|
އަހަންނަށް މައުމޫނުގެ ސަރުކާރުން އިޞްލާޙީ ފިޔަވަޅުތައް އަޅަން
ބޭނުން ނުވާކަން އިޙްސާސްވީ 10 އަހަރު ފަހުން: އިބްރާހިމް ހުސެން
ޒަކީ
ޒަކީ އަކީ ގަރަހިތައެއްތަ؟ : އަލްޙާން ފަހުމީ
17/08/2005 |
އަލްޙާން ފަހުމީ
ބަނގްލަދޭޝްގެ ދުވަހު ނޫހަކަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް
ޕާރޓީގެ ސިޔާސީ މުޝްތަޝާރު އަދި ކައުންސިލް މެމްބަރ (ރައީސް
މައުމޫނު ސަރުކާރަށް ނޭނގިހުރެ 10 އަހަރަށް ވަޒީރުކަން ކުރި)
އިބްރާހިމް ހުސެން ޒަކީ ދިން ބަސްދީގަތުމެއްގައި، އޭނާ ރައީސް
މައުމޫނުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ދިހަ އަހަރު ހޭދަ
ކުރުމަށްފަހު މިހާރު މައުމޫނުގެ ސަރުކާރާ އިދިކޮޅު ހަދަނީ
ކީއްވެތޯ ކުރި ސުވާލަށް ދިން ޖަވާބުން، އޭނާއަކީ
ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންގެ ކުރިއެރުމާއި ތަރައްޤީއަށް
ކުރެވޭ މަސައްކަތުގައި ބައިވެރިކުރަން އެކަށީގެންވާ މީހެއް
ނޫންކަން ޤަބޫލުކުރަން ޖެހެއެވެ.
އެ ސުވާލުގެ ޖަވާބުގައި ޒަކީ ބުނީ އޭނާ މައުމޫނުގެ ސަރުކާރުގެ
މިނިސްޓަރުކަން ޤަބޫލުކޮށް ހޭދަކުރި ދިހަ އަހަރުގެ މަޤްޞަދަކީ
ރައްޔިތުންގެ މެދުގައި ތަޅާފޮޅުމާއި ލޭއޮހޮރުވުމަކާއިނުލާ،
ސަރުކާރާ އެއްކޮށް މަސައްކަތްކޮށްގެން، ރާއްޖެއަށް ބޭނުންވާ
ޑިމޮކްރެޓިކް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރުމެވެ. އެހެން
ނަމަވެސް 10 އަހަރު ފަހުން ރައީސް މައުމޫނާއި އޭނާގެ
އަނބިކަބަލުންގެ ޢާއިލީ ނުފޫޒާހެދި އިޞްލާޙި ބަދަލުތައް
ގެނައުމަކީ ނުވާނެކަމެއްކަމަށާއި، އެ ދިހަ އަހަރަކީ އޭނާގެ
ވަގުތާއި ހަކަތަ އިސްރާފުވެ، ބޭކާރު ވެގެންދިޔަ މާނައެއްނެތް
އަހަރުތަކެއްކަން އޭނާއަށް އިޙްސާސްވުމުން މައުމުނުގެ ސަރުކާރުން
އިސްތިއުފާދިނީކަމަށެވެ. ޒަކީ އަކީ އަނެއްކާ ގަރަހިތައެއްބާ!
މައުމޫނުގެ ވަޒީރު ބޭކަލެއްގެ ގޮތުގައި ޒަކީ ހޭދަކުރި 10 އަހަރު
ދުވަހަކީ ޒަކީގެ ދުލުން މައުމޫނާއި އޭނާގެ ސިޔާސަތަށް މަދަހައާއި
ސަނާ އޮހެމުންދިޔަ ދިހަ އަހަރުކަން ނުދަންނަ ދިވެއްސަކު
ނުހުންނާނެއެވެ. ދިދަޖެހި ކާރުކޮޅުގައި، ފުރިހަމަ ޢިއްޒަތާ،
އަރާމާ ލައްޒަތުގައި 10 އަހަރު ހޭދަކުރިއިރު ޒަކީހުރީ ޣާފިލުވެ،
ނޭނގުމެއްގެ ތެރޭގައި ކަމަށް އެބުނާ ބުނުމަކީ ސަލާމަތް
ބުއްދިއަށް ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. އެފަދަ ސިޔާސީ
ހޭލުންތެރިއެއްކަމަށް ދަޢްވާކުރާ މީހެއްގެ ފަރާތުން
ޤަބޫލުކުރެވިގެންވާނެ ވާހަކައެއްވެސް ނޫނެވެ. ނުސީދާކޮށް
ތިމާއަކީ 'ގަރަހިތައެއް' ކަމަށް ބުނާއިރު، އެކަމުގެ ހަޤީޤަތް
ދެނެގަތުމަކީ، މިފަދަ މަކަރުވެރީންގެ މަކަރުގެ މަޅީގައި
ޖެހެންތިބި ނިކަމެތި ރައްޔިތުންނަށް ކޮންމެހެން ބޭނުންތެރިކަމެއް
ކަމަށް އަޅުގަނޑު ދެކެމެވެ.
10 އަހަރު ދުވަސްފަހުން ރައީސް މައުމުނުގެ ސަރުކާރަކީ
ޚުދްމުޚްތާރު ސަރުކާރެއްކަން އިޙްސާސްވެގެން އަމިއްލައަށް
އިސްތިއުފާ ހުށަހެޅިކަމަށް އޭނާ އެބުނާ ވާހަކައިގެ ޙަޤީޤަތަކީ
ކޮބައިކަން ގިނަބަޔަކަށް އޮޅިފައި އޮތުމަކީ ދުރުގައިވާ ކަމަކަށް
ނުވާތީ، އެކަމުގެ ޙަޤީޤަތް ހާމަކުރުމަށް 'ދިޕޮލިޓިކްސް' އިން
ކުރިއަށް ގެންދިޔަ ޚާއްޞަ ދިރާސާއަށްފަހު، ޒަކީގެ އިސްތިއުފާގެ
ޙަޤީޤަތް ހާމަކުރުމަށް މި ފުރުޞަތުގެ ބޭނުން ހިފާނަމެވެ.
2003 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މައުމޫން ޢަބްދުލް
ޤައްޔޫމް ކާމިޔާބު ކުރެއްވުމަށްފަހު، އޭނާގެ ސަރުކާރު އިޢްލާން
ކުރެއްވިއިރު، ވަޒީރުންގެ މަޖިލީހުގައި ޒަކީގެ ނަން ހިމެނިފައި
ނުވުން ވެގެންދިޔައީ، ޒަކީއަށް ލިބިގެންދިޔަ ކުއްލި
ސިހުމަކަށެވެ. ކޮންމެ ރިޔާސީ ދައުރެއްގެ ނިމުމާއިއެކު ވަޒީރުން
އިސްތިއުފާ ހުށަހެޅުމަކީ، އަދާކާދައެއްގެ ގޮތުން، އަބަދުވެސް
އެކަން ކުރެވެމުން އައިސްފައިވާ ގޮތެވެ. މީގެ ބޭނުމަކީ
އައުދައުރަކަށް އިންތިޚާބު ކުރެވޭ ރައީސަކަށް
މިނިވަންކަމާއިއެކު، އޭނާގެ ކެބިނެޓް، ނުވަތަ ސަރުކާރު
އެކުލަވާލުމުގެ ފުރުޞަތު ދިނުމެވެ. އެގޮތުން 2003 ވަނައަހަރުގެ
ނިޔަލަށް ނިމުނު ރިޔާސީ ދައުރާއިއެކު ހުރިހާ ވަޒިރުބޭކަލުން އޮތީ
އިސްތިއުފާ ހުށަހަޅުއްވާފައެވެ. އެގޮތަށް އެކަން އޮވެ، ހަވަނަ
ދައުރަކަށް މައުމޫނު އިންތިޚާބު ވުމަށްފަހު، ކެބިނެޓް އިޢްލާން
ކުރެއްވިއިރު، ޒަކީގެ ނަން މައުމޫނުގެ ކެބިނެޓްގައި
ހިމަނުއްވާފައި ނުވުމަކީ، އެއްވެސް ޙާލެއްގައި ޒަކީއަށް
މައުމޫނުގެ ސަރުކާރާއި، ސިޔާސަތު ކަމުނުދާތީ، އޭނާ އަމިއްލައަށް
އިސްތިއުފާ ހުށަހެޅީކަމަށް ދަޢްވާ ކުރެވޭނެ ޖާގައެއް އޮތް ކަމެއް
ނޫނެވެ. ވީމާ، ޒަކީ އެބުނާ އިސްތިއުފާއަކީ ރައީސް މައުމޫނު
އަމިއްލަފުޅަށް ޒަކީއަށް ދެއްވި ގޮނޑި އަނބުރާ ގެންދެވި
ގެންދެވުމެވެ.
އަނބުރާ ގެންދެވި
ގެންދެވުމެވެ. އަދި ހަމަ އެހެންމެ، ޑރ.މުނައްވަރުގެ އިސްތިއުފާ
އަކީވެސް ހަމަ މިގޮތަށް ހުށަހެޅުނު އިސްތިއުފާއެކެވެ. 10
އަހަރުގެ އެކުވެރި ސިޔާސީ ޙަރަކާތްތަކަށްފަހު ރައީސް މައުމޫނުގެ
ހަވަނަ ރިޔާސީ ދައުރުގައި ޒަކީ ބައިވެރި ނުކުރެއްވީ ކީއްވެކަން
ސާފުކޮށް އެނގޭކަށް ނެތެވެ.
ޒަކީ ބަންގްލަދާޝްގެ 'ޖަގަންޓާ' ދުވަހު ނޫހަށް ދިން
އިންޓަވިއުއާއި ބެހޭގޮތުން ދިވެހި ސަރުކާރުގެ ވަގުތީ ތަރުޖަމާނު
މުޙަންމަދު ޙުސެން ޝަރީފަށް 'ދިޕޮލިޓިކްސް' އިން ހުށަހެޅި
ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ، ސާރކް
ސަރަހައްދުގައި ޒަކީ ފަތުރަމުންދާ ތާކުންތާކު ނުޖެހޭ
ވާހަކަތަކަށް ޖަވާބު ދެއްވުމަށްޓަކައި، މިހާރު ދަނީ މަޢްލޫމާތު
އެއްކުރައްވަމުން ކަމަށެވެ. އަދި ޒަކީގެ އިސްތިއުފާގެ މައްސަލަ
ހިނގާދިޔަގޮތް، އިސްވެ ބަޔާން ކުރެވުނު ގޮތަށް ކަށަވަރުކޮށް
ދެއްވިއެވެ. ޒަކީއަށް ވަޒީރުންގެ މަޖިލިސްގެ ގޮޑި ގެއްލުނު
ޚަބަރު ލިބެންދެން ޒަކީ ހުރީ ރައީސް މައުމޫނާއި އޭނާގެ
ސިޔާސަތަށް ރުހި ޤަބޫލުވެގެންކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ހަވަނަ ރިޔާސީ ދައުރުގައި ޒަކީއަށް
މިނިސްޓަރުކަން ނުދެއްވި ނަމަވެސް، ދިވެހިރާއްޖޭގެ ހިއުމަން
ރައިޓްސް ކޮމިޝަނުގެ ޗެއާރމޭންގެ މަޤާމު އޭނާއަށް ރައީސް
މައުމޫނު ހުށަހެޅުއްވިކަމަށްވެސް ސަރުކާރުގެ ތަރުޖަމާނު
'ދިޕޮލިޓިކްސް'އަށް މަޢްލޫމާތު ދެއްވާފައިވެއެވެ. ނަމަވެސް
ޒަކީވަނީ އެކަން އިންކާރުކޮށް، އިންސާނީ ޙައްޤުތަކާއިބެހޭ
ކޮމިޝަނުގެ ރިޔާސަތަށް ބަދަލުވުމަކީ އޭނާއަށް ލިބިގެންދިޔަ
ނިކަމެތިކަމެއްކަމަށް ހީކޮށް، އިންސާނުންނަށް ޚިދުމަތްކުރަން
އިންކާރުކޮށް، އެކަމަށް ފުރަގަސް ދީފައެވެ.
ޒަކީގެ އިސްތިއުފާގެ ޙަޤީޤަތަކީ މިއެވެ. ދިވެހީންނާއި،
ދިވެހިރާއްޖެއަށް ޚިދުމަތްކުރަން ޒަކީ ބޭނުންވަނީ ހަމައެކަނި
ދިދަޖެހި ކާރުގައިކަމުން، މިއަދު ޒަކީ އެ މަސައްކަތްކުރަނީ
ތަލާފޮޅުމާއި ލޭއޮހޮރުވުންތަކެއްގެ އެހީގައި ނަމަވެސް، އޭނާ
އަތުން ބީވެގެންދިޔަ އަރާމު ދިރިއުޅުން އަލުން
ޙާޞިލުކުރެވޭތޯއެވެ. މިފަދަ މީހުންނަކީ އެއްވެސް ޙާލެއްގައި
ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރާ ބައެއް
ކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. ތިމާމެންގެ އަމިއްލަ އެދުންތައް
ފުއްދުމަށްޓަކައި، ރައްޔިތުންނަށް އޮޅުވާލާ، މަކަރާ
ހީލަތްހަދަމުން މިވެރީން މިހާރު މިކުރާ މަސައްކަތުގެ ހަމައެކަނި
ބޭނުމަކީ، ވެރިކަމާއި، ބާރާއި، ރައްޔިތުންގެ ފައިސާ މިވެރީންގެ
ޖީބުގައި ކްރެޑިޓް ކާޑެއްގެ ސިފައިގާ ނަމަވެސް ހިފެހެއްޓުމެވެ.
ދިހައަހަރު ދުވަސް ވަންދެން ޚިޔާލެއް ފިކުރެއްނެތި، މެދުނުކެނޑި
ރައްޔިތުންގެ ފައިސާ ހިތުހުރި ގޮތަކަށް ބޭނުން ކުރުމަށްފަހު،
އެކަން ނުކުރެވޭގޮތް ދިމާވުމުން، އަނެއްކާ، ދިވެހީންލައްވާ
ދިވެހީންގެ ލޮލަށް އިލޮށިހަރުވަން ޒަކީ އެކުރާމަސައްކަތަށް
ތާއީދު ކުރަނީނަމަ، އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ދެންވެސް
އޮތީ، ފާއިތުވި 27 އަހަރު ފަދަ ހަނަފަސް ދުވަސްތަކެއްކަން
ޔަޤީނެވެ.
މިފަދަ ޚިޔާނާތްތެރީންގެ ޙަޔާތުން ޢިބްރަތް ލިބިގަތުން މިފަދަ
ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ މުޖްތަމަޢަށް ވަރަށް
މުހިންމެވެ. ސިޔާސީ، އިޖްތިމާޢީ، އަޚްލާޤީ، އިޤްތިޞާދީ ގޮތުން
އައު ރާއްޖެއަކަށް މަގު ކޮށަމުންދާއިރު، ކުރިން ކަށިޖެހި ހޮރަށް
އަލުން އިނގިލި ލުމަކީ މޮޔަކަމެއް ކަމުގައި ނޫނި ނުވާނެއެވެ. ނިމުނީ!
ނޯޓް:
ތިރީގައިވާ
ލިންކުން ޙަވާލާދެވިފައިވާ ޒަކީގެ އިންޓަވިއު ވިދާޅުވާށެވެ.
http://travelvideo.tv/news/more.php?id=6352_0_1_0_M |