25 September 2005

SOCIETY AND CULTURE

ޚިޔާލު ފާޅުކުރުމަކީ އަމާނާތެކެވެ

25/09/2005 | މުޙަންމަދު ޝަހީމް ޢަލީ ސަޢީދު- އީ-މެއިލް

ަމިއަދު އަޅުގަނޑުމެންގެ ޤައުމު މިވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުޅުވާލެވިފައެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ދެކޭ ގޮތަކާއި ، އެމީހަކަށް ފެންނަ އެއްޗެއް ބުނެ ، ލިޔެއުޅުމުގެ ނަޞީބު މިވަނީ ލިބިފައެވެ. މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ނިޢުމަތެކެވެ. އަޅުގަނޑުމެން މިނިޢުމަތަށް ޝުކުރުވެރި ވާންޖެހޭނެއެވެ.
ނަމަވެސް ޝުކުރުވެރިވާނީ ކޮންގޮތަކުންތޯއެވެ؟ އާދެ ! އެގޮތަކީ ޚިޔާލު ފާޅުކުރުމުގައި މާތްވެގެންވާ އިސްލާމް ދީނުގެ އުޞޫލުތަކަށް ތަބާވުމެވެ. މުޖުތަމަޢުގެ އަމަން އަމާންކަމާ ޞުލްޙަ މަޞްލަޙަތު ރިޢާޔަތްކޮށް ޚިޔާލު ފާޅުކުރުމެވެ. މިއީ ޝުކުރުވެރިވުމުގެ ގޮތުން ކުރެވިދާނެ މުހިންމު ބައެއްއެއްކަންކަމެވެ.
އަޅުގަނޑުމެން ކޮންމެ އެއްޗެއް ލިއުނަސް ، ކޮންމެ އެއްޗެއް ބުންޏަސް އެއީ ތެދުވެރިކަމާއެކު ބުނެވޭ ، އަދި ލިޔެވޭ އެއްޗަކަށް ވާންވާނެއެވެ. އަމިއްލަ ނަފުސަށް އަމާނާތްތެރިވުމާއެކު މުޖުތަމަޢަށްވެސް އަމާނާތްތެރިވެ ތެދުވެރި ވާންވާނެއެވެ.
އަޅުގަނޑުމެންގެ ނަމޫނާ އަކީ ހުޅަނގު ކަމުގައި ބަލައިގެން ނުވާނެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމުން ، ކޮންމެ ކަމެއް ކުރިއަސް އަޅުގަނޑުމެންގެ އިސްލާމީ ޙައިޘިއްޔަތު އަޅުގަނޑުމެން ގެއްލުވާލައިގެން ނުވާނެއެވެ. އަޅުގަނޑުމެންނަކީ ރީތި އަޚްލާޤާއި ރީތި އަދަބުގެ އަހުލުވެރިންނެވެ.
މިފަހަކަށް އައިސް ނޫސް މަޖައްލާތައް ދަނީ ގިނަވަމުންނެވެ. ލިޔެކިއުންތަކަކީ ފަހުން އަންނަ ޖީލަށް ވެސް ވާރުތަ ވާނެ އެއްޗެކެވެ. އަދި ހެދިބޮޑުވަމުންދާ ޖީލުވެސް އެއިން ނަމޫނާ ނަގާނެއެވެ. ބައެއްފަހަރު ، ބައެއް މަޖައްލާތަކުން އަޅުގަނޑުމެން ފަދަ އިސްލާމީ ޤައުމަކާ ނުގުޅޭ ޚިޔާލުތަކާއި ބަހުރުވައާއި ، މަންޒަރުތައް ފެންނަކަމީ ހިތަމާކުރާކަމެކެވެ. ނޫސްވެރިކަމަކީ ވެސް އަމާނާތެކެވެ. އަޅުގަނޑުމެން ބުނާ ކޮންމެ އެއްޗަކާއި ލިޔާ ކޮންމެ އެއްޗަކާ ބެހޭގޮތުން އަޅުގަނޑުމެންނާއި ސުވާލު ކުރެވޭނެއެވެ.
އަޅުގަނޑުމެންނަށް ޚަބަރެއް ލިބިއްޖެނަމަ އެއިގެ ތެދު ދޮގު ބެލުމަށްފަހު މެނުވީ އެ ޚަބަރެއް މުޖުތަމަޢަށް ދޫކުރެވިގެން ނުވާނެއެވެ. އެހެން ނޫންނަމަ އެކަމުގެ ސަބަބުން މުޖުތަމަޢުގައި ހަމަނުޖެހުން ހިނގުމަކީ ގާތްކަމެކެވެ.
އަދި އިސްލާމީ ޤައުމެއްނަމަ އެޤައުމުގެ ވެރިޔަކަށް ހުންނަ މީހާ އިސްލާމްދީނުގެ އުޞޫލުތަކާ ޚިލާފު ނުވާހާ ހިނދަކު އެމީހާއަށް ކިޔަމަންތެރިކަން އަދާކޮށް ޤަދަރުކުރަންވާނެއެވެ. މަގުން ކަސިޔާރުވެގެން ހިގައްޖެނަމަ ، ހެޔޮ ގޮތުގައި ޚިޔާލު ހުށަހަޅާ ، މަޝްވަރާދީ ، މަގަށް އެޅުވުމަށް މަސައްކަތްކުރުމަކީ ރައްޔިތުންގެ މައްޗައް އޮތް ވާޖިބެކެވެ. އެވެރިޔަކުވެސް ރައްޔިތުންގެ ބަސް ޤަބޫލުކުރައްވަން ވާނެއެވެ. އަދި އޭނާގެ ކަންތައްތަކާ ފާޑުކިޔާ ހަދާނަމަ ، އެނާގެ ޒާތައް ފާޑުކިޔުމަށް ވުރެން އޭނާކުރާ ކަމަކަށް ފާޑުކިޔުން އެއީ ރީތި ގޮތެވެ. ކަންތައްތައް އިޞްލާޙުވާނީ އެއިރުންނެވެ.
ނަމަވެސް ފާޑު ކިޔުމުގެ ގޮތުން އެކި ސިފަ ސިފައިގައި އެމީހާގެ ކާޓޫނު ކުރަހައި ، އެމީހާގެ ސިފަބަދަލުކޮށްގެން ، ހަޑިހުތުރު ބަހުން އެއްޗެހިގޮވާ ، ލިޔެހެދިޔަސް ކަންތައްތަކެއް އިޞްލާޙެއްނުވާނެއެވެ. ސުންނަތް ޖަމާޢަތުގެ ވެރިންނަކީ ޝަރުޢީ ގޮތުން ޤަދަރު ދެއްވާފައިވާ ބައެކެވެ. ބަޔަކު މީހުން ކުރިން ކޮށްފައިވާ ކަމެކޭ ބުނެ އަޅުގަނޑުމެން އެކަމެއް ކުރާކަން ނުޖެހެއެވެ. އަޅުގަނޑުމެން ކުރިކަމެއްގެ ޖަޒާ ލިބޭނީ ހަމަ އަޅުގަނޑުމެންނަށެވެ. ކުރިން ބަޔަކު ކުރިކަމެއްގެ ޖަޒާ ލިބޭހުށީ ހަބަ އެބައިމީހުންނަށެވެ.
މިއީ އިސްލާމް ދީނުގައި މިކަން އޮތް ގޮތެވެ. އެގޮތައް އަޅުގަނޑުމެންނަށް ކަންތައް ކުރެވޭނަމަ ، ހެދިބޮޑުވަމުން އަންނަ ޖީލަށް އަޅުގަނޑުމެންނަށް އެދެއްކެނީ ހުތުރު ނަމޫނާއެކެވެ. މިކަމުގައި އަޅުގަނޑުމެން ޒިންމާވާންޖެހޭނެއެވެ.
އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އަޅުގަނޑުމެން އަބަދުވެސް ތިބެންވާނީ އަޅުގަނޑުމެންގެ ޙައިޘިއްޔަތުގެ މަތީގައެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ޙައިޘިއްޔަތު ބަދަލުކޮށްގެން ނުވާނެއެވެ. ޑިމޮކޮރަސީއާއި ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ހުޅަނގު ނަމޫނާއަކަށް ބެލުމަށްވުރެން އަޅުގަނޑުމެންގެ ދީނާއި ޘަޤާފަތާއި އަޚްލާޤު ނަމޫނާއަކަށް ބެލުން ހެޔޮކަންބޮޑެވެ.
މިހެންކަމުން އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވަޞިއްޔަތްކުރާ ޙާލުގައި ޤައުމުގެ ދަރިންނަށްވެސް ހެޔޮގޮތުގައި ޚިޔާލުފާޅުކުރުމަށް ވަޞިއްޔަތްކުރަމެވެ. މާތް ﷲ އެންމެނަށް ހިދާޔަތާއި ތަވްފީޤު ދެއްވާށި ، އާމީން! - ނިމުނީ!

 

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved