10 March 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

މޮޅު ވާހަކަދެއްކުންތެރިން ބޭނުންކޮށްގެން ޑީ.އާރު.ޕީން ޕްރޮޕަގެންޑާ މަސްހުނި މޮޑެނީ!
11/03/2006 | ނިޒާރު | އީ-މެއިލް
ސިޔާސީ ޕާރޓީއެއްގެ ކެމްޕޭނު ބައްދަލުވުމެއްގައި މައިކު ކުރިމައްޗަށް ހުއްޓިހުރެ، ވާހަކަދައްކަން ފެށިގޮތަށް، ދައްކަންއައި ހުރިހާ ވާހަކައެއް އެއްފަރާތްކޮށް، ތިމަންނާ ދައްކާނީ ޙައްޖުގެ ވާހަކައޭ ބުނުމަކީ، 'ހާޒިރުކުރެވިފައިތިބި' މީހުންގެ ސަމާލުކަން ދަމައިގަތުމަށް މުޙަންމަދު އިކުރާމު ބޭނުންކުރި ވާހަކަދެއްކުންތެރިކަމުގެ ހީލަތެކެވެ. ޙައްޖު މޫސުމުގައި މައްކާމަދީނާގައި މީހުން ތޮއްޖެހި، މަރުގެ ޙާދިސާތައް ހިނގުމުގެ މައްސަލައިގެ ޙައްލަކީ އަހަރަކު ދެފަހަރު ޙައްޖުވުންކަމަށް، މިނިވަން ދިރާސާއެއްކުރި މިނިވަން ޚިޔާލެއްގެ ބަޔަކު ހުށަހެޅިކަމަށް އޭނާ ބުނި ވާހަކައަކީ ކަނޑައެޅިގެން ދޮގެކެވެ. އިކުރާމަކީ މަދުރަސީ ޙަޔާތުންސުރެ، ދޮގު މަޢުލޫމާތު ބޭނުންކޮށްގެން، އޭނާ ދައްކާ ވާހަކަ، އަޑުއަހާމީހުންގެ ކަންފަތްތަކަށް ޤަބޫލުކުރަން ފަސޭހަ ގޮތަކަށް އިއްވައިދީފައިވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އޭނާއަކީ، ލިބިފައިވާ ވާހަކަދެއްކުމުގެ ހުނަރުގެ ބޭނުންކޮށްގެން މީހުންނަށް އޮޅުވާޅުމުގެ ޤާބިލުކަން ލިބިފައިވާ، ހުނަރުވެރި އަދި ތަޖުރިބާކާރު ހީލަތްތެރިއެކެވެ. އޭނާގެ ވާހަކައިން މޮޑޭ، ވިހަ މަސްހުނިގަނޑު ކާންދީގެން އޭނާއާއިއެކު އުޅެފައިވާ އެތައް މީހަކަށް ކެހިދީފައިވާ 'ލަދުކުޑަ' އާދަމުގެދަރިއެކެވެ. އަޅުގަނޑަކީ އޭނާގެ މަދުރަސީ ޙަޔާތުގެ ބައިވެރިޔަކީމެވެ. އޭނާގެ އުޅުމާއި ސުލޫކު، ގާތުންނާއި ދުރުން ދެކެފައިވާ މީހަކީމެވެ. މަޢްހަދުއް ދިރާސާތިލް އިސްމިއްޔާގެ ކުރީގެ ޑިރެކްޓަރ ޖެނެރަސް އަލްއުސްތާޒު އިބްރާހިމް ރަޝީދު މޫސާއިން ފެށިގެން އެ މުއައްސަސާގެ އެންމެހާ މުވައްޒަފުންނާ، އޭނާއާއިއެކު ކިޔެވި ދަރިވަރުންނަށް ދާންދެން އަޅުގަނޑުގެ މިވާހަކަތަކަށް ހެކިދޭނެއެވެ. އެންމެފަހުން ނިމިގެންދިޔައީ ޙާޞިލުކުރި ތަޢްލީމީ ސެޓްފިކްޓުގެ ނަތީޖާ އަމިއްލައަށް ބަދަލުކުރި މައްސަލައިގާ ޝަރީޢަތުންކުރެއްވި ޙުކުމަކާއި ގުޅިގެން ލިބުނު ޤާނޫނީ އަދަބަކުންނެވެ. އަރުވާލުމަށް ކުރެވުނު ޙުކުމް ތަންފީޒުކޮށް ނުނިމެނީސް، ރައީސުލް ޖުމްހޫރިއްޔާ މަޢާފްދެއްވައިގެން އޭނާ މިނިވަންވުމުން، އަނެއްކާ އެނބުރި ރުޖޫޢަވީ ކުރިން މޮޑެމުންއައި މަސްހުނިގަނޑު މޮޑެ، އައު މީހުންނަށް ކާންދޭށެވެ. އެހެންއުޅެ، އައްޑުވަސް ނޫހުގައި މަސައްކަތްކުރި ދުވަސްވަރު އޭގެ ފައިސާއަށް ޚިޔާނާތްތެރިވެ، އައްޑުވަސް ބަނގުރޫޓުކޮށްލާ، އެތަނުން ފިލައިގެން ގޮސް، މާލޭގައި ސައިކަލުގެ ވިޔަފާރިކުރާ ބަޔަކަށް އޮޅުވާލައިގެން، ޤާނޫނީ ޢިލްމުވެރިއަކަށްވެގެން އުޅުނުއުޅުމުގައި، އެތަނަށްވެސް ޚިޔާނާތްތެރިވެ، ބައެއް ރައްޓެހިންގެ އަތުން ސައިކަލު ނަގައިދިނުމުގެ ނަމުގައި ހާހުން ފައިސާ އަތުލާ، އެފައިސާއަށްވެސް އޭނާވަނީ ޚިޔާނާތްތެރިވެފައެވެ. މިކަހަލަ އެތައް ކަމެއް އޮލަ ވާހަކަގަނޑެއް ދައްކައިގެން އޭނާ ކޮށްފައިވެއެވެ. އެހެންނަމަވެސް މަކަރާއި ހީލަތަށް އަރާހުރި މީހަކަށްވާތީ، އޭނާ ގޮވައިގެން ޝަރީޢަތަށް ދިއުން އޮތީ އުނދަގޫކަމަށްވެފައެވެ.
ކޮންމެއަކަސް، މިކަހަލަ ތަޖުރިބާކާރު ކުޅަދާނަ މަކަރުވެރިއެއްގެ އެހީއަކީ އަދުގެ ސަރުކާރުން ހިންގާ ރައްޔިތުންގެ 'ބޯކާލުމުގެ' ޕްރޮގްރާމަށް ކޮންމެހެން ބޭނުން އެއްޗަކަށްވާނެއެވެ. ޑީ.އާރު.ޕީގެ ލޮބުވެތި ޒަޢީމުގެ އިޚްލާޞްތެރި ޕްރޮޕަގެންޑާ ހިންގެވުމަށްޓަކައި މިފަދަ ދޫހެލޭ، މަކަރުވެރި، އަދި ފޯރިގަދަ ވާހަކަދެއްކުންރިއަކީ ނިކަމެތި މަސްވެރިއަކަށް ހޮވޭ މާވަހަރަކަށްވުރެ އަގުހުރި އެއްޗަކަށް ވާނެކަން އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. ހުޅުމާލޭގައި އެންމެފަހުން ބޭއްވުނު ޑީ.އާރު.ޕީގެ ޢާއްމު ބައްދަލުވުމުގައި އިކުރާމުގެ ވާހަކަ އަޑުއަހަންތިބި މީހުން ފޫހިކަމެއްނެތި އަޑުއަހާ އަތްޖަހާ ހެދިޔަސް، އޭނާ ދެއްކި ވާހަކައަކީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ސިޔާސީ އިޞްލާޙީ މަސައްކަތަށް އެއްވެސް ފައިދާއެއްހުރި ވާހަކަތެއް ނޫނެވެ. އިދިކޮޅު ޕާރޓީގެ ބަލިފައިތަކުގެ ވާހަކަތައް މަކަރުވެރި ޞީޣާއަކުން ގެނެސް، އަށާވިސްއަހަރުގެ ޚުދުމުޚްތާރުވެރިކަން ޙިމާޔަތްކުރަން އޭނާ ދެއްކި ވާހަކަތަކަކީ އޭނާގެ ނަފްސު، ކުޑަ ފައިސާކޮޅަކަށް ވިއްކާލައިގެން، ރައްޔިތުންނަށް އޮޅުވާލާ، ޙަޤީޤަތް ފޮރުވުމުގެ ބޭނުމުގައި ދެއްކި ޙީލަތްތެރި ވާހަކަތަކެކެވެ.
މިފުރުޞަތުގައި ދިވެހި ދަރީންނަށް އަޅުގަނޑު ގޮވާލަނީ މިފަދަ މަކަރުވެރީން ކުރިއަށް ނެރެގެން އަޅުގަނޑުމެންނަށް އޮޅުވާލުމަށް ސަރުކާރުން މޮޑޭ ވާހަކައިގެ ވިހަ މަސްހުނިގަނޑު ކެއުމުގެކުރިން، ގެންގުޅޭ ބުޅަލަށްވިޔަސް ކާންދޭށެވެ. އެ ބޭނުނުކުރަނީ ވިހަގަދަ ހަތިޔާރެއްކަން ޤަބޫލުކުރައްވާށެވެ. އެމީހުން ކިޔާ ލަވައިން އަޅުގަނޑުމެންގެ ސިކުނޑިއާއި ނަފްސު ރޯނާވިޔަ ނުދެމާތޯއެވެ! އެމަސްހުނިގަނދުކައިގެން ވިހަވެއްޖެނަމަ، ޤައުމުގެ މުސްތަޤްބަލާއިމެދު އަޅުގަނޑުމެން މިކުރާ އުންމީދުތައް ވިއްސިވަހާލިވެގެން ހިނަގައިދާނެއެވެ. ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved