|
އެމް.ޑީ.ޕީގެ ޗެއަރމަން
ގ.ކެނެރީގޭ މުޙަންމަދު ނަޝީދު (އަންނި) ގެ މައްޗަށް ދައުލަތުން
ކުރައްވާ 'ދައުލަތާ އިދިކޮޅު ޢަމަލެއް ހިންގަން އުޅުމުގެ ކުށުގެ
ދަޢުވާ' އަށް ޤާނޫނީ ކަޅިއެއް
29/08/2005
|
އަލްޙާން ފަހުމީ
ްމިމަހުގެ
28 ވަނަދުވަހު ޖިނާއި ކޯޓުގައި ދައުލަތުގެ ފަރާތުން މިމައްސަލަ
ހުށަހަޅުއްވަމުން ސީނިއަރ ސްޓޭޓް އެޓަރނީ މުޙައްމަދު ސަލީމް
ދެއްކެވި ވާހަކައަށް ބަލާއިރު، މިމައްސަލާގައި ދައުލަތުން
ހުށަހަޅުއްވާ ދަޢްވާގެ ޞީޣާ ކަމަށް ބެލެވިފައިވަނީ ތިރީގައި އެވޭ
ޞީޣާ އެވެ.
ދަޢްވާ ލިބޭ ފަރާތް: ގ.ކެނެރީގޭ
މުހަންމަދު ނަޝީދު
ރާއްޖެތެރޭގެ އެކި ރަށްރަށަށް ކުރި ދަތުރު ތަކުގައި، އެކި
ތަންތަނަށް މީހުން އެއްކޮށްގެން ޤާނޫނީ ގޮތުން އުފެދިފައިވާ
ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި،
ރުޅިވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ރާއްޖޭގެ
ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރު ބަދުނާމުކޮށް ޙަޤީޤަތާ
ޚިލާފު ދޮގުވާހަކަތައް ދައްކައި ޢާންމުންގެ މެދުގައި ސަރުކާރާ
މެދު ރުޅިވެރިކަން އުފެދޭގޮތަށް ވާހަކަ ދައްކާފައިވާތީ އެވެ.
އަދި މިއަހަރުގެ ޖުލައި 30 ގައި އއ. ތޮއްޑޫގައި މީހުން އެއްކޮށް
ދެއްކެވި ވާހަކައިގައި މއ. ކިނބިގަސްދޮށުގޭ މައުމޫން
ޢަބްދުލްޤައްޔޫމް ވެރިކަމުން ވައްޓާލާނެ ކަމަށާއި ބޭރުން މީހުން
ގެނެސްގެން ބާރުގެ ބޭނުން ކޮށްގެންނަމަވެސް 90 ދުވަހުގެ ތެރޭގައި
ރާއްޖޭގައި މިހާރު އޮތް ވެރިކަން ބަދަލު ކުރާނެކަމަށް މުޙަންމަދު
ނަޝީދު ބުނިކަމަށް ތުހުމަތު ކުރެވޭ ކުށުގެ މައްސަލަ
މިމައްސަލާގައި ދައުލަތުން ދަޢްވާ
ކުރައްވަނީ މަތީގައި ނަންގަނެވުނު ދަޢްވާއަށް ބަލާއިރު،
ދެކަމެއްގެ މައްޗަށް ބިނާކުރެވިގެންނެވެ.
1- ރާއްޖެތެރޭގެ އެކި ރަށްރަށަށް ކުރި ދަތުރު ތަކުގައި، އެކި
ތަންތަނަށް މީހުން އެއްކޮށްގެން ޤާނޫނީ ގޮތުން އުފެދިފައިވާ
ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތާއި،
ރުޅިވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ރާއްޖޭގެ
ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރު ބަދުނާމުކޮށް ޙަޤީޤަތާ
ޚިލާފު ދޮގުވާހަކަތައް ދައްކައި ޢާންމުންގެ މެދުގައި ސަރުކާރާ
މެދު ރުޅިވެރިކަން އުފެދޭގޮތަށް ވާހަކަ ދައްކާފައިވާކަމަށް
ތުހުމަތު ކުރެވިފައިވުން
2- މިއަހަރުގެ ޖުލައި 30 ގައި އއ. ތޮއްޑޫގައި މީހުން އެއްކޮށް
ދެއްކެވި ވާހަކައިގައި މއ.ކިނބިގަސްދޮށުގޭ މައުމޫން
ޢަބްދުލްޤައްޔޫމް ވެރިކަމުން ވައްޓާލާނެ ކަމަށާއި ބޭރުން މީހުން
ގެނެސްގެން ބާރުގެ ބޭނުން ކޮށްގެންނަމަވެސް 90 ދުވަހުގެ ތެރޭގައި
ރާއްޖޭގައި މިހާރު އޮތް ވެރިކަން ބަދަލު ކުރާނެކަމަށް ބުނިކަމަށް
ތުހުމަތު ކުރެވުން
ނަޝީދުގެ މައްޗަށް ދައުލަތާ އިދިކޮޅު
ޢަމަލެއް ކުރަން އުޅުމުގެ ދަޢުވާ ކޮށްފައިވަނީ ޤާނޫނުލް
ޢުޤޫބާތުގެ 29 ވަނަ މާއްދާގެ ދަށުންނެވެ.
މިމައްސަލައިގެ ދަޢުވާ ދައުލަތުން ހުށަހަޅުއްވަނީ ހެކިންގެ
ހެކިބަހަށް ކަމަށް ދައުލަތުގެ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި
ވިދާޅުވެފައި ވާއިރު، ދަޢްވާ ލިބޭ ފަރާތުން ވަނީ ދައުލަތުން
އޭނާގެ މައްޗަށް ހުށަހަޅުއްވާ ދަޢްވާއަށް ކަނޑައެޅިގެން އިންކާރު
ކޮށްފައެވެ.
މަތީގައިވާ ދަޢްވާގެ ސަބަބުތައް ސާބިތުކުރުމަށް ހެކީގެ
ގޮތުގައި ދައުލަތުން ބޭނުންކުރައްވާނީ ހެކީންގެ ހެކިބަސްކަމަށް
ވިދާޅުވާއިރު، ދަޢްވާ ލިބޭ ފަރާތުން އިންކާރު
ކޮށްފައިވުމާއިއެކު، ދައުލަތުން ހުށަހަޅުއްވާފައިވާ
'ދައުލަތާ
އިދިކޮޅު ޢަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދަޢުވާ' އާއި 1 ވަނަ
ނަންބަރާއި 2 ވަނަ ނަންބަރުގައި ނަންގަނެވިފައިވާ ދެ ސަބަބާއި،
ދަޢުވާ އެމާއްދާއެއްގެ ދަށުން ހުށަހެޅިފައިވާ، ޤާނޫނުލް
ޢުޤޫބާތުގެ 29 ވަނަ މާއްދާއާއި ހުރި ޤާނޫނީ ގުޅުމަކީ ކޮބައިތޯ
ބެލިދާނެއެވެ.
1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ސަބަބަށް ބަލާއިރު
ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ދެއްކިކަމުގެ ތުހުމަތަކީ
މުޙަންމަދު ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ އަސްލު
ތުހުމަތެވެ. ވީމާ، މުޙަންމަދު ނަޝީދު ދެއްކި ކަމަށް ތުހުމަތު
ކުރެވޭ ޙަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް ދެއްކުމުގެ މަޤްޞަދަކީ
'ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރާމެދު ރައްޔިތުންގެ
ހިތްތަކުގައި ނަފުރަތާއި، ރުޅިވެރިކަން އުފެއްދުން' ކަމަށް
ދަޢްވާގައި ދައުލަތުގެ ވަކީލު ހިމަނުއްވާފައިވަނީ ކޮން
އަސާސެއްގެ މައްޗަށް ބިނާ ކުރެވިގެންކަން ޝަރިޢަތަށް ސާބިތުކޮށް
ނުދެއްވޭނަމަ، ޤާނޫނުލް ޢުޤޫބާތުގެ 29 ވަނަ މާއްދާގެ ދަށުން
ދައުލަތުން އުފުއްލަވާފައިވާ ދަޢްވާގެ
ކުށް މުހަންމަދު ނަޝީދުގެ މައްޗަށް ސާބިތު ނުކުރެވޭނއެވެ.
އަދި ޙަޤިޤަތާއި ޚިލާފު
ދޮގުވާހަކަ ދެއްކުމަކީ ނުވަތަ ހަދައިގެން
ސާބިތު ނުހިފޭ ވާހަކަދެއްކުމަކީ، ޤާނޫނުލް ޢުޤޫބާތުގެ 29 ވަނަ
މާއްދާގައިި ބުނެފައިވާ ދައުލަތާއި އިދިކޮޅު ޢަމަލެއް ކުރަން
އުޅުނުކަމުގެ ތުހުމަތު ކުރެވޭނެ ސަބަބެއް ނޫނެވެ. ވީމާ،
މިމައްސަލާގައި ދޮގު ވާހަކަ ދެއްކުމުގެ ކުށުގެ ދަޢްވާ، ނުވަތަ
ހަދައިގެން ސާބިތު ނުހިފޭ ވާހަކައެއް ދެއްކިކަމަށް
ތުހުމަތުކުރެވޭ މައްސަލާގެ ދަޢްވާ ހުށެހެޅެންޖެހޭނީ ޤާނޫނުލް
ޢުޤޫބާތުގެ 125 ވަނަ މާއްދާގެ ދަށުންނެވެ. އަދި ދައުލަތުން
ހުށަހަޅުއްވާފައިވާ ދަޢްވާގައި މުޙަންމަދު ނަޝީދު ހަޤީޤަތާއި
ޚިލާފަށް ދެއްކިކަމަށް ތުހުމަތު ކުރެވޭ ދޮގު ވާހަކަތައް ރައީސުލް
ޖުމްހޫރިއްޔާއަށް ނިސްބަތް ކޮށްފައިވާކަމަށް ވިދާޅުވާތީ،
ރައީސުލް ޖުމްހުރިއްޔާއާއި ބެހޭ ގޮތުން ސާބިތު ނުހިފޭ ދޮގުވާހަކަ
ދެއްކުމަކީ އެމަނކިފާނުގެ އަބުރަށް ހުތުރުވާނެ ކަމަކަށް ވާތީ،
ޤާނޫނުލް ޢުޤޫބާތުގެ 150 ވަނަ މާއްދާގެ ދަށުން ރައީސުލް
ޖުމްހޫރިއްޔާގެ އަބުރާބެހުމުގެ ކުށުގެ މައްސަލަ
ހުށަހެޅިދާނެއެވެ.
ޤާނޫނުލް ޢުޤޫބާތުގެ 29 ވަނަ މާއްދާގެ ދަށުން މިދަޢްވާ
ނުއުފުލޭނެކަމަށް ބެލެވޭ ސަބަބަކީ ރައީސުލް ޖުމްހޫރިއްޔާއާއި
ބެހޭގޮަތުން ޙަޤިޤަތާއި ޚިލާފު ވާހަކަ ދެއްކުމަކީ ދައުލަތާއި
އިދިކޮޅު ޢަމަލެއްކަމަށް ދުސްތޫރީ ގޮތުން ނުބެލެވޭނެ ކަމަށް
ފެންނާތީއެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި
ވާގޮތުން ދައުލަތަކީ : ދިވެހި ދައުލަތަކީ، ދިވެހިރާއްޖޭގައި،
މިޤާނޫނުއަސާސީއާއި އެއްގޮތްވާ ގޮތުގެނަތިން އުފެދިފައިވާ،
ދައުލަތް ހިންގުމުގެ އެންމެހާ ބާރުތަކާއި، ދިވެހިރާއްޖޭގެ
އެންމެހާ ރައްޔިތުންނާއި، ދިވެހިރާއްޖޭގެ ސަރަޙައްދާއި، މިހުރިހާ
ފަރާތެއް ޖުމްލަކޮށެވެ.
2 ވަނަ ނަންބަރުގައިވާ ސަބަބު : މިއަހަރުގެ ޖުލައި 30 ގައި އއ.
ތޮއްޑޫގައި މީހުން އެއްކޮށް ދެއްކެވި ވާހަކައިގައި މއ.
ކިނބިގަސްދޮށުގޭ މައުމޫން ޢަބްދުލްޤައްޔޫމް 'ވެރިކަމުން'
ވައްޓާލާނެ ކަމަށާއި ބޭރުން މީހުން ގެނެސްގެން ބާރުގެ ބޭނުން
ކޮށްގެންނަމަވެސް 90 ދުވަހުގެ ތެރޭގައި ރާއްޖޭގައި މިހާރު އޮތް
ވެރިކަން ބަދަލު ކުރާނެކަމަށް ބުނިކަމަށް ކުރެވިފައިވާ
ތުހުމަތަކީ، ޤާނޫނުލް ޢުޤޫބާތުގެ 29 ވަނަ މާއްދާގެ ދަށުން
މުޙަންމަދު ނަޝީދުގެ މައްޗަށް ހުށަހެޅިދާނެ ދަޢްވާއެކެވެ.
ނަމަވެސް ދައުލަތުގެ ދަޢްވާގައި ސީދާ މއ. ކިބިގަސްދޮށުގޭ
މައުމޫން ޢަބްދުލް ޤައްޔޫމް ވެރިކަމުން ވައްޓާލާނެ ކަމަށް
މުޙަންމަދު ނަޝީދު ބުނެފައިވާކަމަށް ވިދާޅުވާއިރު،
މއ.ކިނބިގަސްދޮށުގޭ މައުމޫނު ޢަބްދުލް ޤައްޔޫމަކީ ދައުލަތުގެ
ވެރިކަމުގެ އިތުރުން ސިޔާސީ ޕާރޓީއެއްގެ ވެރިކަންވެސް
ކުރައްވަމުންދާ ބޭފުޅަކަށް ވާތީ، އެތަނުގައި މުޙަންމަދު ނަޝީދުގެ
މަޤްޞަދަކީ، މިދެވެރިކަމުން ކުރެ ކޮންވެރިކަމެއް ވައްޓާލުންކަން
އެންގެން ނެތްކަން ފާހަގަ ކުރެވޭތީ، އެ ވާހަކައަކީ ސީދާ
ދައުލަތުގެ ރައީސަށް ނިސްބަތް ކުރެވިފައިވާ ވާހަކައެއްކަމަށް
ބެލެވޭކަށް ނެތެވެ. ނަމަވެސް، ބޭރުން މީހުން ގެނެސްގެން ބާރުގެ
ބޭނުން ކޮށްގެންނަމަވެސް 90 ދުވަހުގެ ތެރޭގައި ރާއްޖޭގައި މިހާރު
އޮތް ވެރިކަން ބަދަލު ކުރާނެކަމަށް މުހަންމަދު ނަޝީދު ބުނިކަމަށް
ކުރެވޭ ތުހުމަތަކީ
ޤާނޫނުލް ޢުޤޫބާތުގެ 29 މާއްދާގެ ދަށުން އޭނޭގެ މައްޗަށް
ދައުލަތާއި އިދިކޮޅު ޢަމަލެއް ހިންގަން ރާވަމުންދާކަމުގެ ދަޢްވާ
ހުށަހެޅިދާނެ ކަމެއްކަމަށް ފެނެއެވެ.
ވީމާ، މިމައްސަލާ ސާބިތުކުރުމަށް ދައުލަތުން ހެކީންގެ ހެކިބަސް
ހުށަހަޅުއްވާއިރު، މުޙަންމަދު ނަޝީދު ދެއްކިކަމަށް ދައުލަތުން
ތުހުމަތު ކުރައްވާ ޣައިރުޤާނޫނީ ވާހަކަތައް އޭނާ ދެއްކިކަމަށް
ސާބިތުކުރެވޭނީ، ޖަމާޢަތެއްގައި މީހަކު ދެއްކި ވާހަކައެއް
ޝަރީޢަތަށް ސާބިތުކުރަން ބޭނުންވާ ހެކިބަހުގެ އެންމެހާ ޤާނޫނީ
ސިފަތަކެއް ފުރިހަމަ ވެގެންނެވެ. ހެކީންގެ ހެކިބަސް
ތަޢާރުޟުވުމަކާ ނުލާ ސާބިތުވެގެންނެވެ.
ގ.ކެނެރީގޭ
މުހަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން ހުށަހަޅުއްވާ
ޓެރަރިޒަމްގެ ދަޢްވާއަށް ފަހުން އަލި އަޅުވާލާނެ ވާހަކަ
ދެންނެވީމެވެ. ނިމުނީ!
|