25 December 2005

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

EDUCATION & ARTS

 

ކިޔަވާކުދިންގެ އަޑަށް ސަރުކާރުން ބީރު ކަންފަތެއް - ޤާހިރާގައި ތިބި ދިވެހި ކިޔަވާކުދިން ސަރުކާރާމެދު ނުރުހުން ފާޅުކުރަނީ
25/12/2005 | ދިޕޮލިޓިކްސް
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ދަށުގައިވާ ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުގެ މަސްއޫލުވެރިކަމުގެ ދަށުން މިޞްރުގެ ޤާހިރާގައި ކިޔަވާ ކުދިންނަށްގެ ފަރާތުން މަޢްލޫމާތު ލިބިފައިވާގޮތުން މިޞްރަށް އަންނަމުންދާ އިޤްތިޞާދީ ބަދަލުތަކާއި އިންފްލޭޝަންގެ ސަބަބުން މިހާރު ސަރުކާރުން އެކުދީންނަށް ދެއްވާ ޕޮކެޓްމަނީން، ކިޔެވުމުގެ ޚަރަދުތަކާއި އެހެނިހެން އަސާސީ ބޭނުންތައް ނުފުއްދެއެވެ. އަދި މިމައްސަލާ ސަރުކާރަށް ތަފާތު ގޮތްގޮތަށް ހުށަހަޅާފައިވާކަމަށްވެސް ކުދީންގެ ފަރާތުން މަޢްލޫމާތު ލިބިފައިވެއެވެ. މީގެ އިތުރުން މިޞްރުގައި ކިޔަވާކުދިން ހިންގާ ކިޔަވާކުދިންގެ ޖަމްޢިއްޔާއިންވެސް މިހާރު ސަރުކާރަށް މިމައްސަލާ ހުށަހަޅުއްވާފައިވާކަމަށް މަޢްލޫމާތު ލިބިފައިވެއެވެ.
މިޞްރުގެ ޤާހިރާގައި ކިޔަވާ ސަތޭކަށްވުރެ ގިނަ ދިވެހި ކިޔަވާކުދިންގެ އަޑަށް ސަރުކާރުން އެދެވޭ އިޖާބައެއް ދެއްވާފައި ނުވާތީ އެކުދިން އެކަމާ ނުރުހުން ފާޅުކުރެއެވެ. " ސަރުކާރުން ހަދަނީ ހަދާނެއެއްޗެއް..މިތަނަށް ފޮނުވާލެވުނީމަ އެނިމުނީ..ކިޔެވުމަށް ބޭނުންވާ ކަންތައް ނުކޮށްދެވޭނަމަ ސަރުކާރުން އަހަރުމެން މިތަނަށް ފޮނުވުމުގެ މަޤްޞަދު ޙާޞިލުވާނެހެނެއް ހިއެއްނުވޭ" އަޒުހަރު ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ޖޫރިސްޕްރޫޑެންސް އެންޑް ލޯވގެ އެއްވަނަ ކުލާހުގައި ކިޔަވާ ކުއްޖަކު ބުންޏެވެ. "އަހަރުމެންގެ ޚަރަދުތަކަށް ޚާއްޞަވެފައިވާ ބަޖެޓެއް އެބަ ބޮޑުކުރޭ...ކީއްކުރާ ލާރިތަކެއް ކަމެއް ނޭނެގެ..ދުވަހަކުވެސް ދައުލަތުގެ ފައިސާ ހޭދަކުރަންވާގޮތަށް ހޭދަކުރެވޭނެބާއޭ މިހިތަށްއަރަނީ..." އަޒުހަރު ޔުނިވަރސިޓީގެ ފެކަލްޓީއޮފް ކޮމާރސްގައި ކިޔަވާ ކުއްޖަކު ބުންޏެވެ.
ޑިޕާރޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަންގެ ބެލުމުގެ ދަށުގައި ތިބި ގިނަ ޢަދަދެއްގެ ކިޔަވާކުދިންގެ ޝަކުވާތައް ގިނަވެފައިވާތީ، ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް ކަނޑައަޅާފައިވާ ބަޖެޓަށް ބަލާއިރު، މިނިސްޓްރީ އޮފް ހަޔާރ އެޑިޔުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިޔުރިޓީއާއި އެމިނިސްޓްރީގެ ދަށުގައިވާ ތަންތަނަށް 2006 ވަނައަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަކިވަކި ބަޖެޓުތަކެއް ކަނޑައަޅާފައި ވާކަން ފާހަގަކުރެވެއެވެ. އެގޮތުން، އެމިނިސްޓްރީގެ ދަށުން ހިންގާ ކޮލެޖްތަކާއި ފެކަލްޓީ ތަކަށް ވަނީ ކޮންމެ ތަނަކަށް ވަކިން ބަޖެޓެއް ކަނޑައަޅާފައެވެ. ކޮލެޖްތަކާއި ފެކަލްޓީތަކާއި، އެހެނިހެން މަތީތަޢްލީމު ދިނުމާއި، މީހުން ތަމްރީނު ކުރުމާއިބެހޭ މަރުކަޒުތަކަކީ މިނިސްޓްރީގެ އިދާރި އޮނިގަނޑަށް ބަލާއިރު ޑިޕާރޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަން އެންޑް ޓްރޭނިންގ ދަށުން ޙަރަކާތްތެރިވާން ޖެހޭ ތަންތަންކަމަށް ފެނެއެވެ. އަދި އެނޫންގޮތަކަށް އެކަން އޮންނަނަމަ، ބަޖެޓު ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު ދޭހަވަނީ، ޑިޕާރޓްމަންޓް އޮފް ހަޔަރއެޑިޔުކޭޝަނަކީ މަތީތަޢްލީމުގެ ޚިދުމަތްދޭ ދާޚިލީ މަރުކަޒުތަކާއި ވަކިކުރެވިފައިވާ ވަކި ޑިޕާރޓްމަންޓެއް ކަމުގައެވެ. އެޑިޕާރޓް މަންޓަށް ވަކި ބަޖެޓެއް ކަނޑައެޅި، ހަޔަރއެޑިޔުކޭޝަންގެ ޚިދުމަތްދޭ އެންމެހާ ދާޚިލީ މަރުކަޒުތަކަށް ވަކިވަކީން ބަޖެޓު ކަނޑައެޅިފައި އޮތުމުން ދޭހަވަނީ، ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނަށް ކަނޑައެޅިފައިވާ ޚާއްޞަ ބަޖެޓަކީ އެޑިޕާރޓްމަންޓު ހިންގުމުގެ އިދާރީ ޚަރަދުތަކާއި، އެޑިޕާރޓްމަނުޓުގެ ދަށުން ރާއްޖޭން ބޭރުގައި މަތީ ތަޢްލީމު ދެވޭ މީހުންނަށް ކަނޑައެޅިފައިވާ ބަޖެޓެއް ކަމެވެ.
ފާއިތުވި 2005 ވަނަ އަހަރަށް ޑިޕާރޓްމަންޓް އޮފް ހަޔަރ   އެޑިޔުކޭޝަނަށް   ކަނޑައަޅާފައިވާ   ބަޖެޓަކީ 19،724،122 ދިވެހި ރުފިޔާއެވެ. އެހެންނަމަވެސް، މިފެށޭ 2006 ވަނަ އަހަރަށް އެޑިޕާރޓްމަންޓަށް ފާސްކުރެވިފައިވާ ބަޖެޓަކީ 949 ،755 ،45 ދިވެހި ރުފިޔާއެވެ. މާނައަކީ މިނިމޭ 2005 ވަނައަހަރަށް އެޑިޕާރޓްމަންޓަށް ކަނޑައެޅިފައި އޮތް ބަޖެޓާއި އަޅާބަލާއިރު 2006 ވަނައަރަށް ކަނޑައެޅިފައިވާ ބަޖެޓަކީ ދެގުނައަށްވުރެ އިތުރުވެފައިވާ ބަޖެޓެކެވެ.
މިބަޖެޓް އިތުރުވަމުންދާނަމަ، ބަޖެޓު އިތުރުކުރަންޖެހުނު ސަބަބުތަކެއްވެސް ހުންނަންޖެހޭނެއެވެ. ޤާހިރާގައި ކިޔަވާކުދިން ދެކޭ ގޮތުން އިތުރު ކުރެވިފައިވާ ބަޖެޓުގައި އެކުދީންގެ ޙައްޤުވެސް އޮންނާނެއެވެ. އަދި އެޙައްޤު ވީއެންމެ އަވަހަކަށް ލިބިދިނުމަށް ސަރުކާރަށް އެކުދީން އިލްތިމާސް ކުރެއެވެ.
ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ ބެއްލެވުމުގެ ދަށުން ޤާހިރާއަށް ކިޔަވަން ފޮނުއްވާ ކުދިންނަށް މިނޫނަސް ވަރަށްގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށްވެސް މަޢްލޫމާތު ލިބިފައިވެއެވެ. މިހިނގާ ތަޢްލީމީ އަހަރަށް ކޯހުގައި ފޮނުވި ބައެއް ކުދިން ޤާހިރާއަށް އައީ އިއްޔެ 22 ޑިސެމްބަރ 2005 ވަނަ ދުވެހުގެ ހަވީރުގެ ވަގުތެއްގައެވެ. މީގެ ތެރެއިން ބައެއް ކުދިންގެ ޓެސްޓް މާދަމާ 24 ޑިސެމްބަރ 2005 ވަނަ ދުވަހު އޮންނާނެކަމަށްވެސް މަޢްލޫމާތު ލިބިފައިވެއެވެ.
" ދެން ބުނާނެ ފާސްނުވީމަ އެދޭ ދޮޅުރުފިޔާގަނޑުވެސް ކަނޑާލާ ވާހަކަ..މިހެން ހެދީމަ ކިހިނެއްތަ ފާސްވަނީ.." ޓެސްޓަށް ދެ ދުވަހަށް ވެފައިވަނިކޮށް ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ޤާހިރާއަށް ކިޔަވަން ފޮނުވި ކުއްޖަކު ނުރުހުމުގެ ރާގަކަށް ބުންޏެވެ.
މިފުރުޞަރުގައި ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާއަށާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަނަށް މިމައްސަލާ ބައްލަވައި ދެއްވައި، ޚާއްޞަކޮށް ރާއްޖޭން ބޭރުގައި ކިޔަވާ ދިވެހި ކިޔަވާކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވުމަށް ފަށްފަށުން ގޮވާލަމެވެ.  ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved