12 September 2005

LAW & JUSTICE

ސިޔާސީ ޕާރޓީ ޤާނޫނުގެ ދެލިކޮޕީއަށް ޕާރޓީތަކުގެ މަޝްވަރާ ހޯދުމަކީ ލާޒިމުކަމެއް ނޫން؟ - އެމް.ޑީ.ޕީ އާއި އަދާލަތު ޕާރޓީން 'މަޝްވަރާ' މާނަކުރައްވަނީ ކޮންގޮތަކަށްބާ؟

12/09/2005 | ދިޕޮލިޓިކްސް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނިޔާކުރާގޮތުން ރާއްޖޭގައި ޤާނޫނު ހެދުމުގެ ބާރު ލިބިގެންވާ ފަރާތަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހެވެ. އެމަޖިލީހަކީ ޤާނޫނުއަސާސީގައި ނަންގަނެވިފައިވާ ގޮތްތަކުގެމަތީން އެންމެހާ ދިވެހި ރައްޔިތުން ތަމްސީލުކުރާ މަޖްލީހެކެވެ. އެބަހީ މިހާރު ރިޔާސީ ޤަރާރެއްގެ ދަށުން ހެދިފަިއވާ ޤަވާޢިދަކަށް ރާއްޖޭގައި ސިޔާސީ ޕާރޓީތަކެއް އުފެދި، ހިނގަމުން ދިޔަ ނަމަވެސް، ދުސްތޫރީ ހަމަތަކުގެމަތީން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް (ޤާނޫނު ހަދާ މަޖިލިސް) އަކީ އޭގެ ދުސްތޫރީ (ކޮންސްޓިޓިއުޝަނަލް) އަދި ޤާނޫނީ ޠަބީޢަތުގައި އެއްވެސް ޕާރޓީތަކެއް ތަމްސީލުކުރާ މަޖިލީހެއް ނޫނެވެ. އެމަޖިލީހުގެ މެމްބަރުންނަކީ މިނިވަން މުސްތަޤިއްލު ބައެކެވެ.
ރާއްޖޭގައި ސިޔާސީ ޕާރޓީ ހިންގުމާއިބެހޭ ޤާނޫނެއް ނެތި، ސިޔާސީ ޕާރޓީތައް ރަޖިސްޓްރީ ކުރެވި، ހިންގަން ފެށުމަށްފަހު ސިޔާސީ ޕާރޓީއާއިބެހޭ ޤާނޫނެއް ހެދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ތައްޔާރުކޮށްފައިވާ ސިޔާސީ ޕާރޓީގެ ޤާނޫނުގެ ދެލިކޮޕީ، މަޖިލީހަށް ހުށަހެޅުމުގެ ކުރިން، މިހާރު އުފެދިފައިވާ ޕާރޓީތަކުގެ މަޝްވަރާ ހޯދުމަށް ހުޅުވާލެވުނު ދޮރަކީ އޭގެ ޒާތުގައި ޤާނޫނެއް ހެދުމުގެ މަރުޙަލާތަކުގައި ހިމެނުން، ދުސްތޫރީ ގޮތުންނާއި ޤާނޫނީ ހަމަތަކުގެމަތީން ލާޒިމުކުރާ ކަމެއް ނޫނެވެ. އެބަހީ އެދެލިކޮޕީއަށް ޚިޔާލު ހޯދުމާއި ނުހޯދުމަކީ ސަރުކާރަށް އިޚްތިޔާރު ލިބިގެންވާ ކަމެކެވެ. ރާއްޖޭގެ ޤާނޫނު އަސާސީ ނިޔާކުރާގޮތުން އެއްވެސް ޤާނޫނެއް އުފެދި، އެޤާނޫނެއް ތަޞްދީޤުވެ، އެއަށް ޢަމަލުކުރަން ފެށުމާ ދެމެދު، ޤާނޫނޫހަދާފަރާތް ނޫން އެހެން އެއްވެސް ފަރާތެއްގެ މަޝްވަރާ ހޯދުމަކީ ޤާނޫނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ދެލިކޮޕީ ތައްޔާރުކުރާ ފަރާތަށް ކުރެވިދާނެކަމެކެވެ.
ރާއްޖޭގެ އަދުގެ ސިޔާސީ މަސްރަޙުގައި މިފަދަ ދުސްތޫރީ، އަދި ޤާނޫނީ ފަލްސަފާގައި ސާފުކޮސްހުރި މައްސަލަތައްވެސް، ބޮޑު އޮޅުންބޮޅުންގަނޑަކަށްވެ، އިޞްލާހަށް ކުރެވޭ މަސައްކަތްތައް ލަސްވާގޮތަށް މާނައެއް ނެތް ސިޔާސީ ކޯޅުންތަކަކަށް ދިއުމަކީ ބޭނުންވާ މަންޒިލާ ހަމައަށް ވާސިލުވުމަށް އެޅޭ ހުރަސްތަކެކެވެ. މިހެން މިދެންނެވީ، ކުރިން ނަންގަތް ޤާނޫނުގެ ދެލިކޮޕީގެ މަޝްވަރާ ބައްދަލުވުމަށް ސިޔާސީ ޕާރޓީތަކަށް ސަރުކާރުން ދަޢްވަތު ދެއްވުމުން، އެކަމުންވެސް ކޯޅުންތަކަކަށް ޖާގަ ހޯދާފައިވާތީއެވެ. އެފަދަ ޢަމަލުތަކުން ދޭހަވަނީ އެފަދަ ސިޔާސީ ޕާރޓީތަކުގެ އެޖެންޑާގެ އުނިކަމާއި، މިފަދަ ޤާނޫނީ އަދި ސިޔާސީ ކަންކަމުގައި ޙަޤިޤީ ހޭލުންތެރިކަން ނެތްކަމެވެ.
ކޮންމެއަކަސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީން އެއްވެސް ސަބަބަކާހުރެ މަޝްވަރާ ބައްދަލު ވުމުގައި ވައިވެރިވުމަށް އިޢްތިރާޒު ކުރައްވާނަމަ، ގަދަކަމުން ބައިވެެރި ކުރުވަން މަސައްކަތް ކުރުމާއި، އެޕާރޓީން ބައިވެރިނުވެ، އެބައްދަލުވުން ކުރިޔަށް ނުގެންދިއުމަކީ ޢަމަލު ކުރަންޖެހޭ ގޮތެއް ނޫނެވެ. ނަމަވެސް ޢަދާލަތު ޕާރޓީން އެގޮތަށް އަޑު އުފުއްލަވާ، އެބައްދަލުވުން ކުރިއަށް ދާން ޖެހޭނީ އެމް.ޑީ.ޕީގެ ޙާޒިރުގައިކަމަށް ވިދާޅުވެ، އެކަން ބޮޑު ސިޔާސީ ސިނާރިއޯ އަކަށް ހެއްދެވިކަމީ ހައިރާންވާންޖެހޭ ކަމެކެވެ. ޤާނޫނެއްގެ ދެލިކޮޕީއަކަށް މަޝްވަރާ ހޯދުމުގެ މާނަ މިޕާރޓީތަކުން ކުރައްވަނީ ކިހިނެއްކަމާއިމެދު ސުވާލު އުފެދޭ ކަމެއްވެސް މެއެވެ. އެކަމަކީ ޤާނޫނެއް ހެދިގެން އަންނަ މަރުޙަލާގައި ވާޖިބެއްކަމަށް އެވެރިންނަށް ވިސްނިވަޑައިގަތީ ބާއެވެ!
ވީމާ، ރާއްޖޭގެ ސިޔާސީ ޕާރޓީތަކުން ތަނުގެ ސިޔާސީ ނިޒާމު އިސްލާޙު ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާއިރު، އެކަން ލަސްނޫން، އަވަސް، ފައިދާހުރި ހަމަތަކެއްގެމަތީން ގެންދެވުމަކީ ރައްޔިތުން އެދޭ މަންޒިލާހަމައަށް ވާސިލުވުމުގައި ފަސޭހަވާނެ ގޮތެކެވެ. އެހެނީ، ސިޔާސީ ސަބަބުތަކާއިހުރެ، ބޭކާރު ކޯޅުންތަކެއް އުފަން ކުރުމަކީ އަވަސް ޙައްލަކާއި ހަމައަށް ދާން ކުރެވޭ މަސައްކަތަށް އެޅޭ ހުރަހެކެވެ. އަދި އެފަދަ ޢަމަލުތަކާ ސިޔާސީ ޕާރޓީތަކުން ދުރުހެލިވެ، ޤައުމާއި ރައްޔިތުންނަށް އިޚްލާޞްތެރިވުމަށް ގޮވާލަމެވެ. ބަހާއި، ޢަމަލު ދިމާނުވާ، 'ހުސް ވާހަކައަކުން' ޤައުމެއް އިޞްލާހު ނުވާނެކަން ހަނދުމަފުޅު ކުރެއްވުމަށްވެސް، ރާއްޖޭގެ ސިޔާސީ ޕާރޓީތަކުގެ 'ފިރުކުމުގެ ދައުރުގައި' އެންމެހާ ޕާރޓީތަކަށް ގޮވާލަމެވެ. ނިމުނީ!

 

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved