02 April 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

ރާއްޖޭގައި ޕާރޓީ ސިސްޓަމެއް ނެތް! ކިނބިގަސްދޮށުގޭ މައުމޫނު ޕާރޓީއަކީ ވެރިކަން 'ފޭރިގަނެގެން' އުޅޭ ޕާރޓީއެއް!
02/04/2006 | މ. ޙުސައިން |އީ-މެއިލް
ޚުދުމުޚްތާރު އުސޫލުން ރާއްޖޭގައި ހިނގަމުންއައި ވެރިކަމާ ދެކޮޅަށް ދިވެހިރައްޔިތުން އުފުލި އަޑުތަކެއްގެ ނަތީޖާއަކަށްވީ، ޑިމޮކްރަސީގެ ނަމުގައި ރައީސް މައުމޫނު ނެރުއްވި ރިޔާސީ ޤަރާރަކުން ރާއްޖޭގައި ޕާރޓީ ސިސްޓަމެއް އުފެދިގެން ދިޔުމެވެ. ޕާރޓީ ސިސްޓަމެކޭ ކިޔަސް، ކަމަކީ އޭގެ ސިޔާސީ، އަދި ޑިމޮކްރެޓިކް ޠަބީޢަތަށް ބަލާއިރު، ދެއުޅިއެއްނުވާ، ވެރިކަން ދެމެހެއްޓުމުގެ ބަހަނާއެކެވެ.
ރައީސް މައުމޫނު ރިފޯމް އެޖެންޑާއެއް ހުށަހެޅުއްވިޔަސް ނޭޅުއްވިޔަސް، އަދި ޕާރޓީ ސިސްޓަމެއް އުފެއްދެވުމުގެ ނަމުގައި ރިޔާސީ ޤަރާރެއް ނެރުއްވިޔަސް ނުނެރުވިއްޔަސް، ރިފޯމް އެޖެންޑާއަކާއިއެކު އޭރު ރާއްޖޭގައި ޕާރޓީއެއް އުފެދިފައިވާކަން ޤަބޫލު ނުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، 'އެމް.ޑީ.ޕީ' އެއްގެ ނަމުގައި ސިޔާސީ ޕާރޓީއެއް އުފަންވެ، ޑިމޮކްރަސީއާއި ސިޔާސީ ޕާރޓީގެ ރޫޙު ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެނިގެންދިޔައީ އެއްވެސް ޙާލެއްގައި ސަރުކާރުން ޑިމޮކްރެޓިކް އިޞްލާޙުތަކެއް ގެންނަން ބޭނުންވެގެން ނޫނެވެ.
ކޮންމެ ތަނެއްގައިވެސް ދައުލަތް ހިންގުމާއި ދައުލަތުގެ ބާރުތައް ކަނޑައަޅާ ދައުލަތުގެ މުއައްސަސާތައް ހިންގުމުގެ އިން ކަނޑައަޅަނީ އެތަނެއްގައި އޮންނަ އަސާސީ ޤާނޫނުންނެވެ. ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނުއަސާސީއަކީ، ސިޔާސީގޮތުން ދިވެހި މުޖުތަމަޢު ޣާފިލު ނިންޖެއްގައި ވަނިކޮށް ރައީސް މައުމޫނުގެ ފުރިހަމަ ނުފޫޒާއި ބާރު އޮތް މަޖްލީހަކުން ހަދާ، ފާސްކޮށްފައިވާ ޤާނޫނުއަސާސީއެކެވެ. އެކަމުގެ އެންމެ ފުރިހަމަ ހެއްކަކީ، އޭގައި ދައުލަތުގެ މައިގަނޑު ބާރުތައް ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވުމެވެ. އަދި ރައީސް މައުމޫނުގެ ވެރިކަމަކީ ރަސްކަމެއް ފަދައިން ދިގުދެމިގެން ގޮސްފައިވާ ވެރިކަމަކަށް ވެފައިވުންވެސް މެއެވެ.
ކޮންމެއަކަސް، މިދެންނެވި ހީލަތް ހަދައިގެން ބަޔަކުމީހުން ހަތާވީސް އަހަރު ވަންދެން، އެއްވެސް ދާޚިލީ ސިޔާސީ ޕްރެޝަރެއް ނެތި، ޚުދުމުޚްތާރު ޢާއިލީ ވެރިކަމެއް ހިންގަމުން ދަނިކޮށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލަކީ 'އެމް.ޑީ.ޕީ' ގެ ނަމުގައި ރާއްޖޭގެ އެތެރޭންނާއި ބޭރުން ހިނގައިގަތް ސިޔާސީ ޙަރަކާތެވެ. އެ ޙަރަކާތުގެ ސަބަބުން ރައީސް މައުމޫނުގެ ސިޔާސަތުގެ ބޭރުފުށުގެ ފޭރާމަށް ބަދަލުތަކެއް ގެނެސްފައިވާކަން ޤަބޫލުކުރިޔަސް، އޭގެ އެތެރެ އޮތީ އޮތްގޮތަށް ކަމާއިމެދު ޝައްކެއް ނުކުރަމެވެ.
ބައިނަލް އަޤްވާމީ ސިޔާސީ މަސްރަޙުގައި ބަޙުސްކުރެވޭ ޑިކްޓޭޓަރުންގެ ލިސްޓުގައި ރައީސް މައުމޫނުގެ ނަންފުޅު ހިމެނިގެން ދިޔުމަކީ ކައްވަޅަށް ދާންދެން ވެރިކަން ދެމެހެއްޓުމަށް ކުރެހިފައިވާ "މަގުޗާރޓު" ކުރިޔަށް ގެންދިޔުމަށް އެޅިގެންދިޔަ ހުރަހެކެވެ. އެހެންކަމުން މަލްޓި ޕާރޓީ ޑިމޮކްރަސީއެއްގެ ވާހަކަ ދެއްކެވުމާއި، ޑީމޮކްރެޓިކް އިޞްލާޙުތަކެއްގެ ވާހަކައަކާއި، ރިފޯމް ޕްރޮޕޯސަލަކާއި، އޭގެ މަގުޗާޓެއްގެ ވާހަކަ ދެއްކެވުމަކީ މަލަމަތި ރީތިކުރައްވައި، މޭކަޕް ބަދަލުކޮށްލެވުމަށް ކުޅުއްވާ ސިޔާސީ ކުޅިގަނޑެކެވެ.
ޕާރޓީ ސިސްޓަމެއް އުފެދިފައިވާކަމަށް އަޅުގަނޑުމެންނަށް ހީވެފައިވާއިރު، އެކަށީގެންވާ ފުޅާ ދާއިރާއެއްގައި ޕާރޓީތަކުގެ ސިޔާސީ ޙަރަކާތްތައް ހިންގޭކަށް ނެތެވެ. ކްލަބް ޖަމްޢިއްޔާ ހިންގާ އުސޫލުން ސިޔާސީ ޕާރޓީތަކެއް ހިންގުމަކީ ވާނެކަމެއް ނޫނެވެ. އިންތިޚާބަކާއި ނުލާ ވަކި ޕާރޓީއަކުން ވެރިކަން ފޭރިގަތުމަކީ ޑިމޮކްރެޓިކް ސިޔާސީ ނިޒާމެއްގެ ހިޔަލުގައި ވެގެންވާނެ ކަމެއް ނޫނެވެ. ދުސްތޫރީ އެއްވެސް އަސާސެއްނެތި ވެރިކަންކުރާ ޕާރޓީއަކީ ރައީސް މައުމޫނުގެ ޑީ.އާރު.ޕީ ކަމަށް އެޕާރޓީން ކުރާ ދަޢުވާއަކީ ޙަޤީޤީ އިޞްލާޙެއް ރާއްޖޭގެ ސިޔާސީ ނިޒާމަށް އައިސްފައި ނުވާކަމުގެ އަލިގަދަ ހެއްކެކެވެ. ރައީސް މައުމޫނު 'އަޅުގަނޑުމެންގެ މީހުންނަށް މަޖްލިސްތަކުގައި އަޣްލަބިއްޔަތު އޮތުމުން އެހެން ޕާރޓީއަކާއި ނުލާވެސް ކަންތައްތައް ހިނގިދާނެކަމަށް' އެވިދާޅުވާ ވިދާޅުވުމަކީވެސް އޭނާގެ ބޭރުފުށުގެ ފޭރާމުގެ ކުލަ ބަދަލު ކުރެއްވިޔަސް، އެތެރެފުށުގެ ފޭރާމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމުގެ ހެއްކަކަށް ނުފުދޭތޯއެވެ؟ ކިނބިގަސްދޮށުގޭ މައުމޫނުގެ ޑީ.އާރު.ޕީ އަކީ ސަރުކާރުގެ ބާރުތައް ބޭނުންކޮށްގެން ވެރިކަން ފޭރިގަނެގެން އުޅޭ ޕާރޓީއެއް ނޫން އެހެން އެއްޗަކަށް ވާނެތޯއެވެ؟  ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved