|
ސަރުކާރުން
2007 ވަނަ އަހަރަށް ހުށަހެޅި ދައުލަތުގެ ބަޖެޓް އޮތްގޮތަށް
ފާސްވުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން
30/12/2006
| އަލްޙާން ފަހުމީ
ރައްޔިތުންގެ މަޖްލީހާއި ރައްޔިތުންގެ ޚާއްޞަ މަޖްލީހަކީ އެ
ދެމަޖްލީހުގެ މަމްބަރުންގެ ދުސްތޫރީ އަދި ޤާނޫނީ ސިފަ ކޮންމެ
ގޮތަކަށް އޮތަސް، ޙަޤީޤަތުގައި ސިޔާސީ ގޮތުން ދެކަފިވެފައިވާ ދެ
މަޖްލީހެވެ. މިކަން މިހެން ދިމާވާން ޖެހެނީ، މިދެމަޖްލިސް
އެކުލެވިގެންވާ ގޮތުގެ އިތުރުން، މިހާރު މި ދެމަޖްލީހުގެ
މެމްބަރުންނަކީ ސިޔާސީ ޕާރޓީތަކަށްވެސް ނިސްބަތްވާ ބޭފުޅުންނަށް
ވާތީއެވެ.
ރައްޔިތުންގެ މަޖްލީހުގައިވެސް ރައްޔިތުންގެ ޚާއްޞަ
މަޖްލީހުގައިވެސް، ރައީސް މައުމޫނުގެ ވަޒީރުންގެ މަޖްލީހުގެ
މެމްބަރުންނާއި، ޤާނޫނު އަސާސީގައިވާ ގޮތުގެމަތީން، ރައީސުލް
ޖުމްހޫރިއްޔާގެ ޙައްސިއްޔަތުން ރައީސް މައުމޫނު (ޑީ.އާރު.ޕީގެ
ޒަޢީމު) އައްޔަންކުރައްވާފައިވާ މެމްބަރުންވެސް
އެދެމަޖްލީހުގައިވެސް އެބަތިއްބެވިއެވެ.
ދާދި އިހަށްދުވަހު ރިޔާސީ ޤަރާރެއްގެ ދަށުން ދިވެހިރާއްޖޭގައި
ސިޔާސީ ޕާރޓީތަކަށް ޖާގަ ލިބިފައި އޮތްނަމަވެސް، ދިވެހިދައުލަތުގެ
ބާރުތައް – ވެރިކަން ހިންގުމުގެ ބާރު / ޤާނޫނު ހެދުމުގެ ބާރު /
ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު – ދުސްތޫރީ ގޮތުންނާއި،
ޤާނޫނީ ގޮތުން ބައްޓަންކުރެވިފައިވަނީ، އޭގެ އިމުގެ ތެރޭގައި
ފުރިހަމަ މަލްޓި ޕާރޓީ ޑީމޮކްރަސީއަކަށް ޙަރަކާތްތެރި ވެވޭނެ
ގޮތަކަށް ނޫނެވެ. އަދި މީގެ އިތުރުން، ރައްޔިތުންގެ މަޖްލީހާއި
ޚާއްޞަ މަޖްލިސް މިހާރު އެކުލަވާލެވިފައިވަނީވެސް ރާއްޖޭގައި
ޙަރަކާތްތެރިވަމުން މިދާ ސިޔާސީ ޕާރޓީތަކަށް ހަމަހަމަ އުސޫލަކުން
މަޖްލީހުގައި ބައިވެރިވުމުގެ ފުރުޞަތެއް ނެތިއެވެ.
މިދެންނެވި ގޮތަށް ރައްޔިތުންގެ މަޖްލީހާއި ރައްޔިތުންގެ ޚާއްޞަ
މަޖްލީހުގެ ޤާނޫނީ އަދި ސިޔާސީ ޙާލަތު އޮތުމުން، އެމަޖްލީހުގައި
ޕާރޓީ އުސޫލުން ނުވަތަ މެމްބަރުން އެބޭފުޅަކު ނިސްބަތްވާ ޕާރޓީ
ލައިނަށް ބިނާކުރައްވައިގެން ބަޙުސްތަކެއް ކުރުމުގެ މާނައެއް
ނެތެވެ. މެމްބަރުންގެ ސިޔާސީ މިޞްރާބަށް ބަލާއިރު، ރައްޔިތުންގެ
މަޖްލީހާއި ރައްޔިތުންގެ ޚާއްޞަ މަޖްލީސްވެސް އޮތީ ސަރުކާރު ހިންގާ
ފަރާތުގެ ފުރިހަމަ ކޮންޓްރޯލުގެ ދަށުގައެވެ. އެހެން މިދެންނެވި
ސަބަބަކީ، މިހާރު ސިޔާސީ މައިދާނުގައި 5 ސިޔާސީ ޕާރޓީއަކުން
ޙަރަކާތްތެރި ވަމުންދާއިރު، މި ދެމަޖްލީހުގައި ތިބީ ރައީސް
މައުމޫނުގެ ޑީ.އާރު.ޕީގެ މެމްބަރުންނާއި ކެނެރީގޭ މުޙަންމަދު
ނަޝީދު (އަންނި) ގެ އެމް.ޑީ.ޕީގެ މަދު މެމްބަރުން ކޮޅަކަށް
ވީތީއެވެ.
އެހެންވީމާ، ޤައުމީ ސިޔާސީ މަސްރަޙުގައި މިދެކެވޭ 'މަލްޓި ޕާރޓީ
ޕޮލިޓިކްސް' ގެ ވާހަކައަކީ އަޅުގަނޑުގެ ނަޒަރުގައި ރައީސް
މައުމޫނުގެ ސަރުކާރުން، ރޭވުންތެރިކަމާއިއެކު ޢާންމުންނަށް
ޤަބޫލުކޮށްދެއްވަން ބޭނުންފުޅުވާ، ޚިޔާލީ ވާހަކައެކެވެ. ދައްކަވާ
އަވާމެންދުރެކެވެ. އެހެންކަމުން، މިހުވަފެންތައް ރައްޔިތުންނަށް
ދެއްކުމުގައި ބޭނުން ކުރެވޭ މީޑިޔާގެ ވަސީލަތްތަކުގައި، ސަރުކާރުން
ހުށަހެޅިގޮތަށް 2007 ވަނަ އަހަރުގެ ބަޖެޓް ފާސްވީ، ވާދަވެރި ސިޔާސީ
ޕާރޓީތަކެއް މަޖްލީހުގައި ހޫނުގަދަ ބަޙުސްތަކެއް ކޮށްގެން،
ސަރުކާރުން ހުށަހެޅި ބަޖެޓުގެ ފުރިހަމަކަމާއި މޮޅުކަމުން ކަމަށް
ޤަބޫލުކުރުވަން މަސައްކަތް ކުރިޔަސް އެއީ ކަމުގެ ޙަޤިޤަތެއް
ނޫނެވެ. ޙަޤީޤަތަކީ، ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންގެ
އަޣްލަބިއްޔަތަކީ ރައީސް މައުމޫނުގެ ސަރުކާރާއި އޭނޭގެ
ޑީ.އާރު.ޕީގެ މެމްބަރުންކަމުން އެބަޖެޓަކީ 'އޮޓޯއިން' ފާސްވެފައިވާ
ބަޖެޓެއްކެމެވެ. އެހެނީ، ސަރުކާރު ހިންގުމާއި ވެރިކަން
ދެމެހެއްޓުމަށްޓަކައި ރައީސް މައުމޫގެ އިދާރާއިން ކަނޑައަޅާ
މިންގަނޑުތަކާއި މަޤްޞަދުތައް ޙާޞިލުކުރުމަށް އަމާޒުކުރެވިފައިވާ
ބަޖެޓެއް، މިދަންނަވާ ފަދަ 'ފުރިހަމަ ކޮންޓްރޯލުގެ ދަށުގައިވާ'
މަޖްލީހަކުން ފާސްވުމަކީ އެއްވެސް ޙާލެއްގައި އަޖައިބެއް ނޫނެވެ.
ޙަޤީޤަތުގައި މިމޭރުމުން ރައްޔިތުންގެ މަޖްލީހަށް ސަރުކާރުން
ހުށަހަޅާ ހުށަހެޅުމެއް ފާސްކުރުމަކީ މިހާރު އެމަޖްލީހުގެ ޙާލަތު
އޮތްގޮތުން، ޑީ.އާރު.ޕީގެ ކައުންސިލުގައި ޒަޢީމް މައުމޫނު
'ވިދާޅުވާ ގޮތް' އެކައުންސިލުގެ އަޣްލަބިއްޔަތުން ފާސްވުންހާ
ފަސޭހަ އަދި އާދައިގެ ކެމެކެވެ.
އަދި މިދެންނެވި ޙަޤީޤަތްތަކުގެ އިތުރުން، މަޖްލީހުގައި
ޙަރަކާތްތެރިވާ އިދިކޮޅު ޕާރޓީ، ނުވަތަ މައިނޯރިޓީގެ
މެމްބަރުންނަކީ އެއް އަމާޒަކަށް ދަތުރުކުރުމުގެ ޤާބިލުކަން ނެތް،
ޕާރޓީ ލައިނުން ކައްސާލައިގެން ޙަރަކާތްތެރިވަމުންދާ
ބޭފުޅުންތަކެއް ކަމުން، އެޕާރޓިއަށް ލިބިފައިވާ މިވަރުގެ ކުޑަ
ބާރެއްވެސް، ޕާރޓީގެ މަޞްލަޙަތަށްޓަކައި ބޭނުންކުރަން
ނުކުޅެދިފައިވާ ޕާރޓީއެކެވެ.
ކަން މިހެން އޮތްއިރު، ސަރުކާރުން ހުށަހެޅިގޮތަށް ބަޖެޓް
ފާސްވުމަކީ މިދެންނެވިފަދަ މާހައުލެއްގައި ހައިރާންވާން ޖެހޭ
ކަމެއް ނޫނެވެ. ނިމުނީ! |