 |
|
ޑީ.އާރު.ޕީގެ ވެރިއަކަށް ހުންނަވާނީ މައުމޫނު
02/04/2006
| އިބުނު އަޙްމަދު | އީ-މެއިލް
އަޅުގަނޑުގެ ކުރީގެ ލިޔުމެއްގައި ޑީ.އާރު.ޕީ ގެ ރައީސްކަމުގެ
މަޤާމަށް މައުމޫނު ޢަބްދުލް ޤައްޔޫމް ކުރިމަތި ނުލެއްވުމަކީ
އެކަށީގެންވާ ކަމެކޭ އަޅުގަނޑު ލިޔެފައިވާނެއެވެ. ނަމަވެސް
އެޕާޓީގެ ކޮންގްރެސް ފެށެން ނުވަދުވަހަށް ވެފައިވާއިރު ފެންނަ
މަންޒަރުތަކާއި އިވޭ އަޑުތަކުން ޔަޤީނާ ގާތަށް ޤަބޫލު ކުރެވެނީ
ޕާޓީގެ ޒަޢާމަތް އޮންނާނީ މައުމޫނުގެ އަތްމަތީގައި ކަމެވެ.
އެމަނިކުފާނަކީ ބާއޮޑިއެއްކަމަށް އެއްބަސްވެ ވަޑައިގެންނެވިޔަސް
ހިތްޕުޅު އަދިވެސް ވަނީ ވެރިކަމާ ޙަވާލުވިއިރޭ އެއްފަދައިން
ޒުވާންކަން މަތީގައި ކަމަށް ވިދާޅުވި ވިދާޅުވުމަކީ އޭގެ
ހެއްކަކަށް ވެދާނެއެވެ. އެއަށްވުރެ ބޮޑަށް ޕާޓީގެ ތެރޭގައި
ކެމްޕޭންގެ ހޫނު އަސަރު ފެންނަން ނެތުމަކީ މައުމޫނު ޕާޓީގެ
ޒަޢާމަތަށް ވަޑައިގަންނަވާނެ ކަމުގެ ހެއްކެކެވެ.
ޑީ.އާރު.ޕީގެ ކޮންގްރެސްގައި އިންތިޚާބު ކުރާނެ މަޤާމުތައް
އިޢުލާން ކުރުމުން އެމަޤާމުތައް ފެނިފައި އަޅުގަނޑު ކުޑަކޮށް
ހައިރާންވިއެވެ. އެޕާޓީގެ މަޤާމުތައް ހުރިގޮތުން އަޅުގަނޑަށް
ބޮޑަށް ސިފަވަނީ އެތަކެއް ޒަމާންތަކެއް ވަންދެން ޢަރަބި
ޤައުމުތަކުގައި ވެރިކަން ކުރި ބަޢަޘް ޕާޓީގެ މަތިންނެވެ.
އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސައިނަކީ ބަޢަޘް ޕާޓީގެ
ޢުސޫލު އެންމެ ގަދައަށް ހިފަހައްޓައިގެން ވެރިކަން ކުރި
ލީޑަރެވެ. ބަޢަޘް ޕާޓީގެ ވެރިކަން މިހާރު ހިނގަމުން ދަނީ
ސީރިއާގައި އެކަންޏެވެ. ބަޢަޘް ޕާޓީއަކީ ޕާޓީގެ ލީޑަރަށް ވަރަށް
ބޮޑު ބާރުތަކެއްދީ އޭނާގެ ވަށައިގެން ގިނަ ޢަދަދެއްގެ ނައިބުން
އައްޔަން ކޮށްފައި ތިބޭ ޕާޓީއެކެވެ.
ޑީ.އާރ.ޕީގެ ޒަޢާމަތް އެކުލެވިފައިވަނީ ޒަޢީމަކާއި، ޒަޢީމުގެ
ހަތަރު ނައިބުންގެ މައްޗަށެވެ. މިއީ ރައީސް މައުމޫނާއި
އެމަނިކުފާނުގެ ސަރުކާރުގެ މަސްލަޙަތަށް އެންމެ ރަނގަޅުގޮތް
ކަމަށް ވެދާނެއެވެ. އެމަނިކުފާނުގެ ޕާޓީގެ ޒަޢާމަތުގައި ހުރިހާ
ދުވަހަކު ހަތަރު ނާއިބުން ތިބުމަކީ މާބޮޑު މައްސަލައަކަށް
ނުވެދާނެއެވެ. ނަމަވެސް އެމަނިކުފާނު ޕާޓީގެ ޒަޢާމަތުން ވަކިވާ
ދުވަހަކުން ކަންތައްތައް ވެގެން ދާނީ ކިހިނަކުންތޯއެވެ؟
މައުމޫގެ ވެރިކަމަށް ތިން ދިހަ ފުރޭއިރު އެމަނިކުފާނުގެ
ވެރިކަމުން ފައިބާ ވަޑައިގަންނަވާ ދުވަހަކުން ވެރިކަމާއިގެން
ކުރިއަށް ވަޑައިގެންނަވާނޭ ފަދަ ޤާބިލް، ހިންގުންތެރިކަމުގެ
ތަޖުރިބާ ހުރި ހުރި، ރައްޔިތުންގެ ތާޢީދު ލިބިފައިވާ ބޭފުޅަކު
އަދި ފެންނާކަށް ނެތޭ ދެންނެވުމަކީ އެއްވެސް ބޭފުޅަކަށް ކުރެވޭ
ބޭއިންސާފެއް ކަމަކަށް ނުދެކެމެވެ. ހަމަ ޔަޤީނުންވެސް ހަރުދަނާ
ޝަޚުޞިއްޔަތުތަކެއް ދިވެހި ޤައުމުގައިވާނެއެވެ. ވެރިކަން ކުރެވޭ
ފަދަ ޤާބިލް ބޭފުޅުން ވާނެއެވެ. ނަމަވެސް ހުނި ޖަހާލާފައި
ނެގޭވަރުގެ ޝަޚުޞިއްޔަތެއް ނުވަތަ ޝަޚުޞިއްޔަތުތަކެއް ނެތުމަކީ
މައްސަލައެކެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުޙައްމަދު
ވެރިކަމަކީވެސް ދިގު، އެވެރިކަމެއްގައި ވަކި ނަސްލަކަށް
ސަމާލުކަން ދެވިފައިވި ވެރިކަމެކެވެ. ނަމަވެސް މަހާތީރުގެ
ވެރިކަމުގައި އަބަދުވެސް ވެރިކަމަށް ވަޑައިގެންނެވޭ ފަދަ
ތާޢީދަކާއި ޤާބިލްކަން ހުރި ބޭފުޅަކު ފެންނަން ހުއްޓެވެ.
ފުރަތަމަ ތާން ސްރީ މޫސާ ޚިތާމެވެ. އެއަށްފަހު އަންވަރު
އިބްރާހިމެވެ. އަންވަރު ބަންދު ކުރެއްވުމަށް ފަހު ހުންނެވީ
މިހާޜުގެ ބޮޑުވަޒީރު ޢަބްދުﷲ އަހުމަދު ބަދާވީއެވެ. މިއިން ކޮންމެ
ބޭފުޅަކީވެސް ރައްޔިތުންގެ ލޯތްބާއި ތާޢީދު ވަރަށް ފުރިހަމައަށް
ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މަހާތީރު ވެރިކަމުން ފައިބާ
ވަޑައިގަތަސް އެއްވެސް ހަމަނުޖެހުމެއް ނެތި ޤައުމާއިގެން
ކުރިއަށް ވަޑައިގެންނެވޭ ފަދަ ބޭފުޅުންނެވެ. މަހާތީރުގެ
އިސްތިޢުފާއަށް ފަހު ވެރިކަމާ ޙަވާލުވި ޢަބްދުﷲ ބަދާވީގެ
ފަރާތްޕުޅުން އެކަން ވަނީ ފެނިގެން ގޮސްފައެވެ. ދުނިޔޭގެ ކޮންމެ
ދިމާލަކަށް ބަލާލިޔަސް ޑިމޮކްރެޓިކް ކޮށް ވެރިކަން ކުރެވެމުންދާ
ޤައުމުތަކުގައި އެކަން ކުރެވެނީ މިދެންނެވި ގޮތަށެވެ. އިނގިރޭސި
ވިލާތުގައި ވެރިކަމުގެ އިންތިޒާރުގައި ގޯޑަން ބުރައުން
އެހުންނެވީ ތައްޔާރަށެވެ. އިނގިރޭސި ޢާންމުންގެ ތެރޭގައިވެސް
އަދި ވެރިކަން ކުރާ ލޭބަރ ޕާޓީގެ ތެރޭގައިވެސް ބޮޑުވަޒީރު ޓޯނީ
ބުލެއަރ އަށް ވުރެ މަޤުބޫލު ބޭފުޅަކަށް ވަނީ ޗާންސެލަރ ގޯޑަން
ބުރައުން އެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި މިދެންނެވި ފަދަ ބޭފުޅަކު އަދި
އަޅުގަނޑުމެންނަށް ފެނުމުގެ ނަސީބެއް ނުލިބެއެވެ. ޑީ.އާރު.ޕީގެ
ވެރިއަކަށް އެމަނިކުފާނު ހުންނަވައި އެހީތެރިންގެ ގޮތުގައި
ހަތަރު ނައިބުން ލެއްވުމަކީ ޑީ.އާރު.ޕީގެ ތެރެއިން މިފަދަ
ބޭފުޅަކު ފާޅުވުމުގެ ފުރުޞަތު ވަރަށް ހަނިވެގެންދާ ކަމެކެވެ.
ރައީސް މައުމޫނު ފިޔަވައި ޕާޓީގައި ތަފާތު ބާރުތަކެއް ލިބައިވާ
ފަރާތެއް ނުހުންނާނެތީއެވެ. އަދި އެއްވަރެއްގެ ހަތަރު ބޭފުޅުން
ތިއްބެވުމުން މައްސަލަ ޖެހުމުގެ ފުރުޞަތު އިތުރުވެގެން ދާތީވެސް
މެއެވެ. މިކަމުގެ އަސަރު ފެންނާނީ ރައީސް މައުމޫނު ވެރިކަމުން
ފައިބާ ވަޑައިގަންނަވާ ދުވަހަކުންނެވެ. ނުވަތަ ޑީ.އާރު.ޕީގެ
ޒަޢީމުކަމުން ވަކިވެވަޑައިގަންނަވާ ދުވަހަކުންނެވެ.
ކޮންމެއަކަސް ޑީ.އާރު.ޕީގެ ކޮންގްރެސް އާމެދު މިހާރު އެއްކަމެއް
ޔަޤީނާ ގާތަށް ޤަބޫލު ކުރެވެއެވެ. އެއީ މައުމޫގެ ވެރިކަމުގައި
ހައިރާން ކުރުވަނިވި ކަމެއް ނުފެންނަ ފަދައިން ޑީ.އާރު.ޕީގެ
ކޮންގްރެސްގައިވެސް އެފަދަ ކަމެއް ފެނިގެން ނުދާނެ ކަމެވެ.
އެތަނުގައި ކަންތައްތައް ދާނީ ބޮޑަށް މަޝްވަރާ މަޖިލީހެއްގެ
ގޮތުގައިކަމެވެ. އަދި ޕާޓީގެ ވެރިއަކަށް ވަވަޑައިގަންނަވާނީ
އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ކަމެވެ. އެހެންކަމުން
އެމް.ޑީ.ޕީ ކޮންގްރެސްއަށް ދެވުނު ފަދަ ސަމާލުކަމެއް
ޑީ.އާރު.ޕީގެ ކޮންގްރެސްއަކަށް އަޅުގަނޑަކަށް ނުދެވޭނެއެވެ!
ނިމުނީ!
|
|
 |
|