15 September 2005

SOCIETY AND CULTURE

މާލޭގައި މަސާޖު ޕާލާގެ ނަމުގައި ނާސިގެތަކެއް - އިސްލާމީ ކަންތައްތަކާ ބެހޭ މަތީ މަޖިލީހަކީ ކީއްކުރާ ތަނެއްބާ؟

15/09/2005 | ދިޕޮލިޓިކްސް

މާލޭގައި މަސާޖުޕާލާތަކެއްގެ ނަމުގައި ހިންގޭ ތަންތަނުގައި ބަދުއަޚްލާޤީ ޢަމަލުތައް ހައްދުފަހަނައަޅާފައިވާ ކަމަށް ޢާންމު ފަރާތްތަކާއި ދުވަހު ނޫސްތަކުން ކަށަވަރުކޮށްދެމުންދާއިރުވެސް ސަރުކާރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް ހާމަކޮށްފައި ނެތުމަކީ ވަރަަަށް ހައިރާންވާންޖެހޭ ކަމެކެވެ. ޚާއްޞަކޮށް އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން މިފަދަ ލާދީނީ ކަންކަމަށް މަގުފަހިވާ ކަންކަމާއިމެދު އެއްވެސް ވާހަކައެއް ހާމަކޮށްފައި ނެތުމާއި، އެފަދަ ކަންކަމާއި ދެކޮޅަށް އެއްވެސް ދީނީ ފަތުވާއެއްވެސް، ވާހަކައެއްވެސް ދައްކާފައި ނެތުމަކީި މިބާވަތުގެ ކަންކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ނުކުރާކަމުގެ ހެއްކެކެވެ.
މިއަދު، ހަވީރު ނޫހުގައި ޝާއިޢު ކޮށްފައިވާ މަސާޖު ޕާލާތަކުގައި ހިންގޭ ލާދީނީ، ބަދުއަޚްލާޤީ ޢަމަލުތަކާއި ބެހޭ ރިޕޯރޓުން އެނގޭ ގޮތުގައި އެތަންތަނުގައި ޣައިރުޝަރުޢީ ޖިންސީ ޢަމަލުތައް ހިންގޭ ކަމަށް ހެއްކާއިއެކު ލިޔެފައިވާއިރު، ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކަށް އެފަދަ ކަމެއް ބެލިފައި ނެތުމުން، އެއިދާރާތަކުގެ ޒިންމާ ނުއުފުލޭ ކަމާއި، ދޯދިޔާކަމާއި، ރާއްޖޭގެ މުޖުތަމަޢްގައި ހިންގޭ އިސްލާމީ ޝަރީޢަތާއި ކަނޑައެޅިގެން ޚިލާފު، މިބާވަތުގެ ބަދުއަޚްލާޤީ ކަންތައްތައް ނައްތާލުމަކީ ސަރުކާރުން ސަމާލުކަންދޭ ކަންތައްތަކެއް ނޫންކަން ހާމަވެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ މަތީ މަޖިލީހުގެ ނަމުގައި ހަދާފައި ހުންނަ މަޖިލީހުގެ ޢަމަލުތައް ހުރިގޮތަށް ބަލާއިރު، އެމަޖިލީހުން ދީން ބޭނުންކުރަނީ ސަރުކާރު ޙިމާޔަތް ކުރުމާއި، ސިޔާސީ ވަކި މަޤްޞަދުތަކެއް ޙާޞިލުކުރުމަށްކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި ދީނީ ޢިލްމުވެރިއަކު ދީނީ ވާހަކައެއް ދައްކައިފިނަމަ، ލައިސަންސްނެތި ދީނީ ވާހަކަ ނުދެއްކުމަށް އެމަޖިލީހުން އަންގަވާ، އިންޒާރުތައް ދެއްވަމުންމުން ދާއިރު، ލައިސަންސް ދީގެން ޒިނޭކުރުމާއި ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތަކަށް ދޮރު ހުޅުވާލެވިފައި ވާއިރު، އެމަޖިލީހުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްތަކެއް ކޮށްފައި ނެތުމާއި، އެކަމާ ރަސްމީ ސިފައެއްގައި ނުރުހުން ފާޅުކޮށްފައި ނެތްކަމީ އެމަޖިލީހުގެ މަޤްޞަދާއި، އެމަޖިލީހަކީ ކޮންމެހެން ރާއްޖޭގައި އިސްލާމް ދީނުގެ ރޫޙު އާލާކޮށް މުޖުތަމަޢުން ބަދުއަޚްލާޤީ، ލާދީނީ ކަންތައް ނައްތާލަން މަސައްކަތްކުރާ ތަނެއް ނޫންކަން ދޭހަވާ ކަމެކެވެ.
ދިވެހި މުޖުތަމަޢްގައި މިހާރު އަށަގަންނަމުން މިދާ ޣައިރުޝަރުޢި ފާޙިޝް ޢަމަލުތަކަކީ ޑިމޮކްރަސީ ކަމުގައި ވެދާނެއެވެ. ކޮންމެ ބަޔަކަށްވެސް އެބަޔަކު ބޭނުން ކަމެއް ކުރެވެން ޖެހޭނެއެވެ. ބަޔަކު ރުހުމުގައި ހިންގާ ޖިންސީ ގުޅުމަކީ ޑިމޮކްރަސީއެއްގައި މާނާ ނުކުރެވޭ ކަންކަމަށް ވެދާނެއެވެ. އެމެރިކާގައި މިހާރު 'އީކުއަލް ޓޮޕް ފްރީ ރައިޓްސް' ދިނުމުގެ މަސައްކަތްވެސް އެހެރަގެން ކުރިއަށް ދަނީއެވެ. އޭރުން އަންހެނުން ފިރިހެނުންނެކޭ އެއްގޮތައް މަތިހަށި ހާމަކޮށްގެން ގަޔަށް އެއްޗެއް (ޓޮޕެއް) ނުލާ ޢާންމު ތަންތާނގައި އުޅޭނެއެވެ. ކޮންމެއަކަސް މިކަންކަމަކީ ސެކިއުލާ ޑިމޮކްރެޓިކް ސިސްޓަމްތަކުގައި މާބޮޑެތި ކަންކަމެއް ނޫނެވެ. އެހެނަސް އަހަރުމެންގެ ރާއްޖއަކީ އެފަދަ ޑިމޮކްރަސީއެއް ބޭނުންވާ ޤައުމެއް ނޫނެނެވެ. ފިތުނަތަކާއި ފަސާދަތައް ވަގުތުން ހުއްޓުވާ ނައްތާލެވެން ޖެހޭނެއެވެ. އަހަރުމެންގެ ދީނުގައި ދުނިޔެ ރާވާ ހަންގަންޖެހެނީ ދީނުގެ އަލީގައެވެ. ދުނިޔޭގެ ސިޔާސަތު ރާވަންޖެހޭނީ ދީނީގޮތުން ކަނޑައެޅިފައިވާ ތަރަހައިގެ ތެރޭގައެވެ.
މަސާޖު ޕާލާތަކަކީ ދުނިޔޭގެ ހުރިހާ ތަކެއްގައިވެސް، މަސާޖުކުރުމުގެ އިތުރުން ޖިންސީ ގުޅުން ހިންގުމަށް ހުޅުވާދެވޭ ނުސީދާ ދޮރެކެވެ. މިދޮރު މިއަދު މިވަނީ ރާއްޖޭގައިވެސް ހުޅުވިފައެވެ. އަދި އެކަން ޢާންމުވެ، އެތަންތަނުގެ ޑިމާންޑް ބޮޑުވެ، ބަދުއަޚްލާޤީ ޢަމަލުތައް ހައްދުފަހަނައަޅައި ގޮސްފައެވެ.
ވީމާ ދިވެހި ސަރުކާރާއި، ޚާއްޞަކޮށް އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހޭ ކިޔާ މަޖިލީހުން މިކަންކަމާއިމެދު ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލަމެވެ. އަދި މިފަދަ ޙަރާން ކަންތައްތަކަށް ސަރުކާރުން ޖާގަދީފައި އޮތުމަކީ ސަރުކާރާއި ދެކޮޅަށް ނުކުތުމަށް ދެވޭ ފުރުޞަތެއްކަން ސަރުކާރަށް ހަނދުމަކޮށް އަރުވާ، މިކަންތައްތައް މިގޮތަށް ކުރިއަށް ދާނަމަ، ޝަރުޢީ ހަމަތަކުގެމަތީން ސަރުކާރު ވައްޓާލަން މަސައްކަތް ކުރާނެކަމުގެ ވާހަކަވެސް މިފުރުޞަތުގައި އިޢްލާނުކުރަމެވެ. ނިމުނީ!

 


     

ހަވީރު ނޫހުން މަސާޖު ޕާލާ ތަކާއިބެހޭ ގޮތުން ޝާއިޢު ކޮށްފައިވާ ލިޔުންތައް

 

މާލޭގައި ހުރި މަސާޖުކުރާ ތަންތަން ހައްދުފަހަނައަޅައި ދިއުމުގެ ކިރުން ހުއްޓުވަން ޖެހޭނެ!

މަސާޖުކުރުމުގެ މަސައްކަތް އެމީހަކާ އެމީހެއް

ދީނީ ޢިލްމުވެރީންގެ ބަސް: މަސާޖުކުރާ ތަންތަން ރާއްޖޭގައި ހުޅުވަން ޖެހޭބާ؟

މަސާޖުކުރާ ތަންތަނުގެ ފަރުދާގެ ފުރަގަސް

 

 

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved