17 September 2005

POLITICS

ރައްޔިތުންގެ މަޖްލީހުގެ އެންމެހާ މެމްބަރުން އިސްތިއުފާ ދެއްވައިގެން ހުރިހާ ސިޔާސީ ޕާރޓީތަކަށް މަޖްލީހުން ޖާގަ ހޯއްދަވައި ދެއްވިދާނެ!

ޑިމޮކްރަސީއަށް ލޯބިކުރައްވަނީ ކޮން މެމްބަރުންނެއްތޯ؟

18/09/2005 | އަލްޙާން ފަހުމީ

ދިވެހިރާއްޖޭގެ އަދުގެ ސިޔާސީ މަސްރަޙުގައި ޙައްލެއް ނުފެނިފައިވާ ސިޔާސީ އަރާރުންތަކާއި، ކޯޅުންތަކަށް އޮތް މައިގަނޑު ޙައްލަކީ، މިހާރު އިންތިޚާބު ކުރެވިފައިވާ ރައްޔިތުންގެ މަޖިލިސް ރޫޅާލާ، ޕާރޓީތަކުގެ ކެންޑިޑޭޓުންނަށް ބައިވެރިވެވޭނެ ނިޒާމަކުން އަލުން އެމަޖްލިސް އިންތިޚާބު ކުރުންކަމަށް އަޅުގަނޑު ދެކެމެވެ.
މިފަދަ އިންތިޚާބެއް ބާއްވައިގެން އަލުން ރައްޔިތުންގެ މަޖްލިސް އިންތިޚާބުކުރުމުގެ މައިގަނޑު މަޤްޞަދަކީ ނުވަތަ ބޭނުމަކީ، މިހާރު ރާއްޖޭގައި ޤާނޫނީ ހަމަތަކުގެމަތީން ޙަރަކާތްތެރިވަމުންދާ ސިޔާސީ ޕާރޓީތަކަށް، ހަމަހަމަ އުސޫލަކުން ރައްޔިތުންގެ މަޖްލީހުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، މަލްޓިޕާރޓީ ޑިމޮކްރަސީ އެއްގައި، ޕާރޓީތަކަށް ޤާނޫނީ ނިޒާމެއްގެ ދަށުން ލިބިދޭންޖެހޭ ރައްޔިތުން ތަމްސީލު ކުރުމުގެ ޙައްޤު، އެޕާރޓީތަކަށް ލަސްނުކޮށް ހޯދައި ދިނުމެވެ.
ޕާރޓީ ސިސްޓަމެއްގައި އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންގެ މަޖިލީހުގައި ޕާރޓީތަގެ ތަމްސީލުކުރުން އޮތުމެވެ. ނަމަވެސް ރާއްޖެއަށް ކުއްލިގޮތަކަށް، ރިޔާސީ ޤަރާރެއްގެ ދަށުން ޕާރޓީ ސިސްޓަމް ތަޢާރަފް ކުރެވުނުއިރު، ރައްޔިތުންގެ މަޖިލިސް އޮތީ އިންތިޚާބު ކުރެވިފައިކަމަށްވުމާއިއެކު، ޤާނޫނީ ހަމަތަކުގެމަތީން މިހާރު އޮތް ރައްޔިތުންގެ މަޖްލީހުގެ އެއްވެސް މެމްބަރަކީ ވަކި ޕާރޓީއެއް ތަމްސީލުކުރައްވާ މެމްބަރަކަށް ނުވާނެއެވެ. މަޖްލީހުގެ މެމްބަރުން ޕާރޓީ ސިސްޓަމާއިއެކު އުފަންވެގެންދިޔަ ޕާރޓީތަކާއި ގުޅިވަޑައިގެންފައިވިޔަސް، އެބޭފުޅުންގެ މެމްބަރުކަމުގެ ހައިސިއްޔަތަށް ބަދަލެއް ނާންނެއެވެ.
މިކަމުގެ ޤާނޫނީ ޙަޤީޤަތް އޮތީ އިސްވެ މިދެންނެވި ގޮތަށް ކަމަށްވިޔަސް، މިހާރު ރައްޔިތުންގެ މަޖްލިސް އޮތީ ދެޕާރޓީއަކަށް ބެހިފައިކަން ޤަބޫލުކުރަން ޖެހެއެވެ. މަޖްލީހުގައި މިހާރު ތިބީ 'ދިވެހިރައްޔިތުންގެ ޕާރޓީ' އަށް ނިސްބަތްވާ މެމްބަރުންނާއި، 'ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ' އަށް ނިސްބަތްވާ މެމްބަރުންނެވެ. މިގޮތަށް މަޖްލިސް ބައިބައިވެފައި އޮންނަނީ ޤާނޫނީ ހަމައެއްގެ މަތީން ކަމަށް ނުވިޔަސް، މިހެން އޮންނަ އޮތުމަކީ 'އަދާލަތު ޕާރޓީ' އާއި، 'އިސްލާމިކް ޑިމޮކްރެޓިކް ޕާރޓީ' ފަދަ، އެހެން ސިޔާސީ ޕާރޓީތަކަށް މަޖްލީހުގައި 'މިއުސޫލުންވިޔަސް' ބައިވެރިވުމުގެ ފުރޞްތު ނުލިބި، އެތަކެއް ސިޔާސީ، އަދި ޤާނޫނީ ނިންމުންތަކެއް ނިމިގެންދާނެ ކަމަކެވެ. ވީމާ، މިގޮތަށް މިކަން އޮންނަ އޮތުމަކީ ސިޔާސީ ޕާރޓީގެ ނިޒާމު ތަންދޭ ކަމަކަށް ނުވާތީއާއި، ޑިމޮކްރަސީގެ އުސޫލުތަކާއި ކަންޑައެޅިގެން ޚިލާފުކަމަށް ވާތީ، މިމައްސަލާގެ އެންމެ އަވަސް ޙައްލަކީ ޕާރޓީތަކަށް ބައިވެރި ވެވޭގޮތަށް އަލުން ރައްޔިތުންގެ މަޖްލިސް އިންތިޚާބު ކުރުންކަމަށް އަޅުގަނޑު ދެކެމެވެ.
މިފަދަ އިންތިޚާބެއް ބޭއްވުމަކީ ދިވެހި ޖުމްހޫރިއްޔާގެ ދުސްތުރު ތަންދޭ ކަމެއްތޯ ބަލާއިރު ޤާނޫނޫ އަސާސީގެ 65 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން، ރައްޔިތުންގެ މަޖްލިހުގެ އުމުރަކީ، ނުވަތަ މަޖްލިސް އިންތިޚާބު ކުރެވެނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މާއްދާގެ ނައްޞަކީ "ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ، މަޖިލިސް އިންތިޚާބުވުމަށްފަހު، ފުރަތަމަ ކުރާ ޖަލްސާގެ ތާރީޚުން ފެށިގެން ފަސްއަހަރު ދުވަހެވެ. މި މުއްދަތު ހަމަވުމުން، މަޖިލިސް ރޫޅުނީއެވެ. އުމުރު ހަމަވެގެން މަޖިލިސް ރޫޅުމާއެކު، އަލަށް އިންތިޚާބުވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާނެއެވެ" މިހެންނެވެ.

މި މާއްދާގައި ބަޔާންކުރެވިފައިވަނީ މަޖްލިސް އެކުލަވާލުމަށްފަހު، ރޫޅޭނެކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާ ޙާލަތެވެ. އެޙާލަތަކީ ޠަބީޢީ ގޮތުން މަޖްލީހުގެ ޢުމުރުކަމަށްވާ، ފަސް އަހަރު ހަމަވުމެވެ. ވީމާ، އެނޫން ޙާލަތެއްގައި މަޖްލިސް ރޫޅާލެވޭނީ ދުސްތޫރީ ގޮތުން ކޮން ގޮތަކަށްކަން، ޤާނޫނުއަސާސީގައި ބަޔާންކުރެވިފައި ނުވެއެވެ. އެހެން ނަމަވެސް، އުފެދޭ ސުވާލަކީ ކުރީން މިދެންނެވިފަދަ މަލްޓިޕާރޓީ އިންތިޚާބެއް ބޭއްވުމަށްޓަކައި މިހާރު އޮތް މަޖްލީހުގެ އުމުރު ހަމަވުމުގެ ކުރިން އެމަޖްލިސް ރޫޅާލެވޭނީ ކިހިނަކުންތޯއެވެ.

އެގޮތުން ބަލާއިރު މިހާރު އޮތް ރައްޔިތުންގެ މަޖިލިސް އެއްކޮށް އިސްތިއުފާ ދިނުމަކީ މެމްބަރުންނަށް ލިބިގެންވާ ހައްޤެކެވެ. އަދި އެންމެހާ މެމްބަރުން  އިސްތިއުފާ   ދީފިނަމަ،   ޢަމަލު  ކުރަން  ޖެހޭނި ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ރައްޔިތުންގެ   މަޖިލީހުން  ހުސްވާ   ގޮނޑި ފުރަން  ކަނޑައެޅިފައިވާ   އުސޫލުންނެވެ. އެމާއްދާގައި ވަނީ "ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ކުރިން، މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެނަމަ، އެގޮނޑި ހުސްވިތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި، ޤާނޫނުގައިވާ ގޮތުގެ މަތިން އެގޮނޑިއަށް އަލުން މެންބަރަކު އިންތިޚާބު ކުރަންވާނެއެވެ. ހުސްވި ގޮނޑިއަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކޮށްފައިވާ މެންބަރެއްގެ ގޮނޑިނަމަ، އެގޮނޑި ހުސްވިތާ ފަސްދޮޅަސް ދުވަހުގެ ތެރޭގައި އެގޮނޑިއަށް އަލުން މެންބަރަކު ޢައްޔަންކުރަންވާނެއެވެ" މިފަދައިންނެވެ. މިމާއްދާގައި އެވާ 'ގޮނޑި' މިދެންނެވި އިސްތިއުފާގެ ޙާލަތުގައި ބަދަލުވެގެންދަނީ ގޮނޑިތަކަކަށެވެ.

މިހިސާބުން އުފެދޭ ސުވާލަކީ، ގޮނޑިތައް ފުރުމުގެ އިންތިޚާބު ބާއްވާނީ ކޮން ގޮތަކަށްތޯއެވެ. އެގޮތުން ބަލާއިރު، މިހާރު ރައްޔިތުންގެ މަޖްލިސް އިންތިޚާބުކުރުމަށް ޢަމަލުކުރެވޭ ޤާނޫނަކީ ޕާރޓީ ސިސްޓަމެއްގައި އިންތިޚާބުތައް ބާއްވަން އެކަށީގެންވާ ގޮތަށް އެކުލަވާލެވިފައިވާ ޤާނޫނެއް ނޫނެވެ. ވީމާ، މިދެންނެވި، އިސްތިއުފާގެ ޙާލަތަށް ދިއުމުގެ ކުރީން، މަޖްލީސް އިންތިޚާބުކުރުމާއިބެހޭ ޤާނޫނު އިޞްލާޙު ކުރުމަށްޓަކައި، ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާ، ޕާރޓީ ސިސްޓަމާ ގުޅޭގޮތަށް އެޤާނޫނު އިޞްލާޙުކޮށް ތަޞްދީޤު ކުރެވިދާނެއެވެ. އެއަށްފަހު މަޖްލިސްގެ ހުރިހާ މެމްބަރުން ވަގުތުން އިސްތިއުފާ ދެއްވާ، ފާސްކުރެވުނު އައު ޤާނޫނާއި އެއްގޮތްވާގޮތަށް އިންތިޚާބު ބޭއްވުމަކީ، ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖްލީހުގައި ޤާނޫނީ ހަމަތަކުގެމަތިން، ޕާރޓީތައް ތަމްސީލުކުރެވޭނެ ގޮތެއްކަމަށް ފެނެއެވެ. އަދި އެހެން އެކަން ކުރެވިއްޖެ ނަމަ - އިސްލާޙުވާނެ އިރެއް ނޭނގޭ- ޤާނޫނުއަސާސީއެއް 'އިޞްލާޙުވަންދެން' ޕާރޓީތަކެއް އޮވެ، އެޕާރޓީތަކުގެ ޙަޤީޤީ ދައުރު އަދާނުކުރެވިފައި އޮންނަން ނުޖެހޭނެކަމަށްވެސް އަޅުގަނޑު ދެކެމެވެ. ނިމުނީ!

 

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved