|
މިޞްރުގައި
ކިޔަވާ 100 އަށްވުރެ ގިނަ ދިވެހި ކިޔަވާކުދިންނަށް ދޫނި ރޯގާގެ
ބިރު - ދިވެހި ސަރުކާރު ކަހެރުވަކެކޭވެސް ހިތަށް ނާރާ!
21/02/2006
| ދިޕޮލިޓިކްސް
މިޞްރުގެ ޤާހިރާއަކީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން 100
އަށްވުރެ ގިނަ ދިވެހީން ކިޔަވާ ކުދިން ކިޔަވަމުންދާ ތަނެކެވެ. މުޅި
ދުނިޔެއަށް ބޮޑު ވަބާއަކަށް ވެދާނެކަމުގެ ބިރު އުފެދިފައިވާ ދޫނި
ރޯގާ، ޤާހިރާގައި ފެތުރުމުގެ ޢަލާމާތްތައް ފެނި، އެކަމުގެ ބިރު
އިތުރުވަމުން ދާއިރު، ދިވެހި ސަރުކާރުން މިޞްރުގައި ތިބޭ ދިވެހި
ކިޔަވާކުދިންގެ ޞިއްޙީ ރައްކާތެރި ކަމަށްޓަކައި އެއްވެސް
ފިޔަވަޅެއް އަދި އަޅާފައި ނުވެއެވެ. ރައީސުލް ޖުމްހޫރިއްޔާ
އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމް - ޑީ.އާރު.ޕީގެ ޒަޢީމު -
ގެ ޝަރަފުގެ ކޯހުގައި ކިޔަވާ ކުދިން ނޫން އެހެން އެއްވެސް
ކުއްޖަކަށް ޞިއްޙީ ކަންކަމާއިބެހޭ ޚަރަދުތައް ދިނުމަކީވެސް އޮންނަ
ކަމެއް ނޫނެވެ. އަސާސީ މިފަދަ ޚިދުމަތްތައް ކިޔަވާކުދިންނަށް
ފޯރުކޮށް ދިނުމަކީ، ސަރުކާރުގެ ބެލުމުގެ ދަށުން ރާއްޖޭން ބޭރުގައި
ކިޔަވާކުދިންގެ ޙައްޤުގައި ސަރުކާރުގެ ކޮނޑުގައި އެޅިފައިވާ
ވާޖިބެއްކަމަށްވިޔަސް އަދުގެ ސަރުކާރުން އެކަމަށް އެއްވެސް
ވަރެއްގެ ސަމާލުކަމެއް ދޭތަން ނުފެންނަކަމީ މިޞްރުގައި ކިޔަވާ
ދިވެހި ކިޔަވާކުދިން ނިހާޔަތަށް ހިތާމަކުރާ ކަމެކެވެ. ރައީސް
މައުމޫނުގެ ސަރުކާރުގައި ބަދަލުވަމުންދާ ތަޢްލީމާއިބެހޭ
ވަޒީރުންނަށް ތަކުރާރުކޮށް މިމައްސަލަ ޤާހިރާގައި ކިޔަވާކުދިން
ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އަދި އަދަށް ދާންދެންވެސް
އެއްވެސް އިޞްލާޙީ ފިޔަވަޅެއް އެޅިފައި ނުވާކަން
ފާހަގަކުރަންޖެހެއެވެ.
މިޞްރަކީ ހަތްދިހަ މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅޭ،
އެފްރިކާގެ ނާތަހުޒީބު ޤައުމުތަކުގެ ތެރެއިން ޤައުމަކަށް
ވުމާއިއެކު، އެތަނުގައި ކުކުޅު ގެންގުޅޭ މީހުންނަކީ މިފަދަ
ކަންކަމަށް އެއްވެސް ވަރަކަށް ހޭލުންތެރިވެފައިވާ ބައެއް ނޫނެވެ.
ޢާންމު ބަސްތަކަށް ކުކުޅު ހިފައިގެން އެރުމާއި، ކުކުޅު ކޮށީގެ
މަސައްކަތުގައި ލައިގެން އުޅެ، ހަޑި ވެފައިވާ ހެދުމާއިއެކު ޢާންމު
މުވާޞަލާތުތަކަށް އެރުންފަދަ ކަންކަމަކީ އެފަދަ ބަސްތަކުގައި
ދަތުރުފަތުރުކޮށް އުޅޭ ދިވެހި ކިޔަވާކުދިންނަށް ދޫނި ރޯގާގެ ބިރު
އިތުރުވަމުންދިއުމުގެ ސަބަބެކެވެ.
ސަރުކާރުން މިޞްރުގައި ކިޔަވާ ކުދިންނަށް ދޭ ފައިސާއަކީ މިބާވަތުގެ
އިޖްތިމާޢީ ޙާލަތްތަކުން ރައްކާތެރިވެގެން އުޅެވޭ ވަރަށްވުރެ މަދު
ފައިސާކޮޅެއް ކަމުން، މިޞްރުގެ މުޖުތަމަޢުގައި ފެތުރެމުން މިދާ
ބަލިމަޑުކަމާއި ދުރުންލާފައި ކިޔަވަން ދެވޭނެ މަގެއްވެސް މިހާރު
ޤާހިރާގައި ކިޔަވާ ކުދިންނަކަށް ނެތެވެ. މިފަދަ ޙާލަތަކަށް
ގޮސްފައިވާއިރު ދިރާސާތަކާއި، މިސްރުގެ ކަމާބެހޭ އިދާރާތަކުން
މަޢްލޫމާތު ލިބިފައިވާ ގޮތުގައި މުޞްރު އޮތީ މިފަދަ ބައްޔަކާއި
އެއްވެސް ވަރަކަށް ކުރިމަތިލެވޭފަދަ ތައްޔާރީ ޙާލަތެއްގައި ނޫނެވެ.
ދޫނި ރޯގާއަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ގެނެސްދޭކަމަށްވާ
ޓެމިފުލޫ ނަމަކަށް ކިޔާ
ބޭސް، މިޞްރުގެ އެއްވެސް ފާމަސީއަކުން
ލިބެން ނެތްކަން ޖަޒީރާއިން ހާމަކޮށްފައި ވެއެވެ.
ކުކުޅަކީ ޢާންމުކޮށް އެންމެ އަގުހެޔޮ ކެއުންކަމަށްވެފައި، މިހާރު
ކުކުޅު ކެއުމަކީ މިސްރުގައި ކުރެވެން ނެތްކަމަކަށްވާތީ
ގެރިބަކަރީގެ މަސް ގެނެގެން ކެއުމަކީ އެތަކެތީގެ އަގު ފަލަކަމުން،
ސަރުކާރުން އެދޭ މަދު ފައިސާކޮޅުން ވާނެ ކަމެއް ނޫނެވެ. މަހަކީ
ޢާންމުކޮށް ލިބެން ހުންނަ އެއްޗެއް ނޫނެވެ. މަހުގެ އަގު
ބޮޑުވެފައި، ލިބެން ހުންނަ ހިސާބުތައް ދުރުކަމުން ދެގަޑި
ތިންގަޑީގެ ބަސް ދަތުރެއް ކޮށްގެން މަސްގެނެވޭކަށްވެސް ނޯވެއެވެ.
ކޮންމެއަކަސް، ދިވެހި ސަރުކާރުން ބޭރުގެ ޤައުމަކަށް ގިނަ
ޢަދަދަކަށް ކިޔަވާކުދިން ފޮނުވާފައިވާއިރު، މިފަދަ މައްސަލަތައް
ކުރިމަތިވުމުން ވަގުތުން ވަގުތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް
އަޅަން ޖެހޭނެއެވެ. އެހެންނަމަވެސް ހިތާމައަކީ، މިފަދަ ކަންކަމަށް
ދޭންވާ ސަމާލުކަން އަދުގެ ސަރުކާރަށް ދެވިފައިނުވާކަމެވެ.
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އަލްފާޟިލް ޢަބްދު ﷲ ޔާމީނަކީ
މިފަދަ މަޤާމަކަށް އެކަށީގެންވާވަރަށް ހޭލުންތެރި ބޭފުޅެއްނަމަ،
މިހާރު އޮތީހީ މިޞްރުގައި ކިޔަވާ ކުސިންގެ ޞިއްޙީ
ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އޭނާގެ
ނާޤާބިލުކަމަށް ރިޢާޔަތްކޮށް، ޤާހިރާގައި ކިޔަވާ ގިނަ
ދިވެހިކިޔަވާކުދިން އޭނާ މަޤާމުން ދުރުކޮށް، ކަމަށް އެކަށީގެންވާ
ބޭފުޅަކު އައްޔަންކުރެއްވުމަށް ރައީސް މައުމޫނަށް ފަށްފަށުން
ގޮވާލައެވެ. އެހެން ނޫންމަ މިނިސްޓަރ ޔާމީން އަމިއްލަފުޅަށް
އިސްތިއުފާ ދެއްވުމަކީވެސް ޤާހިރާގައި ކިޔަވާ ގިނަ ކުދިބައެއްގެ
އެދުމެކެވެ.
ދިޕޮލިޓިކްސްގެ އިޖްތިމާޢީ ކަންކަމާއިބެހޭ މަޖްލީހުން ކުރި
ދިރާސާއިން ދައްކާގޮތުން މިޞްރުގައި ކިޔަވާ ދިވެހި ކިޔަވާކުދިންގެ
އެންމެ ބޮޑު އެދުމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ
ކުރިމަތީގައި އެކުދީންގެ ޝުޢޫރުތައް ތަމްސީލުކޮށް، ލޮބުވެތި ދިވެހި
ރައްޔިތުންނާއި، އެކުދިންގެ މައިންބަފައިން، ސާބިތުކާމާއިއެކު
ތެދުވެ، މިކަން ސަރުކާރުގެ ބީރު ކަންފަތަށް އިއްވައިދިނުމެވެ. އަދި
ހަމައެހެންމެ، ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ
ޖަމާޢަތްތަކާއި، ސިޔާސީ ޕާރޓީތަކަށް މިކަމުގައި އެކުދީންގެ
ފަރާތުން ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ކުރިމަތީގައި
އިޙްތިޖާޖު ކޮށްދެއްވުމަށް އެކުދީން ގޮވާލައެވެ. ނިމުނީ! |