12 March 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

އެމް.ޑީ.ޕީގެ ކޮންމެ ކަތި ފިޔަވަޅެއްގެ ފައިދާ ޑީ.އާރު.ޕީއަށް
11/03/2006 | އިބުނު އަހްމަދު | އީ-މެއިލް
ފާއިތުވެގެން ދިޔަ މަހެއްހާ ދުވަހަކީ އަނެއްކާވެސް ދިވެހި ސިޔާސީ އުދަރެހުން އާކުލަތަކެއް ފާއްދާލި ދުވަސްތަކެކެވެ. ޤާނޫނު އަސާސީ އިސްލާޙު ކުރުމަށް އެއްކޮށްފައިވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ދެކެން ބޭނުން ނުވާ އެތައް ކަމެއް ތަމްސީލުވެގެން ދިޔަ ދުވަސްތަކެވެ. ސިޔާސީ ޕާޓީތަކުގެ އޮއިވަރު ބަދަލުވެދާނެ ކަމުގެ ކޮޅުމަތި ފެނުނު ދުވަސްތަކެކެވެ. މިކަންތައްތަކުން އިތުރުވެގެން ދަނީ މާޔޫސް ކަމެވެ. އެހެން ނަމަވެސް ޤަބޫލު ކުރަން ޖެހޭ ކަމަކީ ދިވެހި ސިޔާސީ މަސްރަހަށް އަންނަމުން މިދާ ބަދަލުތަކަކީ ރާއްޖެއަށް ޑިމޮކްރަސީ އާވުމުގެ ސަބަބުން ދިމާވެގެން އުޅޭ މައްސަލަތަކެކެވެ. ދިވެހި ސިޔާސީ ބޭފުޅުންނަށް، ވަކިން ޚާއްޞަކޮށް އިދިކޮޅު ފަރާތްތަކަށް ޑިމޮކްރަސީގެ ޢުސޫލުތަކަށް ތަބާވެގެން ކުރިއަށް ދިއުމަށް ދަތިވާތީ މެދުވެރިވެގެން އުޅޭ ގޮތެކެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ އަކީ ސަރުކާރަށް އެތައްކަމެއްގައި ބާރު ބޮޑުކުރަމުން އައި ޕާޓީއެވެ. އަދިވެސް އެޕާޓީ އޮތީ އެގޮތުގައެވެ. ނަމަވެސް އެމް.ޑީ.ޕީގެ ތެރެއިން ފެންނަ މަންޒަރުތަކާއި އިވެމުންދާ އަޑުތަކަށް ބަލާއިރު އެޕާޓީއަށް، އެޕާޓިގެ މެންބަރުން އުއްމީދު ކުރިވަރާ ގާތަށްވެސް ކުރިއަކަށް ނުދެވެއެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަމުންދާ ބަދަލުތަކުންވެސް ސަރުކާރުން އެޕާޓީއާމެދު އޮތް ބިރު ކުޑަވެއްޖެހެން ހީވެއެވެ.
އެމް.ޑީ.ޕީގެ ތެރޭގައި ހަމަޖެހުން ކުޑަވެ، ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެއީ ޙަޤީޤަތަކަށް ވާނަމަ އެކަމުގެ ޒިންމާ ޕާޓީގެ ވެރިން ނަންގަވަން ޖެހޭނެއެވެ. ޕާޓީގެ ކޮންގްރެސް ނިމިގެން ދިޔަ ހިސާބުން ފެށިގެން ކަންތައް ވަމުން ދަނީ ޕާޓީ ވަކި ލީޑަރޝިޕެއްގެ ދަށުގައި ޙަރަކާތްތެރިވުމަށް ހުރަސް އެޅޭ ފަދަ ގޮތަކަށެވެ. ވާދަވެރި، ނަމަވެސް ޙަސަދަވެރި އިންތިޚާބަކަށް ފަހު އިބްރާހިމް އިސްމާޢިލް އެކުލަވާލި ޝެޑޯ ކެބިނެޓަކީ ހުރިހާ ގޮތަކުންވެސް އިބްރާއަށް ކުރިމަތިވި ގޮންޖެހުމެކެވެ. ޕާޓީގެ ނުފޫޒު ގަދަ ބައެއް ފަރާތްތަކުން ޝެޑޯ ކެބިނެޓްގެ މަޤާމްތައް ޤަބޫލު ނުކުރުމުގެ އިތުރަށް ވަކި ފަރާތެއްގެ ނުފޫޒުގައި ޝެޑޯ ކެބިނެޓަށް މެންބަރުން އައްޔަން ކުރަން ޖެހުމަކީ ލީޑަރޝިޕް ބަލިކަށިވާން ފެށުމުގެ ސަބަބެވެ. އެއާއެކު ޕާޓީގެ ޗެއަރމަން އަންނިގެ ބަސް ޝެޑޯ ކެބިނެޓްގެ ބޭފުޅުންގެ މައްޗަށް ގަދަވުމުގެ ނަތިޖާއަކީ އިބްރާއާއި ޝެޑޯ ކެބިނެޓުގެ މެންބަރުންނާ އޮންނަންވާ ގުޅުން ކުޑަވެގެން ދިއުމެވެ. އެކަމުގެ ހެކި ފާއިތުވެގެން މިދިޔަ މަދު މަސްތަކެއްގެ ތެރޭގައިވެސް ފާޅުވެގެން ހިގައްޖެއެވެ. އެންމެ ފުރަތަމަ ޝެޑޯ ކެބިނެޓްގެ ޑިފެންސް މިނިސްޓަރަކަސް އިބްރާ ހުށަހެޅި ކޮށީގެ ޢަބްދުﷲ ސަޢީދުގެ ނަން ޤައުމީ މަޖިލީހުން ދެކޮޅު ހެދީއެވެ. ޢާންމުކޮށް ހުޅުވާލެވިގެން ބޭއްވުނު މިބައްދަލުވުމުގައި އިބްރާގެ ޝެޑޯ ކެބިނެޓްގެ ގިނަ މެންބަރުން އިބްރާއާ ދެކޮޅަށް ވޯޓް ދެއްވުމުގެ އިތުރަށް ޢަބްދުﷲ ސަޢީދުގެ ނަން ހުށްހެޅުމަށް ޝެޑޯ ކެބިނެޓްގެ މެންބަރުންގެ ޚިޔާލު ނުހޯދާ ކަމަށް ޢާންމު މެންބަރުންގެ ކުރިމަތީގައި އެބޭފުޅުން ހާމަކުރެއްވި ކުރެއްވުމަކީ ޕާޓީތެރޭގައި ނުތަނަވަސްކަން އުފެދިފައިވާކަން ހާމަވެގެން ދިޔަ ކަމެކެވެ. ދެން ފެނިގެން ދިޔައީ އިބްރާއާއި އަންނިގެ ކޯޅުމެކެވެ. ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށް އިބްރާގެ ނުރުހުމުގައި އަންނި ގޮވުމުން، އިބްރާގެ ޝެޑޯ ކެބިނެޓުގެ މެންބަރުންނަށް އެންގީ އެބައްދަލުވުމަށް ނުދިއުމަށެވެ. ނަމަވެސް ޝެޑޯ ކެބިނެޓްގެ ގިނަ މެންބަރުން އެބައްދަލުވުމަށް ޙާޒިރުވުމުން އިބްރާވަނީ އިސްތިޢުފާ ދީފާނެ ކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ. މިސިލްސިލާގައި އެންމެ ފަހުން ތަމްސީލުވެގެން ދިޔައީ ބޯހިމެނުނުން ބޮއިކޮޓްކުރުމަށް އިބްރާ ހުށަހެޅި ހުށަހެޅުމަށް ޤައުމީ މަޖިލީހުން ދެކޮޅު ހެދިހެދުމެވެ. އިބްރާއާ ދެކޮޅަށް ވޯޓް ދިން މެންބަރުންގެ ތެރޭގައި ގިނަ ޢަދަދަކަށް ޝެޑޯ ކެބިނެޓްގެ މެންބަރުންވެސް ހިމެނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތަކަށް ވިސްނާލާއިރު ޝެޑޯ ކެބިނެޓުން އިބްރާއަށް ލިބޭ މާބޮޑު ފައިދާއެއްނެތެވެ. ކަންކަން މިގޮތަށް ވެގެން ދިއުމުގައި އުފެދިފައިވާ ނުތަނަވަސްކަމުގައި އިބްރާއަށް ކަންތައް ކުރެވޭގޮތް ރަނގަޅު ނުވުމީ މިކަމުގެ މައިގަނޑު ސަބަބެވެ. ޕާލިމަންޓްރީ ސިސްޓަމް އޮންނަ ޤައުމުތަކުގައި އުސޫލެއްގެ ގޮތުން ޕާޓިގެ ލީޑަރޝިޕުން ޤައުމީ މަޖިލީހުން ކަމެއް ފާސްކުރުމަށް ހުށަހަޅަންވާނީ ޝެޑޯ ކެބިނެޓްގައި މަޝްވަރާކުރެވިގެން އެބޭފުޅުންގެ އެއްބާރު ލުމާ އެކުގައެވެ. އޭރުން ޕާޓީގެ ލީޑަރޝިޕްގެ ހަރުދަނާކަން ފެނިގެންދާނެއެވެ. ނަމަވެސް ހިގައިދިޔަ ގިނަ ކަންތައްތަކުގައި އިބްރާއަށް ޝެޑޯ ކެބިނެޓާ މަޝްވަރާ ނުކުރެވުމުގެ ނަތީޖާއަކީ ޕާޓީއަށް ޢާންމުން ކުރާ އިތުބާރު، ވަކިން ޚާއްޞަކޮށް ޕާޓީގެ މެންބަރުން ކުރާ އިތުބާރު ކުޑަވެގެން ދިއުމެވެ. މިއީ އިބްރާގެ ސިޔާސީ ތަޖުރިބާ ކުޑަވުމާއި ޕާލިމެންޓްރީ ނިޒާމުގެ އަސާސީ ޢުސޫލުތަކަށް އިޙްތިރާމް ނުކުރެވުމުގެ ސަބަބުން މެދުވެރިވެގެން އުޅޭ ކަމެކެވެ.
ޕާޓީގެ މުގުލުގައި އަންނި ހުރުމަކީވެސް އިބްރާއަށް ކުރިއަށް ދިއުމަށް އެޅިފައިވާ ހުރަހެކެވެ. ޤައުމީ މަޖިލީހުގެ ބައްދަލުވުންތަކާއި ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުންތަކުގައި އަންނި ބައިވެރިވާހާ ހިނދަކު އިބްރާއަށް އަންނިގެ ތާޢީދުނެތި އިބްރާ ބޭނުންވާ ސިޔާސަތުތަކާއެކު ކުރިއަށް ދިއުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ކަންކަން ވަމުންދާ ގޮތުން ސަރުކާރަށްވެސް އެކަން ވަރަށް ރަނގަޅަށް ވިސްނޭހެން ހީވެއެވެ. އަންނި ބަންދުކޮށްފައި ބެހެއްޓުމަކީ އަންނިއަށް ޕާޓީގެ ލީޑަރުގެ ޙައިސިއްޔަތުން ޙަރަކާތްތެރިވެ، ކުރިއަށް ދިއުމަށް އޮތް ހުރަހެވެ. ހަމައެއާއެކު އަންނި ގޭބަންދުގައި ހުރެގެން ޤައުމީ މަޖިލީހުގެ ޖަލްސާތަކަށާއި، ޤައުމީ ހިންގާ ކޮމެޓީގެ ބައްދަލުވުންތަކަށް ސަރުކާރުން ދޫކުރާ ކުރުމަކީ އެމް،ޑީ،ޕީ ގެ ލީޑަރޝިޕާއިގެން ކުރިއަށް ދިއުމަށް އިބްރާއަށް ކުރިމަތިވަމުންދާ އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންކަމުން އަންނި ޖަލަށް ނުފޮނުވައި، މިނިވަންވެސް ނުކޮށް ގޭބަންދުގައި ބެހެއްޓުމަކީ އެމް.ޑީ.ޕީއަށް އޭގެ ގެއްލުން ފޯރަމުންދާ ކަމެކެވެ.
އެމް.ޑީ.ޕީގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ފައިދާ ވެރިކަންކުރާ ދިވެހިރައްޔިތުންގެ ޕާޓީ، ޑީ.އާރު.ޕީން ވަރަށް ރަނގަޅަށް ނަގަމުންދާތީ ފެނެއެވެ. އެމް.ޑީ.ޕީއާ ޚިލާފަށް ޑީ.އާރު.ޕީން ޖަލްސާތަކުގައި ވާހަކަ ދައްކުވަނީ މޮޅެތި ވާހަކަދެއްކުންތެރިން ލައްވައެވެ. ސްކޫލު ދައުރުގައި އެތައް ފަހަރަކު ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުން 1 ވަނަ ހޯދައިފައިވާ މުޙައްމަދު އިކްރާމްވެފައިވަނީ އެޕާޓީގެ ޖަލްސާތަކުގެ އެންމެ ބޮޑު ހިޓަށެވެ. ޢިމާދު ޞޯލިޙަކީވެސް ވާހަކަދެއްކުމާއި ބަޙުސް މުބާރާތްތަކުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު ވަނަ ހޯދާފައިވާ ޓީމްތަކުގެ މެންބަރެކެވެ. އެހެންމަކުން ހަޑިހުތުރު ބަހުރުވައިން އިދިކޮޅު ފަރާތްތަކަށް ޙަމަލާ ނުދީ އެޕާޓިގެ ސިޔާސަތުތައް ޖަލްސާތަކަށް ދާ ފަރާތްތަކުގެ ސިކުޑިތަކަށް އެބޭފުޅުން ވައްދަވާކަމީ ހައިރާންވާންވީ ކަމެއްނޫނެވެ. އެމް.ޑީ.ޕީގައިވެސް ކުޅަދާނަ ވާހަކަދެއްކުންތެރިން އެބަތިއްބެވެ. އެހެން ނަމަވެސް މުޙައްމަދު ނަޝީދު (ކާނަލް) ފަދަ ވާހަކަދެއްކުންތެރިންގެ ފައިދާ އެމް.ޑީ.ޕީއަށް ނުހިފުމުގެ ނަތީޖާއަކީ މެދު މިންވަރެއްގެ ޚިޔާލުގެ ގިނަ ބައަކު އެމް.ޑީ.ޕީއާމެދު ފޫހިވުމެވެ. އަދުގެ ސަރުކާރުގެ މަސްއޫލުވެރި ބޭބޭފުޅުންގެ އަބުރާ ބެހި، ޖަނަވާރުންތަކެއްގެ ގޮތުގައި ސިފަކުރާ ކުރުމަކީ ރީތި އަޚްލާޤަށް ލޯބިކުރާ ފަރާތްތަކަށް ޑީ.އާރު.ޕީއާ ދިމާއަށް މޫނު އަބުރަމުން ދިއުމުގެ އެއްސަބަބެވެ.
ދިވެހި ސިޔާސީ މަސްރަޙުގައި އެމް.ޑީ.ޕީގެ ބާރު ކުޑަވެފައިވާކަމަށް ސަރުކާރުން ވަރަށް ބޮޑަށް ޤަބޫލު ކުރާކަމުގެ ޢަލާމާތްތަކެއް ދަނީ ފެންނަމުންނެވެ. އިސްލާޙީ އެޖެންޑާގެ މަގުޗާޓު 3 އަހަރަށް ދިގުދެމިގެންދާ ގޮތަށް ތައްޔާރު ކުރައްވަމުން ގެންދިއުމާއި، އައްޑޫގައި ތަރައްޤީ ކުރުމަށް ކަޑައެޅުއްވި ރިސޯޓްތަކުގެ ބީލަންތައް ބާޠިލްކުރައްވައި އެކަން އިތުރަށް ލަސްކުރެއްވި ކުރެއްވުމަކީ މިކަމުގެ ހެކިތަކެވެ. އަދި ސަރުކާރުގެ އިސްމަޤާމުތަކުގައި ތިއްބެވި އެމް.ޑީ.ޕީއަށް ނިސްބަތްވާ ބޭފުޅުން މަޤާމުން ވަކި ކުރެއްވުމަކީވެސް އޭގެ ހެއްކެކެވެ. މިއީ ބައިނަލްއަޤްވާމީ ދުނިޔޭގައި އެމް.ޑީ.ޕީއަށް އޮތް ތާޢީދު ކުޑަވުމާއި، އެޕާޓީ ތެރޭގައި އުފެދެމުންދާ ނުތަނަވަސްކަމުގެ ސަބަބުން ސަރުކާރަށް ލިބެމުންދާ ފުރުޞަތުތަކެވެ.
ކަންތައްތައް ކޮންމެ ގޮތަކަށް ބަދަލުވަމުން ދިޔަނަމަވެސް އެމް.ޑީ.ޕީ ނިކަމެތިވެގެން ދިއުމަކީ ފުރިހަމަ ޑިމޮކްރެސީއަކަށް އޮތް ހުރަހެކެވެ. ސަބަބަކީ އެމް.ޑީ.ޕީ ފިޔަވައި ސަރުކާރުން ޖެހިލުންވާންޖެހޭ ވަރުގެ ޕާޓީއެއް ރާއްޖޭގައި ނެތުމެވެ. އަދި އެމް.ޑީ.ޕީ ނިކަމެތިވުމަކީ ޑިކޮމްރަސީއަށް ރައްޔިތުން ކުރާ އުއްމީދު ފަޑުވެގެން ދާނެކަމަކަށްވާތީވެސް މެއެވެ. ހަރުދަނާ ޑިމޮކްރަސީއެއް ޤާއިމް ކުރެވޭނީ ވަރުގަދަ އިދިކޮޅި ޕާޓީއެއްވެސް އޮވެގެންނެވެ. އެހެންކަމުން އެމް.ޑީ.ޕީއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޕާޓީގެ ލީޑަރޝިޕުން މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި މަސައްކަތްކުރަންޖެހެއެވެ. ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved