14 October 2005

SOCIETY AND CULTURE
 

ސަރުކާރު ޓީވީން ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތައް ޢާންމުންނަށް ދައްކަނީ

14/10/2005 | އަލްޙާން ފަހުމީ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ހަތް ވަނާ މާއްދާގައި 'ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ' މިފަދައިން އޮތުމުގެ މާނައަކީ ދިވެހިދައުލަތުގައި އިސްލާމީ ޝަރީޢަތާއި އިސްލާމީ ސުލޫކާއި، އަޚްލާގާއި، އިސްލާމީ ޘަޤާފަތާއި ފުށޫއަރާ އެއްވެސް ކަމެއް ހުއްދަކޮށް، ޢާންމުކޮށް ފެތުރުމަކީ ދައުލަތް ހިންގާ ފަރާތް، ނުވަތަ ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ.
އަދުގެ ސަރުކާރުން ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ޢަމަލުކުރެއްވުމުގައި، ބޮޑަށް ސަމާލުކަން ދެއްވަނީ ސަރުކާރާއި ސަރުކާރުގެ ބާރުތައް ޙިމާޔަތްކުރާ މާއްދާތަކަށެވެ. ސަރުކާރާއި އިދިކޮޅު ޢަމަލު ހިންގުމާއި، ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރުމާއި، ސަރުކާރާއިމެދު ނުރުހުން ފާޅުކޮށް، ފާޑުކިޔުންފަދަ ކަންކަން ވަގުތުން ވަގުތަށް ހުއްޓުވާ، އެފަދަ ކަންކަން ކުރާމީހުންނާއިމެދު ޤާނޫނީ ފިޔަވަޅު އެޅުއްވުމުގައި މިހާރުގެ ސަރުކާރަކީ ލާމަސީލު މިސާލެކެވެ. އެހެންނަމަވެސް، މުޖުތަމަޢުގައި އަށަގަންނަމުންދާ، ލާދީނީ ބަލިމަޑުކަން ނައްތާލާ، ބަދުއަޚްލާޤީ ޢަމަލުތަކުން ޒުވާން ޖީލު ސަލާމަތްކުރުމަށް މިސަރުކާރަކުން ޢަމަލީ ސިފައެއްގައި ސަމާލުކަމެއް ނުދެއްވައެވެ. ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލު މަގުފުރެދުމާއި ހަލާކުގެ ތެރެއަށް ދޫކޮށްލާ، ކޮންމެވެސް ކުށެއްގެ ޝިކާރައަކަށް ހަދާ، ސަރުކާރު ހިންގާ ފަރާތުން ޤާނޫނުގެ ނިވައިފައްގަނޑުގައި ތިބެ، ދައުލަތާއި ދިވެހި ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ހޯދަން މަސައްކަތްކުރުމުގެ ފުރުޞަތު ޒުވާން ޖީލަށް ނުދިނުމަކީ ސަރުކާރުގެ މަޤްޞަދު ނޫންބާއޭ ހިތަށް އަރައެވެ.
ސަރުކާރު ޓީވީން ދައްކާ 'ފިލްމީ އުދަރެސް' ކިޔާ ޕޮރޮގްރާމެއްގައި ދާދި އިހަށްދުވަހު ދެއްކި 'އައިސްބަލާ' ނަމަކަށް ކިޔާ ބަދުއަޚްލާޤި މަންޒަރުތައް ދައްކުވައިދޭ ލަވަ ފެނުމުން ހިތަށްވެރިވީ ބިރުވެރިކަމުގެ އިޙްސާސެކެވެ. އެމެރިކާގެ ހޮލީވުޑް ފިލްމުތަކުން ފެންނަ ބާރތަކުގެ މޭޒުތަކުގެ މެދައްޖަހާފައިހުންނަ އޮފު ދަގަނޑުތަކަށް 'އޮޅިއޮޅިފައި' ބަރަހަނާއަށް ތިބެ ނަށާ، ކަސްބީ އަންހެނުންނާ އެއްހަމައެއްގައި ދިވެހި މުސްލިމު އަންހެނުން ފައިތިލަ ސާބިތުކުރާ މަންޒަރު، ސަރުކާރު ޓީވީން ޢަންމުންނަށް ދެއްކުމަކީ ޑިމޮކްރަސީ ހަރުދަނާވަމުންދާކަމުގެ ޢަލާމަތެއް ބާވައޭވެސް ހިތަށް އެރިއެވެ. އިންފޮމޭޝަން މިނިސްޓަރަށް އައްސަރިބަހާ ސާބަހެވެ. ޑިމޮކްރަސީއަކީ ލަދުހަޔާތްކުޑަވެ، ބަރަހަނާއަށްތިބެ ނެށުން ކަމުގައިވާނަމަ އަދުގެ ސަރުކާރުން އެވަނީ އެޑިމޮކްރަސީ ރާއްޖޭގައި ޤާއިމުކޮށް ނިންމަވާފައެވެ.
ސަރުކާރު ޓީވީން ފޮނުވާ ޕްރޮގްރާމްތައް ސެންސަރުކުރުމުގައި ބައްލަވާ މިންގަނޑުތަކަކީ ކޮބައިބާއެވެ. ދީނުގެ ވާހަކައެއް، ނުވަތަ ސިޔާސީ ވާހަކައެއް ސަރުކާރަށް ކުޑައިބަސް ބުނުމުގެ ރާގަކަށް މީހަކު ބުނެފިނަމަ އެވާހަކައެއް ސެންސަރު ކުރާކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ރާއްޖޭގެ 'ފިލްމީ އުދަރެހުގައި' މަޝްހޫރު 'ޖޯކަރު' ޔޫސުފް ރަފީޢުގެ ޓެލެޑްރާމަތަކުގައި ސަރުކާރާއި، ސިޔާސާސަތާބެހޭ ޖޯކުތައް ހުންނާތީ އޭނާ ހުށަހަޅަމުންއައި 'ދިރިއުޅުމަކީ މިއީބާ' ސެންސަރުކޮށް ނިމޭއިރު އިތުރަށް ބަލާނެއެއްޗެއް ނޯންނާތީ އެޕްރޮގްރާމް ހުއްޓާލަން އޭނާއަށް މަޖްބޫރުވީ ވާހަކަ ޚުދު އޭނާ އަޅުގަނޑަށް ކިޔައިދިނެވެ. އެހެންނަމަވެސް، ކުރިން ދެންނެވިފަދަ ބަދުއަޚްލާޤީ މަންޒަރުތަކުން ފުރިފައިވާ ލަވަތަކާއި ނެށުންތައް ދައްކާ، ޢާންމުން މަގުފުރައްދާއިރު އެމަންޒަރު ސެންސަރުކުރާނެ ފަރާތެއް އަދުގެ ސަރުކާރުގައި ނެތްކަން މިއޮތީ ފެންނާށެވެ. ދަންނަވަން މިއުޅޭވާހަކައަކީ ސަރުކާރުން ސަމާލުކަންދެއްވަނީ ސަރުކާރު ޙިމާޔަތްކުރުމާއި، ވެރިކަން ދެމެހެއްޓެވުމަށްޓަކައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ މައްޗަށްކަމެވެ. އިސްލާމްދީން ޙިމާޔަތް ކުރުމާއި، ޒުވާންޖީލުގެ މަޞްލަޙަތާއި، އެވެރިންގެ މުސްތަޤްބަލު ޙިމާޔަތްކޮށް، ފިތުނަފަސާދައިން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަކީ އަދުގެ ސަރުކާރުން ސަމާލުކަން ދެއްވާ ކަމެއްކަން ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން، އަޅުގަނޑަށް ޤަބޫލުނުކުރެވޭ ވާހަކައެވެ.
ވީމާ، މިފުރުޞަތުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށް، އެމަނިކުފާނުގެ ޤިޔާދަތުގެ ދަށުގައި މިބާވަތުގެ ފާޙިޝް ޢަމަލުތައް ދިވެހި މުޖުތަމަޢްގައި ފެތުރިޔަ ނުދެއްވުމަށް ފަށްފަށުން އިލްތިމާސްކުރަމެވެ. ނިމުނީ!

 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved