15 January 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ދިވެހިރާއްޖެ- ކާބަފައިންގެ ހުވަފެންތައް ވިއްސިވިހާލިކޮށް ދާޚިލީ ފިތުނައިގެ އަލިފާނުގެ ތެރެއަށް ދެމެނީބާ؟

15/01/2006 | އިބްނު އަޙްމަދު | އީ-މެއިލް
އެންމެ އިހުއްސުރެ ދިވެހިން ދިރިއުޅެމުން އައީ އަމިއްލަ އެދުމަށްވުރެ ޤައުމުގެ އެދުން ކުރިއަށް ނެރެގެންނެވެ. މާތް އިސްލާމް ދީނާއި ޤައުމަށްޓަކައި ހިނގާށެ ދާން، މިޖާނުދޭން ކިޔަމުންނެވެ. ވަޠަން އެދޭގޮތަށް ދަމާހެ ހެޔޮހިތުން މިޖާނުދޭނަމޭ ބުނެ ޢަޒުމު ކަނޑައަޅައިގެންނެވެ. އިލާހީ މިބިން ކުރައްވާށި އަމާނޭ ކިޔާ ދުޢާ ކުރަމުންނެވެ. ނަމަވެސް މިނިދާތައްވެސް މިއަދު މިބޭނުން ކުރެވެނީ ޤައުމު ބައިބައި ކުރުމަށެވެ. ނިމުމެއްނެތް ހަމަނުޖެހުންތަކަކަށް ފުރުޞަތުދެމުންނެވެ. މިހާރު ހިނގަމުންދާ ކަންތައްތަކުން އެކަން ވަރަށް ރަނގަޅަށް މޭރުންވެއެވެ.
ދެހާސް ތިންވަނަ އަހަރު ފަހުކޮޅުން ފެށިގެން އެކި ސިފަސިފައިގައި އެކި މިންވަރަށް އެތެރޭގެ ހަމަނުޖެހުން އަންނަނީ އިތުރުވަމުންނެވެ. ދިވެހިރާއްޖޭގައި މިހާރު އެންމެ ބާރަށް ފެތުރެމުންދާ ވަބާއަކީ އެއީއެވެ. އެންމެ ބޮޑަށް މީހުންގެ މުނިފޫހިފިލުވައިދޭ ކުޅިވަރަކީ އެއީއެވެ. ކުރެވިފައިވާ ބޮޑެތި ކުށްތަކުންނާއި އަރައިގަނެވިފައިވާ ބޮޑެތި ޖަރީމާތަކުން ރެކިގަތުމަށް ބޭނުން ކުރެވޭ އުކުޅަކީވެސް އެއީއެވެ.
މައުމޫނުގެ ހަތާވީސް އަހަރުގެ ވެރިކަމުގައި ވަރަށް ބޮޑެތި ގޯސްތަކެއް ހެދިފައި އެބަހުއްޓެވެ. މިއަދު ފެންމަތިވެގެން މިއުޅެނީ އެގޯސްތަކުގެ ނަތީޖާއެވެ. މައުމޫނު ވަނީ ނޮވެންބަރު 3 ގެ ޢުދުވާން ހިންގި ޚާއިނުންނަށް ޢަފޫޢާމް ދެއްވައިފައެވެ. ސިއްކަ އާއި ލުޠުފީއާ ސަގަރު ނާސިރަކީ މިޤައުމުގެ ބިމުގައި މިނިވަންކަމާއެކު އުޅުމުގެ ފުރުޞަތު ދެވިގެންވާނެ ބައެއްނޫނެވެ. ނަމަވެސް ކަންތައްތައް ބަދަލުވަމުންދާ ގޮތުގެ ސަބަބުން އެއިން މީހަކު ވެރިކަމަށް ބާރު ހިންގޭ ފަދަ ހިސާބަކަށް އައުމަކީ ނުވާނެކަމެކޭ ދަންނަވާ ހިތެއްނެތެވެ.
މައުމޫނު ވަނީ ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިބެގެން ރިޝްވަތުންނާއި ޚިޔާނާތުން "ފެންވެރި" މީހުންނަށްވެސް އެއްވެސް އަދަބެއް ދިނުމެއް ނެތި އުޅެން ދޫކުރައްވާފައެވެ. ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވެފައިވާ ކޮންމެ މީހަކީ ޝަރީޢަތް ހިންގެން ޖެހޭނެ މީހެކެވެ. ނަމަވެސް އެކަންކަމުގެ ޝަކުވާ ލިބިލައްވައިގެން ހުންނަވައިމެ، އެމީހުންނާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުއްވުމުގެ ނަތީޖާއަކީ މިއަދު އެމީހުން މައުމޫނާ ދެކޮޅަށް ނުކުތުމެވެ. ރައްޔިތުންނަށް "ޑިމޮކްރަސީ" ހޯދައިދޭން ނުކުމެ އުޅޭމީހުންގެ އިސް ސަފުގައި ޙަރަކާތްތެރިވުމެވެ.
މައުމޫނު ވަނީ އެމަނިކުފާނު ވެރިކަމަށް ހޮވާތީ އެކަމުގެ އުފަލުގައި މަސްތުވާތަކެއްޗާއި ބޮޑެތި ވައްކަމުގެ އަހުލުވެރިންނަށް ހިތްހެޔޮ ކަމުގެ މަޢާފްދެއްވާފައެވެ. ދެވަނަ ފަހަރަށް ކުށްކުރުމުގެ ފުރުޞަތު ދެއްވާފައެވެ. ނަމަވެސް މިއަދު މައުމޫނާ ދެކޮޅަށް ހަރުއަޑުން އިސްތިޢުފާއޭ ގޮވާ ސަފުގެ ކުރީގައި ތިބީ އެމީހުންނެވެ. މައުމޫނު މިކަން ކުރައްވާފައިވަނީ ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ރައްޔިތުން އެދޭ "އެންމެ ބޮޑު" އެދުމަށް އެކަންވާތީ އިންތިޚާބީ ވަޢުދު ފުއްދުމުގެ ގޮތުންނެވެ.
މައުމޫނުގެ ވެރިކަމުގައި އަޅުއްވާފައިވާ މިފަދަ "ޓެކްޓިކަލް" ގޯސްތަކުގެ ސަބަބުން ވެރިކަމުގެ އާރުތަކުން ބާރު ހޯދަން ބޭނުންވާ ފަރާތްތަކަށް ވަނީ ހިތްވަރު ލިބިފައެވެ. ކަންތައްތައް ފެންނަ ގޮތުން އެމީހުން ތިބީ ކޮންމެ ފަދަ ޤުރުބާނީއެއްވެގެން ނަމަވެސް ވެރިކަން ހޯދާށެވެ. އެމީހުން ގެންނަން ބޭނުންވަނީ ޔޫކްރޭނަށް ގެނައިފަދަ "އޮރެންޖް ރެވެލިއުޝަނެ"ކެވެ. ޔޫކްރޭންގެ އޮރެންޖް ރެވެލިއުޝަނުގައި އިދިކޮޅު ފަރާތްތަކުން ވަނީ ޤައުމުގެ ޤުދުރަތީ މުއްސަދިކަން އެމެރިކާއަށް ވިއްކާފައެވެ. ރާއްޖޭގައި އެމެރިކާފަދަ ބޮޑެތި ބާރުތަކުން ޝައުޤުވެރިވާނެ މާބޮޑުކަމެއްނެތެވެ. ނަމަވެސް ބޮޑެތި ކުންފުނިތަކާއި ބޭރުގެ އަމިއްލަ ފަރުދުން ދިވެހި ފަތުރުވެރިކަމަށް ކަޅިއަޅާކަން ޔަޤީނެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ޤައުމުތަކުގެ ސަރުކާރުތަކުގެ ތާޢީދު ނުލިބި ބޮޑެތި ކުންފުނިތަކާއި ވަކިވަކި ފަރުދުންގެ ތާޢީދާއި އެހީތެރިކަން ލިބެނީ ކީއްވެބާއޭ ހީކޮށްލުން އެންމެ ރަނގަޅު ސުވާލެކެވެ.
ދިވެހިރާއްޖެ ބަދަލުވަމުން މިދަނީ ވަރަށް ހަލުވިކޮށެވެ. ދިވެހިން ޚިޔާލު ވަކިމިސްރާބަކަށް ބަދަލު ކުރުމަށް އެކިފަރާތްތަކުން ކުރަމުންދާ މަސައްކަތްތައްވެސް ކުރިއަށް ދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ އެމީހުންގެ "ސިޔާސީ މަޤުޞަދު" ޙާޞިލްކުރުމަށް ދިމާވަމުންދާ ދަތިތައް ޙައްލު ކުރުމަށް "މަދަނީ ބަސްނޭހުމެއް" ފެށުމަށް ނިންމާފައެވެ. އެމް.ޑީ.ޕީގެ ސިޔާސީ މަޤުޞަދަކީ އެޕާޓީގެ ރައީސް އިބްރާހިމް އިސްމާޢިލް ވިދާޅުވާ ފަދައިން "6 މަސް ދުވަހުގެ ތެރޭގައި މައުމޫނު ވެރިކަމުން ބޭލުމެވެ". މިކަމަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އިންޤިލާބަކުން ނޫން ގޮތަކަށް ވާން އޮތް ކަމެއް ނޫންކަން މެންދުރުގެ އިރު ފަދައިން އިބްރާއަށާއި އެމް.ޑީ.ޕީގެ ބޮޑުންނަށް ފުރަތަމަވެސް އެގޭނެކަން ޔަޤީނެވެ.
އެމް.ޑީ.ޕީ ގެ ސަބަބުން ކުރިމަތިވި ފިއްތުންތަކުގައި ސަރުކާރުން ވަނީ ރަނގަޅު މިސްރާބަކަށް ދަތުރު ކުރަން ފަށާފައެވެ. ޤައުމުގެ ތަރައްޤީއަށް ހަލުވި ކުރިއެރުންތަކެއް ހޯދުމުގެ މަސައްކަތްތަކެއް ފަށާފައެވެ. ސަރުކާރުން އަޅުއްވަން ފައްޓަވާފައިވާ ފިޔަވަޅުތަކުގެ އަސަރު އަހަރެއް ދެއަހަރެއްގެ ތެރޭގައި ފެންނަން ފަށާނެކަމަށްވެއެވެ. އަތޮޅުތަކުގައި އިތުރު ވަޒީފާ އުފެދި ރައްޔިތުން ރުއްސުމަށް މަޝްރޫޢުތައް ހިންގޭނެ ކަމަށްވެއެވެ. ހަމަޔަޤީނުންވެސް މިފަދަ ބަދަލަކުން މައުމޫނުގެ ސަރުކާރަށް އަލުން އިތުބާރު ލިބުމަކީ އެމް.ޑީ.ޕީ ސިޔާސީ ގޮތުން މަރުވެގެން ދިއުން ނޫން ކަމަކަށް ނުވާނެއެވެ. އެކަން ރަނގަޅަށް ވިސްނި ތިބެ ސަރުކާރަށް އެއްވެސް ފުރުޞަތެއް ދޭކަށް އެމް.ޑީ.ޕީ ބޭނުމެއް ނުވެއެވެ. "މަދަނީ ބަސްނޭހުމެއްގެ" ވާހަކަ ފެށުނީ އޭގެ ސަބަބުންނެވެ.
މަދަނީ ބަސްނޭހުމަކަށް ގޮވާއިރު އެމް.ޑީ.ޕީ އަކަށްވެސް އެއީ ކޯއްޗެއްކަން އެގެން ބޭނުން ނުވާ ކަހަލައެވެ. ނޫނީ ސިޔާސީ މަޤުޞަދަކަށްޓަކައި އޭގެ މާނަ ގޯސްގޮތަކަށް ނަގަން މަސައްކަތް ކުރާ ކަހަލައެވެ. މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ބޮޑެތި ޖިނާއީ ޖަރީމާތައް ހިންގާފައިވާ މީހުން ބަންދުގައި ނުތިބެ ހިތުހުރި ގޮތަކަށް އުޅުމަށް ގޮވާލި ސިޔާސީ އެއްވެސް ލީޑަރެއް އިބްރާހިމް އިސްމާޢިލް ފިޔަވާ ތާރީޚުން ފެންނާކަށްނެތެވެ. އަދި އެކަމަކީ މަދަނީ ބަސްނޭހުމުގެ ތެރޭގައި ގުނާލެވޭނެ ކަމެއް ކަމަށް އިބްރާހިމް އިސްމާޢިލް ފިޔަވާ އެހެން އެއްވެސް ސިޔާސީ މުފައްކިރަކު ވިދާޅުވެފައެއްނުވެއެވެ.
މިދެންނެވި ގޮތަށް އެމް.ޑީ.ޕީން މާނަކުރާ މަދަނީ ބަސްނޭހުން ފެށުމަށް އެޕާޓީގެ ނެޝަނަލް ކައުންސިލުން ރޭ ވަނީ ފާސްކޮށްފައެވެ. އެއީ ކުޑަކަމެއްނޫނެވެ. އެތައްހާސް އަހަރެއް ޞުލްޙަވެރިކަމުގައި އުޅެމުންއައި ބަޔަކަށް ކުރިމަތިވާ މިއީ ވަރަށް ބޮޑު ނުރައްކަލެކެވެ. ޔޫކްރޭން ފަދަ ބޮޑު ޤައުމެއްގައި ދިމާނުވާނެ ކިތައްމެ ނުރައްކަލެއް މިކަމުން ދިވެހިންނަށް ކުރިމަތިވާނެއެވެ. ވޭތުވެ ދިޔަ މަދު ދުވަސްތަކުގައި ހިގައި ދިޔަ ހަމަނުޖެހުންތައް ގޮސްފައިވާ ހިސާބުން، "ރަސްމީކޮށް" ފެށެން މިއުޅޭ ހަމަނުޖެހުމުގެ ނުރައްކާ ވަރަށް ބޮޑުވާނޭ ހިތަށް ވަދެއެވެ.
އެއްވެސް ޝައްކެއްނެތެވެ. އެމް.ޑީ.ޕީގެ މަދަނީ ބަސްނޭހުން ފެށި ނުރައްކާތެރި ފައްތަރަކަށް ހިގައްޖެނަމަ އެވާނީ ނިމުމެއްނެތް ހަމަނުޖެހުމެއްގެ ފެށުމަށެވެ. ދާޚިލީ ހަމަނުޖެމެއްގެ ތެރެއަށް ވެއްޓިގެން ދިއުމަކަށެވެ. ދިވެހި ކާބަފައިން ލެއިން ޤުރުބާންވެގެން ދިވެހިންނަށް ހޯއްދަވާ ދެއްވާފައިވާ ޞުލްޙަމަސަލަސްކަމުގެ ނިމުމަށެވެ. އަބަދުގެ އަބަދަށް އެއްބައިވަންތަ އެއްބައެއްވަންތަ ދިރިއުޅުމެއް ދިވެހިން އުޅުމަށް އެބޭކަލުން ދެކިލެއްވި ހުވަފެންތައް ވިއްސިވިހާލިވެގެން ދިއުމަކަށެވެ. މާތްﷲ ދިވެހި އުއްމަތް އެފަދަ ނުރައްކާތަކުން ސަލާމަތްކުރައްވައި އުފާފާގަތިކަމުގައި ދިރިއުޅޭ ބައަކު ކަމުގައިލައްވާށިއެވެ! އާމީން.

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved