|
މއ.
އޮޅިތެރިގޭ މައްސަލަ މައްސަލައަކަށްވީ ދިވެހިރާއްޖޭގެ ޝަރުޢީ
ނިޒާމުގެ ދޯދިޔާކަމުން - ފިޔެސް މަޖައްލާއިން
ޙުކުމްތަންފީޒުކުރުން ލަސްވެގެން އުޅުމަކީ އަޖައިބެއް!
14/10/2005
|
ލީގަލް ޓީމް
ފިޔެސް މަޖައްލާގައި "އޮޅިތެރިގޭ ޙުކުމް ތަންފީޒުކޮށްދޭނެ
ފަރާތެއް ބޭނުންވެއްޖެ" މިސުރުޚީގެ ދަށުގައި ޝާއިޢުކޮށްފައިވާ
ލިޔުމަކީ މިމައްސަލާގެ ޙަޤީޤަތަށް އިންސާފު ކުރުމަކާއި ނުލާ،
މިމައްސަލާގެ އެއްކޮޅަށް ބުރެވެ، ލިޔެފައިވާ ލިޔުމެކެވެ.
ނޫސްމަޖައްލާތަކުގައި ޢާންމު މަޞްލަޙަތަށްޓަކައި ލިޔެވޭ މިފަދަ
ލިޔުންތަކަކީ ވަކި ފަރުދެއްގެ މަޞްލަޙަތަށްޓަކައި ލިޔެވޭ
ލިޔުންތަކަކަށް ވުމަކީ، ނޫސްމަޖައްލާތަކުގައި މިފަދަ މަދަނީ
މައްސަލަކާއި ބެހޭގޮތުން ލިޔުމުގެ މަޤްޞަދު ގެއްލި،
މުޖުތަމަޢުގައި ވަކިވަކި ފަރުދުންގެ މެދުގައި ނަފްރަތާއި
ފިތުނަފަސާފަ އުފެއްދުމަށް ހުޅުވާލެވޭ ދޮރެކެވެ.
މިމައްސަލާއަކީ މަދަނީ މައްސަލައަކަށްވެފައި، ޢާންމު
ނޫސްތަކުގައި މިމައްސަލާ އެކިސިފަސިފައިގާ ލިޔެވެމުންދާތީ،
ދިޕޮލިޓިކްސްގެ ލީގަލް ޓީމުގެ ފަރާތުން ސ.ފޭދޫ/ އަޅިވިލާގޭ
އަލްމަރްޙޫމް ޢަލީ ޙަސަން މަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނާ
ގުޅައިގެން މައްސަލާއާއި ގުޅުންހުރި އެންމެހާ ލިޔެކިޔުމެއްހޯދައި
ދިރާސާކުރުމަށްފަހު، ދެކެނީ މިމައްސަލާ ނިމިފައިވަނީ އެންމެ
އިންސާފިވެރިގޮތަށް ނޫންކަމުގައެވެ. އަދި 'ފިޔެސް' މަޖައްލާގައި
މިމައްސަލައަކީ މިގޮތަށް ނުނިމި ހުރި އެތައް މައްސަލައެއްގައި
އަނިޔާލިބިފައިތިބި މީހުންގެ މައްސަލާތަކުގެ ނަމޫނާއެއްކަމަށް
ހަދައިގެން ލިޔެފައިވާ ލިޔުމަކީ މައްސަލާގެ ދެކޮޅު ރަނަގަޅަށް
ދިރާސާ ނުކޮށް ލިޔެފައިވާ ލިޔުމެއްކަމުގައެވެ.
29 އޮކްޓޯބަރ 1980 ވަނަ އަހަރު މއ.އޮޅިތެރިގޭ ކިޔާ ގޯއްޗާއި އެ
ގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ
ވެރިފަރާތްކަމުގައިވާ އަލްމަރްޙޫމް މުޙަންމަދު ރަޝާދުއާއި ،
ސ.ފޭދޫ/ އަޅިވިލާގޭ އަލްމަރްޙޫމް ޢަލީ ޙަސަން މަނިކުފާނާއި
ދެމެދު ލިޔުމުން ވެވުނު އެއްބަސްވުމަކުން، އެގޯތީގެ ދެކުނުބަޔާއި
އެބައިގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ޢަލީ ޙަސަން
މަނިކުފާނަށް ދީފައިވާކަން، ޝަރީޢަތަށް ސާބިތު ނުވާންވީ އެއްވެސް
ސަބަބެއްނެތެވެ. އަދި މިދެމަރުޙޫމުންގެ މެދުގައި ވެވުނު
އެއްބަސްވުމަށް ބަލާއިރު، އެއީ ވިޔަފާރީގެ މުޢާމަލާތެއްކަން
ދޭހަވެއެވެ. އެހެނީ، މަރްޙޫމް މުޙަންމަދު ރަޝާދު އޭނާގެ މުދަލުން
ބައެއް މަރްޙޫމް ޢަލީ ހަސަން މަނިކުފާނަށް ދީފައިވަނީ 000،70
(ހަތްދިހަ ހާސް ދިވެހި ރުފިޔާ) ގެ ބަދަލުގައިކަން، އެ
އެއްބަސްވުމުން ސާފުކޮށް އެނގެން އޮންނަ އޮތުމަކީ، ގަނެ
ވިއްކުމުގެ މުޢާމަލާތަކަށް އެ މުޢާމަލާތް ވާކަމުގެ ސަބަބެކެވެ.
ފަހެ، އެދެމަރުޙޫމުންގެ މެދުގައި ވެވުނީ ވިޔަފާރީގެ
މުޢާމަލާތެކެވެ.
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު ( މި ޤާނޫނުގެ 1 ވަނަ މާއްދާގައި
ނަންގަނެވިފައިވާ މާލޭގައި ހުންނަ މީސްމީހުންގެ އަމިއްލަ
ގޯއްޗާއި، ބިމާއި، މީސްމީހުންނާއި ޙަވާލުކުރެވިފައިނުންނަ
ބަންޑާރަ ގޯއްޗާއި ބިމާއި އަދި މިފަދަ ތަންތަން) ނަންބަރު 78/52
(1978-5-31) މާލޭގެ ގޯތިގޯއްޗާއި، ބިންބިމާއި،ޢިމާރާތް
ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ 2 ވަނަ ނަންބަރުގައި "ރަޖިސްޓްރީ
ކުރެވިފައިވާ ތަނެއްގެ މިލްކުވެރިކަން ބަދަލުވެއްޖެނަމަ އެކަމުގެ
ޝަރުޢީ ލިޔުމަކާއިއެކު މާލޭ މުނިސިޕަލްޓީއަށް ހުށަހަޅާ
ރަޖިސްޓްރީ ބަދަލުކުރަންވާނެއެވެ" މިފަދައިން އޮތުމުން މަރްޙޫމް
މުޙަންމަދު ރަޝާދަށް އެނާއާއި ޙަވާލުކުރެވިފައިވާ ބަންޑާރަބިމާއި
އެބިމުގައި އޭނާގެ މައްޗަށް ރަޖިސްޓްރީ ކުރެވިފައިވާ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އެހެންފަރާތަކަށް ދީ، ވިއްކާ،
ހެދުމުގެ ޙައްޤާއި، އަދި އެފަދަ ޙާލަތެއްގައި މަރްޙޫމް
މުޙަންމަދު ރަޝާދު މުޢާމަލާތުކުރާ ފަރާތަކަށް، މުޙަންމަދު
ރަޝާދުގެ މުދާ އެފަރާތެއްގެ ނަމަށް ރަޖިސްޓްރީ ބަދަލުކުރުމާއި،
އެމުދަލުގެ މިލްކުވެރިއަކަށް ވުމުގެ ޙައްޤު ޤާނޫނުން
ލިބިދީފައިވާކަން ފާހަގަ ކުރެވެއެވެ.
ޤާނޫން ލިބިދޭ މިފަދަ ޙައްޤަކީ ޤާނޫނު ހިންގާ ތަންފީޒުކުރުމަށް
ހެދޭ އެހެން އެއްވެސް ޤަވައިދަކުން، ނުވަތަ އިޢްލާނަކުން
ނިގުޅައިގަނެވޭނޭ ޙައްޤެއް ނޫނެވެ. އަދި ޤާނޫނު އަސާސީއާއި
އެއްގޮތްވާގޮތުގެ މަތީން ހެދިފައިވާ ޤާނޫނެއްގެ ދަށުން ހެދޭ
ޤަވާއިދުތަކަކީ ޤާނޫނުގެ މަޤްޞަދާއި ފުށޫއަރާ ގޮތަށް، ނުވަތަ
ތަޢާރުޟު ވާގޮތަށް ހެދިފައިވާ ޤަވައިދުތަކެއްނަމަ، އެފަދަ
ޤަވާޢިދުތަކަކީ، ޤާނޫނީ އަދި ދުސްތޫރީ ހަމަތަކުގެމަތީން ބާޠިލު
އެއްޗެކެވެ.
ވީމާ، އަލްމަރްޙޫމް މުޙަންމަދު ރަޝާދު އޭނާގެ މުދާ އަލްމަރްޙޫމް
ޢަލީ ޙަސަން މަނިކުފާނަށް ވިއްކުމާއި، ދިނުމާއި، އެތަކެތީގެ
މިލްކުވެރިކަން ޢަލީ ހުސެއިން މަނިކުފާނުގެ މައްޗަށް
ބަދަލުވިޔަނުދިނުމަށް، މާލޭ މުނިސިޕަލްޓީން ކުރެއްވި
އިޢްލާނަކަށް ނިސްބަތްކޮށް އެޅިފައިވާ އެންމެހާ ފިޔަވަޅުތަކަކީ
ޤާނޫނީ ގިއުގަނޑުގެ ބޭރުން އެޅިފައިވާ ފިޔަވަޅުތަކެއް ކަމަށް
ފެނެއެވެ.
އަދި މީގެ އިތުރުން، އަލްމަރްޙޫމް މުޙަންމަދު ރަޝާދުގެ ދަރި
އަޙްމަދު ރަޝާދު، އިސްވެ ނަންގަނެވުނު މުޢާމަލާތަކީ ޣައިރުޤާނޫނީ
މުޢާމަލާތެއްތޯ ބެލުމަށް ކޯޓު ނަންބަރު 3 އަކަށް ހުށަހެޅި
މައްސަލާ އެ ކޯޓުގެ ނަންބަރު:85/4-ޖޭސީ/119 ޤަޟިއްޔާއިން
ނިންމަވާފައިވަނީ، އެމުޢާމަލާތަކީ ޣައިރު ޤާނޫނީ މުޢާމަލާތަކަށް
ވާކަމަށް ބުނާ ޤާނޫނެއް އެވަގުތު ނުތުމުގެ ސަބަބުން އެއީ
ޤާނޫނާއި ޚިލާފު މުޢާމަލާތެއް ނޫންކަމަށެވެ.
ވީމާ، ޝަރުޢީ އަދި ޤާނޫނީ އެއްވެސް ހަމައަކުން އަލްމަރްޙޫމް
މުޙަންމަދު ރަޝާދުއާއި އަލްމަރްޙޫމް ޢަލީ ޙަސަން މަނިކުފާނާއި
ދެމެދު ހިނގި މުޢާމަލާތަކީ ޣައިރުޤާނޫނީ މުޢާމަލާތެއްކަމަށް
ބުނެވޭނޭ އެއްވެސް ޖާގައެއް ނެތްކަން ސާބިތުވެއެވެ.
އިޝާރާތް ކުރެވިފައިވާ މުޢާމަލާތުގައި ހިމެނޭ ބަންޑާރަ ބިމަކީ
ދައުލަތުން މުޙަންމަދު ރަޝާދާއި ޙަވާލުކުރައްވައި، އެނާގެ
މައްޗަށް ރަޖިސްޓްރީ ކޮށްދެއްވާފައިވާ ބިމަކަށްވެފައި، ޤާނޫނު
ނަންބަރު 78/52 (1978-5-31) މާލޭގެ ގޯތިގޯއްޗާއި،
ބިންބިމާއި،ޢިމާރާތް ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ 2 ވަނަ
ނަންބަރުގައި "ރަޖިސްޓްރީ ކުރެވިފައިވާ ތަނެއްގެ މިލްކުވެރިކަން
ބަދަލުވެއްޖެނަމަ އެކަމުގެ ޝަރުޢީ ލިޔުމަކާއިއެކު މާލޭ
މުނިސިޕަލްޓީއަށް ހުށަހަޅާ ރަޖިސްޓްރީ ބަދަލުކުރަންވާނެއެވެ"
މިފަދައިން އޮތުމުން، މިގޮތަށް މީހުންނާއި ޙަވާލުކުރެވިފައިވާ
ބަންޑާރަ ގޯތީގެ ރަޖިސްޓްރީ އެފަރާތް ނޫން އެހެން ފަރާތަކަށް
ބަދަލުވުމުގެ ފުރުޞަތު ޤާނޫނުން ލިބިދޭކަން ފާހަގަ ކުރެވެއެވެ.
މިކަން މިހެންއޮތްއިރު، މާލޭ މުނިސިޕަލްޓީން މިގޭގެ
ރަޖިސްޓްރޭޝަން ބަދަލުކުރުމަށް " އިޢްތިރާޟް"
ކުރައްވާފައިވާވުމަކީ ދިވެހިރާއްޖޭގެ ކަމާބެހޭ ޤާނޫނީ ތަރަހައިގެ
ތެރޭގައި މުޢްތަބަރުތޯ ބެލުމަށް ބެލިބެލުމުން، އިސްވެ މިނަންގަތް
މާއްދާގައި ޞަރީޙަ ޢިބާރާތުން ރެޖިސްޓްރޭޝަން ބަދަލުކުރެވޭނެކަން
އެނގެން އޮތްއިރު، މުނިސިޕަލްޓީން އެކަން މަނާކުރެއްވި ގޮތް،
ނުވަތަ އެކަމާމެދު "އިޢްތިރާޟް" ކުރައްވާފައިވަނީ ޤާނޫނީ
ބާރެއްނެތިކަން ފާހަގަކުރެވެއެވެ.
އަމިއްލަ ދެފަރާތެއްގެ މެދުގައި ވެވިފައިވާ ވިޔަފާރީގެ
މުޢާމަލާތެއް ނުވަތަ މިލްކުވެރިކަން ބަދަލުކުރުމުގެ މުޢާމަލާތެއް
ދިވެހިރާއްޖޭގެ ކޯޓުތަކުން ރޫޅާލެވިފައިވަނީ ޙަޤީޤަތުގައި ޤާނޫނީ
ނިޒާމެއްގެ ދަށުންނެއްވެސް ނޫނެވެ. އަދި މިފަދަ މުޢާމަލާތެއް
ރޫޅާލުމަކީ އިސްލާމީ ޝަރީޢަތުގައި އެއްވެސް ޖާގައެއް
ލިބިދޭކަމެއް ނޫނެވެ.
މިމުޢާމަލާތު މިދެމަރުޙޫމުންގެ މެދުގައި ވެވިފައިވަނީ 1980
ވަނައަރުގައި ކަމަށްވެފައި، ރާއްޖައި މިބާވަތުގެ ކަންކަން
ތަންޒީމުކުރަން އެންމެ އެކަށީގެންވާ ޤާނޫނުތަކެއް އޭރު ހެދިފައި
ނެތްކަން ފާހަގަކުރެވެއެވެ. އަދި އެވަގުތު ހުރި ޤާނޫނުތަކަށްވެސް
ޢަމަލު ކުރެވިފައިނުވާކަން މިމައްސަލާ ހިނގާފައިވާގޮތަށް
ބަލާއިރު ސާބިތުވެއެވެ.
ވީމާ، އޮޅިތެރިގޭ މައްސަލާގައި ޝަރިޢަތުން ކުރައްވާފައިވާ
ޙުކުމަކީ އިންސާފުވެރި ޙުކުމެއްކަމަށް އަޅުގަނޑުމެން ނުދެކެމެވެ.
އަދި
އަޅުގަނޑުމެން ދެކެނީ މިމައްސަލާ މިގޮތަށް ނިމި، މިމައްސަލާގައި
އޮތް ޢަޤުދުގެ އަޞްލު ދެކޮޅު ނިޔާވުމަށްފަހު، އެވެރިންގެ
މެދުގައި ވެވުނު އެއްބަސްވުމާއި، މުޢާމަލާތު ޝަރީޢަތުން
އުވާލެވިފައިވަނީ، ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ބަލިފައިތަކުގެ
ބޭނުން ނަހަމަގޮތުގައި ކުރެވިގެން ކަމަށާއި، ޝަރުޢީ ނިޒާމުގެ
ބަލިކަށިކަމުންވެސް މެއެވެ. އަދި މިފަދަ މައްސަލަތައް
ތަކުރާރުވިޔަނުދިނުމަށް އޮތް ހަމައެކަނި ޙައްލަކީ ދިވެހިރާއްޖޭޣެ
ޝަރުޢީ ނިޒާމު އިރުތަށް ހަރުދަނާކޮށް، މިފަދަ މައްސަލަތައް
ހަރުދަނާ ޤާނޫނީ ހިޔާވަހިކަމެއްގެ ދަށުން ހިންގުންކަމަށްވެސް
އަޅުގަނޑުމެން ދެކެމެވެ.
އެހެންކަމުން، ނޫސްތަކާއި މަޖައްލާތަކުގައި މިފަދަ
މައްސަލާތަކުގެ އެއްކޮޅަށް ބުރަވެ، ލިޔުންތައް ލިޔުމަކީ
ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އަދި ތަންފީޒު ނުކުރެވިގެން މިއުޅޭ
ޙުކުމަކީ ފުރިހަމަ ޢަދުލުވެރި ޝަރުޢީ ނިޒާމެއްގެ ދަށުން ބަލާ،
ތަޙްޤީޤް ކުރެވިއްޖެނަމަ ބާޠިލުވުން އެކަށީގެންވާ
ޙުމެއްކަމަށްވާއިރު، މިބާވަތުގެ ވާހަކަތައް ނޫސް
މަޖައްލާތަކުގައި ލިޔުއްވަންވާނީ މައްސަލާގެ ދެކޮޅު ރަނަގަޅަށް
ދިރާސާކޮށް ބެލުމަށްފަހުގައެވެ.
އެހެންކަމުން މިމައްސަލާގައި މިހާރު މއ. އޮޅިތެރިގޭ
ހުޅަނގިބައިގާ ދިރިއުޅޭ ސ.ފޭދޫ/ އަޅިވިލާގޭ އަލްމަރްޙޫމް ޢަލީ
ޙަސަން މަނިކުފާނުގެ ޢާއިލާއަކީ ބައެއްގެ ޙައްޤަކަށް
އަރައިގަނެފައިވާ ބައެއްކަން ދޭހަވާގޮތަށް ނޫސްމަޖައްލާތަކުގައި
ލިޔުމަކީ އެވެރީންގެ އަބުރަށް ހުތުރުވާފަދަ ޢަމަލެކެވެ. ވަކިވަކި
ފަރުދުން ބަދުނާމުކޮށް ނޫސްތަކުގައި ލިޔެ ހެދުމަކީ
ނޫސްވެރިންނަށް އޮތް ޙައްޤެއް ނޫނެވެ. ފިޔެސްމަޖައްލާއިން
ބަދުނާމުކުރަން މަސައްކަތްކޮށްފައިވަނީ ސަރުކާރުގެ އިތުރުން،
އެގޭގައި މިހާރު ދިރިއުޅޭ ޢާއިލާވެސް މެއެވެ. ވީމާ، މައްސަލާގައި
އެޢާއިލާގެ ފަރާތުން އެއްވެސް ބަހެއް ނެތި، އެޢާއިލާ
ބަދުނާމުކޮށް ޢާންމު ނޫސްތަކުގައި ލިޔެ، ފެތުރުމުގެ މައްސަލަ
ފިޔެސްމަޖައްލާއާއި ދެކޮޅަށް އުފުލިދާނެއެވެ.
ޚާއްޞަ މަދަނީ މައްސަލަތަކުގައި މީހުންގެ ވާހަކަ ނޫސްތަކުގައި
ލިޔަންޖެހޭނީ އެފަރާތްތަކުން ހުއްދައާއި އިޒުނަވެސް
ލިބިގެންނެވެ. އެހެންނަމަވެސް، 'ފިޔެސް' މަޖައްލާއަށް މަޢްލޫމާތު
ދީފައިވަނީ މައްސަލއިގެ އެއްފަރާތުން ކަން ފާހަގަކުރެވޭތީ،
މިކަމަކީ ވަކިބަޔަކު ބަދުނާމުކުރުމުގެ މަޤްޞަދުގައި ވަކި
މަޤްޞަދެއް ޙާޞިލުކުރުމަށް ކޮށްފައިވާކަމެއް ކަމަށް ފެނެއެވެ. ނިމުނީ!
|