04 January 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ޑިމޮކްރަސީގެ ހިޔަލުގައި އައްޑޫ މީހަކަސް މާލޭ މީހަކަސް ހަމަހަމަ ވާންޖެހޭނެ!

04/11/2006 | އަލްޙާން ފަހުމީ
ވަކިއަތޮޅެއްގެ ބަޔަކަށް، ނުވަތަ ވަކި ރަށެއްގެ ބަޔަކަށް ވަކި ބާރެއް ލިބިދިނުމާއި، ވަކި އަތޮޅެއްގެ ބަޔަކީ މާ ނުފޫޒު ގަދަ ބައެއްކަމަށް ޤަބޫލުކުރުމަކީ، ނުވަތަ އެފަދަ ތަފާތުކުރުމުގެ ފިކުރަކީ އޭގެ ޒާތުގައި ޤައުމުގެ ޖަމާޢީ އެއްބައިވަންތަކަން ގެއްލި، މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި ޢަދުލު އިންސާފު ގެއްލިގެން ދާނެ ކަމެކެވެ. މިފަދަ ތަފާތުކުރުމާއި، ނަސްލީ އިމްތިޔާޒުގެ ފިކުރަކީ އަޅުގަނޑުމެންފަދަ ކުދިކުދި ޖަޒީރާ ތަކެއްގައި ދިރިއުޅޭ، އެއް ޢާއިލާއެއްގެ މެދުގައި ފިތުނަފަސާދަ ޢާންމުވެ، ދިވެހި އުންމަތުގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ހަމަޖެހުމާއި ތަރައްޤީއަށް ކުރިމަތިވެދާނެ ނުރައްކަލެކެވެ. އަދި މީގެއިތުރުން 'ޑިމޮކްރަސީ' ހަރުދަނާކުރުމަށް ކުރަމުން މިދާ މަސައްކަތަކަށް އެޅޭ ހުރަހެއް ކަމުގައި ނޫނީ އެފަދަ ފިކުރުތައް ނުވާނެއެވެ.
އަޅުގަނޑުމެން ދިވެހީންނަކީ ވަކިވަކި ޖަޒީރާ ތަކެއްގައި ދިރިއުޅުނަސް، އެއް ފޮތަކަށް އީމާންވާ، އެއްބަހަކުން ވާހަކަދައްކާ، އެއްކުލައެއްގެ، އެއް ދިދައެއްގެ ހިޔާވަހިކަމުގެ ދަށުގައި، އެއްޖައްވަކަށް ނޭވާލައިގެން އުޅޭ އެއްބައެއްވަންތަ ޢާޢިލާއެކެވެ. އުފެދޭ ސުވާލަކީ މިދެންނެވި އެއްބައެއްވަންތަ، އެއްކަނޑަކުން މަސް ހިފައިގެން ކައިބޮއެ އުޅޭ، ދިވެހީންގެ ޢާންމު ނިޒާމު ޢަދުލުވެރި އުސޫލުތަކެއްގެ ދަށުން ހިންގުމާޢި ޙަވާލުކުރުމުގެ ނިޔަތުގައި، އަޅުގަނޑުމްން ތާއީދުކުރާ ސިޔާސީ ޖަމާޢަތަކީ، ނުވަތަ ސިޔާސީ ޕާރޓީއަކީ ވަކި އަތޮޅެއްގެ، ނުވަތަ ވަކި ރަށެއްގެ މީހުންގެ ބާރާއި ނުފޫޒު ފޯރާފައި އޮންނަންޖެހޭ އެއްޗަކަށް ވާން ޖެހޭތޯއެވެ؟
އަދުގެ ސިޔާސީ މަސްރަޙަށް ނަޒަރު ހިންގާލާއިރު، ނޫސް މަޖައްލާތަކުގައި މިފަދަ ވާހަކަތައް ޢާންމުވަމުން ދާކަމީ ހިތާމަކުރަންޖެހޭ ޙަޤީޤަތެކެވެ. މާލޭ މީހުންގެ ބާރުގަދަކުރަން މާލޭ މީހުން މަސައްކަތް ކުރުމާއި، އައްޑޫ މީހުންގެ ބާރު ގަދަކުރަން އައްޑޫ މީހުން މަސައްކަތްކުރުމުގެ ފަލްސަފާއަކީ ޑިމޮކްރެޓިކް ސިސްޓަމެއްގައި އޮވެގެންވާނެ ފިކުރެއް ނޫނެވެ.
އެއްވެސް ސިޔާސީ ޕާރޓީއަކީ ނުވަތަ ސަރުކާރަކީ، ޤައުމެއްގެ ރައްޔިތުންގެ ތެރެއިން ވަކި ބައެއްގެ ނުވަތަ ވަކި އަތޮޅެއްގެ ނުވަތަ ވަކި ރަށެއްގެ ރައްޔިތުންނަށް ޚާއްޞަ ގޮތްތަކެއް ހަދައިގެންވާނެ ބައެއް ނޫނެވެ. ސިޔާސީ ޕާރޓީތަކާއި ސަރުކާރުގެ ސިޔާސަތު ރޭވިފައި އޮންނަންވާނީ ޖުމްލަކޮށް މުޅި ޤައުމުގެ ރައްޔިތުންގެ މަޞްލަޙަތު ހޯދައިދިނުމުގެ މައްޗަށެވެ. އަދި ސަރުކާރާއި ސިޔާސީ ޕާރޓީތަކުން މަސައްކަތް ކުރަންވީ ރައްޔިތުންގެ މެދުގައި އޮތް ފަންތީގެ ތަފާތުތައް ނައްތާލުމާއި މުޖުތަމަޢާއި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށެވެ. ތަފާތުކުރުމާއި ވަކި އިމްތިޔާޒުތަކަށް ދަޢުވާކުރުމުގެ ފިކުރު އުފަންވުމުގެ މައިގަނޑު ސަބަބަކީ އިޚްލާޞްތެރިކަމާއި ޢަދުލު އިންސާފުގެ މައްޗަށް އަމިއްލަ އެދެން އިސްކުރުމެވެ. މިފަދަ ފިކުރެއް ޤައުމެއްގެ ސިޔާސީ މަސްރަޙުގައި ވަކި ހިއްޕައިފިނަމަ، ޖަމާޢީ ތަރައްޤީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތް ކާމިޔާބުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
ސިޔާސީ މައިދާނުގައި މިފަދަ ޚިޔާލާއި ފިކުރު އުފަންވުމުގެ މައިގަނޑު ދައުރެއް އަދާކުރަނީ ސިޔާސީ މައިދާނުގައި އިސްވެ ޙަރަކާތްތެރިވާ ފަރާތްތަކުންނެވެ. އެވެރީންގެ ވާހަކަތަކާއި ޢަމަލުތައް ބަހައްޓާގޮތުން ރައްޔިތުންނަށް ނޭނގުމެއްގެ ތެރޭގައިވިޔަސް، އެވިސްނުމުގައި ބައިވެރިވެވެނީއެވެ.
މިސާލަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ތެރޭގައި އުޅޭ މިބާވަތުގެ ޚިޔާލުތައް އުފެދުމުގެ ޙަޤީޤީ ސަބަބަކީ އެޕާރޓީގެ އިސް ބައެއް މެމްބަރުންނެވެ. އައްޑޫ މީހުންނާއި މާލޭ މީހުންގެ ހިތުގައި އެއްބަޔަކު އަނެއް ބަޔަކާއިމެދު ނަފްރަތު އުފެދި، ޕާރޓީގެ ވެރިކަން ހިންގަން ޖެހޭނީ ވަކި ބައެއްކަމަށް ޢާންމު މެމްބަރުންނަށް ވިސްނައިދިނީ އެޕާރޓީގެ އިސް މެމްބަރުންނެވެ. ޑރ. މުނައްވަރަކީ ނުވަތަ މަވޯޓާ ޝަރީފަކީ ނުވަތަ މުޙަންމަދު އަސްލަމަކީ އައްޑޫ މީހަކަށްވީތީ، އެމީހުން ޕާރޓީގެ ވެރިކަން ކުރަންޖެހޭކަމަށް ރައްޔިތުންނަށް ޤަބޫލުކުރެވެން ޖެހޭނީ އެމީހުން އެމީހުންގެ އަތޮޅުގެ މީހުންނަށް ވަކި ގޮތްތަކެއް ހަދައިދޭނެކަމަށް ބުނެ، ޢަދުލު އިންސާފުގެ ފަލްސަފާ އެކަހެރި ކޮށްލީތީކަން ކަށަވަރެވެ. ޙާމިދު ޢަބްދުލް ޣަފޫރު "އައްޑޫ މީހުންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެޔޭ..އެމީހުންގެ އޮންނާނީ ހުސް އަނގައެކޭ" ބުނުމަކީ މާލޭ މީހުންނަށް އެމީހުންނަކީ 'ވަކި މޮޅެއް' ލިބިގެންވާ ބައެއްކަމަށް ޤަބޫލުކުރެވެން މެދުވެރި ވެދާނެ ސަބަބެކެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ޑިމޮކްރަސީގެ ހަމަތަކުގެމަތީން ރައްޔިތުންގެ މެދުގައި ތަފާތުކުރެމެއް ނެތި ހަމަހަމަ ނިޒާމަކަށް މަގުދައްކާ އެއްވެސް ސިޔާސީ ޖަމާޢަތެއްގެ ލީޑަރުންނާއި ހިންގުންތެރީންނަކީ އެއްވެސް ސިފައެއްގައި ޤައުމުގެ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދޭފަދަ އެއްވެސް ވާހަކައެއް ދައްކާ އަދި އެފަދަ އެއްވެސް ޢަމަލެއް ހިންގައިގެންވާނެ ބައެއް ނޫނެވެ.
އަޅުގަނޑުމެން މިދަތުރުކުރަނީ އެއް އަމާޒަކަށްވެ. ތަފާތު ކަނޑުއޮޅިތަކުން ވަނަސް، ވަންނަން މިއުޅެނީ އެއް ހިޔާވައްސަކަށެވެ. އެހެންކަމުން، އައްޑޫ މީހަކަސް ކެލާ މީހަކަސް އޮންނަންވާނީ އެއް ހަމައެކެވެ. ބައިބަވުމުގެ ދޮރުތައް ލައްޕާ އެކުވެރިކަމާ އެއްބައިވަންތަ ރޫޙެއްގައި މަސައްކަތް ކުރެވިގެން މެނުވީ ދަތުކުރަމުން މިދާ މަންޒިލަށް ނުދެވޭނެކަން ޔަޤީނެވެ. އެހެން ކަމުން މިފުރުޞަތުގައި ރާއްޖޭގެ އެންމެހާ ސިޔާސީ ޕާރޓީ ތަކަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަނީ އެއްބައިވަންތަ މާހައުލެއްގައި، އަތުގުޅާލައިގެން ޤައުމުގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ މައިދާނަށް ނުކުތުމަށެވެ. ވަކިވެގަތުމުގެ ނިކަމެތިކަން އިޙްސާސް ކުރަން ޖެހިފައިވާ ބަޔަކަށް ނުވަމާތޯއެވެ

 

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved