08/16/2005

Surf dhiPOLITICS

 Home

 About Us

 Editorial

 News

 Archives

 Open Forum

 Links

The Maldives

 At a Glance

 Constitution

 Government

 Foreign Policy

DHIVEHI

 

ތަސައްރަފު ނުފުދޭ ކުޑަކުދީން ސިޔާސީ ކޯޅުންތަކެއްގެ ޝިކާރައަކަށް ވަނީ!
16/08/2005 | ދިޕޮލިޓިކްސް
މާލެއާއި ރާއްޖެތެރޭގެ ބައެއް ހިސާބުތަކުގައި ބައެއްގެ ރޭވުންތެރިކަމުގެ ދަށުން ހިންގެމުންދާ ހަމަނުޖެހުންތަކުގައި ކުޑަކުދީންނާއި ތަސައްރަފު ނުފުދޭ ޅައުމުރުގެ ޒުވާނުން ބޭނުން ކުރަމުންދާ ދިއުމަކީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ.
ސިޔާސީ މަޤްޞަދުތަކެއް ޙާޞިލުކުރުމުގެ ބޭނުމުގައި، މުޖުތަމަޢްގެ ހަމަޖެހުމާއި އަމާންކަން ނަގާލައިގެން ސަރުކާރު ހިންގިޔަ ނުދިނުމަށް ރާވައިގެން މިމަހުގެ 12 ވަނަ ދުވަހު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ސިޔާސީ ޕާރޓީގެ ލީޑަރު، ގ.ކެނެރީގޭ މުޙަންމަދު ނަޝީދު (އަންނި) ޖުމްހޫރީ މައިދާނަށް ނުކުމެ، ފެށި ޙަރަކާތަކީ އެކަމުގެ ފަހަތުގައި މަކަރުވެރި، އަދި ފިސާރި ނުރައްކާތެރި ރޭވުންތަކެއް އެކުލެވިގެންވާ ކަމެކެވެ.
ބޭރުގެ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކަށް އެމް.ޑީ.ޕީން މަޢްލޫމާތު ދީފައިވާ ގޮތުން އަންނި އެދުވަހު އެތަނަށް 600 މީހުންގެ ބޮޑު ލަޝްކަރެއް ގޮވައިގެން އެއްވީ، މިދިޔަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު، އަންނިއާއި އޭނާގެ ބައިވެރިން ރާއްޖޭން ބޭރުގައި ތިބެގެން ރާވާ، ހިންގި ހަމަނުޖެހުމަށް އަހަރު ފުރުން ފާހަގަ ކުރުމަށެވެ.
ދިވެހިރާއްޖޭގެ ސަލާމަތާއި، ރައްކާތެރިކަމާއިބެހޭ އެންމެ ބޮޑު އިދާރާގެ ކުރިމައްޗަށް ނުކުމެ، ގަސްތުން ދިވެހި ފުލުހުންނާއި، ސިފައިންނާއި ކުރިމަތިލުމުގެ ބޭނުމުގައި އެމް.ޑީ.ޕީން ރާވައިގެން މިނުކުންނަނީ، ޑިމޮކްރަސީ ވަރުގަދަ ކުރުމަށާއި، އިޞްލާހީ ފިޔަވަޅުތައް އަވަސްކުރުވަން، ދިވެހި ރައްޔިތުން ބޭނުންވާ ކަން ހާމަކުރުމަށްޓަކައި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ އެއްވުމަކުން ސަރުކާރަށް އެކަމުގެ އިޝާރާތެއް ކޮށްލުމުގެ ނަމުގައެވެ. ކުރިއަށް ރާވައިގެން، ޅަފުރައިގެ ޒުވާނުން ގޮވައިގެން ނުކުމެ، މީހުން ގިނަވުމުން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކޮށް، ވެރިކަން ހިންގާ ފަރާތުން ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލާ، ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްޔިތުންގެ ސަލާމަތަށްޓަކައި މަސައްކަތްކުރާ ފުލުހުންނާއި، ސިފައިންނަކީ ދިވެހި ރައްޔިތުންގެ ޢަދުއްވުންކަމަށާއި، އެމީހުންނަކީ ރައީސް މައުމޫނުގެ 'އޮޅު ކުއްތާތަކެއް' ކަމަށް ބުނެ، ސިފައިންނަށް ހަމަލާދީ ތަނުގައި ހަމަނުޖެހުން އުފެއްދުމަށް އެމް.ޑީ.ޕީން މިހިންގާ ޣައިރު ޤާނޫނީ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި އިޞްލާޙަށް މަސައްކަތްކުރާ ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ޒުވާން ޖީލު މަގުފުރައްދައިގެން، އެމީހުންގެ ހިތުގައި ޤާނޫނާއި ޤަވާޢިދަށް އޮތް ޤަދަރާއި ޢިއްޒަތް ނަގާލުމަކީ ކުރިމަގުގައި ދިވެހިރާއްޖޭގެ ކުޑަކުޑަ މުޖުތަމަޢްގައި ނާމާންކަން އުފެދި، ކުށްވެރީން އިތުރުވެ، ދާޚިލީ ތަޅާފޮޅުންތަކަށް އެމް.ޑީ.ޕީން ހުޅުވައިދޭ ދޮރެކެވެ.
ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާ ކުޑަކުދީންނާއި، ޤާނޫނީ ގޮތުން ސިޔާސީ ޙައްޤުތައް ނުލިބޭ ގިނަ ޒުވާނުންނަކީ އެ ބުނެވޭ ބަހުގެ ޙަޤީޤީ މާނަ ނޭނގޭ ކުދީންނެވެ. އެހެންނަމަވެސް، ބަޔަކު މީހުން އަޑީގައި ތިބެގެން ޒުވާނުން ލައްވާ މިފަދަ ޢަމަލުތައް ހިންގުވުމުގެ ފަހަތުގައިވާ ނުބައި މަޤްޞަދަކީ، އެގޮތަށް ކުށްކުރާ ކުޑަކުދީންނާއި، ޤާނޫނުގެ ކުރިމަތީގައި ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ ޅަކުދީންގެ ޤާނޫނީ ޝަޚްޞިއްޔަތުގެ ނާޖާއިޒު ފައިދާ ނެގުމެވެ. ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޣައިރު ޤާނޫނީ ޢަމަލު ހިންގައިގެން ކުރިމަތިލާއިރު އެކުދީން ބޭނުންކުރުމަކީ އެ އިދާރާތަކަށްވެސް ފިޔަވަޅު އެޅުއްވުމުގައި ދަތި އުނދަގޫ ކަމަކަށް ވާނެތީ، އަޅުގަނޑުމެންގެ ޅަދަރީން، އެވެރީންގެ ސިޔާސީ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ބޭނުންކުރާކަމީ އެއްވެސް މަޔަކު އަދި ބަފަޔަކު ރުހޭނެ ކަމެއް ނޫނެވެ. ދިވެހިރާއްޖެއާއި ދިވެހީންނަށް ހެޔޮއެދޭ ބަޔަކު އެބައެއްގެ މާދަމާގެ މުސްތަޤްބަލު ބިނާކުރަން އޮތް ޖީލުތައް ހަލާކުގެ މަގަށް އެއްލާ ނުލާނެއެވެ.
ނަމަވެސް ހިތާމައަކީ، ޤައުމާއި ޤައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމުގެ ނަމުގައި ބަޔަކުމީހުން ތިމާމެންގެ އަމިއްލަ ސިޔާސީ މަޤްޞަދުތަކެއް ޙާޞިލުކުރުމަށް އަޅުގަނޑުމެންގެ ޅަދަރީންގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާއިރު، އެކަމާއިމެދު ވިސްނާނުލާ ތިބެވޭ ކަމެވެ. މިބާވަތުގެ ސިޔާސީ ރޭވުންތަކުގެ ޝިކާރައަކަށް އަޅުގަނޑުމެންގެ ދަރީންވެ، އެކުދީންގެ މުސްތަޤްބަލް ހަލާކުވެގެން ދިއުމަކީ އަޅުގަނޑުމެން އެއްވެސް ޙާލެއްގައި އެދޭކަމެއް ނޫނެވެ.
ސިޔާސީ އިޞްލާހުތައް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ، ތެދުވެރިކަމާއިއެކު، ކުރެވެންޖެހޭ މަސައްކަތްތަކެކެވެ. މަކަރާއި ހީލަތުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން، ވަކި ބައެއްގެ އަމިއްލަ ފައިދާއާއި ލާބައަށްޓަކައި ކުރެވޭ ކަންކަމަށް ވެގެން ނުވާނެއެވެ.
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުތައް އަންނަމުންދާކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. ރައީސް މައުމޫނުގެ ޚުދުމުޚްތާރު ސިޔާސަތަށްވެސް ބަދަލުތައް އަންނަމުންދާކަން ޤަބޫލުކުރަން ޖެހެއެވެ.
ވެރިކަމުގެ ގިނަ ބާރުތައް ރައީސުލް ޖުމްހޫރިއްޔާގެ ކިބައިން ވަކިކޮށް، ޑިމޮކްރަސީ ހަރުދަނާކުރުމަކީ މަގުމަތީގައި މާރާމާރީ ހިންގާ، ސިފައިންނަށް ޙަމަލާ ދީގެން ކުރެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގައި އޮތީ ކޮންމެ ސިފައެއްގައިވިޔަސް، ދުސްތޫރީ ނުވަތަ ކޮންސްޓިޓިއުޝަނަލް ވެރިކަމަކަށް ވާތީ، އެވެރިކަން ބަދަލުުރަން މަސައްކަތް ކުރަންޖެހޭނީ ދުސްތޫރީ ހަމަތަކުގެ މަތީންކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ.
އާދައިގެ ޤަވާޢިދެއްގެ ދަށުން މިއަދު ރާއްޖޭގައި ސިޔާސީ ޕާރޓީތަކެއް އުފެދިފައިވިޔަސް، ވަގުތުން އިންތިޚާބުތަކެއް ބާއްވައިގެން އައު ސަރުކާރެއް ހޮވިޔަސް، އެކަން ހިންގަން ޖެހޭނީ ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެމަތީން ކަމަށްވާއިރު، ދެން އިންތިޚާބުކުރެވޭ ސަރުކާރަކީވެސް، ހަމަ މިހާރުގެ ސަރުކާރެކޭ ދުސްތޫރީ ހަމަތަކުގެ މަތީން އެއްގޮތް ސަރުކާރަކަށް ނޫނީ ނުވާނެއެވެ.
ވީމާ، އަލުން ސަރުކާރު އިންތިޚާބު ކުރާށޭ، މައުމޫނު އިސްތިއުފާ ދޭށޭ ކިޔައިގެން މަގުތަކަކަށް އެއްވެ، މާރާމާރީ ހިންގައި، އިޖްތިމާޢީ، އަޚްލާޤީ، އިޤްތިޞާދީ، ސިޔާސީ ބަލިމަޑުކަމެއް ފެތުރުމުގެ ކުރީން މިކަންކަމާއިމެދު ދިވެހި ރައްޔިތުން ވިސްނާ ފިކުރުކޮށް، މަކަރުވެރި ރޭވުންތަކުގެ ޝިކާރައަކަށް ނުވެ، އަޅުގަނޑުމެންގެ މުސްތަޤްބަލު ކަމުގައިވާ ކުޑަކުދީންނާއި ޅަފުރައިގެ ޒުވާނުން ރައްކާތެރިކުރުމަކީ ކޮނެމް ދިވެއްސެއްގެ ދީނީ، ޢާއިލީ، ފަރުދީ، އަދި ޤައުމީ ވާޖިބެކެވެ. އަދި، ބައިނަލް އަޤްވާމީ ކުޑަކުދީންގެ ޙައްޤުތައް ރާއްކާތެރިކުރުމާއިބެހޭ އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފަށް، ބަޔަކު މީހުން ކުޑަކުދީންގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ މައްސަލައަކީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުންނާއި، ދިވެހިރާއްޖޭގެ އިންސާނީ ހައްޤުތަކާއިބެހޭ ކޮމިޝަނާއި، ކުޑަކުދީންގެ ޙައްޤުތަކާއިބެހޭ ޔުނިޓުން ކޮންމެހެން ސަމާލުކަން ދެއްވަން ޖެހިވަޑައިގަންނަވާ މައްސަލައެއްކަމަށްވެސް އަޅުގަނޑު ދެކެމެވެ. ނިމުނީ!

 

 

Google

Web dhiPolitics

Disclaimer

© Copyright 2005 dhiPOLITICS

Contact Us