10 October 2005

LAW AND JUSTICE

ޝައިޚް ޝަހީމް ދިޕޮލިޓިކްސް ލީގަލްޓީމަށް ފޮނުއްވި ސިޓީ

11/10/2005 | ދިޕޮލިޓިކްސް

 

ދިޕޮލިޓިކްސްއަށް
ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.
އަންހެނުން ޤާޟީކަމަށް އިސްކުރުމާބެހޭގޮތުން 29 ސެޕްޓެމްބަރ 2005 އަޅުގަނޑު ލިއުނު ލިއުމަށް ރައްދުދެއްވާ، އަޅުގަނޑުގެ ލޮބުވެތި ޢިއްޒަތްތެރި އަޚުން ކަމުގައިވާ ދިޕޮލިޓިކްސްގެ ލީގަލްޓީމަށް އަޅުގަނޑު ވަރަށް އިޚުލާޞްތެރި ކަމާއެކު ޝުކުރު ދަންނަވަމެވެ.
މި މައްސަލައަކީ ފަހު ގެ އަހަރުތަކުގައި ބަޙުޘް ގިނަވެފައިވާ މައްސަލައަކަށްވެފައި، އަޅުގަނޑު މާތްވެގެންވާ އިސްލާމްދީނުގެ މަޞްދަރުތަކުގެ އަލީގައި ކުރި ދިރާސާއިން، އަޅުގަނޑަށް ލިބުނު ނަތީޖާ އަޅުގަނޑު ހާމަކުރީއެވެ.
ޝައްކެއްނެތް ގޮތުގައި އެމައްސަލައިގައި ރަނގަޅު ގޮތަކީ އެއީ އިސްލާމްދީނުގެ މުޢްތަބަރު ބޮޑެތި، އަދި ގިނަ ދަންނަބޭކަލުންގެ އަރިހުގައި އަޅުގަނޑު ތަރުޖީޙު ދީފައިވާ ގޮތެވެ. އެއީ އިސްލާމީ ޝަރީޢަތުގައި އަންހެނުންނަށް ޤާޟީކަން ދިނުމަކީ ހުއްދަކަމެއްނޫނެވެ. މިކަން ހުއްދަކުރައްވާފައިވާ ފަރާތްތަކުން ހުއްދަކުރައްވާފައިވަނީ ބުރަދަނެއް ހުރި ދަލީލެއްގެ މައްޗައް ބިނާކޮށެއްނޫނެވެ.
ޝަރީޢަތުގެ ނުޞޫޞުތަކުން ޙުކުމް ނެގުމުގައި ތަފާތު ގޮތްތަކެއް އުޞޫލު ފިޤުހުގެ ދަންނަބޭކަލުން އެބޭކަލުންގެ ފޮތްތަކުގައި ބަޔާން ކުރައްވާފައިވެއެވެ. ހުއްދަނޫންކޮންމެ ކަމެއްގައި [ ޙަރާމް ] ސީދާ މިލަފުޒުން ދަލީލު އަންނާކަށް ލާޒިމެއް ނުކުރެއެވެ. އެގޮތައް ޙަރާމްކުރެވިފައިވާ ކަންކަން އިނގިލިން ގުނާލެވިދާނެއެވެ.
ތިޔަ އަޚުން އުޞޫލު ފިޤުހުގެ ފޮތްތަކަށް ރުޖޫޢަވުމުން އެކަން ވަރަށް ރަނގަޅަށް ސާބިތުވާނެއެވެ. [ ޙަރާމް ] މިލަފްޒަކީވެސް ޙުކުމް ބަޔާންކޮށްދޭ އެއްލަފުޒެވެ. ހަމަ އެހެންމެ ނައްޞުތަކުން ދޭހަކޮށްދޭ ދިނުމާއި، ނައްޞުތަކުން އިޝާރާތްކުރާ ކުރުމާއި، ނައްޞުތަކުގެ މަފްހޫމުން ޝަރުޢީ ކަންކަމުގައި ޙުކުމް ނެގޭނެކަމަށް އުޞޫލު ފިޤުހުގެ ދަންނަބޭކަލުން އެބޭކަލުންގެ ފޮތްތަކުގައި ބަޔާންކުރައްވާފައިވެއެވެ. މި މަޢްލޫމާތަކީ މިއީ ކިޔަވާކުދިންނަށް އާމަޢުލޫމާތަކަށް ނުވާނެއެވެ. އަދި އުޞޫލުލްފިޤްހުގެ ބޮޑެތި ހުރިހާ މަޞްދަރުތަކެއްގައި މިވާހަކަތައް ބަޔާންކުރައްވާފައިވެއެވެ.
މިގޮތުން ޤާޟާގެ ބާބުގައި އައިސްފައިވާ ހުރިހާ ނުޞޫޞޫތަކަކުން އިޝާރާތްކުރާ ގޮތުން، އަދި އެ ނުޞޫޞޫތަކުގެ މަފްހޫމުން، އަދި އެނުޞޫޞުތަކުގެ ދޭހައިން، ދިލާލަތުކޮށްދޭގޮތުން އިސްލާމީ ޝަރީޢަތުގައި އަންހެނުންނަށް ޤާޟީކަމެއް ނުދެވޭނެއެވެ.
އަޅުގަނޑު [ ދަންނަބޭކަލުންގެ އިޖުމާޢު ] ނަގުލު ކޮށްފައިވާނީ ޝާފިޢީ މަޒުހަބުގެ ދަންނަބޭކަލުންގެ ފޮތްތަކުންނެވެ. އޭގެތެރޭގައި އަލްއިމާމުލްމާވަރުދީ އެކަލާގެ ފާނުގެ    ލިއުއްވި  [ އަލްއަޙްކާމުއްސުލްޠާނިއްޔާ ] ގައި އިޖުމާޢު ނަގުލު ކުރައްވައި، އަންހެނުންނަށް ޤާޟީކަން ދިނުން ހުއްދަކުރާ ފަރާތްތަކަށް ރައްދު ދެއްވާފައިވެއެވެ. އަލްއިމާމުލްމާވަރުދީއަށް ރައްދުދޭނެ ފެންވަރެއް ހަމަ ޔަޤީނުންވެސް އަޅުގަނޑުގެ ގައިގައި ނެތެވެ.
ޝަރީޢަތުގެ މިވަރުގެ ޙުކުމެއްގައި އުންމަތުގެ ދަންނަބޭކަލުންގެ ތެރެއިން މުޢްތަބަރު، އިތުބާތު ހިފޭ މި ވަރުގެ ޢިލްމުވެރިއަކު އިޖުމާޢު ނަގުލު ކުރައްވާފައިވަނިކޮށް އަޅުގަނޑުމެން ފަދަ ކިޔަވާކުދިންތަކެއް އެއާ ތަޢާރުޟްވުމަކީ އަދަބުވެރި ގޮތެއްކަމަށް އަޅުގަނޑު ނުދެކެވެ. އަދި އިޖުމާޢު ނަޤުލު ކުރައްވާފައިވަނިކޮށް އެއްގޮތަކަށްވެސް އެއާ ޚިލާފެއް ނުވެސް ވެވޭނެއެވެ. އަޅުގަނޑު ކުރި ދިރާސާގައި އުންމަތުގެ ގިނަ މުފައްސިރުންނާއި، މުޙައްދިޘުންނާއި، ފަހު ގެ ބޮޑެތި ޢިލްމުވެރިންގެ ރައުޔަކީވެސް އެއީއެވެ.
އަޅުގަނޑު ވާހަކަ ދައްކާފައިވާނީ ދަންނަބޭކަލުންގެ ބަސްފުޅުތަކުގެ އަލީގައެވެ. އަޅުގަނޑުގެ އަމިއްލައަށް ޝަރީޢަތުގެ ދަލީލުތައް ތައުވީލުކޮށްފައި ނުވާނެއެވެ. އަޅުގަނޑު ބަޔާންކޮށްފައިވާ ރައުޔަކީ އެއީ ޙައްޤުގޮތްކަން ދުވާލުގެ އިރު ފެންނަ ފަދައިން އަޅުގަނޑަށް ކަށަވަރު ވާތީ އެވާހަކަ ބަޔާންކުރަމެވެ.
އެއީ ރާއްޖޭގައިވެސް މިގަތު ތިއްބެވި ބޮޑެތި ޢިލްމުވެރިންނާއި، މަޝްވަރާކުރުމަށްފަހު އަޅުގަނޑު ލިއުނު ދިރާސާއެކެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ އެންމެ   މަތީ މަޖްލީހުގެ ރައީސްވެސް   ދެކެވަޑައިގަންނަވާގޮތަކީ  އަޅުގަނޑު ތަރުޖީޙު ދިން ގޮތެވެ. އަދި އެމަޖްލީހުގެ ރައުޔަކީވެސް އެއީއެވެ.
އަދި ހަމަ އެހެންމެ އެއީ ސަޢުދީ އަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖްލީހާއި، އަލްއަޒްހަރުގެ ފަތުވާ ކޮމެޓީގެ ވެސް ރައުޔެވެ. ފަހުގެ ބޮޑެތި އެންމެހައި ދަންނަބޭކަލުންގެ ރައުޔެވެ. އަދި ޢަދާލަތު ޕާޓީގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރިންގެ   މަޖްލީހުގެ ރައުޔަކީވެސް އެއީއެވެ. އަޅުގަނޑު   މަޢްލޫމާތު  ނެގި   އިސްލާމީ ޝަރީޢާގެ މަޞްދަރުތަކާއި، މަރްޖަޢުތައް ދިރާސާގެ ފަހަތުގައި ސާފުކޮށް ބަޔާންކުރެވިފައި ހުންނާނެއެވެ.
ދީނީ ކަންކަމުގައި ކޮންމެ ކޮންމެ މީހަކު ލިޔާއެއްޗަކީ އެޢީ މުޢްތަބަރު ޚިލާފެއްނޫނެވެ. އެހެންކަމުގައިވަނީނަމަ ދީނުގައި ޢަމަލު ކުރެވޭނޭ ގޮތްތައް ވަރަށް ގިނަ ވެދާނެއެވެ. ދެން ތިޔަ އަޚުން ގެންނަވާފައިވާ ދަލީލުތަކަކީ ތިކަން ހުއްދަކުރައްވާ ބޭފުޅުން ގެންނަވާ ވާހަކަ ތަކެކެވެ. ތިވާހަކަ ތަކަކީ ދަންނަ ބޭކަލުންގެ ބަސްފުޅުތަކުގައި ތިއަށް ރައްދު އައިސްފައިވާ ވާހަކަތަކެކެވެ. މިމައްސަލައިގައި އަޅުގަނޑު ފޮތެއް އެބަލިޔަމެވެ. ﷲ އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ތިޔަ އަޚުންނާ ހަމައަށް އެ ފޮތް ވާޞިލުވާނެއެވެ.
ލީގަލްޓީމުން މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން މިމައްސަލައަކީ ގޮތެއް ނިމިފައިވާ މައްސަލައެކެވެ. އެހެންނަމަވެސް ތިޔަބޭފުޅުންވެސް އެކަން ހުއްދަކުރެއްވި ކަމަށް ޢިބާރާތުން ދޭހައެއް ނުވެއެވެ. ޝަރުޠު ހަމަވާ ފިރިހެނަކު އިސްލާމީ ޖަމާޢަތު ތެރޭގައި ނެތް ނަމަ އަންހެނަކަށް ކުރެވިދާނެކަމަށް ވިދާޅުވާ ވިދާޅުވުމަކުން އެކަމަކީ ހުއްދަކަމެއްކަން ދޭހައެއް ނުވެއެވެ. ޟަރޫރިއްޔާތުގެ ތެރެއަށް ވަންނަކަމަށް ދޭހަވެއެވެ. ޟަރޫރިއްޔާތަކީ ހަރާމް ކުރެވިފައިވާ ކަންކަން ޟަރޫރަތު ނިޔާކުރާ މިންވަރަށް ވަގުތީގޮތުން ހުއްދަކުރާ ކަންކަމެވެ. މިހެންކަމުން ތިޔަބޭފުޅުން އަމިއްލަފުޅަށް ދެއްކެވި ހުރިހާ ވާހަކަތަކެއްގައި ، ބަޙުޘް ނިންމަވަމުން ކޮޅުފައިން ޖެއްސެވީކަން ދޭހަވެއެވެ.
ތިޔައަޚުން ނެރުއްވި ފަތުވާގައި މިފަދަ ހުރިހާ ލިއުންތަކާއި ދަންނަބޭކަލުންގެ ބަސްތައް ދިރާސާކުރެއްވުމަށްފަހު ނެރުއްވި ފަތުވާއެކޭ ލިއުއްވާފައި އޮތުމުން އަޅުގަނޑު ވަރަށް ބޮޑަށް ޙައިރާންވީމެވެ. ޙައްޤުގޮތުގައި ދިރާސާ ކުރެއްވިނަމަ ތިބޭފުޅުންގެ ފަތުވާ އިސްލާމީ އުއްމަތުގެ އަހުލުވެރިން ޢަމަލުކުރަމުން އައިގޮތުން ކަސިޔާރުވެގެން ނުދާނެކަން ކަށަވެރެވެ.
އާއެކެވެ. ހުރިހާ ވާހަކަތަކަކަށް ފަހު ތިޔަ ވިދާޅުވަނީ [ އަޅުގަނޑުމެން ދެކެނީ އަންހެނުން ޤާޟީކަން ކުރުމަކީ ކަނޑައެޅިގެން ދީނުގައި މަނާކަމެއްކަން ސާބިތުވާން ނެތްކަމެވެ. އަދި އަންހެނުން ޤާޟީކަން ކުރަނީނަމަ އެކަން ކުރަންޖެހޭނީ ދީނުގައި އަންހެނުންނަށް ކަނޑައެޅިފައިވާ ޝަރުޢީ އަޚްލާޤީ މިންގަނޑުގެ ތެރޭގައި ތިބެ، އެތަރަހައިން ބޭރުވުމާކާނުލައެވެ.
އަދި މިގޮތަށް އަޅުގަނޑުމެން ދެކެނީ ޤާޟީއެއްގެ ކިބައިގާ ހުންނަންޖެހޭ، ޢިލްމީ އަދި އަޚްލާޤީ ސިފަތައް ފުރިހަމަވާ ފިރިހެނަކު ނެތި، އެފަދަ ޝަރުޠުހަމަވާ އަންހެހަކު ހުރެ، ކަނޑައެޅިގެން އަންހެނުން ޤާޟީކަން ކުރުން މަނާކުރާ ދަލީލެއް ދީނުގައި އައިސްފައި ނުވާއިރު، އެ އަންހެނާ އަށް ޤާޟީކަމަށް ފުރުޞަތު ނުދިނުމަކީ ޢަދުލުއިންސާފު ޤާއިމުވުމަށް ހުރަސްއެޅޭނެ ކަމަށް ވާނެތީއާއި، އެހެން އެކަން ކުޅައުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށް މާތް ﷲ ކުރައްވާފައިވާ އަމުރުފުޅު ތަންފީޒު ނުކުރެވިދާނެ ސަބަބަކަށް ވެދާނެތީއާއި، އިސްލާމްދީނުގެ ފުރިހަމަކަމާއިއެކު، ދީނުގެ ޙުކުމްތައް ތަޢާރުޟުވުން ފަދަ އުނި ސިފައެއް އެދީނުގައި ހުންނާނެކަމަށް ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވެން ނެތީތީވެސް މެއެވެ. ] މިހެންނެވެ.

ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ އަޚްލާޤީ މިންގަޑުގެތެރޭގައްޔާއި، އެތަރަހައިގައި ތިބެ އަންހެނުންނަށް ޤާޟީކަން ކުރެވިދާނެކަމަށް ތިޔަ ވިދާޅުވާ ވާހަކައަކީ ހަމަ ޖެހޭ ވާހަކައެއްނޫނެވެ. ޤާޟީކަމަށް އަންހެނަކު އިސްކުރުމަކީ އެތަރަހައިން އޭނާ ބޭރުކުރުމެވެ. އޭނާ އުޅެން ޖެހޭ މިންގަނޑުން އޭނާ ނެރުމެވެ. ދެން ޤާޟީކަމަށް އިސްވެ އިނދެ އޭނާ އެތަރަހައިގައި ހުންނާނީ ކިހިނަކުން ހެއްޔެވެ؟ ތިޔައީ ދަންނަ ބޭކަލުންގެ އަރިހުން ވާރިދުވެފައިވާ ބަހެއްނޫނެވެ. އަދި ދެކޮޅު ޖެހޭ ބަހެއްވެސް ނޫނެވެ.
ކަމަކީ ހުއްދަ ނޫންކަމެއްކަން ބަޔާންކުރުމުގައި ކަނޑައެޅިގެން [ ޙަރާމް] ގެ ލަފުޒު ޝަރީޢަތުގައި އައުން ލާޒިމެއްނޫނެވެ. ކުރިންވެސް ދެންނެވި ފަދައިން ނުޞޫޞްތަކުގެ ދޭހައިންނާއި އިޝާރާތުންވެސް ކަމަކީ ހުއްދަނޫންކަމެއްކަން ކަށަވަރު ކުރެވިދާނެއެވެ. މިގޮތުން މިކަމުގައި އައިސްފައިވާ ނުޞޫޞޫތަކުން އެއީ ހުއްދަ ނޫންކަމެއްކަން ދޭހަވެއެވެ.
ތިޔަ ވިދާޅުވަނީ ޤާޟީއެއްގައި ހުންނަންޖެހޭ ޢިލްމީ އަދި އަޚްލާޤީ ސިފަތައް ފުރިހަމަ ވާ ފިރިހެނަކު ނެތި، އެފަދަ ޝަރުޠު ހަމަވާ އަންހެނަކު ހުރެ، ކަނޑައެޅިގެން އަންހެނުން ޤާޟީކަން ކުރުން މަނާކުރާ ދަލީލެއް ދީނުގައި އައިސްފައި ނެތުމުން، އެއަންހެނާއަށް ޤާޟީކަމަށް ފުރުޞަތު ނުދިނުމަކީ ޢަދުލު އިންޞާފު، ޤާއިމުކުރުމަށް އެޅޭނެ ހުރަހެއްކަމަށެވެ. މިއީ ހަމަ ޖެހޭ ވާހަކައެއްނޫނެވެ. ޤާޟީކަމަށް ކުފޫހަމަވާ ފިރިހެނުން އިސްލާމީ ޖަމާޢަތުގައި ނުވާނެ ދުވަހެއް އައުމަކީ ނާދިރުކަމެކެވެ. އަދި އަތުވެއްޖެނަމަ، މިފަދަ ޙާލަތުގައި ފިޤުހީ ޤާޢީދާ ތަންފީޒުކުރެވިދާނެކަމަށް ވިދާޅުވުން މާރަނގަޅުވާނެއެވެ. އެއީ ޟަރޫރީ ޙާލަތު އައުމުން ހުއްދަނޫންކަންތައް ހުއްދަވެދެއެވެ. ޙާލަތުނިޔާކުރާ މިންވަރަށެވެ. ވީމާ ތިބޭފުޅުންގެ ރައުޔުގައި އަންހެނުންނަށް ޤާޟީކަން ދިނުން ހުއްދަ ކަމަށް އަޅުގަނޑަކަށް ތިޔަ ޢިބާރާތުން ނުވިސްނުނެވެ. ދެން އަނެއްކޮޅުން އަދު ދުނިޔޭގައި މިމައްސަލައިގައި ބަޙުޘް މިކުރެވެނީ ތިޔަ ވިދާޅުވާ ގޮތަށް ފިރިހެނުންނެތި ޢަދުލުގެ ނިޒާމަށް ހުރަސް އެޅޭތީއެއްނޫނެވެ. ހަމަހަމަ ކުރުމުގެ ނަޒަރިއްޔާގެ ދަށުންނެވެ. މިނަޒަރިއްޔާގެ ދަށުން އަންހެނުންނަށް ޤާޟީކަމެއް ނުދެވޭނެއެވެ. ހަމަހަމަ ކުރުމުގެ ގޮތުން އަންހެނުންނަށް ޤާޟީކަން ދިނުން އެއީ އިސްލާމީ އެއްވެސް ޢާލިމަކު ދައްކަވާފައިވާ ވާހަކައެއްނޫނެވެ.
ބުއްދީގެ ހަމަތަކަށް ވުރެން ޝަރުޢީ ނުޞޫޞޫތައް ތަޤްދީމު ކުރުމަކީ އައުލާވެގެންވާގޮތެވެ. އަދި އުއްމަތުގެ މީހުން ޢަމަލުކުރަމުން އައިގޮތް، އުއްމަތް ޤަބޫލުކޮށްފައިވާ ގޮތްވެސް ރިޢާޔަތްކުރެވެން ވާނެއެވެ.
އަޅުގަނޑުގެ ލޮބުވެތި އަޚުންނޭވެ! އަޅުގަނޑު ވަރަށް އުފާކުރަމެވެ. ތިޔަބޭފުޅުންގެ މަސައްކަތައް ވަރަށް ޝުކުރުވެރި ވަމެވެ. އަޅުގަނޑުމެންގެ މެދުގައި މިފަދަ ބަޙުޘްތައް ކުރެވެންވާނެއެވެ. ރައްދުތައްވެސް ދޭންވާނެއެވެ. އިޙުތިރާމާއި، އަދަބުވެރިކަމުގެ ތަރަހައިގެ ތެރޭގައި ތިބެގެންނެވެ. އެއްބައިވަންތަކަމާއެކުގައެވެ. އޭރުން ޢިލްމީގޮތުންވެސް އެއްބަޔަކު އަނެއްބަޔަކަށް ފައިދާވާނެކަން ކަށަވަރެވެ.
އިސްލާމީ ޢަޤީދާއާއި، އާދަކާދަތަކާއި، ވަޅުޖެހެމުންދާ ދުވަސްވަރެއްގައި އަޅުގަނޑުމެންގެ ވާޖިބަކަށް ވާންވާނީ އެދިފާޢުކުރުމެވެ. ހުޅަނގުގެ ނަޒަރިއްޔާތަކަށް ހިއްވަރުދިނުމެއްނޫނެވެ. ތިޔަފަދަ ޢިލްމީ ޤާބިލު އިސްލާމީ ރޫޙު ހުރި ދަރީންތަކެއް ދިވެހިރާއްޖެއަށް ބޭނުންވެއެވެ. އަޅުގަނޑުމެން ތިޔަ އަޚުންގެ އިންތިޒާރުގައި އެބަތިބީމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހެޔޮ ވިސްނުން ދެއްވައި، ތަވްފީޤު ދެއްވާށި. އާމިން!


ނޯޓު : މި ސިޓީގެ ޖަވާބު ދިޕޮލިޓިކްސް ލީގަލްޓީމުން ލަސްނޫން މުއްދަތެއްގެ ތެރޭގައި ޝައިޚް ޝަހީމަށް އެޑްރެސްކޮށް މި ވެބްސައިޓުގައި ޝާއިޢް ކުރާނެއެވެ.

 

 

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved