24 January 2006

Home

Politics

Law & Justice

Society & Culture

Education & Arts

Business & Economy

Editorial

Archives

Links

The Maldives

At A Glance

Constitution

Government

Foreign Policy

POLITICS

 

މިނިވަންކަމުގައި ހައްދު ފަހަނައަޅައި ދިއުމަކީ...

22/01/2006 | އިބުނު ޢަބްދުލްކަރީމް | އީ-މެއިލް
ވޭތިވެދިޔަ 28 އަކަށް އަހަރު ދުވަހު ދިވެހި ރައްޔަތުން ތިބީ ފަލަ ރޯނުގަޑަކުން ބަނދެވިފައެވެ. އެމީހުންނަށް ހިރި ލެވޭ ވަރު ވެސް ނުވެފައެވެ. ވާނުވާއެއް ނޭގިފައިއެވެ. ހުރިހާ ރޮގަކުންނެވެ. އިޖުތިމާޢީ ގޮތުންނެވެ. ދީނީ ގޮތުންނެވެ. މިހެންދަންނަވާކަށް ވަކި ގޮތެއްނެތެވެ. ވަކި ރޮގެއްނެތެވެ. މިފަދަ ނިކަމެތި ހާލެއްގައި ދިވެހިންވަނީ ދިރިއުޅެންޖެހިފައެވެ.
އާދެ ދިވެހިންނަކީ ވަރަށް ތޫނުފިލި ބަޔަކަށްވީތީވެ ދުވަހުން ދުވަހަށް މުޖުތަމަޢުގެ ތެރޭ ތަޢުލީމީ ހޭލުންތެރިކަން ދަނީ އިތުރުވަމުންނެވެ. ހަމަ ބުއްދިން ވިސްނާ މީހުން ގިނަވިއެވެ. ތިމާއަށް ލިބެންޖެހޭ ހައްޤު ތަކެއް ނުލިބޭކަން އެގެން ފަށާފިއެވެ. މުޖުތަމަޢު ހަލަބޮލިވާ ފަށާފިއެވެ. މިހާރު އަޅުގަނޑުމެނަށް ފެންނަމުން މިދަނީ ބަސްނޭހުމުގެ ޖީލެކެވެ. މިހެންވާންޖެހުނީކީވެތޯއެވެ؟
އާދެ ޢިލްމުވެރިންގެ ބޭނުން ނުހިފުމުގެ ނަތީޖާއެވެ. އެބޭފުޅުންނަށް ހަރުކަށި އަދަބު ދެއްވައި އެބޭފުޅުންގެ ހަޔާތް ބަރުބާދު ކޮށްލެއްވުމެވެ. ދިވެހިންގެ ހިތުގައި ޢިލްމުވެރިންގެ ގަދަރާތް ކަރާމާތް ވައްޓަވައި ލެއްވުމެވެ. މިނޫންވެސް ކިތައްމެ ކަމެކެވެ. ނަމަވެސް އެބޭފުޅުން އެތިއްބެވީ ހައްޤު ގޮތުގައި ކަމަށް ވާތީވެ އެއިން އެއްވެސް ކަމަކަށް ރައްދެއް ނުދެއްވައި ދަޢުވަތުގައި ކުރިޔަށް ވަޑައި ގެންނެވީއެވެ. މީ އެއްވެސް ހަރުދަނާ ސިޔާސަތެއްނޫނެވެ. މީގެ ސަބަބުން މިހާރުގެ ސަރުކާރު މިވަނީ ވަރަށް ބޮޑަށް ހީނަރު ވެފައިއެވެ. ޢިލްމުވެރިންގެ ދަޢުވަތަކަށް ބަދަލެއް ނާދެއެވެ. މިގޮތަށް ކަންތައް ވެފައިވަނިކޮށް ދެން އިވެން ފެށި އަޑަކީ މިނިވަން ކަމުގެ އަޑެވެ. މިނިވަން ބަހުސް ކުރުމުގެ އަޑެވެ. މިނިވަން ރޭޑިއޯ އެއްގެ އަޑެވެ. މިނިވަން ނޫހެއްގެ އަޑެވެ. އަޅުގަނޑުގެ ހިތުގައި އުފާ ވެރިކަން އުޖާލިއެވެ. އުންމީދުތަކެއް ކުރެވެން ފެށިއެވެ. ދިވެހިން އެމީހުންގެ ދީން މާތް ވެގެންވާ އިސްލާމް ދީނުން ދުރުވެފައިވާ ދަޑިވަޅެއްގައި މިފަދަ ރަގަޅު ހެޔޮ އިޞްލާހެއް އަންނާތީއެވެ. ދީނީ ޢިލްމު ވެރިންނަށް މިނިވަންކަން ލިބޭތީއެވެ. އަޅުގަނޑަކީ ވެސް މިކަމުގެ އެދުމުގައި މިނިވަން ނޫސް ކިޔާ އުޅޭ މީހެކެވެ. މިނިވަން ކަމަށް ބޭނުން ފެފައިވާތީއެވެ. ތެދު ހަޤީޤީ މަޢުލޫމާތު ހޯދުމަށެވެ. ވަރަށް މިނިވަން ޖައްވަކުންނެވެ. އެއްވެސް ގޮތަކަށް ވަކިފަރާތަކަށް އެ ނޫސް ބުރަވެފައި ނުވާނެތީއެވެ. ޞައްޙަ ތެދު މަޢުލޫމާތު އެކުލަވާލައްވާފައި ވާނެތީއެވެ. ވަރަށް ބޮޑަށް އިތުބާރު ވެސް ކުރަމެވެ. އަދި ހަމަ މިއާއެކު އެހެނި ހެން ނޫސްތަކާއި މަޢުލޫމާތު ވެސް ހޯދާ ކިޔައި ހަދަމެވެ. މިފަހަކަށް އައިސް އަޅުގަނޑަށް ފެންނަމުން މިދަނީ މިނިވަން ކަމޭ ބުނެ މިނިވަން ކަމުގެ އިމުން އެނޫސް ބޭރުވާތަނެވެ. ހަޤީޤަތް ނުބައްލަވާ މަޟުމޫނުތައް ލިޔުއްވާތަނެވެ. ދާދިފަހުން 18ޖެނުއަރީ 2006 ގައި ބޭފުޅަކު ލިޔުއްވައިފައި އެވާ މަޟުމޫނު އަޅުގަނޑު ތަހުޤީޤު ކުރީމެވެ. އެއީ އޭގައި ޢިލްމުވެރިންނަށް ހައްޤު ނޫން ބަސްތަކަށް ރައްދު ކުރައްވައިފައި އޮތީމައެވެ. ކުރި ތަހުޤީޤުން އެގުނީ އެއީ މުޅިން އޮޅުވާލުމެއްކަމެވެ. މިހެން ކަންތަށް ވަނީނަމަ މިނިވަން ނޫހުގެ އިތުބާރު ގެއްލިދާނެއެވެ. މިނިވަން ކަން ވެސް އޮންނަންވާނީ އިސްލާމް ދީނުގައި އެކަން ކަޑަ އަޅުއްވައިފައި އޮތް އިމުގެތެރޭގައި އެވެ. ލިޔާ ލިޔުން ތަކަކީ ޞައްޙަ ލިޔުމަކަށް ވާން ޖެހޭނެ އެވެ. ކަންތައް ތަޙްޤީޤް ކުރެވެންވާނެއެވެ. ޚާއްޞަ ގޮތެއްގައި ދިވެހިންގެ ތެރޭގައި މިފަދަ ހަލަބޮލި ކަމެއް ފެތުރިފައި އޮތް ދުވަސް ވަރެއްގައި މަސައްކަތް ކުރަންވާނީ ކަންކަން އިޞްލާހު ކުރެވޭތޯއެވެ. އިޞްލާޙް ކުރާ މީހުންނާއި ގުޅިގެނެވެ. މީގެކުރިން ޤައުމު އޮތް ހާލަތަށް ގެންދިއުމަށް މަސައްކަތް ކޮށްގެންނުވާނެއެވެ. ޢިލްމުވެރިންނަކީ ޤައުމުގެ އެންމެ އަގުބޮޑު ޖަވާހިރެވެ. ޤައުމުގެ ދައްމަރެވެ. އެބޭފުޅުން ދީނީ ވާހަކަ ފުޅު ދައްކަވާނީ ވަކި ޕާޓީ އަކަށް ތާއިދު ކޮށް ވަކި ޕާޓީ އެއްގެ މަގުޞަދުތައް ފުއްދައި ދިނުމަކަށް ނޫނެވެ. އެބޭފުޅުން ދައްކަވާނީ ދީނުގެ މައްސަލަ ތަށް ރައްޔިތުންނަށް އޮޅުން ފިލުވައިދެއްވުމަށެވެ. ޤައުމު އިޞްލާހު ކުރެއްވުމަށެވެ. ކުރިޔާ އަޅާ ބަލާއިރު މިހާރު ދީނީ ޢިލްމުވެރިންގެ ފައިދާ ރައްޔިތުންނަށް ލިބޭލެއް ބޮޑެވެ. ރެޑިއޯ އާއި ޓީވީގެ ޒަރިއްޔާއިންނެވެ. މިސްކިއްތަކާއި އިސްޓޭޖް ތަކުންނެވެ. މިހެންވެ އެބޭފުޅުންނަށް ކުށެއް ކުރެވުމުން އެކަމަކާއި ބެހޭ ގޮތުން އެބޭފުޅުންނާއި ވާހަކަފުޅު ދައްކަވައި އެކަން އިޞްލާހު ކުރެއްވުމަކީ ބުއްދިވެރިންގެ ގޮތެވެ. އެބޭފުޅަކަށް ނިސްބަތްކޮށް ހަޤީޤަތެއް ބެލުމެއްނެތި ހިތު ހުރި އެއްޗެއް ނޫސްތަކުގައި ލިޔެ ހެދުމަކީ މިނިވަންކަމެއްނޫނެވެ. އަދި މިނިވަން ނޫހުގެ މަޤުޞަދަކަށް މިކަން މިގޮތަށް އޮތުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރަގަޅު ކަމެއްވެސް ނޫނެވެ. ނޫސްވެރި ކަމުގެ މިނިވަން ކަމަކީ ހަޤީޤަތާ އެއްގޮތަށް ޢާއްމު ރައްޔިތުންނަށް ފުރިހަމަ މަޢުލޫމާތު ފޯރު ކޮށް ދެއްވުމެވެ. މިނޫން ގޮތަކަށް ކަންތަށް ހިގާނަމަ އެވާނީ މިނިވަންކަމުގައި ހައްދު ފަހަނަޅަދިއުމެވެ.
ނިމުނީ!

 
  :: Downloads ::

ދިވެހި

If you cannot read the word above, please download

Dhivehi Fonts

 

 
 

ADDUONLINE

 
 

 

About us | Privacy Policy | Contact

© Copyright 2005 Dhi-Politics. All Rights Reserved