|
ޤާނޫނުގައިވާ ގޮތަށް ހިއުމަން ރައިޓްސް ކޮމިޝަނަށް މެމްބަރުން
އައްޔަން ނުކުރެވުނީ ޤާނޫނީ މުއްދަތުތައް ކަނޑައެޅުއްވުމުގެ
ޤާނޫނީ ތަޖްރިބާ ނެތުމުން
ޙައްލަކީ މަޖްލީހުގެ މެމްބަރުންގެ ޤާނޫނީ ހޭލުންތެރިކަން
އިތުރުކުން
19/11/2005
|
މުޞްޠަފާ
އިސްމާޢިލް
އަލަށް ފާސްކުރެވުނު ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނާއި
ގުޅިގެން، އެޤާނޫނުގައި ވާގޮތުގެމަތީން ކޮމިޝަނަށް މެމްބަރުން
އައްޔަންކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް
ފެނިވަޑައިގަންނަވާ 14 ބޭކަލެއްގެ ނަން ރައްޔިތުންގެ މަޖްލީހަށް
ހުށަހެޅުއްވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ދެއްވާފައިވާ
ތިންމަސް ދުވަހުގެ މުއްދަތު ހަމަނުވަނީސް އެކަން
ކުރައްވައިފިނަމަ ޤާނޫނީ ހަމަތަކުގެމަތީން ރައީސުލް ޖުމްހޫރިއްޔާ
އެކަމުގައި އަދާކުރައްވަން ޖެހިވަޑައިގަންނަވާ ވާޖިބު
އަދާކުރެވުނީއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ބުނާގޮތުން ވަކި ދުވަހަކަށް
ކޮމިޝަނަށް މެމްބަރުން ހޮވާ ނިންމަންޖެހޭނަމަ، ރައީސުލް
ޖުމްހޫރިއްޔާއަށް ނަންތައް ހުށަހެޅުމަށް ދެއްވާފައިވާ 3
މަސްދުވަހުގެ މުއްދަތު ހަމަވާ ދުވަހަކީ ޤާނޫނުގައި ކޮމިޝަނަށް
މެމްބަރުން ހަމަޖެއްސުމަށް ކަނޑައެޅިފައިވާ މުއްދަތު ނިމޭ ދުވަސް
ކަމަށް ވުމަކީ، ނުވަތަ އެމުއްދަތު ނިމޭދުވަސް ނޫން އަނެއް ދުވަސް
ކަމަށްވުމަކީ އެކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޒިންމާ ވާންޖެހޭ
މައްސަލައެއް ނޫނެވެ.
ޤާނޫނީ ހަމަތަކުގެމަތީން ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް
ކަނޑައެޅިފައިވާ ކަންކަން، އެމުއްދަތެއްގެ ސުންގަޑި ވުމުގެ
ކުރިން ނުވަތަ އެމުއްދަތު ހަމަވުމުގެ ކުރީން ކޮށްފިނަމަ ބެލެވޭނީ
ޤާނޫނާއި އެއްގޮތްވާގޮތުގެ މަތީން ކުރެވުނު ކަމަކަށެވެ. ޤާނުނީ
ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ކަނޑައެޅިފައިވާ
ކަންކަން އެމުއްދަތު ހަމަވުމުގެ ފަޅި ސިކުންތެއްކުރުން
ނިންމިޔަސް އެކަމަކީ ޤާނޫނީ ހަމަތަކުގެމަތީން ޞައްޙަ ކަމަކަށް
ނޫނީ ނުވާނެއެވެ.
ވީމާ، ހިއުމަން ރައިޓްސް ކޮމިޝަނަށް ހޮވުމަށްޓަކައި ރައީސުލް
ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖްލީހަށް ހުށަހަޅުއްވަންޖެހޭ 14
މީހުންގެ ނަން ހުށަހެޅުމަށް ދެއްވާފައިވާ މުއްދަތު ހަމަވުމުގެ
ކުރީން، ރައްޔިތުންގެ މަޖްލީހަށް ނަންތައް
ހުށަހަޅުއްވާފައިވާނަމަ، ނަންތައްހުށަހެޅުނީ ދެވިފައިވާ މުއްދަތު
ނިމެން 'ވަރަށް ކައިރިވެފައި' ވަނިކޮށް ކަމަށްވިޔަސް، އެކަމުގެ
ސަބަބުން ނުކުންނަ އެއްވެސް އެހެން މައްސަލައެއްގައި ޤާނޫނީ
ހަމަތަކުގެ މަތީން ރައީސުލް ޖުމްހޫރިއްޔާ ޒިންމާވާން
ނުޖެހޭނެއެވެ. އަދި އެމުއްދަތު ނިމްނެ ކިތަންމެ
ކައިރިވެފައިވަނިކޮށް ނަންތައް މަޖްލިހަށް ހުށަހެޅުއްވިޔަސް،
ދިވެހި ރައްޖޭގެ ރައްޔިތުންގެ މަޖްލިސް (ޤާނޫނު ހަދާ މަޖްލިސް)
ގެ ބޮލުގައި ޤާނޫނީ ހަމަތަކުގެ މަތީން އެޅިފައިވާ ވާޖިބެއް
އުފުލުމަށް ރައީސުލް ޖުމްހޫރިއްޔާ ހުރަސް އެޅުއްވިކަމަށް ޤާނޫނީ
ހަމަތަކުގެމަތީން ނުބެލެވޭނެއެވެ. އަދި ރައީސުލް
ޖުމްހޫރިއްޔާއަށް ދެއްވާފައިވާ މުއްދަތުގެ ތެރޭގައި ކިތައްމެ
ލަހުން ނަންތައް ހުށަހެޅުއްވިޔަސް، އެހާ ލަސްކުރެއްވީ ކީއްވެތޯ
ސުވާލުކުރުމުގެ ޖާގައެއްވެސް ޤާނޫނީ ހަމަތަކުގެމަތީން
ނޯންނާނެއެވެ.
ވީމާ، ރައްޔިތުންގެ މަޖްލީހަށް ޤާނޫނުގައި ކަނޑައެޅިފައިވާ
ވަގުތު ހަމަވުމުގެ ކުރީން ހިއުމަން ރައިޓްސް ކޮމިޝަނަށް
މެމްބަރުން އައްޔަން ނުކުރެވުމަކީ އެމަޖްލީހުން އޭގެ ޤާނޫނީ
ޒިންމާ އުފުލަން ޖެހޭ ކަމެކެވެ. މަޖްލީހުގައި ބައެއް މެމްބަރުން،
ރައީސުލް ޖުމްހޫރިއްޔާ މަޖްލިހަށް އެކަށީގެންވާ ވަގުތު ގަސްތުން
ނުދެއްވީކަމަށް އެވިދާޅުވާ ވާހަކައަކީ ޤާނޫނީ ތިލަފަތުގައި
ބަރުދަނެއް ނެތް ވާހަކަތަކެކެވެ. އަދި އެކަމުގައި ޒިންމާ ވާން
ޖެހެނީ ރައީސުލް ޖުމްހޫރިއްޔާ، ނުވަތަ ރައީސުލް ޖުމްހޫރިއްޔާ
އެކަން ޙަވާލުކުރެއްވި ވަޒީރަކު ކަމަށް އެވިދާޅުވާ
ވިދާޅުވުމަކީވެސް ޤާނޫނީގޮތުން ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ.
މާލޭ މެމްބަރު އިބްރާހިމް އިސްމާޢިލް، "ޤާނޫނު ނަންބަރު 2005/1
ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 3
ވަނަ ނަންބަރުގައިވާ ކޮމިޝަންގެ މެންބަރުންގެ ނަންފުޅުތައް،
މަޖިލީހުން ވިސްނާ ފާސްކުރެވޭނެ ޤާނޫނީ މުއްދަތު އޮއްވާ
މަޖިލީހަށް ފޮނުއްވިފައިނުވާތީ އެކަމަށް މަސްޢޫލުވާ ސަރުކާރުގެ
ވަޒީރު މަޖިލީހުން މަޢާފަށް އެދިވަޑައިގަތުމަށް" ހުށަހެޅުވި
ހުށަހެޅުއްވުމަކީ އެއްވެސް ޤާނޫނީ އަސްލެއްގެ މައްޗަށް
ބިނާވެފައިވާ ހުށަހެޅުއްވުމެއް ނޫނެވެ. އެހެނީ، މަޖްލީހަށް
ނަންތައް ހުށަހެޅިފައިވަނީ ދެވިފައިވާ މުއްދަތު ހަމަވުމުގެ
ކުރިން ކަމަށްވެފައި، މަޖްލީހުން ނަންތަކާއިމެދު ވިސްނާ
ފިކުރުކުރައްވާ، ނަންތައް ފާސްކުރެއްވުމަށް އޮތް މުއްދަތާއި،
ރައީސުލް ޖުމްހޫރިއްޔާއަށް ނަންތައް ހުށަހެޅުއްވުމަށް
ދެއްވާފައިވާ މުއްދަތު ނިމޭ ވަގުތާއި ދެމެދުގެ މުއްދަތު
ކުރުވުމަކީ އެކަމުގައި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތުން
އެއްވެސް ސިފައެއްގައި ޒިންމާވާ ޖެހޭ ކަމެއް ނޫނެވެ.
ނިމުނީ!
|