 |
|
ޑީ.އާރު.ޕީ
އައްޑޫގައި : އައްޑުއަތޮޅުގެ ރައްޔިތުންނަކީ ވަލު ޖަނަވާރުންނަށް
ހަދަން ބަޔަކުމީހުން މަސައްކަތް ކުރަނީ
13/01/2005
|އައްޑޫ
ފަނޑިޔާރު | އީ-މެއިލް
އައްޑު އަތޮޅުގެ ރައްޔިތުންނަކީ ޖަނަވާރުންގެ ކިބައިގާ ހުންނަ
ޒާތުގެ ވަޙުޝީ ސިފަތަކެއް ހުންނަ ބައެއްކަން ދޭހަވާ ގޮތަށް ދެކެވޭ
ވާހަކަތަކަކީ އޭގައި އެއްވެސް އަސްލެއް އެކުލެވިގެންވާ
ވާހަކަތަކެއް ނޫނެވެ. އައްޑުއަތޮޅުގެ ރައްޔިތުންނަކީ
އުފެދުމުގައިވެސް ނުބައި ނުލަފާ ޖާހިލު ބައެއްކަމަށާއި، އެމީހުންގެ
ގާތަށް ރުޅި އަތުވެއްޖެނަމަ، ވަލުޖަނަވާރުންނަށްވުރެ އެމީހުންގެ
ނުބައިކަން ކުޑަ ނުވާނެކަމަށްބުނެ، ރާއްޖޭގެ ބައެއް ހިސާބުތަކުގައި
- ޚާއްޞަކޮށް ރާއްޖޭގެ އުތުރުގައި - ދެކެވޭ ވާހަކަތަކަކީ އެއްވެސް
ޙަޤީޤަތެއްގެ މައްޗަށް ބިނާވެފައިވާ ވާހަކަތަކެއް ނޫނެވެ.
ރާއްޖޭގެ ތާރީޚަށް ބަލާއިރު އައްޑޫގައި ވަކި ސަރުކާރެއް އުފައްދަން
މަސައްކަތް ކޮށްފައި ވުމާއި، އައްޑުއަތޮޅުގެ ރައްޔިތުންނަކީ
ކެރިގެން ޙައްޤު ގޮތުގައި ކަންކަމާއި ކުރިމަތިލާ ބަޔަކަށްވުން،
މާނަކުރެވެނީ އެމީހުންގެ 'ވަޙުޝީ' ކަމުގެ ޢަލާމާތެއްގެ ގޮތުގައެއް
ނޫނެވެ. އެޢަމަލުތަކުން ދޭހަވަނީ އައްޑުއަތޮޅުގެ ރައްޔިތުންނަކީ،
ސިޔާސީ މައިދާނަށް ޒަމާނުއްސުރެ ލޯހުޅުވިފައި ތިބި، ޢިލްމީ
ޘަޤާފަތެއްގެ އަހުލުވެރި ބައެއް ކަމެވެ. އައްޑު އަތޮޅުގައި ވަކި
ސަރުކާރެއް އުފައްދަން މަސައްކަތް ކުރަންޖެހުނީ ސިޔާސީ
ސަބަބުތަކެއް ހުރެގެންނެވެ. އެއްވެސް ޙާލެއްގައި ޒާތީ
ޙަސަދަވެރިކަމެއްގެ ސަބަބަކުން ނޫނެވެ. އަދި އެމީހުން ޖަންގަލީގެ
ޤާނޫނު މަތިވެރި ކުރާތީއެއްވެސް ނޫނެވެ. ތާރީޚުގެ ޞަފްޙާތަކުން
އެކަން ސާބިތުވާން އެބައޮތެވެ.
އިންސާނުންގެ ތާރީޚަށް ބަލާއިރު، ގަދަފަދަކަމާއި، ބާރުގެ
ބޭނުންކޮށް، އެއް ޖަމާޢަތެއްގެ ތެރޭގައި ކަނޑި އުފުލައިގެން
މުޢާމަލާތު ކޮށްފައިވަނީ ފިކުރީގޮތުން އިންސާނުންގެ ސިކުނޑިތައް
ޖާހިލުކަމުގެ އަނދިރީގެ ޝިކާރައަކަށް ވެފައިއޮތް ޒަމާންތަކުގައެވެ.
އެޒަމާންތައް މިހާރުވަނީ ތާރީޚުގެ ތެރެއަށް ގޮސް، އިންސާނުންގެ
ސުލޫކާއި އަޚްލާޤް ބަދަލުވެ، ތަރައްޤީ ވެފައެވެ. އިޖްތިމާޢީ
ހަރުދަނާ ނިޒާމުތައް ތަޢާތަފްވެ، އެއަށް އިންސާނުން ބޯލަނބަން
ފަށާފައެވެ.
މިމޭރުމުން ދިވެހީންގެ އިޖްތިމާޢީ ތަރައްޤީއާއި މަދަނީ
ހޭލުންތެރިކަމަށް ބަލާއިރު އައްޑުއަތޮޅަކީ އެންމެ ތަޢްލީމީ މީހުން
ގިނަ އަތޮޅެވެ. އެހެންކަމުން، އައްޑުއަތޮޅުގެ ރައްޔިތުންނަކީ،
ބަޔަކު މީހުން އެމީހުންނަކީ 'ވަރަށް ނުރައްކާ ނުލަފާ ބައެކޭ'
ބުނުމުން، އެއީ ތެދެއްކަން ދެއްކުމަށްޓަކައި، ނުވަތަ އެކަމަކީ
އައްޑޫ ރައްޔިތުންގެ ކިބައިގާވާ މަތިވެރި ސިފައެއް ކަމަށް ހީކޮށް،
ޖަނަވާރުންނާ އެއްހަމައަށް، ހަތަރުމުށްގަނޑަށް ތިރިވާނެ
ބައެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އައްޑުއަތޮޅުގެ
ރައްޔިތުންނަކީ އެއަށްވުރެ ހޭލުންތެރި، ވިސްނުން ތޫނު، ޢިލްމީ
ޖަމާޢަތެކެވެ. އެހެނަސް ކޮންމެ ތަނެއްގައިވެސް ޖަމާޢަތުގެ ނިޒާމު
މުގުރާލަން މަސައްކަތްކުރާ މީހުން ތިބޭނެއެވެ. އެހެނަސް އެއީ މަދު
ބައެކެވެ. އެހެންކަމުން މަދު މީހުންގެ ސުލޫކާއި ވިސްނުމަކީ
ޖަމާޢަތަށް ނިސްބަތް ކުރެވޭ އެއްޗެއް ނޫނެވެ.
ދިވެހި ރައްޔިތުންގެ ޕާރޓީ (ޑީ.އާރު.ޕީ) ގެ އިސް
މެމްބަރުންގެތަކެއްގެ މައްޗަށް އެކުލެވިގެންވާ ވަފުދެއް
އައްޑުއަތޮޅަށް ޒިޔާރަތެއް ކުރަން އުޅޭ ވާހަކަ އިންޓަނެޓް
ނޫސްތަކުން އެކި ސިފަސިފައިގާ އައިސްފައިވެއެވެ.
ނުކިޔަމަންތެރިކަމާއި ހަމަނުޖެހުމާއި ހަޅުތާލަށް ހިތްވަރުދީ،
ނޫސްވެރިކަމުގެ އަޚްލާޤީ އިމުން ބޭރުވެ، މިނިވަން ނޫސްވެރިކަމުގެ
ނަމުގައި 'ހެއްދެވި ނެހެއްދެވިއަށް ގޮވާ' ޖާހިލުކަމުގެ
އަނދިރީގައި. ސިކުނޑީގައި ކުފުރުގެ ކަސްތޮޅު އެޅިފައިވާ، އިނގިރޭސި
ވިލާތުގައި ހުންނަ އެމް.ޑީ.ޕީގެ ތަރުޖަމާނު 'ސައްޕޭ' ގެ
އެޑިޓަރުކަމުގެ ދަށުން ހިންގޭ އެމް.ޑީ.ޕީގެ އަންޑަރވޯރލްޑް ގޮފި،
'ދިވެހިއޮބްޒާވަރ' މައުމޫނު އައްޑުއަށް ވަގަށް 'އަރަން'
އުޅޭކަމަށާއި، މައުމޫނު އައްޑުއަށް އަރައިފިނަމަ އައްޑޫ ރައްޔިތުން
މައުމޫނުގެ ލޭ ބޯލާނެކަމަށް ޚަބަރު ފަތުރާފައިވެއެވެ. އަދި
އައްޑުއަށް ޑީ.އާރު.ޕީން 'އަރައިފިނަމަ' އައްޑޫ މީހުން
ޢަމަލުކުރާނީ 'އެހެންނޭ މިހެންނޭ' ލިޔެ، އައްޑުއަތޮޅުގެ
ރައްޔިތުންގެ ނަމުގައި ޑީ.އާރު.ޕީ އަށް އިންޒާރު ދީފައިވެއެވެ.
މީގެ އިތުރުން އައްޑޫ ރައްޔިތުންގެ ނަމުގައި 'ދިވެހިއޮބްޒާރުން'
ހިންގާ 'އައްޑޫ އޮބްޒަރވަރ' ގައިވެސް މިމޭރުމުން ވާހަކަތައް ލިޔެ،
މީހުންގެ ސުލޫކާއި އަޚްލާޤް ބަދަލުކޮށް، ތަނުގައި ފިތުނަފަސާދައާއި
ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރަމުންދާކަން
އެސައިޓުތަކުގައި ލިޔެފައިވާ ލިޔުންތަކުން ދޭހަވެއެވެ.
'ދިވެހިއޮބްޒާރވަރ' އާއި 'އައްޑޫއޮބްޒާރވަރު' ގެ ނަމުގައި
ނަފްރަތާއި ފިތުނަ ފަސާދައަށް ހިތްވަރުދޭ ވެބްސައިޓް ހަދައިގެން
ރައްޔިތުން ބަދުނާމުކުރުމަށް ފޫގަޅައިގެން އުޅޭ، މުރުތައްދު
ވެފައިވާ 'ސައްޕޭ' އަކީ އޭނާގެ ޖަރީމާތަކުގައި އެހެން މީހުން
ބައިވެރިކުރަން މަސައްކަތް ކުރަމުންދާ ޖާހިލެކެވެ. - އޭނާއަކީ
މުރުތައްދު ވެފައިވާ މީހެއްކަމަށް މިބުނީ އެކަމުގެ ހެކި ހުރީތީއެވެ
- ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން
މިފަދަ ޖާހިލު މީހެއް އެޕާރޓީގެ ކުރީ ސަފަށް ނެރެގެން އުޅޭކަމީ،
އެޕާރޓީއާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލެން މެދުވެރިވެފައިވާ
ސަބަބެކެވެ. އެމް.ޑީޕީން އޭނާ ހިންގާ ޢަމަލުތައް ކުށްވެރި
ނުކުރުމުން ދޭހަވަނީ އެޢަމަލުތަކުގައި އެމް.ޑީ.ޕީން
ބައިވެރިވާކަމެވެ. އަދި ނަފްރަތާއި ފިތުނަ އުފައްދަން ރޯބުހުތާނު
ވާހަކަ ފެތުރުމަކީ އެމް.ޑީ.ޕީން ހިތްވަރުދޭ ކަމެއްކެމެވެ.
އެމް.ޑީ.ޕީގެ ބައިވެރީން ޤައުމުގައި ފިތުނަފަސާދަ އުފައްދަން ކުރާ
މަސައްކަތުގައި ބައިވެރި ނުވުމަށް އައްޑުއަތޮޅުގެ ރައްޔިތުންނަށް
ގޮވާލަމެވެ. ތިޔަ ރައްޔިތުންގެ ކުރިމަތީގައި ތިޔަ ތިބީ ސިޔާސީ
ފިކުރުގެ ގޮތުން ތަފާތު ފިކުރެއްގެ ބައެއްނަމަ އެމީހުންނާ މުޤާބަލާ
ކުރަން ޖެހޭނީ ފިކުރީގޮތުންނެވެ. މައުމޫނުގެ ސަރުކާރާއިމެދު
ހިތްހަމަ ނުޖެހޭނަމަ އެކަމާ ކުރިމަތިލާން ޖެހޭނީ ތަހުޒީބު
އުސޫލުތަކެއްގެ ތެރެއިންލާފައެވެ. އޮށްގާ އުކުމާއި، ކުޑަކަމުދާ
އެއްޗެތި ޕެކެޓްތަކުގައި ބަންދުކޮށް އެތަކެތި މީހުންގެ ގަޔަށް
އުކުމަކީ ވެރިކަން ބަދަލުވާނެ ގޮތެއް ނޫނެވެ. އަދި ޤައުމުގެ ސިޔާސީ
ނިޒާމު އިޞްލާޙުވާނެ ގޮތެއްވެސް ނޫނެވެ. ރައްޔިތުންގެ ހައްޤުތައް
ފުރިހަމައަށް ރައްކާކުރެވޭނެ ގޮތެއްވެސް ނޫނެވެ.
އައްޑޫގެ ލޮބިވެތި ރައްޔިތުންނޭވެ! އައްޑު އަތޮޅުގެ ރައްޔިތުންގެ
ޢިއްޒަތާއި ކަރާމާތް ނަގާލުމަށް ޖަހަމުންދާ މަޅީގައި ނުބެދޭށެވެ.
ކާބަފައިން ދެއްކި ނަމޫނާގައި ހިފަހައްޓާށެވެ. ރާއްޖޭގައި އުފެދުނު
ސިޔާސީ ލީޑަރުންގެ ތެރޭގައި އައްޑޫ މީހުންވެސް މަދެއް ނޫނެވެ. އަދި
މިހާރު ތިޔަ ރައްޔިތުންގެ ކުރިމަތީގައި ތިޔަ އޮތް ޑީ.އާރު.ޕީ
ތަމްސީލުކުރަން އެތިބީވެސް ހަމަ އަހަރުމެންގެ މީހުންނެވެ.
އެމީހުންނަކީ ތަޢްލީމާއި ތަޖްރިވާ ލިބިފައިވާ ކަމުވޮށިގެންވާ
މީހުންނެވެ. އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމް ނުކޮށް
މުޖުތަމަޢުގެ ހަމަޖެހުމެއް ނާންނާނެއެވެ. ސިޔާސީ ސާބިތުކަން
އަންނާނީ ސިޔާސީ ޙަރަކާތްތަކަކުންނެވެ. ވަކަރުގޭ ދަރީންގެ އަޚުލާޤު
ދެއްކުމަކީ ޙައްލެއް ނޫނެވެ. ނިމުނީ! |
|
 |
|