|
މިނިވަންކަން ހިތުހުރި ގޮތަކަށް މާނަ ނުކުރާށެވެ!
29/01/2006
| އިބްނި އަޙްމަދު
ނަވާރަވަނަ ޤަރުނުގެ އިނގިރޭސި މަޝްހޫރު ލިޔުންތެރިޔާ ޗާލްސް
ކިންގްސްލީގެ ބުނުމެއްގައި ވެއެވެ. "ދެވައްތަރެއްގެ މިނިވަންކަމެއް
ވެއެވެ. އޭގެ ނުބައި ވައްތަރެވެ. އެއީ ތިމާ ބޭނުން ކަމެއް ކުރުމުގެ
މިނިވަންކަމެވެ. އަދި އޭގެ ރަނގަޅު ވައްތަރެވެ. އެއީ ތިމާ
ކުރަންޖެހޭ ކަންތައް ކުރުމުގެ މިނިވަންކަމެވެ." މިބުނުމުގައި
މިނިވަންކަމަކީ ކޮބައިކަމާއި މިނިވަންކަން އަޅުގަނޑުމެން މާނަ
ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ބަޔާންވެފައިވެއެވެ.
މިނިވަންކަމަކީ ތިމާ ހިތު ހުރި ގޮތަކަށް، ބޭނުންވާ މަޤްޞަދުތަކެއް
ޙާޞިލް ކުރުމެއް ނޫނެވެ. އެހެނެއްކަމަކު މިނިވަން ކަމަކީ
ދިރިއުޅުމުގައި އިންސާނާ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ
މިނިވަންކަމާއެކު ކުރުމުގެ އިޚްތިޔާރު ލިބިފައި އޮތުމެވެ.
ކޮންމެ މީހަކު ބޭނުން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަމަކީ
ދުނިޔޭގެ އެއްވެސް ޙަޟާރާތެއްގައި، ދުނިޔޭގެ އެއްވެސް ތަނެއްގައި
ލިބިދީފައިވި މިނިވަންކަމެއް ނޫނެވެ. ފަރުދީ މިނަވަންކަމަކީ އޭގައި
ޙައްދެއްވާ އެއްޗެކެވެ. އޭގެ ސަބަބުން މުޖުތަމަޢުގެ މިނިވަން
ކަމާއި ޙައްޤުތައް ނެތިގެން ދާފަދަ އެއްވެސް މިނިވަންކަމެއް
ވަކިވަކި ފަރުދުންނަށް ލިބިދިނުމީ ޤަބޫލު ކުރެވޭ ކަމެއްނޫނެވެ.
ފަރުދީ މިނިވަންކަމުގެ ގޮތުގައި އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ
ފުރުޞަތުދޭންވީތޯއެވެ؟ ފަރުދީ މިނިވަންކަމުގެ ގޮތުގައި ޒިނޭ
ކުރުމާއި ދަރި ވެއްޓުން ހުއްދަ ކުރަންވީތޯއެވެ؟ ފަރުދީ
މިނިވަންކަމުގެ ގޮތުގައި އެހެންމީހުންގެ ޙައްޤުތަކަށް އެރުމުގެ
ފުރުޞަތުދޭންވީތޯއެވެ؟ ނޫނެކެވެ. ހަމަހިލާ އެއީ ދެވިގެންވާނެ
މިނިވަންކަމެއް ނޫނެވެ. ޖަމާޢަތުގެ ޙައްޤުތަކާއި މިނިވަންކަން
ރައްކާތެރި ކުރުމުގެ ގޮތުންނެވެ.
މިނިވަންކަމަކީ އިންސާނީ ތަރައްޤީގެ ވަރަށް މުހިއްމު އަސާސެކެވެ.
އެއީ ފިކުރީ ތަރައްޤީގެ ކާނާއެވެ. ދިވެހިންނަށް މާއްދީ ތަރައްޤީގެ
ކުރިއެރުންތަކެއް ލިބިފައިވިޔަސް ފިކުރީ "ކަނު އަދިރި" ކަމެއްގައި
އެތަކެއް ޒަމާންތަކެއް ވަންދެން އުޅެން ޖެހިފައިވަނީ މިދެންނެވި
މިނިވަންކަން ލިބިފައި ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން
ދިވެހިންނަށް "ކުއްލިއަކަށް" ލިބުނު މިނިވަންކަމުގެ ސަބަބުން
ނޭދެވޭ އަސަރުތަކެއް ކުރުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ.
އެހެންނަމަވެސް ދިވެހިންނަށް މިމިނިވަންކަން ހޯދައިދޭން "ކަށިން
ހިއްވަރު ނެރެގެން" މަސައްކަތް ކުރި ދިވެހި ރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށާއި އެމިނިވަންކަން އެތަކެއް
ޒަމާންތަކެއް ވަންދެން ހިފެހެއްޓުމަށް ފަހު ދޫކޮށްލި
ސަރުކާރަށްވެސް އެމިނިވަންކަމަށް ޙުރުމަތްތެރިކޮށް ހިތެވޭ ހެނެއް
ހިއެއްނުވެއެވެ.
ދިވެހި ސަރުކާރުންވެސް މިނިވަންކަން މާނަ ކުރަނީ ސަރުކާރަށް
ފައިދާވާ ގޮތަށެވެ. ދައުލަތުގެ ޓީ.ވީ އާއި ރޭޑިއޯއިން ސަރުކާރުގެ
ސިޔާސަތު ޕްރޮމޯޓް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭއިރު އިދިކޮޅު
ފަރާތްތަކަށް ދައުލަތުގެ މީޑިއާއިން އެކަށީގެންވާ ފުރުޞަތު ނުލިބޭ
ކަމީ މީގެ ހެއްކެކެވެ. ސަރުކާރަށް ތާޢީދު ކޮށް ނެރޭ ހަމަރޯޅި
ނޫހާއި ސިޔާސީ ވެބްސައިޓުތަކަކީ އިންސާފާއި ހަމަހަމަކަމަށް މާބޮޑު
ސަމާލުކަމެއް ދެވިފައިވާ އެއްޗިއްސެއްނޫނެވެ.
އެމް.ޑީ.ޕީ އަށްވެސް އެމީހުންގެ ސިޔާސަތުތަކަށް ފާޑު ކިޔުމަކީ
އެއްގޮތަކަށްވެސް ޤަބޫލު ކުރެވޭ ކަމެއް ހެނެއް ހިއެއް ނުވެއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު އެމް.ޑީ.ޕީން ބޭއްވި
މުޒާހަރާއާ ދެކޮޅަށް ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެމް.ޑީ.ޕީން
ވަނީ އެމަނިކުފާނާ ދެކޮޅަށް ކޯޓުގައި ދައުވާ ކޮށްފައެވެ. ޑރ.
ޝަހީދު ވިދާޅުވި ކަމަށް ވަނީ އެމުޒާހަރާއަކީ އެމް.ޑީ.ޕީގެ ސިޔާސީ
ޖަނާޒާއަށް ނުވާނެބާވައޭ އެމަނިކުފާނު ހިތްޕުޅަށް އަރާކަމުގައެވެ.
މިވިދާޅުވުމުގެ ސަބަބުން ޑރ. ޝަހީދުގެ މައްޗަށް ކޯޓުގައި އަބުރުގެ
ދައުވާ ކުރަން އެމް.ޑީ.ޕީން ނިންމި ކަމީ އެމީހުން މާނަ ކުރާ
މިނިވަންކަމާ މެދު އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔަ
ކަމެކެވެ. އަދި އަދުގެ ސަރުކާރުގެ އިސް މަސްއޫލުވެރިންގެ ޒާތާ ބެހި
ފާޑުކިޔުން "ޖޯކަކަށް" ހަދާފައިވާ ބަޔަކު ކުރި ވަރަށް ހަމަނުޖެހޭ
ކަމެކެވެ. ރާއްޖޭގެ އެންމެ ފުންނާބު އުސް ވަކީލުންގެ ތެރޭގައި
ގުނާލެވޭ އަލްއުސްތާޒު އަޙްމަދު މުޢިއްޒު ޤާނޫނު އަސާސީގެ 26 ވަނަ
މާއްދާ މާނަ ކުރެއްވި ގޮތުގެ ސަބަބުން އެމް.ޑީ.ޕީ ން މުޢިއްޒުދެކެ
ވަރަށް ބޮޑަށް ރުޅިއައި އައުމަކީވެސް ހަޖަމުކޮށްލަން
އުނދަގޫކަމެކެވެ. އެމް.ޑީ.ޕީގެ މަޤްޞަދާ ޚިލާފު އެއްވެސް ކަމަކަށް
އެމީހުން ފުރުޞަތު ދޭކަށް ބޭނުންނުވާ ކަމުގެ ހެއްކެކެވެ.
އެމް.ޑީ.ޕީން ދަޢުވާ ކުރާ މިނިވަންކަމަކީ މިއީ ބާއޭ ހިތަށް
އަރައެވެ.
ދިވެހިރާއްޖޭގެ "މިނިވަން" ނޫހުގެ ލަޤަބު އަމިއްލައަށް ހޯދައިގެން
އުޅޭ ނޫހުގެ ޙާލަތުވެސް ހުރީ އެފަދަ ގޮތަކަށެވެ. މިނިވަން ނޫހުގެ
ކުރު ތާރީޚުގައި ސަރުކާރަށް ތަޢުރީފުކޮށް ނުވަތަ އަދުގެ ސަރުކާރުން
ކުރާ ކަމަކަށް ތާޢީދުކޮށް ލިޔުމެއް ލިޔެފައިވާތީ ހަމަޔަޤީނުންވެސް
އަޅުގަނޑު ނުދެކެމެވެ. ފަހަރެއްގަ ސަރުކާރުން ރަނގަޅު އެއްވެސް
ކަމެއް ނުކުރަނީ ކަމަށް ވެދާނެއެވެ. އެކަމަކު އެމް.ޑީ.ޕީ އަށް
ނުވަތަ އެމް.ޑީ.ޕީގެ ސިޔާސަތުތަކަށް ފާޑުކިޔައި ފޮނުވާ ޚިޔާލުތައް
ނުޖަހަނީ އެމް.ޑީ.ޕީ އަކީ ދުނިޔޭގައި ލެއްވި ހުރިހާ ކަމެއް
ބަރާބަރަށް ކުރާ މީހުންނަށް ވާތީތޯއެވެ؟ މިނިވަން ރޭޑިއޯއާއި
މިނިވަން ވެބްސައިޓްތަކުގެ ޙާލަތު ހުރީ އެއަށްވުރެ މާގޯސްކޮށެވެ.
އެމް.ޑީ.ޕީގެ ފުރިހަމަ ތާޢީދު ލިބިގެން ހިންގާ ދިވެހި އޮބްޒާވާ
އަކީ ދުނިޔޭގައި ހިންގާ ސިޔާސީ އެންމެ މުޑުދާރު ވެބްސައިޓަށް ވުމީ
ވަރަށް ގާތްކަމެކެވެ. އޭގެ އެޑިޓަރ އިން ޗީފް އަހުމަދު ޝަފީޤް
މޫސާއަށް އޭނަގެ މައިންބަފައިންގެ ފަރާތުން އަދި އޭނަ ކިޔެވި
ތަންތަނުން އަޚްލާޤީ އެއްވެސް ކަމެއް ދަސްވެފައިވޭބާއޭވެސް ހިތަށް
އަރައެވެ. މީހުންގެ އަބުރާ ދުނިޔޭގައިލެއްވި އެންމެ މުޑުދާރުކޮށް
ބެހެމުންދާއިރު އެމް.ޑީ.ޕީގެ ވެރިން ތިއްބަވަނީ ބޯޖަހާލަ
ޖަހާލައެވެ. ފަހަރުގައި އެމީހުންނާ ދިމާއަށް އެފަދަ މުޑުދާރުކޮށް
އެއްޗެހި ލިޔަން ކެރޭވަރުގެ އަޚްލާޤީ ފެންވަރު ދަށް ބަޔަކު
ދިވެހިންގެ ތެރޭގައި ނުތިބޭނެކަން އެމީހުންނަށް ޔަޤީންވަނީ ކަމަށް
ވެދާނެއެވެ. ސަރުކާރަށް ތާޢީދު ނުކުރާ އެތަށް ބައަކު އެމް.ޑީ.ޕީ
ދެކެ އިންތިހާއަށް ރުޅި އަންނަނީ އެހެންވެގެންނެވެ. "މިނިވަން"
މިބަހަށް ހުތުރު އަރުވަމުން އެކުރާ ކަމަކީ ދިވެހިންނަށް
"ހަރާންކޯރު" ވުމޭ ނުކިޔައި ދެން ކިޔާނެ އެއްވެސް އެއްޗެއް
އަޅުގަނޑުގެ ވިސްނުމަކަށް ނާދެއެވެ.
މިނިވަންކަމަކީ މީހާގެ އެތެރެއިން އަންނަ އެއްޗެކެވެ. އެއީ
އެމީހެއްގެ ޤަބޫލުކުރުންތަކެއްގެ މައްޗަށް ބިނާވެފައިވާ
އެއްޗެކެވެ. އެއީ މުޖުތަމަޢުގެ ޙައްޤުތަކާއި ޢާންމު މަސްލަޙަތުގެ
އިސްކުރުމަށްފަހު ބޭނުން ކުރަންޖެހޭ އެއްޗެކެވެ. އެއީ ވަކި
މަޤްޞަދަކަށްޓަކައި ގޯސްގޮތަކަށް ބަޔަކަށް ވިސްނައިދީގެންވާނެ
އެއްޗެއްނޫނެވެ. އޭގެ ނަތީޖާ ފަހުން ހިތިވާނެތީއެވެ. އެމެރިކާގެ
ކުރީގެ ރައީސް އަބްރަހަމް ލިނަކަން ވިދާޅުވެފައިވެއެވެ.
"އެހެންމީހުންގެ މިނިވަންކަމަށް އަރައިގަންނަ ބައަކަށް
މިނިވަންކަން ޙައްޤެއްނޫނެވެ." އާދޭހެވެ. އެހެންމީހުންގެ
މިނިވަންކަމަށް އިޙްތިރާމް ނުކުރާބައެއްގެ މިނިވަންކަމެއް އޮވެގެން
ނުވާނެއެވެ. މިނިވަންކަމަކީ ހިތުހުރި ގޮތަކަށް މާނަ ކުރެވިގެންވާނެ
އެއްޗެއްނޫނެވެ. ނިމުނީ! |