|
އަމިއްލަ
ބޮލަށް އަމިއްލައަށް އެރުން - ލިބެމުންދާ މިނިވަންކަމާއި
އަންނަމުންދާ ހެޔޮބަދަލުގެ ނަތީޖާ
11/01/2006
| އިބްނި އަޙްމަދު | އީ-މެއިލް
ދިވެހިންނަކީ އެވޭލާ ޒަމާނުއްސުރެ އެކުވެރި އެއްބައިވަންތަ
ދިރިއުޅުމެއް އުޅެމުން އައި ބައެކެވެ. ހަމަޖެހުމާއި އިންސާފަށް
"ކުލުނު" ދިން ބައެކެވެ. ނޭއްގާނީ ކަމާއި ފިތުނަފަސާދައަށް"ހޯހޯ"
ގޮވި ބައެކެވެ. ދިވެހި ލޮބުވެތި ވަޠަނުގެ 1190 ރަށް އެއްޤައުމެއްގެ
ގޮތުގައި އަދާ ޖެހެންދެން ދެމިއޮތީ އެޤަބޫލު ކުރުންތަކުގެ
ސަބަބުންނެވެ. ކޮންމެ އަތޮޅެއް ވަކި ރާއްޖެއަކަށް ވެގެން ނުދިޔައީ
އެ ހެޔޮ ވިސްނުމުގެ ސަބަބުންނެވެ. ނަމަވެސް ޒަމާން
ބަދަލުވެއްޖެއެވެ. ކުރިން ދިވެހިން ގެންގުޅުނު ރީތި އުޞޫލުތަކަކީ
ނާތަހުޒީބީ އުޞޫލުތަކަކަށްވެއްޖެއެވެ. އެއާއެކު ދިވެހި މިދީބުގެ
އުދަރެހަށް ކަޅު ވިލާ އަރައި އުއްމީދުގެ ކުލަވަރު ފަނޑުކުރަން
ފަށައިފިއެވެ.
ދިވެހިންނަށް ލިބެމުންދާ "މިނިވަންކަމާއި" އަންނަމުންދާ "ހެޔޮ
ބަދަލު"ގެ ސަބަބުން ދިވެހިންނަށް ކުރާ އަސަރު ވޭތުވެދިޔަ މަދު
ދުވަސްތަކެއްގެ ނޫސް ކިޔާލުމުން ސާފުވާނެއެވެ. ކުށްވެރިއެއްކަމަށް
ޝައްކުކުރެވޭ ކޮންމެ މީހަކު އެހުރިތަނެއްގައި ބަހަށްޓާފައި
އެމީނުންނަށް "ފެންނަ އަދަބެއް" ދެނީއެވެ. މިހާރު މީހަކު ދެކެ
ހިތްހަމަ ނުޖެހުނަސް އެމީހަކާ ދިމާއަށް އެއޮތް ދަނީ ވަގެކޭ
ގޮވާލަންވީއެވެ. އޭރުން އެމީހާ ފެންނަ ހިސާބުގައި ތިބި އާންމުން
އެއްވެ އެމީހެއްގެ ދުވަސް ދުއްވާލާނެއެވެ. އަތުންނާއި، ފައިންނާއި،
އެވަގުތު އަތުޖެހުނު ކޮންމެ އެއްޗަކުން އެމީހަކަށް ޙަމަލާދޭނެއެވެ.
އޮރިޔާންކޮށް ފޮޓޯ ނަގައި ވެބްސައިޓްތަކުގައިވެސް ޖަހާނެއެވެ.
ކުށްވެރިޔަކަސް އެފަދަ އަނިޔާއަކީ އިންސާނީއްޔަތުގެ ކުޑަ
މިންވަރެއް ހުރި އެއްވެސް މީހަކު އެހެން އިންސާނަކަށް ނުދޭނެ
އަނިޔާތަކެކެވެ. ވަކިން ޚާއްޞަކޮށް އިސްލާން ދީން ޤަބޫލުކޮށްގެން
ތިބި ބައަކު ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.
އެއްވެސް ޝައްކެއްނެތެވެ. ކަންކަން މިހިސާބަށް އައުމުގައި
ސަރަކާރުގެ ވަރަށް ބޮޑު އިހުމާލެއްވެސް ވެއެވެ. ކުށްވެރިންނާ
ދޭތެރޭ ޢަމަލު ކުރަންޖެހޭ ގޮތަށް ޢަމަލު ނުކުރެވުމެވެ. ކުށްވެރިން
އުފެދެން މެދުވެރިވާ ސަބަބުތަކާ "މުޤާބަލާ" ނުކުރުމެވެ. ވަކިން
ޚާއްޞަކޮށް ކުށްވެރިންނާ ދޭތެރޭ އަޅާ ފިޔަވަޅު ޢާންމުންނަށް
ރަނގަޅަށް މޭރުންކޮށްދެވިފައި ނުވުމެވެ. ފުލުހުން ބުނާ ގޮތުންނަމަ
ކުށްވެރިއަކު ތަޙުޤީޤަށް ބަންދު ކުރިއަސް ހެކިދޭނެ މީހަކު
ނުވެއެވެ. ފުލުސް އޮފީހަށް ދާން ލަދުގަންނާތީ ނުވަތަ ފުލުސް އޮފީސް
ދެކެ ބިރުންނެވެ. އެހެން ކަމަށްވާނަމަ އެކުށްވެރިއަކު
ހައްޔަރުކޮށްގެން ގެންގުޅެވޭނެ ޤާނޫނީ އެއްވެސް ޙައިސިއްޔަތެއް
ފުލުހުންނަކަށް ލިބިގެނެއް ނުވެއެވެ. ގިނަ ފަހަރު މަންޒަރު
ލޮލުންދެކޭ މީހުން ނޫހުގައި ޖަހާ ޚަބަރަކަށް މަޢުލޫމާތު ދޭއިރު
އޭމީހުންގެ ނަން ޖަހަން ޢުޒުރުވެރިވަނީވެސް ހެކިވެރިންގެ ގޮތުގައި
ފުލުސް އޮފީހަށް ގެންގޮސްދާނެތީއެވެ. މިއީ ކަން ހިގާ މަގު
ކަމުގައިވާނަމަ، ފުލުހުން ގެންދާ ކުށްވެރިން އެއްދޮރުން ވައްދާފައި
އަނެއް ދޮރުން ޖެހޭނީ ނެރެ ފޮނުވާލާށެވެ. ނަމަވެސް ހުރިހާ
ފަހަރެއްގައި ކަން ހިގާ މަގަކީ މީނޫންކަން އެއީ ޢާންމުން ދަންނަ
"ބޮޑު ސިއްރެކެވެ."
މިއަދު ފެން މަތިވެގެން މިއުޅެނީ ހަމައެކަނި ކުށްވެރިންނަށް
މަގުމަތީގައި "ޝަރީޢަތް" ހިންގުމުގެ ވަބާއެއްނޫނެވެ. އެއަށްވުރެ
ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމަކީ އަމަން ބަލަހައްޓަވާ ފަރާތްތަކަށް
ޢާންމުން ބޯނުލެބުމެވެ. އެފަރާތްތަކަށް ޢާންމުން ޙަމަލަ ދިނުމެވެ.
މައްސަލައެއްބަލަން ދާ ފުލުހަކާ ހިތްހަމަ ނުޖެހިއްޖެނަމަ ލަހެއް
ފަހެއް ނުވެ ޢާންމުން އެމީހެއްގެ ގަޔަށް ބޮލަށް
އަރައިގަންނާނީއެވެ. އެތަނަކަށް ކުޅި ބަލަން އެއްވާ މީހުން
ގިނަކަމާއި އެއްބާރުލުންދޭ މީހުންގެ ބައިގަނޑު ބޮޑުކަމުން
ފުލުހުންނަށް ޖެހެނީ "ސްޓާރ ފޯސް" ޔުނިފޯމުގައި އައިސް އެމީހާ
ސަލާމަތްކުރަން ލަޓިބުރި ބޭނުން ކުރާށެވެ. ނުވަތަ އަސޭމިރުސް
ސްޕްރޭ ޖަހައި މީހުން ދުރަށް ފޮނުވާށެވެ. އެހިސާބުން ފުލުހުން
"ތަޅާ ފޯހަކަށް"ވީއެވެ. ސަރުކާރުން "ޤަތުލުޢާންމެއް" ހިންގީއެވެ.
ކަންކަން ކުރިއަށް ދަނީ މިބީ ދައިން ކަމުގައިވާނަމަ
މުސްތަޤުބަލުގައި ފުލުހުންގެ ބޭނުމެއް ނޯންނާނެއެވެ. މަދަނީ
ސަރުކާރެއްގެ ބޭނުމެއްވެސް ނޯންނާނެއެވެ. އޭރު އޮންނާނީ
ހަމަރަނގަޅަށްވެސް "މަދަނީ ބަސްނޭހުމެއް" ފެށިފައެވެ. ނަތީޖާއެއްގެ
ގޮތުން ދިވެހިން ކޮންޓްރޯލް ކުރެވޭނީ ހަމައެކަނި "މިލިޓަރީ
ޑިކްޓޭޓަރޝިޕަކަށެވެ".
މިކަންތައް މިހާރު ހައްދުން ނެއްޓެމުންދާއިރު، ސަރުކާރަށްވެސް
ރައްޔިތުންނަށް "ދައުލަތުގެ މީޑިއާ" އިން ކުރެވޭ އިލްތިމާސެއް
ފިޔަވައި އިތުރު މާބޮޑު ފިޔަވަޅެއް އެޅޭހެނެއް ހިއެއް ނުވެއެވެ.
އައި.ޑީ.ޕީ ގެ ވަގުތީ ޗެއަރޕާސަން ޢުމަރު ނަސީރު ވިދާޅުވާ ފަދައިން
އެއަށްވުރެ އަދުގެ ސަރުކާރުގެ "މޯރަލް އޮތޯރިޓީ" ވަނީ
ދަށްވެފައެވެ. "ރައްޔިތުންގެ ވަރަށް ފުރިހަމަ ތާޢީދެއް"
އެބައޮތްކަމަށް ދަޢުވާ ކުރާ ފަރާތްވެސް އަޅުގަނޑަށް ސިފަވަނީ
ޤައުމުގެ މުސްތަޤުބަލަށް އެއްވެސް ފިކުރެއް ނުހިންގާ ވެރިކަމާ
"ތެޅި ބާލާ" ބައެއްގެ ގޮތުގައެވެ. ފަރެސް މާތޮޑާގައި ހިގައި ދިޔަ
ކަންތައްތަކުގައިވެސް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން
އަވަސްވެގަތީ ޙަޤީޤަތް ނުބަލާ ސަރުކާރުގެ ބޮލުގައި
"ޤަތުލުޢާންމެއްގެ" ތުހުމަތު އެޅުވުމަށެވެ. ވަކި ބޭނުމެއްގައި،
ސަރުކާރުގައި ސިވިލް ސާވެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ
އެއްވެސް ފަރާތަކަށް ގޯނާއެއް ލިބިގެން ނުވާނެއެވެ. ރަށުން ފުރިޔަ
ނުދީ ނަފްސާނީ ގޮތުން ބިރުގަންނުވައިގެންވެސް ނުވާނެއެވެ. އެވެސް
ކުށެއް ނެތް ދިވެހިންނެވެ. އެމީހުންނާ ދޭތެރޭ ކަންބޮޑުވާ
ޢާއިލާތަކެއްވެސް ވާނެއެވެ. އެހެންކަމުން އެމީހުންގެ ޙައްޤުގައި
ފުލުހުން ޙަރަކާތްތެރިވާން ޖެހޭނެއެވެ. އެކަމުގައި ފުލުހުންވެސް
އެމީހުންގެ ދިފާޢުގައި ފިޔަވަޅު އަޅާނެއެވެ. ނަމަވެސް ޙަޤީޤަތަށް
ވާހަކަ ދައްކާ ޕާޓީއެއްނެތެވެ. ކުށެއްނެތް ބައަކަށް އަދަބު
ލިބޭއިރު އެކަން ކުށްވެރިކުރާނެ ބައެއްނެތެވެ.
ދިވެހިން ހޭލަންވެއްޖެއެވެ. މިހާތަނަށް ދިވެހިންނަށް ލިބިފައިވި
ހުރިހާ ގެއްލުމެއް ލިބިފައިވަނީ ދިވެހިންގެ ވިސްނުމުގެ ރާސްތާ
ކުޑަވުމުގެ ސަބަބުންނެވެ. މީހަކު ދައްކާހާ ދަޅައަކަށް
ހެއްލެނިވެވޭތީއެވެ. ޙަޤީޤަތް ހޯދުން ކުޑަވީމައެވެ. އަލް އަމީރު
މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު މާލޭ ގުޅަ ކުޅޭ ފަސްގަނޑަށް
ނެރެ ތަޅާ އަވަހާރަކޮށްލި ތާރީޚީ ޙާދިސާ ހިތަށް ވަނުމަކުން އެކަމާ
މިހާރު ހައިރާނެއް ނުވެއެވެ

|