑްރާފްޓެއް ތައްޔާރު ކުރުމުގެ ޚިޔާލު ޕާޓީ އުފެދުނުތާ އެތަކެއް މަސްތަކެއްފަހުން ޕާޓީގެ ތެރޭގައި މިއުފެދުނީ ކީއްވެގެންތޯއެވެ؟ އެކަމަށް އެހާ ގިނަ ދުވަސްތަކެއް ނެގީ ޕާޓީން އެކަމަށް އެހާބޮޑު ސަމާލުކަމެއް ނުދޭތީތޯއެވެ؟ ޕާޓީން ތައްޔާރު ކުރާ ޤާނޫނު އަސާސީގެ ޑްރާފްޓްގެ އަސްލަކަށް ލޯ ސޮސައިޓީން ތައްޔާރު ކުރައްވާފައިވާ ޑްރާފްޓް ބައްލަވަނީ ކީއްވެގެންތޯއެވެ؟ އޭގެ ބަދަލުގައި ލޯސޮސައިޓީން ތައްޔާރު ކުރައްވާފައިވާ ޤާނޫނު އަސާސީގެ ޑްރާފްޓަށް ތާޢީދުކޮށް އެޑްރާފްޓް މަޖިލީހުގެ ތެރެއަށް ގެންނަން ބޭނުން ނުވަނީ ކީއްވެތޯއެވެ؟
މިހާރު ކަންތައްތައް ވަމުން ދާ ގޮތުން ލަފާކުރެވެނީ ޤާނޫނު އަސާސީގެ ޑްރާފްޓް ހެދުމުގެ ވަބާއެއް ފެށެން އުޅެނީހެންނެވެ. އެމް.ޑީ.ޕީން ޤާނޫނު އަސާސީގެ ޑްރާފްޓެއް ތައްޔާރުކޮށް ހުށަހަޅާއިރަށް ޑީ.އާރު.ޕީންވެސް އެއްޗެއް ހަށަނާޅާނެ ކަމެއް ނޭގެއެވެ. އެމް.ޑީ.ޕީއާއި ޑީ.އާރު.ޕީގެ ޑްރާފްޓްތަކުގައި ދީނީ ކަންތަކަކަށް ދީފައިވާ ސަމާލުކަން ކުޑައޭ ބުނެ އަދާލަތު ޕާޓިންވެސް ޤާނޫނު އަސާސީ ޑްރާފްޓް ކުރަން އުޅެފާނެއެވެ. ޢަމަލުވާ ތަކެތި ބޭނުންކޮށް ވިއްކާ މީހުންނަށް ދެވޭ އަދަބު މާ ކުޑައޭ ބުނެ އައި.ޑީ.ޕީންވެސް ޤާނޫނު އަސާސީގެ ޑްރާފްޓެއް ތައްޔާރު ކުރަން ނޫޅޭނެ ކަމެއް ނޭގެއެވެ. ޔަޤީނާ ގާތަށް ޤަބޫލު ކުރެވެނީ ލޯ ސޮސައިޓީން ތައްޔާރުކޮށްފައިވާ ޑްރާފްޓަށް އެމް.ޑީ.ޕީއަށް ފެންނަ ބަދަލުތައް ގެނެސްގެން ހުށަހަޅާ ޑްރާފްޓަށް ޑީ.އާރު.ޕީން ތާޢީދު ނުކުރާނެކަމެވެ. އޭގެ ބަދަލުގައި ލޯ ސޮސައިޓީގެ ޑްރާފްޓް އެއޮތް ގޮތަށް ހުށަހަޅައިގެން މަޖިލީހުގެ ފްލޯގައި އެއަށް ބަދަލުތަކެއް ގެންނަން އެމް.ޑީ.ޕީން މަސައްކަތްކޮށްފި ނަމަ ކާމިޔާބު ވުމަކީ ވަރަށް ގާތްކަމެކެވެ. ނަމަވެސް އޭރުން ހުރިހާ ކުރެޑިޓެއް ލިބޭނީ ދަ ލޯ ސޮސައިޓީ އޮފް މޯލްޑިވްސް އަށް ދެއްތޯއެވެ؟
ޤާނޫނު އަސާސީ އިސްލާޙު ކުރުމުގެ މަސައްކަތަށް އަހަރަކަށްވުރެ ގިނަ ދުވަސްވަސްވެގެން ދިޔަ އިރު އުފެދިފައިވާ ކޯޅުންތަކާއި ނެގިފައިވާ ނިޒާމީ ނުކުތާތަކުގެ ޢަދަދަށް ނަޒރު ހިންގާލާއިރު މަޖިލީސް އޮތީ ރައްޔިތުން ބޭނުންވާ ފަދަ ރޫޙަކާއެކު މަސައްކަތް ކުރެވޭ ފަދަ އެކުވެރި މާޙައުލެއްގައެއްނޫނެވެ. މިހާރު ތައްޔާރުކުރެވިފައިވާ އަދި ތައްޔާރު ކުރެވެމުންދާ ޤާނޫނު އަސާސީގެ ހުރިހާ ޑްރާފްޓްތަކެއް ހުށަހެޅުނަސް މިދެންނެވި ބައްޔަށް ފަރުވާއެއް އޮތް ހެނެއް ހިއެއްނުވެއެވެ. ނަމަވެސް ވަކި އިންތިޚާބަކާ ނުލާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި ރައީސުލް ޖުމްހޫރިއްޔާގެ މެންބަރުން މަޖިލީހުން ބޭރުކޮށް ޚާއްޞަ މަޖިލީހަށް ސީދާ އިންތިޚާބުވެފައި ތިއްބެވި 42 މެންބަރުން އެކަމަށް މަސައްކަތް ކުރައްވައިފި ނަމަ ބޭނުންވެގެން މިއުޅޭ ބަދަލުތައް ގެނައުން ހަލުވި ކުރެވިދާނެއެވެ.
ޤާނޫނު އަސާސީގެ ޑްރާފްޓް ތައްޔާރު ކުރުމުގެ ފޯވައްސެއް ފެށިގެން އުޅޭއިރު "ޕެޓިޝަން"ގެ މޫސުމެއްވެސް ދިވެހިންނާ މިވަނީ ކުރިމަތިވެފައެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެޖެންޑާ ބަދަލު ކުރުމަށް މެންބަރުން ޕެޓިޝަން ހުށަހެޅުއްވިއިރު ޚާއްޞަ މަޖިލީހުގައި ތިއްބެވި ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރުން ވަކި ކުރުމަށްވެސް ޕެޓިޝަނެއްގައި ދަނީ ސޮއި ކުރެވެމުންނެވެ. މީގެ އިތުރުން ވިއްސަކަށް މީހުން އެއްވެގެން ވެސް ޕެޓިޝަން ތައްޔާރުކޮށް ހުށަހެޅުމަކީ މިހާރު ވަރަށް ޢާންމު ކަމަކަށް ވެއްޖެއެވެ.
ކަންތައްތައް ކޮންމެ ގޮތަކަށް ހިނގަމުން ދިޔަ ނަމަވެސް އެގޭ އެއްޗަކީ ދިވެހިން ބަދަލުތަކަކަށް ބޭނުންވާކަމެވެ. ރާއްޖެއަށް ބަދަލުތަކެއް އަންނަން އެބަޖެހޭ ކަމެވެ. މިކަން ލަސްވަމުން ދިގުލަމުން ދާވަރަކަށް ޢާންމު ރައްޔިތުންގެ އިތުބާރުވެސް މިކަމުގައި ދާނީ ގެއްލެމުންނެވެ. ޒާތީ ޙަސަދައާއި ދިމާކުރުން ތަކުރާރުވަމުން ދާނަމަ ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް އިތުރު 17 އަހަރު ނުނަގާނެ ބާވައޭ ސުވާލުއުފެދެއެވެ. ސަރުކާރުން ބޭނުން ގޮތަކަށް ބަދަލުތަކެއް ގެންނަން ހިތަކަށް ލިބިފައި އޮތް އިރުވެސް ޤާނޫނު އަސާސީއެއް އެކުލަވައިލައި ނިމުނީ 17 އަހަރުން ވިއްޔާއެވެ. ފަހަރުގައި ހެންރީ ކިއުލް ވިދާޅުވެފައިވާ ހުނަރު ދިވެހި ސިޔާސީ ބޭފުޅުންގެ ކިބައިގައި މާ ގަދައީ ކަމަށް ވެދާނެއެވެ. ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved