27 December 2005

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ޚާއްޞަ މަޖިލީހުގެ ޖަލްސާތައް ހުރަސްއެޅުމުގައި ރައީސް މައުމޫނުގެ ވަޒީރުންނެކޭ އެމް.ޑީ.ޕީގެ ރައީސް އިބްރާއެކޭ ތަފާތެއް ނެތް

27/12/2005 | ހަސަން ރިޒާ | އީ-މެއިލް
ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމު އިޞްލާޙުކުރުމަށްޓަކައި އަޅަންޖެހިފައިވާ އެންމެ އިސް ފިޔަވަޅަކީ އިޞްލާޙުކުރަން ފެށިފައިވާ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް ނިންމުމެވެ. ސަބަބަކީ ސިޔާސީ ނިޒާމަށް ދުސްތޫރީ ބަދަލުތަކެއް ގެނެސްގެން މެނުވީ މިހާރު ރާއްޖޭގައި ޢަމަލުކުރެވެމުންދާ ސިޔާސީ ނިޒާމަށް ޙަޤީޤީ ބަދަލުތަކެއް އައުމުގެ ފުރުޞަތުކުޑަވެފައި އޮތުމެވެ. އަދި ދުސްތޫރީ ނިޒާމަކަށް ޙަޤީޤީ ބަދަލުތަކެއް ގެނެވޭނީ ދުސްތޫރަށް (ޤާނޫނުއަސާސީ) ބަދަލުތަކެއް ގެނެސްގެން ކަމަށްވާތީވެސް މެއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އިދިކޮޅު ޕާރޓީން ކުރާ ޝަކުވާއަކީ ޚާއްޞަ މަޖްލީހުގެ މަސައްކަތް ލަސްކޮށް، އިޞްލާޙީ އެޖެންޑާގެ ސްޕީޑް ލަސްކުރުމުގައި ސަރުކާރުން ރޯލެއް ކުޅޭކަމަށް ބުނެ، އުފުލާ ޝަކުވާތަކެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޝަކުވާއަކީ ޚާއްޞަ މަޖީލީހުގެ މަސައްކަތް ލަސްކަމުން އިޞްލާޙީ އެޖެންޑާ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ވާހަކައެވެ. ކޮންމެއަކަސް އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި މިޒިންމާ އަޅުވަން މަސައްކަތްކުރާއިރު، އެއްވެސް ބައެއްގެ ބަހާއި ޢަމަލު ދިމާވާތަން ނުފެނެއެވެ.
މިހާރު މިވަނީ ޚާއްޞަ މަޖްލީހުގެ ޖަލްސާތައް ކޯރަމް ހަމަނުވުމުގެ ސަބަބުން ހުއްޓާލަންޖެހުން ވަބާއަކަށް ވެފައެވެ. ސަރުކާރުގެ ވަޒީރުން ގިނަ ޢަދަދަކަށް ޙާޟިރު ނުވާއިރު، އިދިކޮޅުޕާރޓީގެ 'ރިފޯމިސްޓުން' ވެސް ކޯރަމް ހަމަކުރަން މަސައްކަތްކޮށް، މަޖްލީހުގެ މަސައްކަތް އަވަސްކުރަން މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. މިއަދަކީ ޖެހިޖެހިގެން ދެވަނަފަހަރަށް ކޯރަމް ހަމަނުވެގެން ޖަލްސާ ހުއްޓާލަންޖެހުނު ދުވެހެވެ. ވަޒީރުންގެ އިތުރުން އެމް.ޑީ.ޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖްލިސްގެ މާލޭގެ މެމްބަރު އަލްފާޟިލް އިބްރާހިމް އިސްމާޢީލް (އިބުރާ) ވެސް މަޖްލީހަށް ޙާޟިރުވެވަޑައި ނުގަންނަވާކަން ފާހަގަކުރެވެއެވެ.
އެހެންކަމުން، ބައިނަލް އަޤްވާމީ މީޑިޔާގެ ކުރިމަތީގައި ޖެނުއަރީ މަހުގެ ނިޔަލަށް ސަރުކާރަށް ރީފޯމް މޫވްމަންޓު އަވަސްކުރުމަށް މުހުލަތެއް ދެއްވާ، އެދެވޭ ނަތީޖާއެއް ނުފެންނަނަނަމަ، ޤައުމުގައި މުޒާހަރާކޮށް ހަޅުތާލު ހަދާ، އިޤްތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެކަމަށް އިންޒާރުދެއްވި، އެމް.ޑީ.ޕީގެ ރައީސް އިބުރާ އާއި ރައްޔިތުން ޙަވާލުކޮށްފައިވާ ވާޖިބު އަދާ ނުކުރެއްވޭކަން ހަންދުމަފުޅު ނައްތަވާ ލެއްވުމަކީ އޭނާގެ އިތުބާރު ގެއްލި، އޭނާގެ ޙަޤީޤީ މަޤްޞަދާއިމެދު ޝައްކު އުފެދޭ ކަމެކެވެ.
ޤާނޫނީ އަދި ސުލްހަވެރި އުސޫލުތައް އެއްކިބާކޮށް، ތަނުގައި ދާޚިލާ ހަމަނުޖެހުންތަކެއް އުފެއްދުމަށް އިނޒާރުދޭ ސިޔާސީ ލީޑަރެއްގެ ފަރާތުން މިފަދަ ފަރުވާކުޑަ ޢަމަލުތަކެއް ފެނިގެން ދިއުމަކީ ރާއްޖޭގައި ތަރައްޤީވަމުން އަންނަ ސިޔާސީ ޙަޔާތަށް ނުރަނގަޅު އަސަރުތަކެއް ފޯރާނެ ކެމެކެވެ. އަދި އިބުރާގެ މި ދެއުޅިއެއްނުވާ ސިޔާސަތާއި އުސޫލުތަކަކީ އެމް.ޑީ.ޕީގެ މެމްބަރުން އިންކާރުކުރަން ޖެހިފައިވާ ސިޔާސަތެކެވެ. ރައީސް މައުމޫނުގެ ނާޤާބިލުކަމާއި، ރައްޔިތުންނަށް ޚިޔާނާތްތެރިވާކަމަށް އަޑުއުފުލާ އިދިކޮޅުޕާރޓީގެ ލީޑަރަކީވެސް ޢަމަލީ މައިދާނުގައި ސީދާ މަގު އިޚްތިޔާރު ކުރައްވާ ބޭފުޅެއް ނޫންކަން އިބުރާގެ ޢާމަލުތަކުން ސާބިތުވެއެވެ. ރާއްޖެއަށް ބޭނުންވަނީ އިޚްލާޞްތެރި، ރިފޯމިސްޓުންނެވެ. އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންގެ ބާރު ނާޖާއިޒުގޮތުގައި ބޭނުންކުރާ ބަޔަކު ބޭނުމެއް ނޫނެވެ.
އަޅުގަނޑު މިމައްސަލާގައި ޚާއްޞަކޮށް އިބުރާގެ ވާހަކަ ފާހަގަކޮށްލީ އެއްވެސް ޙާލެއްގައި އެމް.ޑީ.ޕީ އާއި ދޭތެރޭ އަޅުގަނޑުގެ ހިތުގައި ނަފްރަތެއް އޮތީތީ އެއް ނޫނެވެ. އެހެންނަމަވެސް، ކުރެވެމުންދާ މަސައްކަތުގައި އިބުރާގެ ދައުރު ފުޅާވެފައި، އޭނާގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވުމަކީ ބިނާކުރުމަށް މަސައްކަތް ކުރެވޭ އަޅުގަނޑުމެންގެ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި ސަމާލުކަމަށް ގެންނަންޖެހޭ ނުކުތާއެއްކަމަށް ދެކޭތީއެވެ.
އަދި މަޖްލީހަށް ޙާޟިރުވެވަޑައިނުގަންނަވާ، އިންތިޚާބުކރެވިފައިވާ ހުރިހާ ބޭފުޅުން ވަގުތުން އިސްތިއުފާ ދެއްފައި، ޒިންމާ އުފުލޭނެ ބަޔަކަށް މަސައްކަތް ޙަވާލުކުރެއްވުމަށް ދިވެހި ރައްޔިތުންގެ ނަމުގައި ފަށްފަށުން ގޮވާލަމެވެ

 

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved