|
ޖަރީމާތަކުގައި ސިޔާސީ ކުލަ ޖެއްސުމަކީ ޖަރީމާތަކަށް ދެވޭ
ހިތްވަރެއް
07/02/2006
| އަލްޙާން ފަހުމީ
މިފަހަކަށް އައިސް ރާއްޖޭގައި، ވަކީން ޚާއްޞަކޮށް މާލޭގައި، ތޫނު
ހަތިޔާރުގެ ބޭނުންކޮށްގެން މީހުންގެ ފުރާނައަށް ގެއްލުންވާފަދަ
ޢުދުވާނީ ޙަމަލާތައް އިތުރުވަމުންދާ ދިއުމަކީ، އަޅުގަނޑުމެންގެ
ކުޑަކުޑަ މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރައްކާތެރި
ޖަރީމާތަކެކެވެ. މިފަދަ ޖަރީމާތައް މުޖުތަމަޢެއްގައި ޢާންމުވާން
ފަށައިފިނަމަ، އެމުޖުތަމަޢަކީ އިންސާނުންނަށް ދިރިއުޅެން
އެކަށީގެންނުވާ، ނުރައްކާތެރި، ނާމާން ތަނަކަށް ބަދަލުވީކަން
ކަށަވަރެވެ.
ކޮންމެ ދެދުވަހަކުން އެއްދުވަހު، ކޮންމެވެސް މީހެއްގެ ގައިގާ
ކަޓަރެއް އެޅި ވާހަކަ، ނުވަތަ މީހެއްގެ ގަޔަށް ވަޅިއެއް ހެރި
ވާހަކަ، ނޫސްތަކުގެ ސުރުޚީތަކުގައި ފޮޓޯއާއި ވީޑިއޯއާއިއެކު ޝާއިޢު
ކުރަމުންދާތަން ފެނެއެވެ. ހިތާމައަކީ، މިފަދަ ޚަބަރުތައް ގެނެސްދޭ
ބައެއް ފަރާތްތަކުން މިބާވަތުގެ ނުރައްކާތެރި ޖަރީމާތަކުގައި
'ސިޔާސީ ކުލަ' ޖައްސަން މަސައްކަތްކުރާ ކަމެވެ. ޚާއްޞަކޮށް
އިންޓަރނެޓުގައި ޚަބަރުފަތުރާ ސިޔާސީ ޕާރޓީތަކަށް ކެންޕޭން ކޮށްދޭ
ބައެއް ދިވެހި ވެބްސައިޓުތަކުން މިފަދަ ޖަރީމާތަކުގެ އަސްލު ސިފަ
ބަދަލުކޮށް، އެޖަރީމާތަކުގެ ފަހަތުގައިވަނީ ސިޔާސީ ޚިޔާލު
ތަފާތުވުންތަކަކަށް ހަދަން މަސައްކަތް ކުރާކަން ފާހަގަ
ކުރެވިފައިވެއެވެ.
މިސާލަކަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ދިވެހި ރައްޔިތުންގެ
ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީޕީ) ގެ ނައިބު ރައީސް އިބްރާހިމް
ހުސެން ޒަކީގެ ފިރިހެން ދަރިއަކު ކަމުގައިވާ ޙަމްދާން ޒަކީ
ސައިކަލެއްގައި ދަނިކޮށް ކާކުކަން ނޭނގޭ މީހަކު ސައިކަލެއްގައި
ދަމުން އޭނާ ގައިގާ ކަޓަރު އަޅާ ޒަޚަމްކޮށްލި މައްސަލާގެ
ޚަބަރުގައި އެމް.ޑީ.ޕީ ޕްރޮމޯރޓް ކުރާ 'ދިވެހިއޮބްޒާބަރ' ގައި
ލިޔެފައިވަނީ އެކަމަކީ ރައީސް މައުމޫނުގެ ކޮއްކޮ ޔާމީން ރާވައިގެން
ކުރުވާފައިވާ ކަމެއްކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި
އެމް.ޑީ.ޕީގެ ނައިބު ރައީސް އިބްރާހިމް ޙުސެން ޒަކީ އެސައިޓަށް
މަޢްލޫމާތު ދެމުން ބުނެފައިވަނީ " މިޙަމަލާއަކީ ސަރުކާރާ އިދިކޮޅު
ޙަރަކާތް ހިންގާތީ އަހަންނަށް ދިން ޙަމަލާއެއް. އެހެންވިޔަސް، މީގެ
ސަބަބުން އަހަރެން ރާއްޖެއަށް ޑިމޮކްރަސީއާއި މިނިވަންކަން
ގެންނަން މިކުރާ މަސައްކަތެއް ނުހުއްޓުވޭނެ. އެކަން ކުރުމަށްޓަކައި
ކޮންމެފަދަ ހޭދައެއް ކުރަންވެސް އަހަރުމެން އެންމެން މިތިބީ
ތައްޔާރަށް " (ދިވެހިއޮބްޒާވަރ ގައި އިނގިރޭސިބަހުން ލިޔެފައިވާ
ޒަކީގެ ބުނުމެއްގެ ތަރުޖަމާ) ކަމަށެވެ.
މާލޭގައި ހިނގި މިފަދަ ޖަރީމާއެއްގެ ސަބަބުން ދާދި އިހަށްދުވަހު 14
ވަރަކަށް އަހަރުގެ ކުޑަ ކުއްޖަކުވެސް ވަނީ މަރުވެފައެވެ.
އެހެންނަމަވެސް، އެކުއްޖާގެ މައިންބަފައިންނަކީ އެއްވެސް
ޙާލެއްގައި ސިޔާސީ ޕާރޓީތަކުގެ ލީޑަރުންނެއް ނޫނެވެ. އަދި މިނޫނަސް
މިފަދަ އެތައް ޖަރީމާއެއް، ތޫނު ހަތިޔާރު ނުވަތަ ކަޓަރުފަދަ ތަކެތި
ބޭނުންކޮށްގެން ހިންގިފައިވާކަން ފާހަގަކުރެވެއެވެ. މިއިން ކޮންމެ
ޖަރީމާއަކީ ސިޔާސީ ސަބަބުތަކެއްގެ ސަބަބުން ހިންގޭ
ޖަރީމާތަކެއްކަމަށް ދަޢުވާ ކުރެވޭނަމަ، މިބާވަތުގެ ކުށްތަތަކީ
ސިޔާސީ ކުށްތަކެއްކަމަށް ކުށް ކުރާ މުޖުރިމުންނަށް ހީވާން ފެށުމަކީ
ދުރުގައިވާ ކަމެއް ނޫނެވެ. އަޅުގަނޑު ހައިރާންވަނީ، މިފަދަ އެތައް
ޖަރީމާއެއް ފުލުފުލުން ހިނގަމުން ދަނިކޮށް، ސިޔާސީ ޕާރޓީއެއްގެ
ނައިބު ރައީސް ނޫހަށް އެފަދަ ތާކުންތާކު ނުޖެހޭ ބަޔާނެއް
ދެއްވީތީއެވެ. އަދި މިފަދަ ކޮންމެ ކަމަކީ ސިޔާސީ ކަމަކަށް ހަދަން
އެމް.ޑީ.ޕީން ނުސީދާކޮށް މަސައްކަތްކުރާތަން ފެންނަމުންދާތީއެވެ.
އެމް.ޑީ.ޕީގެ ސިޔާސީ ޙަރަކާތާއި، ކުށާއި ކުށްވެރިންނާއި ގުޅިފައިވާ
މިންވަރުގެ ތަފްސީލަކަށް ދާކަށް ނެތީމެވެ. އެހެންނަމަވެސް،
މިސިޔާސަތަކީ މުޖުތަމަޢުގައި މިފަދަ ޖަރީމާތައް ހިންގާ މީހުންނަށް
ދެވޭ ނުސީދާ ޙިމާޔަތެއްކަން ޤަބޫލުކުރަން ޖެހެއެވެ. އެހެނީ
އެމީހުން ހިންގާ މިފަދަ ބޮޑެތި ޖަރީމާތަކުގެ ޒިންމާ ސިޔާސީ
ޕާރޓީތަކުންނާއި ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުން ސަރުކާރު
ނުވަތަ ރައީސް މައުމޫނުގެ ބޮލުގައި އަޅުވާ އެޅުވުމަކީ،
ކުށްވެރީންނާއި އެވެރީންގެ ޖަރީމާތަކަށް ދެވޭ ހިތްވަރެއް ކަމުގައި
ނޫނީ ނުވާނެއެވެ.
ރާއްޖޭގެ އިޖުތިމާޢީ އަދި ސިޔާސީ މާހައުލަށް އަންނަމުން މިދާ
ނޭދެވޭ ބަދަލުތަކުގެ ކުރިމަތީގައި ދައުލަތުގެ ޤާނޫނީ
މުއައްސަސާތަކުން ހޭލާތިބުމަކީ ވަރަށް މުހިންމުކަމެކެވެ. ތަނުގެ
އަމާންކަން ހިފަހައްޓައި މިބާވަތުގެ ޖަރީމާތަކަށް ފުރުޞަތު ލިބިޔަ
ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އަޅަން
ޖެހޭނެއެވެ.
ވީމާ، މިފުރުޞަތުގައި އަމިއްލަ މަޤްޞަދުތަކެއް ޙާޞިލު
ކުރުމަށްޓަކައި ޖަރީމާތަކުގައި 'ސިޔާސީ ކުލަ' ޖައްސާ ފަރާތްތަކަށް،
އެމަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އިލްތިމާސް ކުރަމެވެ. އަދި
ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މިފަދަ ޖަރީމާތައް
ނައްތާލުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކެއް
އެޅުއްވުމަށާއި، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކާއިމެދު ޤާނޫނީ
ގޮތުން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅުތެއް އެޅުއްވުމަށް
ފަށްފަށުން ގޮވާލަމެވެ. ނިމުނީ! |