|
އަލިމަސް ކާނިވަލަށް ތަޢްލީ ފަންޑުން އެހީވާއިރު، އެފަންޑުން
ކިޔަވާކުދިންނަށް ކުރަންޖެހޭ ޚަރަދުތައް ނުކުރެވިފަ
14/09/2005
|
ކިޔަވާ
ކުެއްޖެއް - ޤާހިރާ | އީމެއިލް
އަޅުގަނޑަކީ
ރާއްޖޭން ބޭރުގައި ތަޢްލީމް ޙާޞިލުކުރަމުންދާ ކުއްޖަކީމެވެ.
ސަރުކާރު ކޯހެއްގައި ބޭރުޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ހޯދީ
އަޅުގަނޑުގެ މިންނެތް މަސައްކަތުންނެވެ. އެއްވެސް ހާލެއްގައި
ވަޒީރުބޭކަލެއްގެ ހެޔޮފުޅުކަމާއި، ރައީސުލް ޖުމްހޫރިއްޔާގެ
ތިމާގެ މީހަކަށް ވެގެން ނޫނެވެ. އަޅުގަނޑު ކިޔަވަނީ އެފްރިކާގެ
އިޤްތިޞާދީ ގޮތުން ވަރަށް ގިނަ މައްސަލަތައް ކުރިމަތިވެފައިވާ
ޤައުމެއްގައި ކަމަށްވުމާއި، ތަޢްލީމީ ނިޒާމު އޭގެ ޒާތުގައި
ދޯދިޔާ ޤައުމެއްގައި ކަމަށްވުމާއި، މިނިސްޓްރީ އޮފް ހަޔަރ
އެޑިޔުކޭޝަނުން ކޯހުގެ މުއްދަތުގައި މަހަކު އެއްފަހަރު
ޕޮކެޓްމަނީގެ ގޮތުގައި ދެއްވާ ސަތޭކަ ފަންސާސް ޑޮލަރަކީ
ކިޔެވުމުގެ ބޭނުންތަކާއި، ކޮންމެހެން ކުރަންޖެހޭ ކަރަދުތައް
އެފައިސާއިން ކުރެވޭ ވަރު އެއްޗަކަށް ނުވާތީ، ސަރުކާރަށް
އެމައްސަލަ ތަކުރާރުކޮށް އެކި ސިފަސިފައިގާ ހުށަހެޅުމުންވެސް
ވަނީ އެކަމަށް ބީރު ކަންފަތެއް ދެއްވާފައެވެ. މިގޮތަށް ދިވެހި
ސަރުކާރުން ޢަމަލު ކުރައްވަނީ ކިތައް ކިޔަވާ
ކުދީންނާއިމެދުކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.
ހަމަ ގައިމުވެސް މިސްރުގެ ޤާހިރާއަކީ އަހަރަކު ވިއްސަކަށް ކުދިން
(އަޒުހަރު ޔުނިވަރސިޓީގައި ހިލޭ ކިޔެވެން އޮންނާތީ) ފޮނުވާ
ތަނެކެވެ. މިތާނގައި ކިޔަވާ ސަތޭކައަށްވުރެ ގިނަ ދިވެހި
ކިޔަވާކުދިންވަނީ އެކުދީންގެ ތަޢްލީމީ އެކި ބޭނުންތައް
ނުފުއްދިފައެވެ.
ޑރ. މަޙްމޫދު
ޝައުޤީގެ އެޑިޔުކޭޝަން މިނިސްޓަރުކަމުގައި ދާދިފަހުން މިސްރަށް
ކުރެއްވި ދަތުރުގައިވެސް ކިޔަވާކުދީން ތަފާތު އެތައް
މައްސަލައެއް ހުށަހެޅިއެވެ. ޝައުޤީ ވިދާޅުވީ 'ތިކަން ހަމަޖެހޭނެ'
މިހެންނެވެ. އެފަހުން ދެއަހަރު ވާން ދާއިރުވެސް އެއްވެސް
ކަމަކަށް ބަދަލެއް ނާދެއެވެ. ކުދިންގެ ނުރުހުމުގައި ހަރުކަށި
ޤަވާޢިދެއް ތަންފީޒު ކުރަން ފެއްތެވުން ނޫން އެއްވެސްކަމެއް
ސަރުކާރަކަށް ކުރެއްވިފައި ނުވެއެވެ. ކޮންމެއަކަސް، މިފަދަ
ދަތިތަކާއި ކުރިމަތިވެފައިތިބީ ކިތައް ދިވެހި ކިޔަވާކުދީންކަމެއް
އަޅުގަނޑަކަށް ނޭނެގެއެވެ. ހައިރާންވާން ޖެހިފައިމިވަނީ މިފަދަ
ދަތި ޙާލެއްގައި އަޅުގަނޑުމެން ކިޔަވާ ކުދިން ތިބިއިރު،
އަޅުގަނޑުމެގެ އަޑަށް ސަރުކާރުން ބީރު ކަންފަތެއް ދެއްވާ،
އަލިމަސް ކާނިވަލަށް ތަޢްލީމީ ފަންޑުން ލޯނު ދެއްވިކަމެވެ.
މިފަދަ ކަންކަން މިބީދައިން ހިންގޭތީ، އަދިވެސް 'އެމަނިކުފާނު
ހިތްޕުޅަށް އަރައިވަޑައިގަންނަވައިފިނަމަ' ޕޮކެޓްމަނީ
ބޮޑުކޮށްދެއްވުމާއި، ކިޔަވާކުދިންނާއި ތަޢްލީމަށް ޚަރަދުކުރުމުގެ
ޕޮލިސީ ދިވެހި ސަރުކާރުން ގެންގުޅުއްވާކަން ފާހަގަކުރެވެއެވެ.
ސްކޫލު ޢިމާރާތެއްގެ ތެރޭގައި ޢާންމުންނަށް ހުޅުވާލެވިގެން
ހިންގޭ ރެސްޓޯރެންޓެއް ނުވަތަ މަސާޖު ޕާލާ އެއް ހެދުމަށްޓަކައި،
ނުވަތަ ތަރައްޤީ ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ ތަޢްލީމީ
ފަންޑުން ޚަރަދު ކުރުމާއި، އެފަދަ ކަންކަމަށް އެހީވުމަކީ އެ
ފަންޑު އުފެއްދުމުގެ ބޭނުމެއް ނޫނެވެ.
ރާއްޖެތެރޭގެ ގިނަ ހިސާބުތަކުގައި އަދިވެސް ވަނީ އެކަށީގެންވާ
ވަރަށް ތަޢްލީމު ނުދެވިފދައެވެ. ނަމެއްގައި ހިންގޭ ސްކޫލުތަކެއް
ރަށްރަށުގައި ހުރިނަމަވެސް، އެތަންތަނަކީ ޤަބޫލުކުރެވޭ
މިންވަރަށް ކިޔަވައިދެވޭ ތަންތަނެއް ނޫނެވެ. ޓީޗަރުން ނެތުމާއި،
އެކަށީގެންވާ ނިޒާމެއް ނެތުންފަދަ ޙައްލުކުރަންޖެހޭ އެތައް
މައްސަލައެއް ރާއްޖެތެރޭގެ ރަށްރަށުގެ ސްކޫލުތަކުގައި
އެބަހުއްޓެވެ. ހައިރާންވޭން ޖެހާ ކަމަކީ މިފަދަ ކަންކަން
އިޞްލާޙުކުރުމާއި، ދިވެހީންނަށް ތަޢްލީމު ދިނުމުގެ ނިޒާމު
އިތުރަށް ހަރުދަނާ ކުރުމުގައި ސަރުކާރު ނުކުޅެދިފައިވާ ޙާލުގައި،
އެޑިޔުކޭޝަން މިނިސްޓްރީން ފާޑުފާޑުގެ ކާނިވާތަކާއި، ވަކި
ބައެއްގެ ފައިދާއަށް ހިންގޭ ވިޔަފާރިތަކަށް ތަޢްލީމީ ފަންޑުން
ޚަރަދު ކުރާކަމެވެ.
މަޖީދިއްޔާ ސްކޫލު ތެރޭގައި ހަދައިގެން އުޅޭ އަލިމަސް ކާނިވާ
ތަރައްޤިކުރުމަށް ތަޢްލީމީ ފަންޑުން ޚަރަދު ކުރުމުގެ ކުރީން،
ކިޔަވާ ކުދީންނާއި، ތަޢްލީމީ އެކިއެކި ބޭނުންތައް ނުފުދިފައިވާ
ދިވެހި ކިޔަވާ ކުދިންނަށް އެފަންޑުން ޚަރަދު ކުރެއްވުމާއި
އެހީތައް ދެއްވުމަކީ އެދެވިގެންވާ ކަމެކެވެ. ތަޢްލީމަށް ޚާއްޞަ
ކުރެވިފައިވާ ރަސްމީ ފަންޑަކުން ކަރަދުކުރުމުގައި އިސްކަން
ދޭނެޖެހޭނީ ސީދާ ތަޢްލީމީ ކަންކަމަށެވެ. ކިޔަވާކުދީންނަށެވެ.
އެފަންޑުން ޚިދުމަތް ކުރަންޖެހޭނީ ތަޢްލީމަށެވެ. ދިވެއްސަކު
ތަޢްލީމީ ބޭނުމަކަށް އެފަންޑުން ލޯނަކަށް އެދިގެން ލޯނު
ނުދެވިފައިވާ ޙާލުގައި އަލިމްސް ޔޫބީލް ކާނިވަލަށް ރާއްޖޭގެ
ތަޢްލީމީ ފަންޑުން ލޯނު ދިނުމަކީ އެކަމާއިމެދު
އެޑިޔުކޭޝަން މިނިސްޓްރީއާއި ސުވާލު ކުރަންޖެހޭ ކަމެކެވެ.
އެފަދަ ކަންކަމުގެ ފަހަތުގައިވަނީ ކޮން މަޤްޞަދުތެއްތޯއާއި،
އެލޯނު ދެވިފައިވަނީ ކޮން ޤަވާއިދަކާ ހަމަތަކެއްގެ މަތީންތޯ
ބެެއްލެވުމަކީ ސަރުކާރުގެ ކުރިމަތީގައި ދިވެހި ރައްޔިތުން
ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުން ކުރައްވަން
ޖެހިވަޑައިގަންނަވާ ކަމެކެވެ.
ވިމާ،
އެޑިޔުކޭޝަން މިނިސްޓަރާއި މިމައްސަލާގައި ސުވާލު ކުރެއްވުމަށް
ކިޔަވާ ކުއްޖެއްގެ ހައިސިއްޔަތުން، އަޅުގަނޑު ދިވެހި ރާއްޖޭގެ
ރައްޔިތުންގެ މަޖިލީހަށް ފަށްފަށުން އިލްތިމާސް ކުރަމެވެ.
ނިމުނީ!
|