 |
|
އެމް.ޑީ.ޕީއަކީ ޙަޤީޤަތުގައި ރައީސް މައުމޫނުގެ ސަރުކާރުގެ
މޭޒަށް ޙާޒިރުވެފައިވާ ޕާރޓީއެއް
09/02/2006
| އަލްޙާން ފަހުމީ
މިއަދު ކިތަންމެ ބާރަށް އެއް މޭޒެއް ދޮށަށް ޙާޒިރުވެ، ސަރުކާރާއި
ނުވަތަ ރައީސް މައުމޫނުގެ ޑީ.އާރު.ޕީއާއި އެކު ވާހަކަ
ނުދައްކާނެކަމަށް އެމް.ޑީ.ޕީން ބުނި ނަމަވެސް، ކަމުގެ ޙަޤީޤަތަކީ
އެޕާރޓީން ރައީސް މައުމޫނުގެ ސަރުކާރުގެ މޭޒަށް ޙާޒިރުވެފައިވާ
ކަމެވެ.ރައީސް މައުމޫނުގެ ސަރުކާރަކީ ޣައިރު ޤާނޫނީ،
ޚުދުމުޚްތާރު ސަރުކާރެއްކަމަށާއި، ޤާއިމުކުރެވިފައިވާ ސަރުކާރަކީ
ބާރުގެ ބޭނުންކޮށްގެން ރައްޔިތުންގެ ވޯޓަށް މަކަރުހަދާ
އޮޅުވާލައިގެން ފޭރިގަނެފައިވާ ވެރިކަމެއްކަމަށް އެމް.ޑީ.ޕީން
ބުނެފައިވާކަން މިވަގުތު ކިޔުންތެރީންނަށް ހަނދާންކޮށްދެމެވެ.
އަދި ރައީސް މައުމޫނުގެ ސަރުކާރަކީ ރައްޔިތުންގެ ޙައްޤުތައް
އިހުމާލުކޮށް، ހަމައެކަނި ވެރިކަމުގެ ތަޚުތު ހިމާޔަތްކުރުމަށް
މަސައްކަތް ކުރަމުންއަން، އަނިޔާވެރިކަމުން
ހައްދުފަހަނައަޅާފައިވާ ސަރުކާރެއްކަމަށް އެމް.ޑީ.ޕީން ވަނީ
ތަކުރާރުކޮށް ބުނެ، މައުމޫނަކީ އަނިޔާވެރި ޑިކްޓޭޓަރެއްކަން
ބައިނަލް އަޤްވާމީ މީޑިޔާ މެދުވެރިކޮށް ހާމަކޮށްފައެވެ.
އުފެދޭ ސުވާލަކީ 27 އަހަރުގެ ދިގު މުއްދަތަށް ރައްޔިތުންގެ
ނަމުގައި ޚުދުމުޚްތާރު ވެރިކަމެއް ކުރުމުގެ ތަޖުރިބާ
ޙާޞިލުކޮށްފައިވާ ސަރުކާރު ވައްޓާލުމަށް، 'އެމް.ޑީ.ޕީ' އެއްގެ
ނަމުގައި ފާޅުވެގެން އައި އިދިކޮޅު ޙަރަކާތާއި، އެޙަރަކާތާއިއެކު
ފާޅުވެގެންއައި މިނިވަން ފިކުރު، ޑިކްޓޭޓަރުގެ ބާރުގެ ދަށަށް
ގެނެވިފައި ނުވޭބާވައެވެ؟ ޑީކްޓޭޓަރުގެ ޣައިރު ޤާނޫނީ ސަރުކާރުގެ
މޭޒުގެ އަނެއްފަރާތުން އަޅުވެތިކަމުގެ ފަތް (ޕާރޓީގެ ރަޖިސްޓްރީ)
އެމް.ޑީ.ޕީން ބަލައިގަނެފައި ނުވޭހެއްޔެވެ؟
ޑިކްޓޭޓަރެއްގެ އަމުރަށް، ޑިކްޓޭޓަރުގެ ޣައިރު ޤާނޫނީ ސަރުކާރުން
އުފައްދާ ޤަވާޢިދުތަކުގައި ޤައިދުވެފައިވާ މުއައްސަސާއަކީ ފަހެ،
ޝަރުޢީ މުއައްސަސާއަކަށް ވާނެހެއްޔެވެ. ޑިކްޓޭޓަރުގެ އަމުރުގެ
ދަށަށް، ޣައިރު ޤާނޫނީ ސަރުކާރުގެ އޮނިގަނޑުގެ ތެރެއަށް ވަނުމަކީ
އެސަރުކާރުގެ ވަށްމޭޒުދޮށަށް ރުހިގެން އައުން ނޫކަމުގައި ވާނެ
ހެއްޔެވެ.؟ ކިޔުންތެރިން ޖަވާބު ދެއްވާށެވެ.
އެމް.ޑީ.ޕީއަށްވެސް ވެފައިވަނީ ރޯ ކުއްޖަކަށް ކުޅޭ އެއްޗެއް
ދިނުމުން ވާގޮތެވެ. ކޮންމެވެސް ކަމެއްގެ ބޭނުމުގައި ރޮއެރޮއެ
ހުންނަ ތުއްތު ކުއްޖާއަށް ކުޅޭ އެއްޗެއް ލިބުމުން
ހުއްޓާލާނެއެވެ. އަދި އަސްލު ރުއި ސަބަބުގެމަތީން ހަނދާން
ނައްތާލާނެއެވެ. ހަމަ އެގޮތަށް އެމް.ޑީ.ޕީންވެސް ޕާރޓީ
ރަޖިސްޓްރީ ކޮށްދޭއިރަށް އެއްކަލަ ރުއިންގަނޑު ހުއްޓާލައިފިއެވެ.
މަޑުމަޑުން ޑިކްޓޭޓަރުގެ ޣައިރު ޤާނޫނީ ސަރުކާރުގެ މަތީން
ހަނދާން ނެތި، ޖެހި މަޅީގައި ބެދި ހެއްލިއްޖެއެވެ. ގެންނަން
މިއުޅެނީ ކޮންސްޓިޓިއުޝަނަލް ނުވަތަ ދުސްތޫރީ ބަދަލެއް
ވިއްޔާއެވެ. ހައެއްކަ މީހުން ގޮވައިގެން ޑިކްޓޭޓަރުގެ ބާރުން
ފުރިފައިވާ މޭޒުގެ ކަނަށް ޤާނޫނުއަސާސީއެއް ހަދަންވެސް ތޫނުފިލި
ވިސްނުމާއިގެން ހާޒިރުވެއްޖެއެވެ. މިއަށްވުރެން އިތުރަށް
ބަޔަކަށް އެއް މޭޒެއް ދޮށަށް އާދެވޭނެ ހެއްޔެވެ. ޖަވާބު
ދެއްވާށެވެ. ކޮންމެއަކަސް، މޭޒުދޮށަށް ޙާޒިރުވުމުގެ ފަތް ބަލައި
ނުގަތްނަމަ މިއަދު މިހާލުގައި ނުޖެހުނީހެވެ. ދެންހަމަ ތަނަކަށް
އެއްވިޔަސް، ބާރަށް އެއްޗެއް ބުންޏަސް، އެއްވާން ޖެހޭނީވެސް އަދި
ބުނަންޖެހޭނީވެސް 'ފަތުގައި' އެއްބަސްވެވިފައިވާ ގޮތުގެ
މަތީންނެވެ.
މިއަދު 'ކޮމަންވެލްތޭ އީޔޫ' އޭ ކިޔައިގެން ގެންނަ
ވަފުދުތަކާއިއެކު ޑީ.އާރު.ޕީ އާއި އެއް މޭޒަކަށް ދިޔަޔަސް
ނުދިޔަޔަސް ތަފާތެއް ނެތެވެ. ސަރުކާރަށް ކުރާނެ އެއްވެސް
އަސަރެއް ނެތެވެ. ބައިނަލް އަޤްވާމީ މުޖުތަމަޢުން ކުރާނެ
ކަމެއްވެސް ނޯންނާނެކަން ޤަބޫލުކުރަންޖެހޭނެއެވެ. ދެކޮޅުން
ދައްކާ ވާހަކަތައް އަޑުއަހައިގެން އަނެއްކާވެސް އެހެން މޭޒެއްގެ
މަތިން ހަނދާންކޮށްދިނުން ނޫންކަމެއް ނޯންނާނެއެވެ. ނިމިގެން
މިދިޔައީ އެ ސިލްސިލާގެ ފުރަތަމަ ބޮޅެވެ.
ކުރުކޮށް ދަންނަވަން މިއުޅޭ ވާހަކައަކީ ރާއްޖޭގައި ހިނގަމުން
އައި ބަދަލުވުމެއް ނެތް 'ބައިގަރުނުގެ' ވެރިކަމަށް ހަމަލާ
ދިނުމަށް ނުކުތް ފައުޖުވެސް އޮތީ މަގު ގެއްލިފައެވެ.
އިޚްލާޞްތެރިކަމެއް ނެތެވެ. އެންމެފަހުން އަމިއްލަ މޭޒުދޮށުގައި
ބާރު ހިންގާނީ ކާކުކަންވެސް އެތިބީ އޮޅިފައެވެ. ކޮށި ދަނޑު
ގެއްލި ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިފައެވެ. ސިޔާސީ
ގޮތުން ތަސައްރުފު ނުފުދޭނަމަ ތަސައްރުފު ފުދޭ ސިޔާސީ ހީލަތުގެ
މަޅީގައި ބެދޭލެއް އަވެސް ވާނެއެވެ. ޑިމޮކްރަސީ އަކީ ޚިޔާލު
ފާޅުކުރާ މީހާގެ ޚިޔާލު ބަދަލުކޮށްލާ ތޫނު ހަތިޔާރެއްކަންވެސް
ޤަބޫލުކުރަން ޖެހިއްޖެއެވެ. ނިމުނީ!
|
|
 |
|