 |
|
ޑީ.އާރު.ޕީގެ ކޮންގްރެސްއިން ދިވެހި ސިޔާސީ މަސްރަޙަށް
އިންޤިލާބެއް ގެނުވަފާނެ!
04/04/2006
| އިބްނު އަޙްމަދު | އީ-މެއިލް
ދެހާސް ފަސްވަނަ އަހަރު ޖޫން މަހު ރައީސް މައުމޫނުގެ ރިޔާސީ
ޤަރާރަކުން ހުއްދަ ކުރެވުނު ޕާޓީ ނިޒާމުގެ ތެރެއިން ހަތަރު
ޕާޓީއެއް އުފެދި ޙަރަކާތްތެރި ވަމުން ދާއިރު މިހާތަނަށް
ކޮންގޮރެސް ބާއްވާ ޕާޓިގެ އިންތިޚާބު ބާއްވާފައިވަނީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިންނެވެ. ނަމަވެސް
ދިވެހިރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ) އާއި އަދާލަތު ޕާޓީގެ
ކޮންގްރެސް މިމަހުތެރޭގައި ބެއްވުމުގެ ތައްޔާރީތަށް މިހާރު ދަނީ
ކުރެވެމުންނެވެ. ޕާޓީތަކުގެ ކޮންގްރެސް ބޭއްވި
ނިމިގެންދާއިރުވެސް މާބޮޑު މާބޮޑު ބަދަލަކަށް އުއްމީދު ނުކުރާ
މީހުން ވަރަށް ގިނައެވެ. އަދި ވަކިން ޚާއްޞަކޮށް
ދިވެހިރައްޔިތުންގެ ޕާޓީގެ ކޮންގްރެސް އިން މާބޮޑު ބަދަލުތަކެއް
ފެނިގެން ނުދާނެ ކަމަށް ދެކޭ މީހުން ޚުދު އެޕާޓީގެ ތެރޭގައިވެސް
ވަރަށް ގިނައެވެ.
ޑީ.އާރު.ޕީގެ ކޮންގްރެސް އިން ޕާޓީގެ ޒަޢާމަތަށް މާބޮޑު
ބަދަލުތަކެއް ނާންނާނެކަމަށް ގިނަ ބައަކު ޤަބޫލުކުރިއަސް އެފަދަ
ބަދަލެއް ފެނިގެން ދިއުމަކީ ކަންކަން ވަމުން ދާ ގޮތުން ވުން ގާތް
ކަމެކެވެ. އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ޕާޓިގެ
ރައީސް ކަމަށް ކުރިމަތި ނުލެއްވުމަކީ ވެދާނެ ކަމެކެވެ.
މިދެންނެވި ބަދަލު ޑީ.އާރު.ޕީގެ ކޮންގްރެސް ތެރެއިން ފެނިގެން
ހިގައްޖެ ނަމަ އެކަން ވެގެން ދާނީ ދިވެހި ސިޔާސީ މަސްރަޙު
އެފުށްމިފުށަށް ޖެހިގެން ހިގައިދާނެ ބަދަލަކަށެވެ.
މައުމޫނު ޕާޓީގެ ރައީސްކަމަށް ކުރިމަތި ނުލައްވާނަމަ ދެން
އެމަޤާމަށް ވަޑައިގަންނަވާނީ ކޮން ބޭފުޅެއްބާވައެވެ؟
އަމިއްލަފުޅު ޕާޓީގައި ދެން އެމަނިކުފާނު ކުޅުއްވާނީ ކޮން
ރޯލެއްބާވައެވެ؟ އެކަމުގެ ސަބަބުން ޕާޓީގެ ސިޔާސަތުތަކަށް
އަންނާނީ ކޮން ބަދަލުތަކެއްބާވައެވެ؟ އެބަދަލުގެ ސަބަބުން ޕާޓީގެ
ކުރިއެރުމަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއް ބާވައެވެ؟ އެބަދަލާ
އެމް.ޑީ.ޕީން ކުރިމަތި ލާނީ ކިހިނެއްބާވައެވެ؟ މިއީ ހައްތާވެސް
އުފެދޭ ސުވާލުތަކެވެ. އަސްލު ޖަވާބު ހޯދުމަށް ޑީ.އާރު.ޕީގެ
ކޮންގްރެސް ނިމެންދެން މަޑުކޮށްލަން ޖެހޭ ސުވާލުތަކެވެ.
ދެހާސް ހަތަރު ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަދުވަހު ރައީސް
މައުމޫނު އިއުލާން ކުރެއްވި އިސްލާޙީ އެޖެންޑާއަށް ވިސްނާލާ ނަމަ
ދެންނެވޭނީ އެމަނިކުފާނު ޕާޓީގެ ރައީސްކަމުގެ މަޤާމަށް
ވަޑައިގަންނަވަން ބޭނުން ފުޅު ނުވުމަކީ ވަރަށް ގާތްކަމެއް
ކަމަށެވެ. އެމަނިކުފާނު ހުށަހަޅުއްވާފައި ވަނީ އިންޑިއާގައި
އޮންނަ ފަދަ ނިޒާމެއް ރާއްޖެއަށް ގެނައުމަށެވެ. އެއީ ދައުލަތުގެ
އެންމެ މަތީ ވެރިއަކަށް ރައީސަކު ހުންނަވާފައި ސަރުކާރު
ހިންގަވަން ބޮޑުވަޒީރަކު ހުންނެވުމެވެ. މިއީ ޑީ.އާރު.ޕީން
ރާއްޖޭގައި އޮންނަން ބޭނުންވާ ނިޒާމު ކަމުގައި ވަނީ ނަމަ ރައީސް
މައުމޫނު، ޕާޓިގެ ރައީސް ކަމަށް ވަޑައި ނުގެންނެވުމީ ވަރަށް
އެކަށީގެންވާ ކަމެކެވެ. އޭރުން ބޮޑަށް ޤަބޫލު ކުރެވެނީ
އެމަނިކުފާނު ހުންނަވާނީ ޕާޓީގެ ޒަޢީމްކަމުގެ މަޤާމުގައެވެ.
ޕާޓިގެ ރައީސްކަމަށް ވަޑައިގަންނަވާނީ ބޮޑުވަޒީރަކަށް
ވެވަޑައިގަންނަވާނެ ބޭފުޅެކެވެ. މިއީ ޕާޓީތެރޭގައި މިހާރަށް ވުރެ
ބޮޑު ރޫޙެއް އުފެދި ޕާޓީއަށް އިތުރު އާރޯކަން ގެނުވަފާނެ
ބަދަލަކަށް ވުމީ ވަރަށް ބޮޑަށް ޤަބޫލު ކުރެވޭ ކަމެކެވެ.
މައުމޫނު ޑީ.އާރު.ޕީގެ ރައީސްކަމަށް ކުރިމަތި ނުލައްވާނަމަ
ޕާޓީގެ ރައީސްއަކު ހޮވުމުގެ އިންތިޚާބު ވެގެންދާނީ ވަރަށް
ޝައުޤުވެރި ކުރުވަނިވި އިންތިޚާބަކަށެވެ. އެކަމަށް އެކަށީގެންވާ
ޢިލްމީ، ތަޖުރިބާހުރި، ކަމަށް ޤާބިލް އެތަކެއް ބޭފުޅުން
ތިއްބެވީމައެވެ.
ތުންތުން މަތިން ދެކެވޭ ވާހަކަތަކަށް ބަލާއިރު އެމަޤާމަށް
ކުރިމަތިލައްވަފާނެ ބޭފުޅުންގެ ތެރޭގައި އޮނަރަބަލް އިލްޔާސް
އިބްރާހިމް، އޮނަރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަދި
އޮނަރަބަލް ޤާސިމް އިބްރާހިމް ހިމެނެއެވެ. މީހުން ދައްކާހާ
ވާހަކަތަކަށް ނުބަލައި، އެބޭފުޅުންގެ ބޮލުގައި އެޅުވޭ
އިލްޒާމްތަކަށް ނުވިސްނައި އެއްޗެއް ދަންނަވާ ނަމަ ދެންނެވޭނީ
އިލްޔާސާއި، ޔާމީނަކީ ހިންގުންތެރިކަމުގެ ރޮގުން ބަލާއިރު
ކުޅަދާނަ ދެބޭފުޅުންނެވެ. އެދެބޭފުޅުން ހިންގެވި މިނިސްޓްރީތައް
ހޯދާފައިވާ ކާމިޔާބުތަކަށް ބަލައިލިޔަސް އެކަން ހެއްކަކަށް
ފުދޭނެއެވެ. ނަމަވެސް އެދެބޭފުޅުން ކުރިން ދެއްވާފައިވާ
އިންޓަވިއު ތަކުން އެގޭ ގޮތުގައި އެ ދެބޭފުޅުން ކުރެ ބޭފުޅެއް
ރާއްޖޭގެ ވެރިކަމަށް ޝައުޤުވެރިކަމެއް ނެތެވެ.
އޮނަރަބަލް ޤާސިމް އިބްރާހިމަކީ މިމަޤާމަށް އައުން ވަރަށް
އެކަށީގެންވާ ހަރުދަނާ ޝަޚުޞިއްޔަތެކެވެ. ރައްޔިތުންގެ ލޯތްބާއި
އިޙްތިރާމު ފުރިހަމައަށް ލިބިވަޑައިގެން ހުންނެވި ޤާސިމް
އެމަޤާމަށް އައުން ވެގެން ދާނީ އިދިކޮޅު ފަރާތްތަކަށް ވަރަށް
ބޮޑު ނުތަނަވަސް ކަމެއް ގެނުވާނެ ކަމަކަށެވެ. އަދުގެ
ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސަރުކާރާއި އިދިކޮޅު
ފަރާތްތަކުގެ ޙަމަލާ އަމާޒުކުރަން ނުކެރޭ ހަމައެކަނި ބޭފުޅަކީ
ޤާސިމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އިދިކޮޅު ޕާޓީތަކުން
ޤާސިމްއާމެދު ޖެހިލުން ވެއެވެ.
ކޮންމެ ބޭފުޅަކު ޕާޓީގެ ރައީސްކަމަށް ވަޑައިގެންނެވިޔަސް ޕާޓީގެ
ސިޔާސަތުތަކަށް މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަކަށް ޤަބޫލު
ނުކުރެވެއެވެ. އަދި ޕާޓީގެ ތެރޭގައި ރައީސް މައުމޫނަށް ލިބިދޭ
ޤަދަރާއި އިޙްތިރާމަށް ކުޑަވެސް ބަދަލެއް އަންނާނެކަމަކަށް
ޤަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުގެ
ސިޔާސަތުތަކަށް އެކަމުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ގެންނަން
ޖެހޭނެކަން ކަށަވަރެވެ. އެކަން ވެގެންދާނީ އިދިކޮޅު ޕާޓީތަކުގެ
އިޚްލާސްތެރިކަން ފާލުވެގެން ދާނެ ކަމަކަށެވެ. އަދި ރައީސް
މައުމޫނު އިޢުލާން ކުރެއްވި މަގުޗާޓުގެ ސަބަބުން ކުރިމަތިވި
ހުރަސްތަކަށް ވުރެ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެން ދާނެ
ކަމަކަށެވެ. މިފަދަ ބޮޑު ބަދަލަކާއެކު ޑީ.އާރު.ޕީން ހަރުދަނާ
ސިޔާސަތަކާއެކު ކުރިއަށް ދާނަމަ އެޕާޓީއަށް މާބޮޑު ގޮން
ޖެހުންތަކާ ކުރިމަތި ނުވުމަކީ ހަމަ އެކަށީގެންވާކަމެކެވެ.
ނަމަވެސް އެކަން ބިނާވެގެން ވަނީ ޕާޓީތެރޭގައި އޮންނަ
އެކުވެރިކަމަކާއި ޕާޓީގެ ރައީސްކަމަށް އަންނަ ބޭފުޅެއްގެ
އިޚްލާސްތެރިކަމެއްގެ މައްޗަށެވެ.
ޑީ.އާރު.ޕީގެ ކޮންގްރެސް ފެށެން ދެހަފްތާއެއްހާ ދުވަހަށް
ވެފައިވާއިރު މިދެންނެވި ފަދަ ކަމެއްގެ އަލާމާތެއް އަދި
ނުފެނެއެވެ. ކޮންމެއަކަސް ޑީ.އާރު.ޕީގެ ކޮންގްރެސް ވެގެން ދާނީ
ހަމައެކަނި މަޝްވަރާ މަޖިލީހަކަށެވެ. ނޫނީ ދިވެހި ޕޮލިޓިކްސްއަށް
ބޮޑު އިންޤިލާބެއް ގެނުވަފާނެ ޙަރަކާތަކަށެވެ. ނިމުނީ!
|
|
 |
|