|
އިސްލާމްދީނަކީ ހަމައެކަނި ބުރުގާއެއް ނޫން!
30/03/2007
| އީމެއިލް
ރާއްޖޭގެ އިދިކޮޅު
ޕާޓީއަށް ނިސްބަތްވާ އަންހެނެއް އިސްލާމް ދީނަށް ފުރައްސާރަ
ކުރުމުގެ އާ އުސްމިނެއް ހާސިލު ކުރުމާއި ވިދިގެން އެ ޕާޓީއަށް
ނިސްބަތްވާ ގިނަ މީހުން ބުނަނީ އެއީ ޕާޓީގެ ވިސްނުމެއް ނޫން
ކަމަށެވެ. "ދުވަހަކުވެސް ކޯރަމް ހަމަނުވޭ ދޯ" އޭ ކިޔާފައި އަވަސް
އަވަހަށް މައުލޫ ބަދަލުކޮށް އެހެން މައުލޫއަކާއި ބެހޭގޮތުން ވާހަކަ
ދައްކަން ފައްޓަނީއެވެ. އަނެއް ބަޔަކު އެ އަންހެން މީހާ އަށް
ހަމްދަރުދީ ވެގެން ބުނަނީ އެ އަންހެންމީހާ އަށް ދީނުގެ ޙުކުމްތައް
ބުނެދޭންވީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އެ އަންހެންމީހާ ޖެހެނީ
ތައުބާވާން ކަމަށެވެ.
ކޮންމެއަކަސް
އެންމެންގެ ވާހަކަ ހުރިގޮތުން އިސްލާމް ދީނަށް ވުރެން މިޕާޓި
ދެކެވާ ލޯބި މާބޮޑުހެން ހީވެއެވެ. ވަރަށް މަދު މީހަކު މެނުވީ މި
ޕާޓީ ކުށްވެރި ކުރާކަށް ނޫޅެއެވެ. މިކަމަށް ކިޔަނީ ސަރީކު ކުރުން
ނޫން ބާވައެވެ؟ ބުދުތައް ހުރި ވާހަކަ ދައްކާ މީހުން މިކަމާއި މެދު
ވިސްނާލުން މުހިއްމެވެ. ސިޔާސީ ޕާޓީއަކަށް މި ދަރަޖައަށް
އިޙްތިރާމް ކުރުމަކީ ހަމަ ބުދަށް އަޅުކަން ކުރުމެކޭ ދާދި އެއް
ކަހަލަ ކަމެކެވެ. އަދި އެ ޕާޓީގެ ޢިލްމުވެރިއެއް ކަމަށް ދައުވާ
ކުރާ މީހަކު އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބައެއްގެ ތެރޭގައި
ނުހުންނާނަމޭ ބުނެ އެޕާޓީއިން ވަކި ވީމަ ހީވަނީ "ދީނަށް
ފުރައްސާރަ" ކުރުމަކީ ހަމައެކަނި ލިޔުމަކުން ކަމެއްހެންނެވެ.
ނުވަތަ މީގެ ކުރިން މިޕާޓީއިން ކުރި ހުރިހާ މަސައްކަތަކީ ދީނަށް
ނަސްރު ދިނުމުގެ ގޮތުން ކުރެވުނު ކަންތައްހެންނެވެ. ނުވަތަ ހީވަނީ
މުޅި އިސްލާމް ދީނަކީ ހަމައެކަނި ބުރުގާގެ ހުކުމްތައް އެކުލެވޭ
ދީނެއްހެންނެވެ.
ސިޔާސީ ޕާޓީތައް
ރާއްޖޭގައި އުފެދުމާއި އެކީ ބުދުތަކަށް އަޅުކަން ކުރުމުގެ
މާހައުލެއް މިހާރު މިއޮތީ ޢާންމުވެފައެވެ. އެއީ މިސްކިތުގައި
ނަމާދު ކުރާ 5 ވަގުތު ފިޔަވައި ދެން ހުރިހާ ވަގުތެއްގައި
"އަޅުކަން" ކުރަނީ ކޮންމެވެސް "ބުދަ"ކަށެވެ. މިއީ ޢާންމު މީހާގެ
ހާލަތެވެ. ތަންދޮރު އެނގެންޖެހޭ އިލްމުވެރީންގެ ހާލަތުވެސް ހުރީ
މިކަހަލަ ގޮތަކަށެވެ. އެއީ ނަމާދު، ބުރުގާ އަދި ތުނބުޅީގެ
މައުލޫތައް ފިޔަވައި ދެން ކޮންމެ މައުލޫއަކަށް ވާހަކަ ދެއްކިޔަސް
ފާޅު ކުރާ ޚިޔާލުތަކާއި އިސްލާމްދީނަކާއި އެއްވެސް ގުޅުމެއް
ނުހުރެއެވެ. މިސާލަކަށް " މިނިވަން މުސްތަގިއްލު އިންތިޚާބެއް"
އަވަހަށް ބޭއްވުމަށް ގޮވާލާއިރު މިފަދަ ޚިޔާލަކަށް އިސްލާމް ދީނުން
ދަލީލެއް ދައްކަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހީވަނީ
ގައުމުގެ ޙާލަތު އިންތިޚާބެއް ބޭއްވުމާއި އެކީ
ހައްލުވެދާނެހެންނެވެ. |