07 November 2005

POLITICS
 

ރައްޔިތުންނަށް ރައީސް މައުމޫނު 'ސިޔާސީ ޅެން' ވިދާޅުވެދެއްވިޔަސް ޙަޤީޤަތަކީ..!

07/11/2005 | އަލްޙާން ފަހުމީ
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ރައްޔިތުންނާ އިއްޔެރޭ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އަޅުގަނޑުމެން އަބަދުވެސް އިސްކަން ދޭންޖެހޭނީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް ކަމުގައި ވިދާޅެވެ، ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކަށް އިޝާރާތް ކުރައްވާ، ސިޔާސީ ޕާރޓީގެ ނިޒާމުގެ ބޭނުމާއި މަޤްޞަދު އެރަށުގެ ރައްޔިތުންނަށް އޮޅުން ފިލުއްވައި ދެއްވަން މަސައްކަތް ކުރެއްވިއެވެ.

ޕާރޓީ ނިޒާމު ތަޢާރަފް ކުރުމުގެ ބޭނުމަކީ އެނިޒާމުގެ ތެރެއިން ލާފައި މުޖުތަމަޢްގައި ބައިބައިވުން އުފެއްދުން ނޫންކަމަށާއި، މަގުމައްޗަށް ނުކުމެ ހަމަނުޖެހުން އުފެއްދުމާއި ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުން ނޫކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެއަކަސް، ރައީސް މައުމޫނުގެ މިވާހަކަފުޅުގެ ޙަޤީޤީ މާނައަކީ ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމުގެ ތެރެއަށް ކުއްލިއަކަށް ސިޔާސީ ޕާރޓީތަކެއް ވެއްދުމުގެ ސަބަބުން، މިއަދު މިވަނީ މުޖުތަމަޢްގައި ބައިބައިވުމާއި، ހަމަނުޖެހުން އުފެދި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން 'އިސް ނަންގަވައިގެން' ސިޔާސީ ޕާރޓީތަކަށް ޖާގަދެއްވީ އެއްވެސް ޙާލެއްގައި އެމަޤްޞަދުގައެއް ނޫނެވެ.

އެމަނިކުފާނު އެހެން ވިދާޅުވިޔަސް، ސިޔާސީ ޕާރޓީގެ ނިޒާމަކީ އޭގެ ސިޔާސީ ޠަބީޢަތުގައި، ސިޔާސީ ގޮތުން ބައިބައިވުން އުފެދި، ވެރިކަން ހިންގާފަރާތާއި ސިޔާސީ ގޮތުން ކުރުމަތިލުންތަކެއް ކުރިމަތި ކުރުވާނެ ކަމެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިއަދު ފެންނަމުން މިދާ ސިޔާސީ ބައިބައިވުމާއި، ސިޔާސީ ހަމަނުޖެހުންތަކަކީ، ސިޔާސީ ޕާރޓީތަކުގެ ނިޒާމު އޮންނަ ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައިވެސް އޮންނަ ކަންތައްތަކެވެ. މަގުމައްޗަށް މީހުން ނުކުމެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށް، އިދިކޮޅު ޚިޔާލު ފާޅުކުރުމާއި، ސަރުކާރަށް ފާޑުކިޔާ ހެދުމަކީ ރާއްޖޭއަށް އަދި، އައު ކަމަކަށްވިޔަސް، ދުނިޔޭގެ ޤައުމުތަކުގައި ހިނގާ ކަންތައްތަކެވެ. އަދި ޚާއްޞަކޮށް މަލްޓިޕާރޓީ ޑިމޮކްރަސީއެއްގައި ހިމެނިގެންވާނެ ކަންކަމެވެ.

ރައީސް މައުމޫނު ފާއިތުވި 27 އަހަރުގެ ދިގު މުއްދަތުގައި ރާއްޖޭގައި ކުރެއްވި ވެރިކަމުގައި މިކަންކަން ހިމެނިފައިނެތީ، އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް ޚިޔާލު ފާޅުކުރުމާއި، ނުރުހުން ފާޅުކުރުމުގެ ހައްޤު، ބާރުގެ ބޭނުން ކުރައްވައިގެން ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި އޮތީތީއެވެ. އެހާ ދިގު މުއްދަތެއްގައި އިދިކޮޅު ޙަރަކާތްތަކަކާއި ކުރިމަތި ނުލައްވާ ހުންނެވުމަށްފަހު، ކުއްލިއަކަށް ޤާނޫނީ ސިފައެއް ލިބިގެންވާ އިދިކޮޅު ޙަރަކާތްތަކަކާއި ކުރިމަތިލެއްވުމަކީ އެމަނިކުފާނަށް ދަތި އުނދަގޫ ކަމަކަށް ވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އަދި އެކަންކަމާއިމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަތުމަކީ ޠަބީޢީ ގޮތުން ވާނެގޮތްވެސް މެއެވެ. ވީމާ އަޅުގަނޑު ދެކެނީ މިއަދު ރާއްޖޭގައި ޝަރުޢީ ގޮތުން އުފެދިފައިވާ ސަރުކާރާއި އިދިކޮޅު ސިޔާސީ ހަރަކާތްތަކަށް ނިސްބަތްކުރައްވައި ކަނޑައެޅިގެން ބައިބައިވުމާއި ބިރުވެރިކަމަށް އިޝާރާތް ކުރެއްވީ އެމަނިކުފާނުގެ އަމިއްލަފުޅު ސިޔާސީ މަޤްޞަދެއް ޙާޞިލުކުރައްވުމުގެ ބޭނުމުގައި ކަމަށެވެ.

ރައްޔިތުންގެ ބައިވެރިވުމާއި އެކު، ޤާނޫނީ ސިފައެއް ލިބިގެންވާ، ސަރުކާރާއި އިދިކޮޅު ޙަރަކާތްތަކަކީ މުޖުތަމަޢްގައި ބައިބައިވުން އުފެދި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވުމަކީ ރާއްޖޭގެ އަދުގެ ސިޔާސީ މަސްރަޙާއި ގުޅޭ ވާހަކަފުޅެއް ނޫނެވެ. އަދި މަލްޓިޕާރޓީ ޑިމޮކްރަސީއެއްގައި ވެރިކަން ހިންގަވާފަރާތުން އެކަން މާނަކުރައްވައިގެންވާނެ ގޮތެއްވެސް ނޫނެވެ. ސިޔާސީ ގޮތުން އިދިކޮޅުވެ، ސަރުކާރާއި ދެކޮޅަށް ރައްޔިތުން އަޑުއުފުލާނަމަ، ސަރުކާރު ހިންގަވާ ފަރާތުން ރައްޔިތުންގެ އަޑު ކުށްވެރި ކުރެއްވުމުގެ ބަދަލުގައި، އެއަޑު އައްސަވައި، ރައްޔިތުންގެ އެދުމާއި ރުހުމާއި އެއްގޮތަށް ސަރުކާރު ހިންގަވަން މަސައްކަތް ކުރައްވަން ޖެހޭނެއެވެ. އަދި ޤާއިމުވެފަވާ ސަރުކާރުގެ ސިޔާސަތާއި ރައްޔިތުންގެ އަޑާއި ފުށޫއަރާނަމަ، އެފަދަ ސަރުކާރެއްގެ ސިޔާސަތުތައް ބަދަލުކުރައްވަންވެސް ޖެހޭނެއެވެ. އެގޮތަށް އެކަން ނުކުރައްވައި، ރައްޔިތުންނާއި ޤާނޫނީ ސިފައެއް ލިބިގެންވާ ސިޔާސީ ޕާރޓީތަކަކުން ސަރުކާރާއި ދެކޮޅަށް ހިންގާ ޙަރަކާތްތަށް ކުށްވެރި ކުރައްވާނަމަ، އެކަމުން ހާމަވެގެންދާނީ އެސަރުކާރެއްގެ ކިބައިގައިވާ ޚުދުމުކްތާރު ސިފަތަކެވެ. އަދި އެސަރުކާރަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމުގެ ބަދަލުގައި، ނަފްރަތާއި ރުޅިވެރިކަން އިތުރުވެގެން ދާނެއެވެ.

ރައީސް މައުމޫނު އެވިދާޅުވާ ފަދައިން ޤައުމާއި ރައްޔިތުންގެ މަޞްލަޙަތަށް އިސްކަން ދިނުމަކީ، ރައްޔިތުންގެ އަޑަށް އިޖާބަދިނުމެވެ. ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ކަންތައްތައް ހިންގުމެވެ. ނިމުނީ!

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved