08/11/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

DHIVEHI

 

އޮގަސްޓް 12 އަކީ ފަޚުރުވެރިކަމާއިއެކު ފާހަގަކުރަން ޖެހޭ ތާރީޚެއް ނޫން!
11/08/2005 | ޖަމީލު
މިދިޔައަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި ހިނގި ހިތާމަވެރި ޙާދިސާތަކަށް އަހަރުވުން ފާހަގަކުރުމަށްޓަކައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން، އެފަދަ ދެވަނަ ދުވަހެއް އަލުން ގެނައުމަށް ތައްޔާރު ވަމުންދާކަމަށް އެޕާރޓީގެ ޚަބަރުފަތުރާ ވަސީލާތްތަކުންނާއި، ޕާރޓީގެ އިސް ހިންގުންތެރީންގެ ފަރާތުން ވަނީ މަޢްލޫމާތު ލިބިފައެވެ. ހިތާމަވެރި ތާރީޚެއް އަލުން އަނބުރާ ގެނައުމުގެ ތައްޔާރީތައް އެމް.ޑީ.ޕީން ވަމުންދާއިރު، ހިތުގައި އުފެދޭ ސުވާލަކީ މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ޙަޤީޤީ މަޤްޞަދަކީ، ނުވަތަ ސިއްރަކީ ކޮބައިތޯއެވެ.
ޤައުމެއްގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެބައެއްގެ ބިމުގައި އަމާން އޮމާން ދިރިއުޅުމަކަށް މަގުފަހިވެފައި އޮތުމެވެ. އަދި އެފަދަ ހަޔާތެއް، ރައްކާތެރިކަމާއިއެކު ދަމަހައްޓައި، ހިމާޔަތް ކުރުމަށްޓަކައި އެކަމަށް އެކަށީގެންވާ ސަރުކާރެއް އޮތުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ރާއްޖޭގައި އޮތް ހަމަހިމޭން މާހައުލަށް ކިލަނބުކަން އަންނާނެ އެއްވެސް ޢަމަލެއް ހިންގުމަކީ އޭގެ ނުބައި ނަތީޖާތަކާއި ކުރިމަތިލާން ޖެހިދާނެކަމެކެވެ.
ޤާނޫނީ ހަމަތަކުގެމަތީން ޤާއިމުކުރެވިފައިވާ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށް، ގަދަބާރުން އެސަރުކާރު ވައްޓާލުމަށް މަސައްކަތްކުރުމަކީ، ދައުލަތުގެ ދުސްތޫރާއި ޤާނޫނުގެ ޙުރުމަތްކަނޑާލުމާއި، ޤާނޫނާއި ޤަވާޢިދަށް ޢަމަލުކުރުން ހުއްޓުވާލަން ކުރެވޭ މަސައްކަތެއްވެސް މެއެވެ. އަދި މީގެ އިތުރުން އެންމެހާ ދިވެހި ރައްޔިތުންގެ ބާރު އެކުލެވިގެންވާ ސަރުކާރަކަށް ސިޔާސީ މަޤްޞަދުތަކެއްގެ ބޭނުމުގައި ވަކިބަޔަކު ޙަމަލާ ދިނުމަކީ އެހެން ރައްޔިތުންގެ ޙައްޤަކަށް އަރައިގަންނަންކުރެވޭ މަސައްކަތެއްވެސް މެއެވެ. ވީމާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީން އިސްނަގައިގެން ތަފާތު ނަންނަމުގައި، ތަފާތު އެކި ބޭނުންތަކުގައި ކަމަށްބުނެ، މީހުން ތަންތަނަށް އެއްކޮށް، ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް ކުރިއަށް ގެންދިއުމަށްޓަކައި، ކުރަމުންދާ މަސައްކަތަކީ ޤާނޫނާއި ޚިލާފު، އަދި އިސްލާމީ ޝަރީޢަތާއިވެސް ޚިލާފު ޢަމަލުތަކެކެވެ.
ރާއްޖޭގައި ސިޔާސީ ޕާރޓީގެ ނިޒާމު ޤާއިމުކޮށް އެކަން ހަރުދަނާ ކުރުމުގެ މަސައްކަތްތައް ސަރުކާރުން ކުރިއަށް ގެންދަވާއިރު، ވަކި ޕާރޓީއަކުން ތަފާތު ސިޔާސީ ހީލަތާއި މަކަރުގެ ބޭނުންކޮށްގެން ވެރިކަން ފޭރިގަންނަން މަސައްކަތް ކުރުމަކީ، އެޕާރޓީގެ އަސްލު މަޤްޞަދު ހާމަވެގެންދާ ކަމެކެވެ. ރައީސް މައުމޫނުގެ ސަރުކާރު ވައްޓާލަން ދިވެހީން ބޭނުންނަމަ، ޤާނޫނީ ހަމަތަކުގެމަތީން އެކަން ކުރަންވީގޮތް، ދިވެހިރައްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންވެގެން ވީއިރު، ހަމަނުޖެހުމާއި ތަޅާފޮޅުންތަކުގެ އެހީގައި ސަރުކާރު ބަދަލުކޮށްލަން މަސައްކަތކުރުމަކީ އެކަމުގެ ނުރައްކާތެރި އަސަރު ދިވެހިރާއްޖެއަށް ކުރިމަތިވާނެ ކެމެކެވެ.
މިދިޔައަހަރުގެ އޮގަސްޓްމަހުގެ 12 ވީ ހުކުރުދުވަހަކީ ރާއްޖޭގެ ތާރީޚުގައި އޮތް އެންމެ ފަޚުރުވެރިވުން ޙައްޤު ދުވަސްކަމަށް ބަޔަކުމީހުން ދުށްކަމުގައިވިޔަސް، އެދުވަހަކީ ޙަޤީޤަތުގައި ތާރީޚުގެ އަނދިރި ޞަފްޙާތަކުގެ ތެރެއިންވާ ދުވަހެކެވެ. ސަރުކާރަށް ބިރުދައްކައިގެން ޖަލުގައި ހައްޔަރުކޮށްފައިތިބި ވަކި ބަޔަކު މިނިވަންކޮށްލުމުގެ ނަމުގައި ހަޅުތާލު އުފައްދައި، ދިވެހީންގެ އަތުން ދިވެހީންގެ ގަޔަށް ވަޅިހަރައި، ލޭއޮހޮރުވިގެންދިޔަ، އެދުވަހުސް ފާހަގުރުމަށްޓަކައި، އެފަދަ އެހެން ދުވަހެއް ގެންނަން އެމް.ޑީ.ޕީން ބޭނުންވާކަމީ، އެޕާރޓީން ދިވެހި ރައްޔިތުންނާއި، ޤައުމުގައި އޮންނަންޖެހޭ ޞުލްޙަ މަސަލަސްކަމާއިމެދު ޙަޤީޤީ ފަރުވާލެއް ނެތްކަމުގެ ފުރިހަމަ ހެއްކެކެވެ. ސަރުކާރުގެ ބާރުތައް އަތްދަށުލުމަށް ދަހިވެތިވެފައިވާކަމުގެ ސާބިތު ހެއްކެކެވެ.
އެހެން ސިޔާސީ ޕާރޓީއަކުން މިކަމުގައި ބައިވެރި ނުވާއިރު، އެމް.ޑީ.ޕީގެ މިފަދަ ޢަމަލުތަކުގެ ސަބަބުން ޕާރޓީތަކުގެ މެދުގައި މައްސަލަތައް އުފެދި، ރައްޔިތުން އެއްބަޔަކު އަނެއްބަކާ ތަޅާފޮޅުން ހިންގާ، ދާޚިލީ ހަމަނުޖެހުންތަކަކަށް މަގު ފަހިވެގެން ހިނގައިދާނެކެމެވެ.
މުޒާހަރާ ކޮށްގެން ގަދަބާރުން ސަރުކާރު ވައްޓާލާ ހިސާބަކަށް އަދި ނުދެއެވެ. ސަރުކާރުންވެސް އިޞްލާޙީ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް މަގުފަހިކޮށްދެމުން ދާއިރު، ތަޅާފޮޅުންތަކެއްގެ ތެރެއަށްވަނުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތީން ޢަމަލު ކޮށްގެން ޤައުމުގެ ކަންތައްތައް އިޞްލާޙުކުރުމަކީ ފައިދާހުރި ގޮތްކަމުގައި ދަންނަވަން ޖެހެއެވެ. އެމް.ޑީ.ޕީން މިހާރު ދަތުރުކުރަނީ ހަމައެކަނި ރައްޔިތުންގެ ބާރުތައް މުށަށް ޖަމާކުރުމާއި ދިމާލަށެވެ. އަދި މިފަދަ އުކުޅުތަކުގެ ޙަޤީޤީ ބޭނުމަކީ ސިޔާސީ ހޭލުންތެރިކަން ކުޑަ ބައެއްގެ، ނޭނގުމުގެ ނާޖާއިޒު ފައިދާ ޙާޞިލުކުރުމަކީ ލަސްކޮށްފިނަމަ ނުވާނެކަމެއްކަން އެމް.ޑީ.ޕީއަށް ޤަބޫލުކުރެވޭތީ، އެކަން ވަގުތު ފާއިތު ނުވަނީސް އަވަހަށް ނިންމާލުންކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.
ނިމުނީ!

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us