19 December 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

މުޅިން އައު ޑިމޮކްރަސީއެއް : ޖަސްޓިސް މިނިސްޓަރަކީ ޤާނޫނު ހެދުމުގެ ބާރަށްވުރެ މަތީ ބާރެއް!
1
9/12/2006 | އިބްރާޙިމް ޙާފިޒް
01 ޖެނުއަރީ 2007 ކުން ފެށިގެން އަމަލު ކުރައްވާނެކަމަށް އިޢްލާނުކުރައްވައި، ޖަސްޓިސްމިނިސްޓްރީން އަބުރާ ބެހުމުގެ ކުށުގެ މަދަނީ ބަދަލު ހޯއްދަވައިދިނުމަށްޓަކައި ހަމަޖައްސަވާފައިވާކަމަށް، މިނިސްޓަރ ޖަމީލު އެވިދާޅުވާ އުސޫލުތަކަކީ ޤާނޫނާއި ޤަވާޢިދު ހެދުމުގެ މުޅީން އައު މިންގަނޑަކުން ހަމަޖައްސަވާފައިވާ އުސޫލުތަކެކެވެ. ދައުލަތުގެ ޤާނޫނު ހަދާ މަޖްލިސް ނުވަތަ ދައުލަތުގެ ޝަރުޢީ ބާރުން، ހައްދަވައި ފާސްކުރައްވާފައިވާ ޤާނޫނަކަށް ބަދަލު ގެނައުމަކީ، ޤާނޫނީ ފަލްސަފާ އާއި ޑީމޮކްރަސީގެ އުސޫލުތައް ނިޔާކުރާގޮތުން، ސަރުކާރު ހިންގާ ފަރާތަށް ލިބިގެންވާ ބާރެއް ނޫނެވެ. އެހެންކަމުން، ޖަސްޓިސް މިނިސްޓްރީއަކީ އޭގެ ޒާތުގައި ސަރުކާރު ހިންގުމުގެ އިދާރާއެއްގެ ޙައިސިއްޔަތުން، ޤާނޫނު ހަދައި ޤާނޫނަށް ބަދަލު ގެނައުމުގެ އިޚްތިޔާރާއި ބާރު ލިބިގެންވާ މުމައްސަސާއެއް ނޫނެވެ. ޤާނޫނު ތަންފީޒު ކުރުމުގެ އިތުރުން، އެމުއައްސަސާއަށް އޮންނާނެ އިތުރު ބާރަކީ، ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ހަދަންޖެހޭ ޤަވާޢިދުތަކާއި އުސޫލުތައް ޤާނޫނާއި ޚިލާފު ނުވާ ގޮތެއްގެމަތީން އެކުލާވާލައި އެއަށް ޢަމަލުކުރުމެވެ.


ދިވެހިރާއްޖޭގެ ގާނޫނުޢުގޫބާތުގެ 150 ވަނަ މާއްދާގައި އަބުރާ ބެހުމަކީ ކޮބައިކަން ބަޔާން ކޮށްފައިވެއެވެ. އަދި ޤާނޫނުލް ޢުޤޫބާތުގެ 164 ވަނަ މާއްދާގެ (ހ) ގައި އަބުރާބެހުމުގެ ކުށް ސާބިތު ވެއްޖެނަމަ، އަބުރާ ބެހުނު މީހާއަށް، މިޤާނޫނުގެ 163 ވަނަ މާއްދާގައިވާ އަދަބު ދިނުމުގެ އިތުރަށް، އަބުރާ ބެހުނު މީހާގެ ފަރާތުން އަބުރާ ބެހެވުނު މީހާއަށް ބަދަލު ލިބިދޭން ވާނެއެވެ. މިބުނި ބަދަލު ލިބިދޭނީ، ކަމުގެ ކުޑަބޮޑުމިނަށް ބަލައި، -/100 ރުފިޔާއާއި -/5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޝަރީޢަތުން ކަމަށް ބުނެފައި ވެއެވެ. އަދި ހަމަ އެމާއްދާގެ (ށ) ގައި އަބުރާ ބެހުމުގެ ސަބަބުން އެމީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ވިޔަފާރިއެއްގައި ލިބެންއޮތް ފުރްޞަތެއް ގެއްލި، ނުވަތަ އެކަމަށް ހުރަސްއެޅި، ނުވަތަ މާލީގޮތުން އެމީހަކަށް މިނޫންވެސް ގެއްލުމެއް ލިބިފައިވާނަމަ، ނުވަތަ ގެއްލުމެއް ލިބުމަކީ އެކަށީގެންވާ ކަމެއްކަމަށް، ޝަރީޢަތަށް ފެނިއްޖެނަމަ، އެލިބުނު ނުވަތަ ލިބިދާނެ ކަމަށް ފެނުނު ގެއްލުމެއްގެ މިންވަރަށް ބަލައި، އެކަށީގެންވާ ބަދަލެއް އަބުރާ ބެހެވުނު މީހާއަށް އަބުރާ ބެހުނު މީހާގެ ފަރާތުން ލިބިދޭން ވާނެކަމަށް ބުނެފައިވެއެވެ.


އިސްވެ އިޝާރާތް މިކުރި ޤާނޫނުލް ޤުޤޫބާތުގެ 164 ވަނަ މާއްދާގެ (ހ) ގައި އަބުރާއި ބެހުމުގެ ކުށުގެ މަދަނީ ބަދަލު އެވަނީ ވަރަށް ޞަރީހަ ޢީބާރާތުން ސާފުކޮށް ކަނޑައަޅާފައެވެ. ޖަސްޓިސް މިނިސްޓަރު އުފައްދަވާ އުސޫލަކުން ނުވަތަ ޤަވާޢިދަކުން މި ޤާނޫނަށް ބަދަލެއް ނުވަތަ އިޞްލާޙެއް ގެނެވިގެން ނުވާނެއެވެ. އެހެނީ، ޤާނޫނަށް އިޞްލާޙާއި ބަދަލު ގެންނައުމުގެ ދުސްތޫރީ ބާރު ލިބިފައިވާ ފަރާތަކީ ދައުލަތުގެ ޤާނޫނު ހެދުމުގެ ބާރު، ރައްޔިތުންގެ މަޖްލިސް އެވެ.


ޖަސްޓިސް މިނިސްޓަރު އިޢްލާނު ކުރައްވާފައި މިވާ އަބުރާ ބެހުމުގެ ބަދަލު ނަގައިދޭ އުސޫލުގައި ކަނޑައެޅިފައިވާ ގޮތުން، އެބަދަލު، ކުށުގެ ކުޑަބޮޑޫ މިނަށް ބަލައި، އެއް މިލިޔަން ރުފިޔާއާ ހަމައަށް ނަގައިދޭނެކަމަށް ވާތީ، އެއުސޫލަކީ އިސްވެ އިޝާރާތް ކުރެވުނު ޤާނޫނުލް ޤުޤޫބާތުގެ 164 ވަނަ މާއްދާގެ (ހ) އަށް ގެނެވިފައިވާ ބަދަލެކެވެ. އެހެން ނަމަވެސް މިބަދަލަކީ ކަނޑައެޅިގެން ބާޠިލު ބަދަލެކެވެ. ސަބަބަކީ، ތަންފީޒީ ބާރުތަކުން ހަދާ ޤަވާޢީދުތަކާއި އުސޫލުތަކަކީ ޤާނޫނަށް އިޞްލާޙާއި ބަދަލު ގެނެވޭ ވަރުގެ ޤާނޫނީ ބާރު ލިބިފައިވާ އެއްޗަކަށް ދުސްތޫރީ އަދި ޤާނޫނީ ހަމަތަކުގެމަތީން ނުވާތީއެވެ.


ތިންބާރު ވަކިކޮށް، ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ ވާހަކަ ސަރުކާރުން ދައްކާއިރު، ބަހާއި ޢަމަލު ދިމާނުވާ، އަދި މިފަދަ ދެއުޅި އެއްނުވާ ކަންތައްތަކުގެ ސަބުން، ގެންނަން މިއުއުޅޭ ބަދަލަކީ ކޮބައިކަން ސަރުކާރު ހިންގާ ފަރާތަށް އެނގިފައިވާކަމާއިމެދު ނިހާޔަތަށް ޝައްކު އުފެދެއެވެ. މިނިސްޓަރ ޖަމީލަށް މިފަދަ އާދައިގެ ޤާނޫނީ ހަމަތަކާއި އުސޫލުތައް އެނގިވަޑައި ނުގަންނަވާތީ ހައިރާންވެ، ލަދުގަންނަމެވެ.
ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved