15 September 2005

LAW AND JUSTICE

ހިއުމަން ރައިޓްސް ކޮމިޝަނަރ އަކީ ޤާނޫނުހެދުމުގެ ދުސްތޫރީ ނިޒާމަށް ބާރު ފޯރުވޭނެ ފަރާތެއް ނޫން- ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހަކީ އަދި ވަކި ޕާރޓީތަކެއް ތަމްސީލުކުރާ ތަނެއްވެސް ނޫން!

16/09/2005 | ދިޕޮލިޓިކްސް

ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިސް، ނުވަތަ ރައްޔިތުންގެ މަޖިލީހަކީ ވަކި ބަޔަކަށް ނުވަތަ، ވަކި ކޮމިޝަނަކަށް ފެންނަ ގޮތްތަކަކަށް ޤާނޫނު ހަދަންޖެހޭ މަޖިލިހެއް ނޫނެވެ. ޤާނޫނަކީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންގެ މެދުގައި ބަހުސްކުރެވި، އެމަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް، އެންމެހާ ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ބޭނުމުގައި ހެދޭ ޢާންމު އެއްޗެކެވެ. ވީމާ، ވަކި މީހަކު ނުވަތަ ވަކި ފަރާތަކުން ބޭނުންވާ ގޮތަށް ޤާނޫނެއް ހެދުމާއި، އެގޮތަށް ޤާނޫނެއް ހައްދަން ނުފޫޒުގެ ބޭނުން ކުރުމަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ޤާނޫނު ހެދުމަށް ކުރެހިފައިވާ މިންގަނޑުން ބޭރުވާނެ ކަމެކެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު، އެކޮމިޝަނުން ނެރުއްވާފައިވާ ބަޔާނާއި އެއްގޮތަށް ފާސް ވާނެކަމުގެ ޔަޤީންކަން ނުލިބެނީސް، ކޮމިޝަނަރ އަޙްމަދު މުޖްތަބާ އޮފީހަށް ނިކުމެވަޑައި ނުގަންނަވާނެކަމަށް ވިދާޅުވެ، 'އެކަހެރި ހަޅުތާލެއްގައި' އުޅުއްވާކަމީ ހައިރާންވާން ޖެހިފައިވާ މައްސަލައެކެވެ. މުޖްތަބާ ވިދާޅުވެފައިވަނީ އެޔަޤީންކަން ލިބޭނީ ދެގޮތެއްގެ މަތީންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އެ އިޞްލާޙުތައް ގެންނެވުމެވެ. އަނެއް ގޮތެއް ކަމަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން އެގޮތަށް ނިންމެވުމެވެ.
މިވާހަކައިން ދޭހަވަނީ ދިވެހިރާއްޖޭގެ ޤާނޫނު ހެދުމާއިބެހޭ ދުސްތޫރީ އޮނިގަނޑަކީ ހިއުމަން ރައިޓްސް ކޮމިޝަނަރގެ ހައިސިއްޔަތުން މުޖުތަބާ ބައްލަވާ އެއްޗެއް ނޫންކަމާއި، ހިއުމަން ރައިޓްސް ކޮމިޝަނަކީ ދުސްތޫރީ އޮނިގަނޑުން ބޭރުން ޙަރަކާތްތެރިވުމުގެ ބާރު ލިބިގެންވާ ކޮމިޝަނެއްކަމަށް މުޖުތަބާއަށް ޤަބޫލުކުރެއްވިފައި އޮތުމެވެ.
މުޖުތަބާގެ އެކަހެރި ހަޅުތާލަށް އޮތް ޙައްލުކަމަށް އެވިދާޅުވާ ދެކަމަށް ބަލާއިރު، ފުރަތަމަ ގޮތަކީ ޤާނޫނަށް ބަދަލު ގެނައުމުގައި، ދުސްތޫރީ ސިފަ އެކުލެވިގެންވާ ގޮތެކެވެ. ސަބަބަކީ، އެއްވެސް ޤާނުނެއް ހެދުމާއި އެއަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލިސްއިން ފާސްވުމަށްފަހުގައި ކަމަށްވެފައި، އެގޮތަކީ ޤާނޫނުއަސާސީއާއި ތަޢާރުޞު ނުވާ ގޮތަކަށް ވާތީއެވެ. އެހެންނަމަވެސް މައްސަލައަކީ، މުޖުތަބާ އޮފީހަށް ނެރެވެން، އޮތީ މުޖުތަބާ ޤަބޫލުކުރައްވާ ނުވަތަ އެކޮމިޝަނުން ޤަބޫލުކުރައްވާ ވަކި ގޮތްތަކެއް ޤާނޫނުގައި ހިމެނިގެންކަމަށް މުޖުތަބާ ވިދާޅުވާތީ، މަޖިލިހުން އެގޮތަށް އެކަން ނިންމުމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފު ކަމެކެވެ. އަދި ޤާނޫނީ ފަލްސަފާ ތަންދޭ ކަމެއްވެސް ނޫނެވެ. ރައްޔިތުންގެ މަޖިލިހަށް އެއްވެސް ބޭރުގެ ނުފޫޒެއް ފޯރައިގެން ނުވާނެއެވެ. އެމަޖިލިހަކީ މިނިވަން މުސްތަޤިއްލު ޚިޔާލުތަކާއި ނިންމުންތައް ނިންމުމުގެ ބާރު ލިބިގެންވާ މަޖިލީހަކަށް ވާއިރު، މިފަދަ ހަޅުތާލެއްގެ އަސަރު އެމަޖިލީހުން ފާސްކުރައްވާ ޤާނޫނަކަށް ކޮށްގެން ނުވާނެއެވެ. ރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކޮށް ތަނުގައި ޢަދުލުވެރި ނިޒާމެއް ޤާއިމުކުރުމަކީ ޤާނޫނު ހެދުމުގެ މަޤްޞަދު ކަމަށްވެފައި، ރައްޔިތުންގެ ފަރާތުން އެކަން ބަޔަކާއި ހަވާލުކޮށްފައިވާއިރު، ހިއުމަން ރައިޓްސް ކޮމިޝަނުންވިޔަސް، މުޖުތަބާ ކޮމިޝަނަރުގެ ހައިސިއްޔަތުން ކަމަށްވިޔަސް، އެމަޖިލީހުގެ މަސައްކަތަށް ނުފޫޒު ފޯރުވިގެން ނުވާނެއެވެ. އަދި ވަކިފަރާތަކަށް ފެންނަގޮތަކަށް ޤާނުނެއް ފާސް ކުރެވިގެންވެސް ނުވާނެއެވެ. ސަބަބަކީ އެޤާނޫނަކީ އޭގެ ޒާތުގައި ޢާންމު އެއްޗަކަށް ވުމެވެ. ހިއުމަން ރައީޓްސް ކޮމިޝަނުގެ، އުމުރުދުވަހުގެ ދާއިމީ ކޮމިޝަނަރަކީ މުޖުތަބާ ނޫންކަމަށް ވެފައި، މުސްތަޤްބަލުގައި މުޖުތަބާ ނޫން މީހުންގެ ޚިޔާލު މިކަމުގައި ތަފާތުވުމަކީ އެކަށީގެންވާ ކަމަކަށްވާތީ، ވަކި މީހަކަށް، ނުވަތަ ވަކި ފަރާތަކަށް ފެންނަ ވަކި ގޮތެއްގެ މައްޗަށް ޤާނޫނެއް ހެދުމަކީ އެއްވެސް ޙާލެއްގައި ޑިމޮކްރެޓިކް ސިސްޓަމްތަކުގައި ޤާނޫނު ހެދިގެންވާނެ ގޮތެއް ނޫނެވެ. އަދި ޤާނޫނީ ފަލްސަފާއާއި ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ދިވެހި ރާއްޖޭގެ ޤާނުނުއަސާސީއާއި ޚިލާފުކަމެކެވެ.
އެހެންނަމަވެސް މިފަދަ ނުފޫޒުތަކާއި ފިއްތުންތަކުން މިނިވަންވެ ތިއްބަވައިގެން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރެވި، ކޮމިޝަނުގެ ބަޔާނުގައިވާ ކަންތައްތައް ހިމެނިގެން ޤާނޫނު ފާސްވުމަކީ އޭގައި މިދަންނަވާ މައްސަލަތައް އުފެދިގެންވާނެ ކަމެއް ނޫނެވެ.
މުޖުތަބާ  އެވިދާޅުވާ  ދެވަނަ  ގޮތަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާއި ޚިލާފުވާނެ ގޮތެކެވެ. މުޖުތަބާ ވިދާޅުވަނީ އެވިދާޅުވާ ކަންތައް ޤާނޫނުގައި ހިމެނޭނެކަމުގެ ޔަޤީންކަން ލިބޭނެ ދެވަނަ ގޮތަކީ ރައްޔިތުންގެ މަޖިލީހުގައި އަޣްލަބިއްޔަތު ލިބިފައިވާ ޕާރޓީއަކުން އެގޮތަށް އެކަން ނިންމެވުމެވެ. އެހެންނަމަވެސް ހިތާމައާއިއެކު ފާހަގަކޮށްލަން ޖެހެނީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ދުސްތޫރީ ހަމަތަކުގެ މަތީން އަދި އެއްވެސް ޕާރތިތަކެއް ތަމްސީލުކުރާ މެމްބަރުން ތިބި މަޖްލީހެއް ނޫނެވެ. އެމަޖިލީހަށް މެމްބަރުން ހޮވިފައިވަނީ ޕާރޓީ ނިޒާމެއްގެ ދަށުން، ޕާރޓީތަކުގެ ކެންޑިޑޭޓުން ވާދަކޮށްގެންވެސް ނޫނެވެ. އެމަޖިލިސް އެހެން އޮއްވާ އުފެދުނު ޕާރޓީތަކަކާއި މަޖިލީހުގެ މެމްބަރުންތަކެއް އަމިއްލަ ހައިސިއްޔަތުން ގުޅުމަކީ މަޖިލީހުގެ ދުސްތޫރީ ސިފައަށް ބަދަލެއް އަންނާނެ ކަމެއް ނޫނެވެ. ވީމާ، މިދެންނެވި ދުސްތޫރީ ސަބަބުތަކަށްޓަކައި މުޖުތަބާއަށް ވިސްނިވަޑައިގެންފައިވާ ގޮތަކީ މިކަމުގައި ރަނގަޅު ގޮތެއް ނޫނެވެ. އަދި އެގޮތަށް ޢަމަލު ކޮށްފިނަމަ، އެކަމަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާއި ޚިލާފު ޢަމަލަކަށް ވާނެއެވެ. އަދި މިނުކުތާގައި ހައިރާން ވާންޖެހޭ އެންމެ ބޮޑު އެއްކަމަކީ މުޖުތަބާއަކީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކޮމިޝަނަރ ކަމަށްވެފައި، އެވިދާޅުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި ހުރިހާ ޕާރޓީގެ މެމްބަރުން ނެތްއިރު، އެގޮތަށް އެކަން ނިންމަވަން ހަޅުތާލު ހެއްދެވުމަކީ އެހެން ޕާރޓީތަކުހެ ޙައްޤު މިމައްސަލާގައި ނިގުޅައިގެނެވޭ ކަމެއްކަން މުޖުތަބާއަށް ވިސްނިވަޑައިގެންފައި ނެތުމެވެ. ނިމުނީ!

 

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved