22 January 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

އޮޔާދާ ކާއްޓަކުން ރުކެއް ނުފަޅާނެ!

22/01/2006 | އިބްނި އަޙްމަދު | އީ-މެއިލް
މަތީގައި ނަންގަނެވުނު ސުރުޚީއަކީ މިދިޔަ ޑިސެމްބަރު މަހު ބޭއްވުނު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ބައި އިލެކްޝަނުގައި މާލޭގެ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި ހ. ފޮއްދޫގޭ މުޙައްމަދު ނަޝީދު އިންތިޚާބީ ޝިޢާރެއްގެ ގޮތުގައި ބޭނުން ކުރެއްވި ޖުމްލައެކެވެ. މިޖުމްލައަކީ އޭގައި ވަރަށް ފުން މާނައެއް އެކުލެވިގެންވާ ޖުމްލައެކެވެ. އެއްވެސް ޝައްކެއްނެތެވެ. ކަނޑުގައި އޮޔާދާ ކާއްޓެއް އޭތި ހިކިފަސްތަނަކަށް ލައްގައި ހަރުނުލަނީސް އެއިން ރުކެއް ފެޅުމަކީ ވަރަށް ނާދިރުކަމެކެވެ.
ވިސްނާ ފިކުރުކޮށްލައިފި ކޮންމެ މީހަކަށްމެ މަތީގައި ދެންނެވި މިސާލު ދިވެހި ސިޔާސީ އުދަރެހުން ފާޅުކަން ބޮޑުގޮތެއްގައި ފާހަގަ ކުރެވޭނެއެވެ. ބަލާލި ކޮންމެ ދިމާއަކުންނެވެ. ފިކުރު ހިންގައިލި ކޮންމެ ގޮތަކުންނެވެ. ދިވެހި ސިޔާސީ ރުކުގައި އެޅިނަމަ އެޅި ހުރިހާ ކާއްޓެއްވެސް ފެންނަނީ މާސިންގާ ކަނޑުގައި ބެހެމުންދާތަނެވެ. މިސްރާބެއް ނެތް ގޮތެއްގައެވެ. ހިކިފަސްތަނަކަށް މިއިން ޒަމާނެއްގައިވެސް ލައް ނުވާނެހެން ހީވާ ކަހަލަ ގޮތަކަށެވެ. އެ ކާށިތަކުން ރުއް ފަޅައި ފޯދި ކާށި ލިބޭނެ ކަމަށް ހުވަފެން ދެކެނު ދިވެހި ދަރީންގެ ހުވަފެންތަކާވެސް އެކުގައެވެ.
ފާއިތުވި އަހަރު ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ހުއްދަ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުން ޢާންމު ރައްޔިތުން ބަލައިގަތީ ވަރަށް މަސްހުނި ޚިޔާލުތަކެއް ފާޅުކުރަމުންނެވެ. ރައީސްގެ މިނިންމެވުމަކީ ކޮންމެ މަޤްޞަދެއްގައި ނަމަވެސް ބައަކު ކުރި ބުރަމަސައްކަތްތަކެއްގެ ސަބަބުން މަޖުބޫރުވެ ވަޑައިގެން ގެންނެވި ބަދަލެއްކަން އެއީ ފާޅުކަން ބޮޑުގޮތެއްގައި އެގެން އޮތްކަމެކެވެ. އެހެންކަމުން ޕާޓީ ނިޒާމު ތަޢާރަފްވެގެން ދިޔައީ ޤާނޫނީ އެއްވެސް ހިޔާވައްސެއްނެތި "މަގުމަތި" ކުރެވިފައިވާ ޙާލުގައެވެ. މިކަމުގައި ޕާޓީ ނުއުފެއްދިގެން "ހޭބޯލެވި" މީހުންނާއި އެކަމަށް މަޖުބޫރުވެގެން ޕާޓީ ނިޒާމު ތަޢާރްފް ކުރެއްވި ސަރުކާރުގެ އިހުމާލުވެސް ވާކަން އެއީ ކޮންމެ ބައަކުވެސް ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެކެވެ. ކަމުގެ ތަޖުރިބާކާރުން އޭރުވެސް ބުނަމުން ދިޔައީ ޤާނޫނީ އޮނިގަނޑެއްނެތި ސިޔާސީ ޕާޓީ ތަޢާރަފް ކުރުމަކީ އޭގެ ސަބަބުން އިޖުތިމާޢީ ނޭދެވޭ އެތަކެއް އަސަރުތަކެއް ކޮށްފާނެކަމެކެވެ.
ދިވެހިރާއްޖޭގެ ސިޔާސީ ދަފްތަރުގައި ހަތަރު ޕާޓީއެއް ރަޖިސްޓްރީ ވެފައިވިއަސް ސިޔާސީ ހަނގުރާމައިގެ ތެރެއިން ފެންނަނީ އެންމެ ދެޕާޓީއެވެ. ދިވެހިރައްޔިތުންގެ ޕާޓީ އަކީ އެއްބަސް ވިޔަސް ނުވިޔަސް ވެރިކަން ކުރާ ޕާޓީއެވެ. ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އެޕާޓީގެ ޒަޢީމެވެ. ވަޒީރުންގެ މަޖިލީހުގައި ތިއްބެވީ ހުސް އެޕާޓިގެ މެންބަރުންނެވެ. ދެން އޮތީ ކަނާތުފިޔައިގެ ހަރުކަށި ޢުޞޫލުތަކެއް ބޭނުން ކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއެވެ. އެޕާޓީ އުފެދުނީއްސުރެ މިއަދާ ހަމައަށް ކުރި ހުރިހާ ކަމެއް ކޮށްފައިވަނީ ރައީސް މައުމޫނު ވެރިކަމުން ވަށްޓާލުމަށެވެ. ޕާޓީގެ ޢާންމު ބައްދަލުވުންތަކުގައި ދެޖުމްލައިން އެއްޖުމްލަ އަކަށް އިވޭނީ މައުމޫނުގެ އިސްތިއުފާއަށް ގޮވާލެވޭ ގޮވުމެކެވެ.
ހިނގަމުންދާ ތަފާތު ޙާދިސާތަކުން އެގި ޔަޤީންވަނީ ދެޕާޓީގެ ދެމެދުގައި އޮތް ސިޔާސީ ވާދަވެރިކަމަށްވުރެ ޙަސަދަވެރިކަން މާބޮޑުކަމެވެ. ޑީ.އާރު.ޕީ އަކީ ވެރިކަން ކުރަމުންދާ އަދުގެ ސަރުކާރު ނިސްބަތްވާ ޕާޓީކަމުން އެޕާޓީގެ ރަސްމީ ޖަލްސާތަކުގައާއި މަސްދަރުތަކުގައި އެމް.ޑީ.ޕީގެ ވެރިންގެ "ޝަޚުޞިއްޔަތު ކަތިލުމުގެ" ޙަރަކާތެއް ނުހިންގައެވެ. އޭގެ ނަތީޖާ ރަނގަޅުނުވާނެ ތީތޯއްޗެކެވެ. ނަމަވެސް އެޕާޓީއަށް ސިޔާސީ ގޮތުން ލިބިފައިވާ ބާރު" ނަހަމަ" ގޮތުގައި ބޭނުންކޮށް އެމް.ޑީ.ޕީގެ ވެރިންނަށް ދުއްތުރާ ކުރާކަމީ އަބަދުވެސް އަޑުއިވޭ ޝަކުވާއެކެވެ. އަދި ފިލައިތިބެގެން ހިންގާ ބައެއް ސިޔާސީ ވެބްސައިޓްތަކުގައި އެމް.ޑީ.ޕީގެ އަގުވަށްޓާލުމުގެ ލިޔުންތައް ފެނެއެވެ. މިއީ ނުސީދާ ގޮތުން ނަމަވެސް ޑީ.އާރު.ޕީގެ ތާޢީދު ލިބޭ ބައެއްނޫކަމަށް ޤަބޫލު ކުރުމަކީ ވަރަށް ދަތިކަމެކެވެ. ދަމޯލްޑިވިއަން އާއި ފެކްޓް މޯލްޑިވްސް، އޮޅުއަލަ.ކޮމް އާއި ރިއަލިޓީ މޯލްޑިވްސް ފަދަ ވެބްސައިޓްތަކަކީ ޑީ.އާރު.ޕީއަށް ތާޢީދު ކުރާ ފަރާތްތަކުން "ލޮބީ" ކުރަމުންގެންދާ ވެބްސައިޓްތަކެކޭ ބުނުމަކީ ޙަޤީޤަތާއި ދެކޮޅުވެވުންކަމުގައި ނުދެކެމެވެ.
މިކަމުގައި އެމް.ޑީ.ޕީ ފެންނަނީ މާކުރީގައި އުޅޭތަނެވެ. އެޕާޓީގެ ރަސްމީ ބައްދަލުވުންތަކުގައި އަދުގެ ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް، އަދި ޑީ.އާރު.ޕީގެ އިސް މަސްއޫލުވެރިންނަށް ވަރަށް ހުތުރު ގޮތެއްގައި މުޚާޠަބުކުރެވެއެވެ. ޒާތީ މައްސަލަތައް ނަގައި "ޝަޚުޞިއްޔަތު ކަތިލުން" ވަރަށް ފުޅާދާއިރާއެއްގައި ހިންގައެވެ. ކުޑަ ކުޑަ މިސާލެއް ދަންނަވާލާނަމެވެ. އެމް.ޑީ.ޕީ ން ޢިމާދުއްދީން ސްކޫލުގައި އެންމެ ފަހުން ބޭއްވި ޢާންމު ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް ޝަރީފް ވަނީ އެޓަރނީ ޖެނެރަލް ޑރ. ޙަސަން ސަޢީދަކީ ކިޔަވައިގެން ހުންނެވި ބޭފުޅެއްކަމަށް ޤަބޫލު ނުކުރައްވާކަމަށާއި އެމަނިކުފާނު ކިޔަވާ ވިދާޅުވީ "ޖާމިއާ ސަލަފިއްޔާ"އިންނޭ ވިދާޅުވެ ވަރަށް ބޮޑަށް ޙަޖޫކިޔާފައެވެ. ޑރ. ޙަސަން ސަޢީދު މާސްޓަރސް ޑިގްރީ ނެންގެވީ މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީންކަމާއި ޑޮކްޓަރ އޮފް ފިލޯސެފީ ނެންގެވީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީއަކުންކަން ޝަރީފަށް އެގިވަޑައިގެންފައި ނުވަނީ ކަމަށްވެދާނެއެވެ. ޑީ.އާރު.ޕީން އައްޑު އަތޮޅުގައި ބޭއްވި ބައްދަލުވުމެއްގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ވިދާޅުވެވުނުކަން ހާމަކޮށް އޭގެސަބަބުން ޑރ. ޙަސަން ސަޢީދަކީ ނުކިޔަވައި ހުންނެވި ބޭފުޅެކޭ ޝަރީފް ވިދާޅުވާއިރު އެއީ ޒާތީގޮތުން ދެވުނު ޙަމަލާއަކަށް ނުވެ ދެން އެއަށް ކިޔަންވީ "ސިޔާސީ މޮޅު ޙިކުމަތޭ" ތޯއެވެ؟ މިބީދައިން ޝަރީފް ދައްކަވާ ވާހަކަތަކުގެ ސަބަބުން އެއީ އެމް.ޑީ.ޕީގެ ޖަލްސާތަކަށް ޙާޒިރުވާ ފަރާތްތަކުގެ މުނިފޫހިފިލުވައިދޭ "ޖޯކަރޭ" ހިތަށް އަރާ ފަހަރުވެސް އާދެއެވެ.
ދިވެހި އޮބްޒާވަރ އާއި މޯލްޑިވްސް ފަސްޓް ފަދަ އަޚްލާޤީ ގޮތުން ހައްދު ފަހަނައަޅާފައިވާ ވެބްސައިޓްތަކަކީ އަމިއްލަ ޙައިސިއްޔަތުންނާއި "ފޮރުވިފައިވާ އެޖެންޑާއެއްގެ" ދަށުން އެމް.ޑީ.ޕީގެ ވެރިންގެ ފުރިހަމަ ތާޢީދު ލިބެމުންދާ ވެބްސައިޓްތަކެވެ. އަޙުމަދު ޝަފީޤު މޫސާ ނުވަތަ "ސައްޕެ" އަކީ އެމް.ޑީ.ޕީ.ގެ ވެރިންގެ ރުހުމާއި ތާޢީދު ލިބިގެންވާ މީހެކެވެ. އެމް.ޑީ.ޕީގެ ކޮންގްރެސް ގައި އެޕާޓީގެ ރައީސް ހުށަހަޅުއްވައި އިއްތިފާޤުން ފާސްވި ޕާޓިގެ ފުރަތަމަ ޤަރާރުގައިވެސް ސައްޕެ، ޕާޓިގެ ސިޔާސަތު ކުރިއެރުމަށް ކުރާ މަސަކަތަށް ތަޢުރީފުކޮށް ޝުކުރު އަދާކޮށްފައިވެއެވެ. ސައްޕެ ކުރާ "ބުރަ" މަސައްކަތަކީ ކޮބައިކަން އެއީ އެންމެންނަށް އެނގޭ ކަމެކެވެ.
ދިވެހި ސިޔާސީ މަސްރަޙުގައި ޒާތީ ޙަސަދައާއި ފިތުނަވެރިކަން އޭގެ ހައްދުން ނެއްޓިގެންދާއިރު އޭގެ ނޭދެވޭ އަސަރު ދިވެހި މުޖުތަމަޢަށް ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މައުމޫނު ވެރިކަމުން ވެއްޓޭ ދުވަހަކުން ޑީ.އާރު.ޕީ ރޫޅިގެންދާނެކަމަށް ބުނާ އެމް.ޑީ.ޕީގެ ތިއަރީ އަކީ ސިޔާސީ ގޮތުން ކުފޫ ހަމަވާ ތިއަރީއެއްނޫނެވެ. އެމް.ޑީ.ޕީން މަގުމައްޗަށް ނިކުމެ ހަޅުތާލުކޮށްގެން މައުމޫނުގެ ސަރުކާރު ވައްޓާލަން އުޅެނީ މައުމޫނަށްފަހު އެމް.ޑީ.ޕީ އަށް ގޮންޖަހާލާ މަގުމައްޗަށް ހަޅުތާލުކުރަން ނިކުންނާނެ ބައަކު ނުވާނެ ކަމަށް އެޕާޓީގެ ވެރިންނަށް ޤަބޫލު ކުރެއްވޭތީ ކަމަށްވުމީ އެކަށީގެންވާކަމެކެވެ. އެހެންނަމަވެސް އަވަށްޓެރި ޤައުމުތަކަށް ނަޒަރު ހިންގާލާއިރު ކަން ހިނގަމުން ދަނީ މިބީދައިން ނޫންކަން ފާޅުކޮށް އެގެން އެއޮތީއެވެ. ޝައްކެއްނެތެވެ. ހަމަނުޖެހުންތަކެއްގެ ތެރެއިން މައުމޫނުވެރިކަން ނިމި އެމް.ޑީ.ޕީއަށް ސަރުކާރު ހިންގުމުގެ ފުރުޞަތު ލިބުމަކީވެސް ވެދާނެ ގޮތެކެވެ. އެހެން ނަމަވެސް ޤަބޫލުކުރަންވީ ކަމަކީ އެދުވަހަކުންވެސް އެމް.ޑީ.ޕީގެ ސިޔާސަތުތަކާ ދެކޮޅު މީހުން އުޅޭނެކަމެވެ. އެމީހުން އެމް.ޑީ.ޕީގެ ވެރިކަން ނިމުމަކަށް ގެންނަން މަގުމައްޗަށް ނުކުންނާނެކަމެވެ. އެމީހުންނަށް ތާޢީދުކޮށް ފައިސާ ފޯރުކޮށްދޭ ދޭސީންނާއި ބިދޭސީންވެސް އުޅޭނެކަމެވެ.
ވެރިކަމަކަށް އައުމަކީ އުނދަގޫކަމެއް ނޫނެވެ. ދޮގުތަކާއި މަކަރާއި ހީލަތުގެ ތެރެއިން ވެރިކަމަށް އައިސްފައިވަނީ އެންމެ ވެރިއެއް ދެވެރިއެއް ނޫނެވެ. ހަމަނުޖެހުމާއި ހަޅުތާލުކޮށްގެން ވެރިކަމުގެ ބާރު ހޯދައިފައިވަނީ އެންމެ ބައެއްނޫނެވެ. ނަމަވެސް ވެރިކަން ދަމަހައްޓައި ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަކީ ވަރަށް ދަތިކަމެކެވެ. އެއިތުބާރު ނުދެމެހެއްޓޭނަމަ ވެރިކަމުން "އަތްދޮވެލަން"ޖެހުމަކީ ނުވެނުދާނެކަމެކެވެ. މިއީ ދިވެހި ސިޔާސީ ޕާޓީތަކުން ދެނެގަންނަންވީ ކަމެވެ. ޑީ.އާރު.ޕީން ހަރުދަނާ ޢުޞޫލުތަކަކާއެކު ރައްޔިތުންގެ އިތުބާރު ނުހޯދިއްޖެނަމަ އެޕާޓީގެ "ވެރިކަން" ނިމުމަކީ ވަރަށް ގާތްކަމެކެވެ. އެމް.ޑީ.ޕީން ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތަކަކާއެކު ޢާންމުންގެ ކުރިމައްޗަށް ނާންނަނީ ނަމަ އެޕާޓީއަށް ވެރިކަން ލިބުނަސް އެއިން ދިވެހިރައްޔިތުންނަށް ވާނެ ފައިދާއެއް ނޯންނާނެއެވެ. ކަނޑުގައި އޮޔާދާ ކާއްޓަކުން ރުކެއް ނުފަޅާ ބީދައިންނެވެ.
ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved