10 February 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

EDUCATION & ARTS

 

ގްރޭޑް އެކެއްގެ އިނގިރޭސި މުޤައްރަރުގައި ބައްތިރީސް ކުށް - 'އެއީ ކުޑަ މިސްޓޭކެއް'

10/02/2006 | ދިޕޮލިޓިކްސް
ދިވެހިރާއްޖޭގެ ތަޢްލީމާ ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން، ދިވެހި ތުއްތު ކުދީންނަށް ކިޔަވައިދޭން ހެދިފައިވާ އިނގިރޭސި މުޤައްރަރު 'އިންގްލިޝް ފޮރ އަސް' ގައި ހުރި އިނގިރޭސި ބަހުގެ ކުށްތަކުގެ އިތުރުން، އަކުރުތައް ތަރުތީބުކޮށްގެން ބަސް ހަމަޖައްސަން ދީފައިވާ ބައިގާ، ކީރިތި ޤުރުއާނުގެ ފޮޓޯއެއް ކުރަހާ، އެފޮޓޯއާއި ދިމާގައި "އައުގްރާން" މިހެން ލިޔެފައި އޮތުމަކީ ކީރިތި ޤުރުއާނަށް ކުރެވިފައިވާ ފުރައްސާރައެކެވެ. ސަބަބަކީ އެގޮތަށް އަކުރު އޮޅުވާލައިގެން ލިޔެފައިވާ ބަހުގެ އަކުރުތައް ތަރުތީބުކޮށްގެންވެސް އިނގިރޭސިބަހުގައި 'ޤުރުއާން' ލިޔާގޮތަށް ލިޔެވެން ނެތީތީއާއި، އެލިޔެފައިވާ ބަހަކީ ދިވެހި ބަހުގައި ދުލުން ކިޔާ ހަޑިހުތުރު އެއްޗެއްސަށް ކިޔާ ދިވެހި ބަސް 'އައުގުރާނަ' އާއި ދާދި އެއްގޮތަށް ލެޓިނުން ލިޔެފައިވާ ބަހަކަށް ވާތީއެވެ. އަދި މީގެއިތުރުން ބާޒާރުމަތީ ބަހުރުވައިން އެބަސް ބަދަލުކޮށްގެން މިފަހަކަށް އައިސް 'އައުގުރުއާނޭ' ކިޔުން، މުޖުތަމަޢުގެ އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ ފަންތީގައި ޢާންމުވެފައި އޮންނާތީވެސް މެއެވެ.
މިހުރިހާ ވާހަކަ އެކަހެރިކޮށް ދަންނަވަން ޖެހެނީ، އެގޮތަށް އަކުރު ތަރުތީބުކޮށްގެން ބަސްހަދަން ދޭއިރު، ﷲ ގެ ކަލާމްފުޅުގެ ނަން، އަކުރު އޮޅުވާލައިގެން ދިވެހި ބަހަކަށްވާގޮތަށް ގެނައުމަކީ އެވަރުގެ ތުއްތު ކުދިބަޔަކަށް އުނގަންނައި ދިނުމުގައި ބޭނުންކުރަން އެކަށީގެންވާ ބަހެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ޙަޤީޤަތުގައި އެބަހަކީ އިބގިރޭސި ބަހެއްވެސް ނޫނެވެ. އެއީ އިގިރޭސިބަހުގައިވެސް ބޭނުންކުރެވޭ ޢަރަބި ބަހެކެވެ. ނުވަތަ ޢަރަބި ބަހުން އިނގިރޭސި ބަހުގެ ތެރެއަށް ވައްދައި، އިނގިރޭސި ކުރެވިފައިވާ ބެހެކެވެ.
ފޮތްތަކުގައި ކުށް ހުރުމަކީ އޭގެ ޠަބީޢަތުގައި ވަރަށް ޢާންމު ކަމެކެވެ. އެހެންނަމަވެސް، މިޒަމާނުގެ ތަޢްލީމީ މުއައްސަސާތަކުން ކިޔަވައިދޭ މުޤައްރަރުގެ ގޮތުގައި ތައްޔާރު ކުރެވޭ ފޮތްތަކުގައި ކުށް ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ޚާއްޞަކޮށް ތުއްތު ކުދީންނަށް ބަސް ކިޔަވައިދޭން ހެދިފައި ހުންނަ އާދައިގެ މުޤައްރަރުތަކުގައި ބައްތިރީސް ކުށް އޮތުމަކީ މިޒަމާނުގެ ޒިންމާދާރު ނިޒާމެއްގައި އެއްގޮތަކަށްވެސް ޤަބޫލުކުރެވޭ ކަމެއް ނޫނެވެ.
ތަޢްލީމާ ބެހޭ ވުޒާރާގެ ދަށުން ހިންގާ އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓު ސެންޓަރު(އީ.ޑީ.ސީ) ގެ އެސިސްޓެންޓް ޑިރެކްޓަރ މިމައްސަލާގައި 'ހަވީރު' ގެ ނޫސްވެރީންނާ ވާހަކަވަމުން 'އެއީ މިސްޓޭކަކުން ވެފައިވާ ކަމެކޭ، އެކަމުގެ ޒިންމާ އަޅުގަނޑުމެން ނަގަމޭ، އެއީ މާބޮޑު ކަމެއް ނޫނޭ، ފޮތްތައް ހިފަހައްޓާކަށް ނުޖެހޭ ކަމަށާއި، އެކަން މިހާރު މިދަނީ އިޞްލާޙު ކުރަމުންކަމަށް' ވިދާޅުވުމުން ހީވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ފަރުވާކުޑަކަމުން ކުރިމަތިވާ މިފަދަ ބޮޑެތި ގެއްލުމާއި ހަލާކަކީ މާބޮޑު ކަމަކަށް ނުހަދާ މަތި އޮމާންކޮށްލަން މަސައްކަތް ކުރާހެންނެވެ. އެއީ 'މިސްޓޭޓެކޭ އެކަމުގެ ޒިންމާ އަޅުގަނޑުމެން ނަގަމޭ' ބުނާބަހުގެ މާނައަކީ ކޮބައިބާއޭ ހިތަށް އަރައެވެ. ފަރުވާކުޑަކުރި މުވައްޒަފުންނާއިމެދު ފިޔަވަޅު އަޅާނެކަމަށް ބުނާ ބަހުގެ މާނައަކީ ކޮބައިބާއޭވެސް ހިތައް އަރައެވެ. އެބުނާ ފިޔަވަޅެއް އެޅިތަނެއް ދުވަހަކުވެސް ފެންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެބައި މިހާރު އެއޮތީ ފުރިހަމަވެ ނިމިފައެވެ.
ޢާންމު ރައްޔިތުންގެ ފައިސާއިން މިވެރީން 'ހޭވި ހަޑި' ގެނެ، އެތަކެތި ދަރީންނަށް ގިރާ ބޯންދީ ނިމުމުންވެސް، އެއީ މާބޮޑު މައްސަލައެއް ނޫންކަމަށް ނުވަތަ "އިޓްވޯޒް ޖަސްޓް އަ ސިމްޕްލް މިސްޓޭކް" އޭ ބުނެލުމަކުން ނުފުދޭނެކަން ސަރުކާރުން ހަނދާކުރަން ޖެހޭނެއެވެ. ރައްޔިތުންގެ ޚިދުމަތުގައި އޮތް ސަރުކާރެއްގެ މަސްއޫލިއްޔާތާއި ވާޖިބު އަދާ ކުރުމަށް ނުކުޅޭދޭ 'ޝަކީއްބެ" މެން ފަދަ ވަޒީފާގެ ޒިންމާ ނުއުފުލޭ، ފަރުވާކުޑަ މުވައްޒަފުންނާއިމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެއެވެ. އަދި އެފަދަ މީހުންނަށް އަދާކުރެވޭ ފެންވަރުގެ، ރޯދަކުރުކުރުމުގެ ނަމުގައި ފޮނުވާ، ޓީވީ ކުޅިވަރު ޕްރޮގްރާމް ހުށަހެޅުންފަދަ ވަޒީފާތައް ޙަވާލުކުރުމުން ފުދޭނެއެވެ. ރައްޔިތުންނަށް ހަރާން ކޯރުވުމަށްފަހު، ކުޑަމިނުން މަޢާފު އެދުމެއްވެސްނެތި، އަނގައިން ޒިންމާ ނަގާ އުސޫލުން ސަރުކާރު ހިންގުވާކަށް އަދުގެ ދިވެހީން ބޭނުން ނުވާކަން ދިވެހި ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް ފަށްފަށުން ހަނދާންކޮށްދެމެވެ. ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved