|
'ދަމޯލްޑިވިއަން' އިން 'ދިޕޮލިޓިކްސް' އަށް 'ނޭކަށޭނަ' ބަހުގެ
ހަމަލާއެއް
13/10/2005
|
އަލްޙާން ފަހުމީ
'ދަމޯލްޑިވިއަން' ވެބްސައިޓަކީ ވެރިފަރާތެއް ނޭނގޭގޮތަށް ހިންގޭ
ސައިޓެއްކަމުން، އެވެބްސައިޓުގައި ލިޔެ، ޝާއިޢުކުރެވޭ އެއްވެސް
ލިޔުމަކީ އެއްވެސް ފަރާތަކުން ޒިންމާވާ ލިޔުންތަކެއް ނޫނެވެ.
އެހެންނަމަވެސް، ހައިރާންވާނެޖެހޭ ކަމަކީ އެވެބްސައިޓުން 'ދެއިރު
ކާ ބޭހެއްހެން' ޒިންމާދާރު ނޫސްވެރިކަމެއްގެ ވާހަކަ
ދައްކާކަމެވެ. ފަހަރެއްގައިވެސް އަޅުގަނޑުގެ މަޤްޞަދަކީ
'ދަމޯލްޑިވިއަން' ނަމަކަށް ކިޔާ 'ކަނު' ވެބްސައިޓަށް
ފާޑުކިޔުމެއް ނޫނެވެ.
"އަންހެނުންނަށް ޤާޟީކަން ދިނުމާއިބެހޭގޮތުން ދެކެވޭ
ވާހަކަތަކަށް ޢަދާލަތުން ރައްދުދެނީ" މި ސުރުޚީގެ ދަށުން
'ދަމޯލްޑިވިއަން' ވެބްސައިޓުގައި ލިޔެފައިވާ ލިޔުމުގައި ޢަދާލަތު
ޕާރޓީގެ އިސްތަރުޖަމާނު އައްޝައިޚް މުޙަންމަދު ޝަހީމް
ޢަލީސަޢީދުގެ އަގު ވައްޓާލަން ދިޕޮލިޓިކްސްގެ ލީގަލްޓީމުން
މަސައްކަތްކޮށްފައިވާ ކަމަށާއި، ދިޕޮލިޓިކްސް ލީގަލްޓީމުގެ
ފަރާތުން އަންހެނުން ޤާޟީކަން ކުރުމާއިބެހޭގޮތުން ޝައިޚް ޝަހީމް
ނެރުއްވި ފަތުވާއާއިމެދު ފާޅުކޮށްފައިވާ ޚިޔާލަކީ އެއްވެސް
އޮއްޓަރެއްނެތް 'ނޭކަށޭނެ' ޚިޔާލުތަކެއް ކަމަށް ލިޔެފައިވެއެވެ.
ޢިލްމީ ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ ލިޔުމަކާއި
ބެހޭގޮތުން ޢީލްމީ ސަބަބުތަކެއް ބަޔާން ނުކޮށް، މިފަދަ
ވާހަކައެއް ލިޔެ ޢާންމު ކުރުމަކީ އޭގެ ޒާތުގައި ބުއްދިވެރި
ކަމެއް ނޫނެވެ. އަދި ވަކި ފަރާތެއް ނޭނގޭ ގޮތަށް، ގޭގޭ
ފާރުތަކުގައި ދަންވަރުގެ ކަނު އަނދިރީގައި، ސިޓީ ލިޔާ އުސޫލުން،
މިބާވަތުގެ ވާހަކަތައް ވެބްސައިޓުތަކުގައި ލިޔެ، ޢާންމުކުރުމަކީ
ބުއްދީގެ ހަމަތަކުން ބަލާއިރު ނުކުޅެދުންތެރިކަމާއި،
'ފިނޑިކަމާއި' ފަސްޖެހުމުގެ ޢަލާމާތެއްކަމުގައި އަޅުގަނޑު
ދެކެމެވެ.
ވީމާ، އެސައިޓުގައި ދިޕޮލިޓިކްސްގެ ލީގަލްޓީމުން ފާޅުކުރި
ޚިޔާލާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަތައް ކަނޑައެޅިގެން
އަޅުގަނޑު ދޮގުކުރަމެވެ. އަދި ދިޕޮލިޓިކްސްއިން ލިޔާ އެއްވެސް
ލިޔުމަކީ ވަކި ފަރާތެއްގެ އަގުވައްޓާލުމުގެ ބޭނުމުގައި ނުވަތަ
ވަކި ފަރާތަކަށް ޒާތީގޮތުން ހަމަލާއެއް ދިނުމުގެ މަޤްޞަދުގައި
ލިޔެވޭ ލިޔުންތަކެއް ނޫނެވެ. އަދި އެފަދަ ލިޔުންތަކަކީ
އަޅުގަނޑުމެން ޤަބޫލުކުރާ ފާޑުކިޔުމުގެ މިންގަނޑުގައި ނުހިމެނޭ
ލިޔުންތަކެއްކަންވެސް މިފުރުޞަތުގައި 'ދަމޯލްޑިވިއަން' އަށާއި
ދިޕޮލިޓިކްސްގެ ކިޔުންތެރީންނަށް ޔަޤީކޮށް އަރުވަމެވެ.
އަދި ނޫސްވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވެލައްވާ
ފަރާތްޕުޅުތަކާއި، އިޞްލާޙީ ފާޑުކިޔުއްވުމަށް ލޯބިކުރައްވާ
ފަރާތްޕުޅުތަކަށް، ފާޑުކިޔުއްވުމުގައި ބިނާކުރެވެނިވި
މިންގަނޑެއް ގެންގުޅުއްވުމަށާއި، މުޖުތަމަޢަށް ފައިދާހުރި
ޚިޔާލުތަކެއް ހުށަހެޅުއްވުމަށް މަސައްކަތްކުރެއްވުމަށްވެސް
މިފުރުޞަރުގައި ފަށްފަށުން އިލްތިމާސް ކުރަމެވެ. ނިމުނީ!
|