|
މައުމޫނުގެ ދިވެހި ރައްޔިތުންގެ ޕާރޓީން
ބާރުގެ ބޭނުން ނަހަމަގޮތުގައި ކޮށްގެން ނުވާނެ! އެޕާރޓީން
އެކަމަށް ފަރުވާތެރިވާން ވާނެ!
01/7/2005 |
ދިޕޮލިޓިކްސް
ދިވެހި ރާއްޖޭގެ
ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލް ޤައްޔުމު
ވެރިކަމުގައި ހުންނަވައިގެން ރާއްޖެއަށް ސިޔާސީ ޕާރޓީގެ ނިޒާމް
ތަޢާރަފް ކުރައްވާ، އަމިއްލަފުޅަށް ޕާރޓީއެއް ހެއްދެވުމުގެ
ސަބަބުން މިއަދު އޭނާއަށްވަނީ ފާޑުކިއުންތަކާއި ކުރިމަތިލައްވަން
ޖެހިވަޑައިގެންފައެވެ.
ރާއްޖޭގެ ސިޔާސީ ޕާރޓީއާއި ބެހޭ ޤަވާޢީދާ އެއްގޮތްވާ
ގޮތުގެމަތީން އަދި މިހާތަނަށް ރަޖިސްޓްރީ ކުރެވިފަނީ
ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔުމުގެ
ދިވެހިރައްޔިތުންގެ ޕާރޓީއާއި ގ.ކެނެރީގޭ މުޙަންމަދު ނަޝީދުގެ
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީއެވެ.
ދިވެހިރައްޔިތުންގެ ޑިމޮކްރެރޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ
ތަރުޖަމާނުން ވިދާޅުވަނީ ދިވެހި ރައްޔިތުންގެ ޕާރޓީ (އެމް.ޕީ.ޕީ)
އިން ސަރުކާރުގެ ވަސީލާތްތައް ނަހަމަގޮތުގައި
ބޭނުންކުރާކަމަށެވެ.
ސިޔާސީ ޕާރޓީތަކުގެ މައިގަނޑު އެއް މަޤްޞަދަކީ ޕާރޓީގެ އެހީގައި
ދައުލަތުގެ ވެރިކަމާއި ހަމައަށް ވާސިލުވުމެވެ. ރާއްޖެއަށް ސިޔާސީ
ޕާރޓީގެ ނިޒާމު ތަޢާރަފްކުރެވިފައިވަނީ ވަރަށް ކުއްލި ގޮތަކަށް،
އެކަމަށް އެކަށީގެންވާ ހަރުދަނާ ޤާނޫނީ އޮނިގަނޑަކާ ނުލާކަން
އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. ޕާރޓީ ސިސްޓަމަކީ ބޮޑު
ސިޔާސީ ބަދަލުތަކެއް ގެނުވާ، ވަރުގަދަ ނިޒާމަކަށްވެފައި، މިފަދަ
ބޮޑު ބަދަލެއް ގެނައުމުގައި ދައުލަތުގެ ޤާނޫނީ ނިޒާމަށް
ގެންނަންޖެހޭ އެތަކެއް ބަދަލުތަކެއް ނުގެނައުމުގެ ނަތީޖާއެއްގެ
ގޮތުން މިއަދު ޚުދު ސަރުކާރުވެސް އެވަނީ ފުން ވަޅުގަނޑަކަށް
ވެއްޓިފައެވެ.
ޤާނޫނީ
ހަމަތަކުގެމަތީން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދިވެހިރާއްޖޭގައި
އޮތް ސަރުކާރަކީ ޤާނޫނީ ސަރުކާރެއްކަމެވެ. އެސަރުކާރު
ޤާއިމުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި
ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތީންނެވެ. އެހެނީ، ދުސްތުރީ
ބާރު ލިބިގެންވާ ސަރުކާރަކީ ދައުލަތުގެ އެންމެހާ ބާރުތަކެއް
އެސަރުކާރަކަށް ލިބިގެންވާ ސަރުކާރެކެވެ.
ރައީސުލް
ޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫނު ޢަބްދުލް ޤައްޔޫމް،
މއ.ކިނބިގަސްދޮށުގޭ މައުމޫނުގެ ހައިސިއްޔަތުން ސިޔާސީ ޕާރޓީއެއް
ހެއްދެވުމަކީ ޤާނޫނީ ގޮތުން މަނާކަމެއް ނޫނެވެ. އެހެންނަމަވެސް
އޭނާ ޕާރޓިއެއް ހެއްދެވުމަކީ، އެހެނިހެން ޕާރޓީތަކަށް
އެޕާރޓީތަކުގެ ބާރު ކުޑަވެ، އެ ޕާރޓީތަކުގެ އަސްލު މަޤްޞަދަށް
ވާސިލުވުމަށް އެޅޭ ހުރަހެއްކަމަށް އިޙްސާސް ކުރެވޭ ކަމެކެވެ.
އަދި ހަމައެހެންމެ، މައުމޫނު އުފެއްދެވި ޕާރޓީން ދައުލަތުގެ
ބާރުތައް ނަހަމަގޮތުގައި، ޕާރޓީގެ ބޭނުމަށް ބޭނުން
ކޮށްފާނެކަމަށް ޝައްކާއި ވަހުމު އުފެދޭނެވެސް ކަމެކެވެ.
މިފަދައިން ހީވުމަކީ ސިޔާސީ ގޮތުންބަލާއިރު ވަރަށް
ޠަބީޢީކަމެކެވެ. ސަބަބަކީ ކޮންމެ ޕާރޓިއަކުންވެސް ބޭނުންވަނީ
ވެރިކަމާއި ޙަވާލުވާން ކަމަށްވުމެވެ.
ރާއްޖޭގައި މިހާރު ވެރިކަން ހިންގަނީ
އެއްވެސް ޕާރޓީއަކުން ނޫން!
ކުރީންވެސް ދެންނެވިފަދައިން ރާއްޖޭގައި އޮތް ސަރުކާރަކީ ޤާނޫނީ
ހަމަތަކުގެ މަތީން ބަލާއިރު އެއްވެސް ޕާރޓިއަކަށް ނިސްބަތްވާ
ސަރުކާރެއް ނޫނެވެ. އަދި ހެދިފައިވާ ޤަވައިދެއްގެ ދަށުން ސިޔާސީ
ޕާރޓީތައް ހިންގުމުގެ ހުއްދަ ލިބިފައިވީނަމަވެސް ސަރުކާރުގެ
މައިގަނޑު ނިޒާމަކަށް އަދި އެއްވެސް ބަދަލެއް ގެނެވިފައި ނެތެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ނަންގަނެވިފައިވާ ގޮތުގެ މަތީން
ނޫންގޮތަކަށް ސަރުކާރު އެކުލަވާލެވޭނެ ޤާނޫނީ ނިޒާމެއް އަދި
ތަޢާރަފް ކުރެވިފައި ނުވެސް ނެތެވެ.
އެހެންނަމަވެސް
ބައެއް މިހުންނަށް ހީވެފައި މިއޮތީ މައުމޫނު ޕާރޓީއެއް ހެދުމުން
މިހާރު ވެރިކަން ހިންގަނީ އޭނާގެ ޕާރޓީންކަމަށެވެ. އެއީ ކުށް
ހީއެކެވެ. މައުމޫނުގެ ޕާރޓީއަކަށް ސަރުކާރު ހިންގުމުގެ އެއްވެސް
ބާރެއް ލިބިގެނެއް ނުވެއެވެ. އަދި ދައުލަތުގެ އެއްވެސް ބާރެއް
ޕާރޓީގެ ބޭނުމަށް ބޭނުންކޮށްގެން ނުވާނެއެވެ. ކުރެވިގެންވެސް
ނުވާނެއެވެ. މިކަމުގެ ޤާނޫނީ ޙަޤީޤަތަކީ މިދެންނެވު އުސޫލުކަމަށް
ވިޔަސް ސަރުކާރު ހިންގާފަރާތުން ޕާރޓީއެއް ރަޖިސްޓްރީކޮށްގެން
މަސައްކަތްކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ.
އޮޅިގެންނަމަވެސް ދިވެހި ރައްޔިތުންގެ ޤާނޫނީ ސަރުކާރުގެ ބާރެއް
ބޭނުންކުރުމަކީ އެޕާރޓީ ޤާނޫނީ ހަމަތަކުގެމަތީން ކުށްވެރިވާނެ
ކަމެކެވެ. އަދި އެފަދަ ކުށެއް ކޮށްފިނަމަ އޭނާ އިންސާފުގެ
ކުރިމައްޗަށް ހާޒިރުކުރެވެން ޖެހޭނެއެވެ.
ކޮންމެއަކަސް
ހާމަކުރަންޖެހޭ ޙަޤީޤަތަކީ، މިހުރިހާ މައްސަލައެއްގެ އަސްލު
ސަބަބަކީ ރާއްޖޭގެ ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑު މަލްޓި ޕާރޓީ
ސިސްޓަމެއް ހިންގުމަށް ބައްޓަން ކުރެވިފައި ނުވާއިރު، އެކަން
އެގޮތަށް ކުރެވޭވަރުގެ ޤާނޫނީ ބިންގަލެއް ނެތި އެކަން ފަށައިގެން
ކުރިއަށް ގެންދިޔުމެވެ. ތަފާތު ޖަމާޢަތްތަކުން އެކަމަށް
ހިތްވަރުދީ އެކަމުގައި ބައިވެރިވުމެވެ.
ރާއްޖެއަށް
މަލްޓި ޕާރޓީ ސިސްޓަމް ގެންނަން އެންމެ އިސްކޮށް މަސައްކަތްކުރި،
އެމް.ޑީ.ޕީން މިކަންކަމާއިމެދު ސިޔާސީ ނަޒަރަކުން ވިސްނާފައި
ނެތުމަކީ ޙަޤީޤަތުގައި މިކަން މިގޮތަށް ނިމިގެން ދިޔުމަށް
މެދުވެރިވި މައިގަނޑު ސަބަބު ކަމުގައި އަޅުގަނޑު ދެކެމެވެ.
ތަފާތު ޕްރެޝަރުތަކުގެ ސަބަބުން ސަރުކާރުން ޕާރޓީ ސިސްޓަމް
ގެންނާނެކަމަށް ވަޢުދުވެ، ސަރުކާރުން އެކަން ތަންފީޒު ކުރަނީ
ކޮންކަހަލަ ސިޔާސީ އުކުޅުތަކެއް ހަދައިގެންކަން އެމް.ޑީ.ޕީ އަށް
ވިސްނާލަން ނޭގުމެވެ.
އެމް.ޑީ.ޕީގެ
ސިޔާސީ ތަޖުރިބާއަކީ މައުމޫނުގެ 27 އަހަރުވީ ސިޔާސީ ރާސްތާއާއި
އަޅާބަލާއިރު ޒައްރެއްގެ މިންވަރަށްވުރެވެސް ކުޑަ މިންވަރެކެވެ.
އެމް.ޑީ.ޕީން ވެސް ހީކުރީ ޕާރޓީ ސިސްޓަމް ތަޢާރަފްވުމާއިއެކު
ދެން އެމް.ޑީ.ޕީ ވެގެންދާނީ ވެރިކަންކުރާ ޕާރޓިއަށް ކަމުގައެވެ.
ނުވަތަ ގިނަ ދުވެސްތަކެއްނުވެ، މައުމޫނުގެ ސަރުކާރު
އިނދަޖައްސާލެވޭނެ ކަމަށެވެ. ކަންވެގެންދިޔައީ ހީވެސް
ނުކުރާކަހަލަ ގޮތަކަށެވެ.
ފަޚުރަކީ އެންމެ
ފުރަތަމަ ޕާރޓީއެއް ރަޖިސްޓްރީކުރި ފަރާތަށް ވުމެއް ނޫނެވެ.
ފަޚުރަކީ ދޯދިޔާ ނިޒާމެއް ނައްތާލާ، ހަރުދަނާ ޤާނޫނީ ނިޒާމެއް
ޤާއިމުކުރުމެވެ. ދައުލަތެއްގެ ސިޔާސީ ނިޒާމަކީ ކުޅޭކުޅޭ
އެއްޗަކަށް ނުވަތަ ތިމާމެންގެ ޒާތީ ހަސަދައެއް ފިލުވާލަން
ބޭނުންކުރާ ވަސީލަތަކަށް ހެދުމެއް ނޫނެވެ.
އެމް.ޑީ.ޕީން އަވަސް އަވަހަށް ޕާރޓީ ރަޖިސްޓްރީކުރުމަކީ،
މައުމޫނަށް ޕާރޓީއެއް އުފައްދައި، ސިޔާސީ ކުޅިގަނޑެއް ކުޅެލަން
ލިބުނު އިތުރު ފުރުޞަތެކެވެ. މިފުރުޞަތު ދިންކަން މިއަދު
އެމް.ޑީ.ޕީގެ ހުންގާނު ބަލަހައްޓާ ފަރާތްތަކަށް އިޙްސާސްވާނެކަމީ
ޝައްކެއް އޮތްކަމެއް ނޫނެވެ.
މިފުރުޞަތުގައި
އަޅުގަނޑުމެން ދިވެހިރައްޔިތުންގެ ޕާރޓީއަށް ގޮވާލަނީ،
ދައުލަތުގެ ބާރުތަކާއި، ވަސީލަތްތައް ޕާރޓީގެ ބޭނުނަތަކަށް
އެއްވެސް ވަރަކަށް އިސްތިޣްލާލު ނުކުރުމެވެ. އަދި އެންމެހާ
ސިޔާސީ ޕާރޓީތައް އެކަތިގަނޑަކަށްވެ، ދައުލަތުގެ ދުސްތޫރީ ނިޒާމު
ޕާރޓީ ސިސްޓަމާއި ގުޅޭގޮތަށް ބައްޓަންކުރަން ޤާނޫނު ހަދާ
ފަރާތަށް އެހީތެރިވުމަށް ގޮވާލަމެވެ. |