|
ޚާއްޞަމަޖިލީހުން ޢާންމު ވޯޓެއް ނެގުމާއި އެކަން ތަންޒީމުކުރުމާއި
އެވޯޓުގައި 18 އަހަރުން މަތީގެ މީހުން ބައިވެރިކުރުމަކީ ބާޠިލް
ކަމެއް!
25/04/2007
|
އިބްރާހިމް ޙާފިޒް
ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެއްކޮށްފައިވާ
ރައްޔިތުންގެ ޚާއްޞަމަޖިލީހުން ދިވެހި ދައުލަތުގެ ދުސްތޫރީ
ބާރުތަކުގެ ގުޅުން ތަންޒީމު ކުރާ ސިޔާސީ ނިޒާމު ކަނޑައެޅުމަށް
އެމަޖިލީހުން ޢާންމު ވޯޓެއް ނެގުމާއި އެކަން ތަންޒީމު ކުރުމަކީ
އެމަޖިލީހުގެ ޤަވާޢިދު(ރެގިއުލޭޝަން)ގެ ދެވަނަ މާއްދާގެ (ހ) ގެ
ދަށުން އެމަޖިލީހަށް ލިބޭ ޙައްގެއްކަމާއި އަދި އެވޯޓަކީ
އިސްވެދެންނެވުނު ގަވާޢިދުގެ ދަށުން ނަގާ ވޯޓަކަށްވާތީވެ
އެވޯޓުގައި 18 އަހަރުން މަތީގެ މީހުން ބައިވެރި ކުރެވިދާނެ ކަމަށް
ދަޢްވާކުރާކުރުމަކީ ކަނޑައެޅިގެން އޭގައި އެއްވެސް ގާނޫނީ އަސާސެއް
އޮތް ކަމެއް ނޫނެވެ.
ޚާއްޞަމަޖިލީހުން ޢާންމު ވޯޓެއް ނެގުމާއި އެކަން ތަންޒީމުކުރުން
:
ދައުލަތުގެ ދުސްތޫރީ ބާރުތަކުން (ވެރިކަން ހިންގުމުގެ ބާރު،ގާނޫނު
ހެދުމުގެ ބާރު އަދި ޢަދުލު އިންޞާފު ގާއިމު ކުރުމުގެ ބާރު) ގާނޫނު
އަސާސީގައި ކަނޑައަޅާފައިވާ އެބާރުތަކުގެ ޖުރިސްޑިކްޝަންސްތަކުގެ
ތެރެއަށް ކަމެއް އިތުރުކުރުމާއި އުނިކުރުމާއި، ދައުލަތުގެ ދުސްތޫރީ
ވަކިބާރަކަށް ޚާއްސަވެގެންވާ ކަމެއް ދުސްތޫރީ އެހެންބާރަކުން -
ގާނޫނު އަސާސީ ބަޔާން ނުކުރާހާ ހިނދަކު - އެކަމެއް ކުރުމަކީ
ކޮންސްޓިޓިއުޝަނަލް ޕްރިންސްޕަލްސްތަކާއި ޚިލާފުކަމެކެވެ.
ރެފެރަންޑަމް ނެގުމާއި ޢާންމު އިންތިޚާބު ބޭއްވުން ފަދަ ބޮޑެތި
ކަންތައްތަކަކީ، އެކަމެއް ކުރަންޖެހޭފަރާތް ނުވަތަ ފަރާތްތައް
ގާނޫނު އަސާސީގައި ކޮންމެހެން ބަޔާންކުރެވިފައި އޮންނަން ޖެހޭ
ކަންކަމެވެ. މާނައަކީ ދައުލަތުގެ ދުސްތޫރީ ބާރަކަށް އެއިން ބާރެއް
ލިބޭނަމަ ގާނޫނު އަސާސީގައި އެކަން އޮންނާނީ ބަޔާން ވެފައެވެ.
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ ޚާއްސަ
މަޖިލީހަށް ލިބިފައިވާ ގާނޫނީ ބާރަކީ ނުވަތަ އެ މަޖިލީހުގެ
ޖުރިސްޑިކްޝަނަކީ ޤާނޫނު އަސާސީ ހެދުމާއި ޤާނޫނު އަސާސީ އަށް އުނި
އިތުރު ގެނައުމެވެ. މިބީދައިން ވަރަށްފުޅާ މާނައެއްދޭހަވާގޮތަށް
އެމަޖިލީހުގެ ޖުރިސްޑިކްޝަންސް ޤާނޫނު އަސާސީ ގައި ބަޔާންކޮށްފައި
ވީނަމަވެސް އެމަޖިލީހުގެ އެތެރޭގެ ހިންގުން ތަންޒީމުކުރާ
ގަވާޢިދަކީ ގާނޫނު އަސާސީގައި
ބަޔާންކޮށްފައިވާ ޙުދޫދުތަކުގެ ތެރޭގައި ހެދެންޖެހޭ އެއްޗެއް
ކަމުގައިވެފައި، އެޤަވާޢިދުގެ ދަށުން 'ރެފެރެންޑަމް
ނެގުމާއި ޢާންމު އިންތިޚާބު ބޭއްވުން' އެމަޖިލީހުގެ
ޖުރިސްޑިކްޝަންސްތަކުގެ ތެރެއަށް އިތުރު ނުކުރެވޭނެއެވެ. އެހެނީ
މިގޮތަށް އެމަޖިލީހުގެ ޖުރިސްޑިކްޝަންސްތަކުގެ ތެރެއަށް އިތުރު
ކުރެވޭ ކޮންމެ އިތުރުކުރުމެއް ވެގެންދާނީ ގާނޫނު އަސާސީގެ 101 ވަނަ
މާއްދާ ( މިޤާނޫނު އަސާސީގެ މާއްދާއަކަށް ނުވަތަ ބަޔަކަށް އެއްވެސް
ބަދަލެއް ނުވަތަ އުނި އިތުރެއް ގެނެވޭނީ، ރައްޔަތުންގެ ޚާއްޞަ
މަޖިލީހުގެ މެމްބަރުންގެ އަޢްލަބިއްޔަތު ލިބޭ ވޯޓަކުން ފާސްކޮށް
ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރާ ޤާނޫނަކުންނެވެ. ) އާ ޚިލާފަށް
ކުރެވުނު އިތުރުކުރުމެއް ކަމުގެއެވެ.
ވުމާއިއެކު، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ޤަވާޢިދުގެ ދަށުން
ދިވެހި ދައުލަތުގެ ދުސްތޫރީ ބާރުތަކުގެ ގުޅުން ތަންޒީމު ކުރާ
ސިޔާސީ ނިޒާމު ކަނޑައެޅުމަށް އެމަޖިލީހުން ޢާންމު ވޯޓެއް ނެގުމާއި
އެކަން ތަންޒީމު ކުރުމަކީ އެމަޖިލީހަށް ލިބޭ ހައްގެއް ނޫނެވެ.
އެވޯޓުގައި 18 އަހަރުން މަތީގެ މީހުން ބައިވެރިކުރުން :
ދައުލަތުގެ އެއްވެސް ދުސްތޫރީ ބާރެއް ނުވަތަ މުއައްސަސާއެއްގެ
އެތެރޭގެ ހިންގުމަށް ހެދޭ ގަވާޢިދެއްގެދަށުން ފަރުދުންގެ ސިޔާސީ
ޙައްޤުތައް ޕްރެކްޓިސްކުރެވޭ ގޮތްތަކާއި މިންގަނޑުތަކާއި
އުޞޫލުތައް ކަނޑައެޅުމުގެ ބާރު - މިސާލަކަށް
ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ކުރިމަތިލުމުގެ ހައްޤު
ލިބިގެންވާފަރާތްތައް ކަނޑައެޅުމާއި ޢާންމު އިންތިޚާބުތަކުގައި
ވޯޓު ދިނުމުގެ ޙައްޤުލިބިގެންވާ ފަރާތްތައް ކަނޑައެޅުން -
ލިބިގެނެއް ނުވެއެވެ. އެކަންކަން ބަޔާންކޮށް ކަނޑައަޅާނީ ގާނޫނު
އަސާސީއިން ނުވަތަ ކަމާއިބެހޭ ޕާރލެމެންޓްރީ ގާނޫނަކުންނެވެ.
ޢާންމު އިންތިޚާބުތަކާއި ރެފަރަންޑަމްތަކުގައި ވޯޓު ދިނުމަކީ
ރައްޔިތުންނަށް ލިބިފައިވާ ސިޔާސީ ޙައްގެކެވެ. ދިވެހިރާއްޖޭގައި
އެޙައްގު ޕްރެކްޓިސްކުރެވެނީ ގާނޫނު އަސާސީގެ 134 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ސިފަތައް
(މުސްލިމަކުގައިވުން،ދިވެހިރައްޔިތަކުކަމުގައިވުން،އުމުރުން
އެކާވީސްއަހަރުވެފައިވުން،ބުއްދިހަމައަށްހުރުން،ޝަރީޢަތުގެ
ޙުކުމެއްގެމަތިން ބަންދެއްގައިވާ ނުވަތަ ޤާނޫނީ ބަންދެއްގައިވާ
މީހަކު ކަމުގައިނުވުން) ހުރި މީހުންނަށެވެ. ވުމާއިއެކު
ރެފަރަންޑަމް ނެގުމުގެ ބާރު އެ މަޖިލީހަށް ލިބިގެންވާކަމަށް
ހީކުރެވުނު ކަމުގައި ވިޔަސް ނުވަތަ މުސްތަޤްބަލުގައި އެބާރު
ޕާރލިމެންޓްރީ ގާނޫނެއްގެ ދަށުން އެމަޖިލީހަށް ލިބުނުކަމުގައި
ވިޔަސް ގާނޫނުއަސާސީގެ 134 ވަނަ މާއްދާގައި ވޯޓު ދިނުމުގެ ޙައްޤު
ދީފައިވާ ފަރާތެއް މެނުވީ އެރެފެރެންޑަމްގައި ބައިވެރި
ނުކުރެވޭނެއެވެ. ވުމާއިއެކު، އުމުރުން އެކާވީސްއަހަރު ނުވާމީހަކު
އެރެފަރަންޑަމްގައި ބައިވެރިކުރުންވާނީ ކަނޑައެޅިގެން ގާނޫނު
އަސާސީއާއި ޚިލާފު ޢަމަލަކަށެވެ.
އެހެންކަމުން، ރައްޔަތުން ޚާއްޞަ މަޖިލީހުން ކުރަންޖެހޭނެ ކަމަށް
ގާނޫނު އަސާސީގައި ބުނާ ކަންކަން ތަންޒީމު ކުރުމަށް އެމަޖިލީހުން
ހަދާފައިވާ ގަވާއިދުގެ ދަށުން ދިވެހި ދައުލަތުގެ ދުސްތޫރީ
ބާރުތަކުގެ ގުޅުން ތަންޒީމު ކުރާ ސިޔާސީ ނިޒާމު ކަނޑައެޅުމަށް
އެމަޖިލީހުން ޢާންމު ވޯޓެއް ނެގުމާއި އެކަން ތަންޒީމުކުރުމާއި
އެވޯޓުގައި 18 އަހަރުން މަތީގެ މީހުން ބައިވެރި ކުރުމަކީ އޭގެ
ޒާތުގައި ބާޠިލް އަދި ގާނޫނު އަސާސީއާ ޚިލާފުވާނެ ކަމެކެވެ.
ެ
|