|
ވަޒީރުންނަށް ޤާނޫނުގެ ބާރު އެނގިވަޑައިނުގަތުމަކީ ނުރައްކާތެރި
މައްސަލައެއް!
17/01/2007
|
އަލްޙާން
ފަހްމީ
ޖަސްމިނިސްޓްރީން ހެއްދެވި އަބުރާ ބެހުމުގެ 'ކުށުގެ' މަދަނީ ބަދަލު
ނަގައިދިނުމާއިބެހޭ ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށް ޖަސްޓިސް
މިނިސްޓަރ ތައްޔާރުވަމުން އެވަޑައިގަންނަވަނީ، ގިނަ
ފާޑުކިޔުންތަކެއް އެޤަވާޢިދާ ކުރިމަތިވެފައި ވަނިކޮށެވެ. ޤާނޫނު
ހެދިފައި ހުނަންވާނީ ޤާނޫނު އަސާސީއާއި ޚިލާފުނުވާ ގޮތަށްކަމާއި،
ޤާނޫނު ތަންފީޒުކުރުމަށް ހެދޭ ޤަވާޢިދުތައް ޤާނޫނުއަސާސީ އާއި
ޤާނޫނާއި ޚިލާފުވެގެން ނުވާނެކަމާއި، ދައުލަތުގެ ޤާނޫނު ހެދުމުގެ
ބާރުގެ މަސައްކަތަކީ ތަންފީޒީ ބާރުގެ މަސައްކަތާއި ވަކިކުރެވި،
މިނިވަން ކުރެވިފައިވާ މަސައްކަތެއްކަން ޖަސްމިނިސްޓަރ، ޖަމީލަށް
އެނގިވަޑައިނުގެނެވުމަކީ، އިޝާރާތްމިކުރި ޤަވާޢިދާއިގުޅިގެން
ދިމާވެފައިވާ މައްސަލަތަކާއި، ކުރިމަތިވަމުންދާ ފާޑުކިޔުންތަކުގެ
ސަބަބުކަމަށް ޤަބޫލުކުރެވެއެވެ.
|
މިނޫހުން މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޒް މުޙަންމަދު
ޖަމީލާއި ސުވާލުކުރުމުން ވިދާޅުވެފައި ވަނީ ދިހަމަސް ދުވަސް
ވަންދެން ކެބިނެޓުގައި ބަހުސްކުރެވުނު ގަވާއިދަކާއި ބެހޭ
މައުލޫމާތު ވަޒީރު ބޭފުޅަކު އެގިވަޑައި ނުގަންނަވާ ކަމަށް
ވިދާޅުވާނަމަ އެކަމާއިމެދު ހައިރާންވެ ވަޑައިގަންނަވާ
ކަމަށެވެ.
އަބުރާބެހޭ ގަވާއިދަށް އަމަލު ކުރަށް ފެށުމުން
ނޫސްވެރިންނަށްވެސް އިތުރު ހިމާޔަތެއް ލިބިގެންދާނެކަމަށާއި
އަބުރާބެހުމުގެ ކުށް ކޮމަންވެލްތު ގައުމުތަކުގައިވެސް ބަލަނީ
މަދަނީ ކުށެއްގެ ގޮތުގައި ކަމަށާއި ރާއްޖޭގައިވެސް އެފަދަ
ވެއްޓެއް ގާއިމުކުރަން ބޭނުންވީ ކަމަށެވެ. އަދި އަބުރާބެހޭ
ޤާނޫނުނެއް މިހާރުވެސް އެބައޮތް ކަމަށާއި އަބުރާބެހޭ ގާނޫނުލް
އުގޫބާތައް އަމަލުކުރަން ފަށައިފި ނަމަ ކޮންމެސް
މަރުހަލާއެއްގައި ކުށުގެ އަދަބު ލިބިގެންދާނެ ކަމަށާއި،
މަދަނީކުށެއްގެ ގޮތުގައި މިގަވާއިދަށް އަމަލުކުރަން ފެށުމުން
ފަރުދުންގެ މެދުގައި ވާހަކަދެކެވިގެން އެކަންކަން
ހައްލުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ
- ހާމަޑެއިލީ - |
ވާތްފަރާތުގައި
ނަކަލުކުރެވިފައިއެވަނީ 'ހާމަ' ނޫހުން
މިޤަވާޢިދާއި
ގުޅިގެން އިންފޮމޭޝަން މިނިސްޓަރ ނަޝީދު އާއި ޖަސްޓިސް މިނިސްޓަރ
ޖަމީލާއި ދެބޭފުޅުންގެ ދެމެދުގައި ހިނގަމުންދާ 'ކޯޅުމުގެ' ތަޙްޤީޤު
ކުރުމު ގެތެރޭގައި، އެނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން
ޖަސްޓިސް މިނިސްޓަރ ވިދާޅުވެފައިވާކަމަށް އެނޫހުގެ ވެބްސައިޓުގައި
ޝާއިޢުކޮށްފައިވާ ވާހަކައެކެވެ.
ކޮމަންވެލްތު
ޤައުމުތަކުގައި އަބުރާއިބެހުން ކޮންމެގޮތަކަށް މާނަ ކުރެވިފައި
އޮތަސް، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި އަބުރާބެހުން
މާނަކޮށްފައިވާ ގޮތަކަށް އަސަރެއް ނުކުރާނެއެވެ. ދިވެހިރާއްޖޭގެ
ޤާނޫނުލް ޢުޤޫބާތުގައި އަބުރާބެހުމަކީ ޖިނާއީ ކުށެކެވެ. އެކުށަށް
އަރައިގެންފި މީހާއަކީ ޤާނޫނުގެ ކުރިމަތީގައި ކުށްވެރިއެކެވެ. އަދި
އެކުށުގެ ސަބަބުން ގެއްލުންލިބޭ ފަރާތަށް އެ ގެއްލުމުގެ ބަދަލު،
އެޤާނޫނުގައި ބުނެފައިވާ ގޮތަށް، އެމިންގަނޑުން ހޯދައިދޭން
ޖެހޭނެއެވެ.
މިނިސްޓަރ ޖަމީލު ބޭނުންފުޅުވަނީ މިމައްސަލާގައި ކޮމަންވެލްތުގައި
އޮންނަފަދަ ވެއްޓެއް، ރާއްޖޭގައި ޤާއިމުކުރައްވަން ކަމަށްވާނަމަ
އެކަން ކުރައްވަންޖެހޭ ދުސްތޫރީ އަދި ޤާނޫނީ އުސޫލުން އެކަން
ކުރައްވަން މަސައްކަތްކުރެއްވުމަކީ މައްސަލައެއް ނޫނެވެ. އެބަހީ،
ޤާނޫނުލް ޢުޤޫބާތުގެ އަބުރާބެހުމުގެ ކުށާއިބެހޭ މާއްދާއަށް
ބަދަލުގެންނަވާ، ކޮމަންވެލްތު ޤައުމުތަކުގައި އޮންނަ ގޮތަށް
ރާއްޖޭގެ ޤާނޫނުގައި އެޢަމަލު ސިފަކުރާނަމަ އެކަން ކުރައްވަންވާނީ
ރައްޔިތުންގެ މަޖްލީހަށް ހުށަހަޅުއްވައިގެން، އެމަޖްލިސް
މެދުވެރިކޮށެވެ.
އެހެންނަމަވެސް
އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މިދަންނަވާގޮތަށް ނޫނެވެ.
ޤާނޫނެއް އޮތަސް، ޤާނޫނާއި ޚިލާފަށްވިޔަސް، އެމަނިކުފާނަށް
ހީފުޅުކުރެއްވިފައި މިއޮތީ، ޖަސްޓިސް މިނިސްޓަރުގެ ހައިސިއްޔަތުން،
ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ފެނިވަޑައިގެންނެވި ގޮތަކަށް
ބަދަލުތައް ގެންނެވިދާނެކަމަށެވެ. މިނިސްޓަރ ޖަމީލު ހާމަނޫހަށް
ދެއްވާފައިވާ އިންޓަރވިއުއިން، މިދަންނަވާ ގޮތަށް އެމަނިކުފާނު
ވިސްނާވަޑައިގަންނަވާކަން މިއޮތީ ސާބިތުވާށެވެ.
ކޮންމެއަކަސް
ދައުލަތުގެ ވަޒީރުންނަށް ޤާނޫނަށް އިޙްތިރާމްކުރައްވަން
އެނގިވަޑައިނުގަތުމަކީ ވަރަށް ނުރައްކާތެރި މައްސަލައެކެވެ. ޤާނޫނީ
ނިޒާމަށް އިޙްތިރާމް ކުރުމާއި، އެއާއި އެއްގޮތަށް
ޢަމަލުކުރެއްވުމުގެ ޤާބިލުކަން އެބޭފުޅުންގެ ފަރާތްޕުޅުން
ނުފެންނަނަމަ، ޤާނޫނުގެ ބާރު ކެނޑި، ޚުދުމުޚްތާރު އުސޫލުތައް
ޤާނޫނުގެ މައްޗަށް އިސާހިތަކު ގަދަވެގެންފާނެއެވެ. މިކަންކަން
އިޞްލާޙުކުރުމުގައި ވަޒީރުން އައްޔަންކުރައްވާ ފަރާތްޕުޅުގެ
ޒިންމާ، ކުޑަ ނުވާނެކަން މިފުރުޞަތުގައި އެފަރާތަށް ހަނދުމަކޮށް
އަރުވަމެވެ.
ނިމުނީ!
|