|
އިސްލާމް ދީނުގެ ޙުކުމްތަކާއި ޚިލާފަށް ރާއްޖޭގައި ޤާނޫނު
ހެދިފައި ނުވާކަމަށް ބަންޑާރަނައިބު ވިދާޅުވިޔަސް އެއީ
ތެދުފުޅެއް ނޫން!
ޢަދާލަތު ޕާރޓީގެ ސާބިތުކަން ހާމަވެއްޖެ!
06/07/2005 |
އީސާކޮއެ
ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގައި އިސްލީ ޝަރީޢަތް އެ ޤާނޫނުއަސާސީގެ އަސްލަކަށް
ބަލާފައިވީ ނަމަވެސް، ރާއްޖޭގެ ބައެއް ޤާނޫނުތައް އިސްލާމީ
ޝަރީޢަތާއި އެޝަރީޢަތުގެ ޙުކުމްތަކާއި ޚިލާފަށް ހުރިކަމަށް
ދިވެހިރާއްޖޭގައި ދީނީ ޢިލްމު ޙާޞިލުކުރައްވައިގެން ތިއްބެވި
ޝައިޚުން ވިދާޅުވެފައިވެއެވެ. އަދި މިކަމަކީ ޢިލްމީ
ޙަޤީޤަތްތަކެއް އެކުލެވިގެންވާ، އިންކާރު ނުކުރެވޭނެ ކަމެކެވެ.
ބަންޑާރަނައިބު
ޑރ.ޙަސަން ސަޢީދު އެކަމަށް އިންކާރު ކުރެއްވިނަމަވެސް، ކަމުގެ
ޙަޤީޤަތް އޮޅުވާލެވޭވަރަށްވުރެ ބޮޑަށް ދީނީ ޙުކުމްތައް
ދެނެވަޑައިގަންނަވާ ޢިލްމުވެރީން އެފަދައިން ވިދާޅުވުމުން އެކަން
ޤަބޫލުކުރަން ޖެހެއެވެ.
ޢަދާލަތު ޕާރޓީން
އިސްލާމީ ޝަރީޢަތާއި ޚިލާފުވާ ގޮތަށް ހެދިފައިވާ ޤާނޫނުތަކާއި،
އިސްލާމްދީނުގެ ގިއުގަނޑުގައި މުސްލިމުންނަށް ލިބިދޭ ޙައްޤުތައް
ނިގުޅައިގަނެވޭ ގޮތަށް ހެދިފައިވާ ޤާނޫނުތައް ބާޠިލުކުރުމަށާއި
އިލާހީ ޙުކުމް ތަންފީޒުކުރުމަށް ގޮވާލެއްވި ގޮވާލުމަކީ އެއަށް
ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުން އިޖާބަދެއްވަން
ޖެހިވަޑައިގަންނަވާ ކަމެކެވެ.
ބަންޑަރަނައިބު
ޑރ.ޙަސަން ސަޢީދު އާފަތިސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި
އަދާލަތު ޕާރޓީގެ މި ދަޢްވާ ގޮދުކުރައްވައި، ރާއްޖޭގައި ޑްރާފްޓް
ކުރެވޭ ޤާނޫނުތަކާއި، ފާސްކުރެވޭ ޤާނޫނުތައް އިސްލާމީ ޝަރީޢަތާއި
ޚިލާފުތޯ ވަރަށް ރަނަގަޅަށް ބައްލަވާ ކަމަށާއި، އަދި އިސްލާމީ
ޝަރީޢަތުގެ ޙުކުމްތަކާއި ޚިލާފު އެއްވެސް ޤާނޫނެއް ރާއްޖޭގައި
ނެތްކަމަށް ކަނަޑައެޅިގެން ވިދާޅުވުމުގެ ފަހަތުގައިވާކަމަށް
ލަފާކުރެވެނީ މައިގަނޑު ދެ ސަބަބަބެކެވެ.
1- ފުރަތަމަ
ކަމަކީ އިސްލާމީ ޝަރީޢަތާއި ރާއްޖޭގައި ހެދިފައިވާ ވަޟްޢީ
ޤާނޫނުތައް ނުވަތަ މޭންމޭޑް ލޯވ، ފާޅުގައި ޚިލާފުވިޔަސް އެކަން
ދެނެވަޑައިގެންނެވޭ ވަރަށް ދީނީ ޢިލްމު ލިބިވަޑައިގެންފައި
ނެތުން
2- ޢަދާލަތު
ޕާރޓީން ރާއްޖޭގެ ބައެއް ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތާއި
ފުށޫއަރާކަމަށް ވިދާޅުވުމުން އެކަމުގެ ޒިންމާ އުފުލަންޖެހޭ
ފަރާތަކީ އަދުގެ ސަރުކާރު ނުވަތަ ސީދާ ބަންޑާރަނައިބުކަމަށް
ހީފުޅުވެވަޑައިގެން، ކަނޑައެޅިގެން އެކަމަށް އިންކާރު ކުރެއްވުން
ޑރ.ޙަސަން
ސަޢީދަކީ ޤާނޫނީ ދާއިރާއިން ދުނިޔެ ޤަބޫލުކުރާ ފެންވަރަށް ޢިލްމު
ލިބިވަޑައިގެން ހުންނެވި ޢިލްމީ ބޭފުޅެއް ކަމަށްވިޔަސް
ޑރ.ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ފަދަ ދީނީ ޢިލްމުވެރީންގެ
ކިބައިގާވާ މިންވަރަށް ދީނީ ޢިލްމު އެމަނިކުފާނަށް
ލިބިވަޑައިގެންވާކަމަށް ޤަބޫލުކުރެވެންވީ ދުނިޔަވީ
ސަބަބެއްނެތެވެ.
ގިނަ ޢަދަދެއްގެ
ދީނީ ޢިލްމުވެރީން ސޮއި ކުރައްވާ، ޢަދާލަތު ޕާރޓީން ނެރުއްވި
ނޫސްބަޔާނުގައި ކަނޑައެޅިގެން ރާއްޖޭގެ ޤާނޫނުގައި ޝަރީޢަތާއި
ޚިލާފަށް ހުރި ބައެއް މައްސަލަތަކަށް އިޝާރާތްކުރައްވާ،
އެޕާރޓީގެ ބަސް އަލުން ސާބިތުކޮށްދެއްވައި، ޔަޤީންކޮށްދެއްވިކަމީ
އެޕާރޓީގެ ހަރުދަނާ ސިޔާސަތާއި ޢަދާލަތު ހާމަވެގެންދިޔަ
ކަމަކެއްކަމަށް ދަންނަވަނެޖެހެއެވެ. އަދި އެޕާރޓީން އިސްލާމީ
ޝަރީޢަތަށް ނަޞްރު ދެއްވުމުގައި ފަސްޖެހި ވަޑައިނުގަންނަވާކަމުގެ
އަލިގަދަ ހެއްކެކެވެ.
ޙިކުމަތް
ބަންޑާރަނައިބު އެފަދަ ޖަވާބެއް ދެއްވުމުގެ ބަދަލުގައި، ޤާނޫނު
ޑްރާފްޓްކުރައްވާ ފާސްކުރައްވަނީ ދީނީޢިލްމުވެރީންގެ
ކޮމިޓިއަކުން ކަމަށް ނުވުމާއިއެކު އެހެންވެސް ހުރެދާނެކަމަށާއި،
އަޅުގަނޑުމެންގެ ޤައުމު މިއަދު ފަށާފައިވާ އިޞްލާޙީ ދަތުރުގެ
ބޭނުމަކީ ޤައުމުގައިވާ އެބާވަތުގެ އެންމެހާ ބަލިތަކަށް ފަރުވާ
ކުރެއްވުން ކަމަށް ވިދާޅުވެ، އެ އޮފީހުން އިތުރަށް އެކަން
ބައްލަވާ މުރާޖަޢާ ކުރައްވާނެ ކަމަށް ވިދާޅުވެ، ޢަދާލަތު
ޕާރޓީއާއި ގުޅިވަޑައިގެން މަސައްކަތް ކުރެއްވިނަމަ، މި ޕާރޓީ
ސިސްޓަމް ތަޢާރަފްކުރުމުގެ ޙަޤީޤީ މަޤްޞަދާއިވެސް ގާތަށް
ދަތުރުކުރެވުނީހެވެ. އަދި މިވާހަކައިން ވާހަކައާއި
ލިޔުންތެރިކަމުގެ ހަނގުރާމައެއް ފަށާކަށްވެސް ނުޖެހުނީހެވެ.
ނިމުނީ!
|