|
ފަރެސް މާތޮޑާ ހަމަނުޖެހުމަކީ ރާއްޖެއަށް 'ޑިމޮކްރަސީ'
އަންނަމުންދާ ކަމުގެ ޢަލާމާތެއް
08/01/2006
| ދިޕޮލިޓިކްސް
މިނިވަންކަމާއި ޙައްޤުގެ ނަމުގައި، ނުކިޔަމަންތެރިކަމުގެ
ޢަމަލުތައް ހިންގުމާއި، ޤާނޫނުގެ ނަމުގައި ޣައިރުޤާނޫނީ ޢަމަލުތައް
ހިންގުމަކީ މިޒަމާނުގެ 'ޑިމޮކްރަސީ' އޭ މިކިޔާ ނިޒާމުތަކުގައި
އައުކަމެއް ނޫނެވެ. 'ސުލްޙަވެރިކަމާއިއެކު ނުކިޔަމަންތެރިކަން
ދެއްކުމަކީ' ޤާއިމުވެފައި އޮންނަ ސަރުކާރުގެ ބާރު ކަނޑުވާލާ،
ވެރިކަން އަތުލައިގަތުމަށް ބޭނުންކުރާ 'ޑިމޮކްރެޓިކް'
ހަތިޔާރެކެވެ. ސިޔާސީ ޕާރޓީ އަކީ ޑިމޮކްރަސީގެ ފުރޮޅެވެ. އެފުރޮޅާ
ނުލާ ޑިމޮކްރަސީއެއްގެ ޙަޤީޤީ ދުވެލި ނުފެންނާނެކަމަށް
'ޑިމޮކްރެޓުން' ބުނެތެވެ.
ފަރެސް މާތޮޑާގެ ރައްޔިތުންގެ ތެރެއިން 'ބަޔަކު' ، ދައުލަތުގެ
ނަމުގައި، ދައުލަތުގެ ޤާނޫނީ ޙިމާޔަތާއި ޤާނޫނީ ޝަޚްޞިއްޔަތު
ލިބިގެން އެރަށް ދިޔަ، ދައުލަތުގެ މުވައްޒަފުން ތަކެއް، ބާރުގެ
ބޭނުންކޮށްގެން ހިފަހައްޓާ ހައްޔަރުކޮށް، ދައުލަތުގެ ޤާނޫނުގެ ބާރު
ކަނޑުވާލުމަކީވެސް 'ޑިމޮކްރަސީގެ' ގިއުގަނޑުން ބޭރުވާ ކަމެއް
ނޫންކަމަށް 'ޑިމޮކްރެޓުން' ބުނުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ނަމަވެސް، އެޢަމަލަކީ ޑިމޮރެޓިކް ދެބާރެއް ފުށޫއަރާ، އަރާރުންވާ
ޢަމަލަކަށް ވާތީ، އެދެބާރުގެ ކުރިމަތިލުމެއް ފެނިގެން ދިއުމަކީ
'ޑިމޮކްރަސީ' އެއްގައި ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.
ދައުލަތާއި ރައްޔިތުން ޙަވާލުކޮށްފައިވާ ބާރުތައް ހިންގާ
ސަރުކާރަކީ ދައުލަތުގެ އެންމެ ބާރުގަދަ ޑިމޮކްރެޓިކް ބާރެވެ.
ޑިމޮކްރެޓިކް އުސޫލުތައް ނިޔާކުރާ ގޮތުން، ޖަމާޢީ މަޞްލަޙަތާއި
އަމަންއަމާންކަން ރައްކާތެރިކުރުމަށްޓަކައި އެބާރުގެ ބޭނުން
ފުރިހަމައަށް ހިފަންޖެހޭނެއެވެ. އެގޮތުން، ފަރެސް މާތޮޑާގެ
ރައްޔިތުންގެ ތެރެއިން 'ބަޔަކު' ހިންގި ޢަމަލަކީ ރައްޔިތުން ޖަމާޢީ
ސިފައިގާ ދައުލަތާއި ޙަވާލުކޮށްފައިވާ ޙައްޤަކަށް އަރައިގަނެވުނު
ޢަމަލެއްކަމަށް ވާތީ، އެކަން މަނާކުރުމަކީ އެއްވެސް 'ގޮޅާބޯ'
އެއްގެ އަމިއްލަ ކަމެއް ނޫނެވެ. އެކަމަކީ ދައުލަތުގެ ދެސްތޫރީ
އަމުރުތައް ނިޔާކުރާގޮތުން، ދައުލަތުގެ ބާރުތައް ހިންގުމާއި،
ރައްޔިތުންނާއި މުޖުތަމައު ޙިމާޔަތްކުރުމުގެ މަސްއޫލިއްޔަތު
ޙަވާލުކުރެވިފައިވާ ސަރުކާރުގެ ޒިންމާއެކެވެ.
ފަރެސް މާތޮޑާ މައްސަލާގައި ސިޔާސީ ޕާރޓީ ތަކުގެތެރެއިން
އެމް.ޑީ.ޕީގެ މިޞްރާބު
ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ އެއް ފުރޮޅު ކަމުގައި ބެލެވޭ 'ދިވެހި
ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ' (އެމް.ޑީ.ޕީ) އިން ފަރެސް
މާތޮޑާގެ ނުކިޔަމަންތެރިކަމުގެ ހަޅުތާލާއި ގުޅިގެން ނެރުނު
ނޫސްބަޔާނެއްގައި ވަނީ "ގދ ފަރެސް މާތޮޑާއަށް އަމަންބަލަހައްޓާ
ބާރުތަކުގެ ފައުޖުތައް ރުކުރުވާލުމާ ގުޅިގެން ހުވަދު އަތޮޅުގައި
އަމުރު މައުރޫފު ހިންގުމުގެ ހާލަތު ހަލުވިކަމާއެކު ފަސާދަވެގެން
ދާކަމުގެ ޚަބަރުތައް ލިބުމާ ވިދިގެން ދިވެހިރައްޔިތުންގެ
ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މިކަމާމެދު އިންތިހާއަށް
ނުރުހުން ފާޅުކުރަމެވެ. އަދި 1800ގެ އަބާދީއެއް އޮތް ރަށެއްގެ
ރައްޔިތުންގެ ތެރެއިން ސުލްހަވެރި އިހްތިޖާޖެއް ކުރަމުންދިޔަ
ބައެއްގެ ގަޔަށާއި ކަމާނުބެހޭ އެތައް ރައްޔިތެއްގެ މައްޗަށް އަމަން
ބަލަހައްޓާ ފަރާތްތަކުން އަނިޔާވެރި ވަހުޝީ ބާރު
ބޭނުންކޮށްފައިވާތީވެސް އެމްޑީޕީއިން އިންތިހާއަށް ނުރުހުން
ފާޅުކުރެއެވެ."
މިނޫސް ބަޔާން ނެރުމުގެ ފަހުގެ ތާރީޚެއްގައި އެމް.ޑީ.ޕީގެ ޓީމެއް
ފަރެސް މާތޮޑާ މައްސަލަ ތަޙްޤީޤް ކުރުމަށް އެރަށަށް ދާކަމަށް
ބުނެފައިވާތީ ސާބިތުވަނީ އިސްވެ ނަޤުލުކުރެވިފައިވާ ޢިބާރާތުގައި
ކުށްވެރި ކުރެވުނު ކަމެއް، 'ކުށްވެރި ކޮށްފައިވަނީ' ކަމުގެ
ޙަޤީޤަތް ބެލުމުގެ ކުރީން، 'ޑިމޮކްރެޓިކް އުސޫލުން' ފާޅުކުރެވުނު
'މިނިވަން ޚިޔާލެއް'ގެ ގޮތުގައެވެ. މިހިނގާ ޖެނުއަރީ މަހާއިއެކު
ނުކިޔަމަންތެރިކަމުގެ މުޒާހަރާތަކަކަށް ގޮވާލާނެކަމަށް، ބައިނަލް
އަޤްވާމީ މީޑިއާއަށް އެމް.ޑީ.ޕީގެ ރައީސް ހާމަކޮށްފައިވާކަން
ހަނދާން ކޮށްލުމަކީވެސް ފަރެސް މާތޮޑާ މައްސަލާގައި ގޮތެއް
ނިންމުމުގައި އެމް.ޑީ.ޕީގެ ވިސްނުން ދެނެގަތުމަށް ފަސޭހަވާނެ
މަގެއްކަމަށް އަޅުގަނޑު ދެކެމެވެ.
ޣައިރުޤާނޫނީ ޢަމަލުތަކެއް ހުއްޓުވުމަށް ދައުލަތުން ބާރުގެ
ބޭނުންކުރުމަކީ ދުނިޔޭގެ ބޮޑެތި ޑިމޮކްރެޓިކް ޤައުމުތަކާއި
އަޅާބަލާއިރު ވަރަށް މަދުންނެވެ. އިނގިރޭސިންނާއި އެމެރިކާނުންވެސް
މިފަދަ އެއްވުންތަކާއި ހަޅުތާލުތަކުގައި ރައްޔިތުންގެ ތެރެއިން
ނުކިޔަމަންތެރިކަން ދައްކާ ބައިގަނޑު މަތަ ކުރުމަށް ބާރުގެ ބޭނުން
ކޮށްފައިވާކަން ޤަބޫލުކުރަން ޖެހެއެވެ. ފަހެ، އެއީ ޑިމޮކްރަސީގެ
ތެރެއިން ވާކަމެކެވެ.
ކުއްލިއަކަށް ހަޅުތާލުގެ މެދުތެރެއިން ދައުލަތުގެ އަމަން
ބަލަހައްޓާ ބާރުތައް އެމް.ޑީ.ޕީން ކުށްވެރިކުރިކޮށް ނޫސްބަޔާނެއް
ނެރުނީ ސީދާ ނުކިޔަމަންތެރިކަމަށް ފޯރިދީ ހިތްވަރު ދިނުމުގެ
ގޮތުންނެވެ. އެއްވެސް ޤާނޫނީ އަދި ސިޔާސީ ޞައްޙަ ސަބަބުތަކެއް
ބަޔާން ނުކޮށް، ޝާޢިރީ ޢީބާރާތަކުން ނޫސް ބަޔާނެއް ނެރުނުކަމީ
އެމް.ޑީ.ޕީގެ ސިޔާސީ ހޭލުންތެރިކަން ކުޑަކަމާއި، ރައްޔިތުން
ޤުރުބާން ކުރުވައިގެން ވިޔަސް، އެޕާރޓީގެ އަމިއްލަ މަޤްޞަދު
ޙާޞިލުކުރުމަށް މަސައްކަތް ކުރާނެކަން ސާބިތުކޮށްދިން އަލިގަދަ
ހެއްކެކެވެ. އެހެންނަމަވެސް، ފުރުޞަތުގެ ބޭނުން ނަހަމަގޮތުގައި
ހިފާ، އަނަދައަނދާ ހުރި އަލިފާނަށް ދަރު ލާން އެމް.ޑީ.ޕީން ކުރި
މަސައްކަތް ނާކާމިޔާބު ވުމަކީ، ސިޔާސީ މައިދާނުގައި ރައްޔިތުން
ނުކިޔަމަންތެރި ކުރުވަންވެސް އެމް.ޑީ.ޕީއަށް އެނގިފައި ނުވާކަން
ހާމަވެގެންދިޔަ ކަމެއް ކަމުގައި ބެލެވިދާނެއެވެ.
ޑިމޮކްރެޓިކް ހަޅުތާލާއި މުޒާހަރާގެ އޮށުން ގަސް ފަޅާ، ހެދެން
ފެށުން
ސަރުކާރަށް ގައު އުކައި، ސަރުކާރުގެ ފުރާޅު ނައްޓާލުމުގެ
ޑިމޮކްރެޓިކް މަޤްޞަދުގައި ބަޔަކު މީހުން ރާއްޖޭގައި ފެށި
ހަޅުތާލާއި މުޒާހަރާގެ ޙަރަކާތްތައް ކުރިމަގުގައި އިތުރުވަމުން
ދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ވެރިކަމުގައި 'ގޮޅާބޯ' ނޫން
'ކޮރު ހަސަނު' ހުއްޓަސް މިކަން އޮންނާނީ މިހެންނެވެ. މީގެ
އަހަރެއްހާ ދުވަސް ކުރީން ދިވެހި ދިދަ ދަނޑީގެ ބުޑުގައި ވަޅުލެވުނު
އޮށުން ގަސް ފަޅައިފިއެވެ. ދެން އޮތީ އެގަސް ހެދި ބޮޑުވެ، އެގަހުގެ
ގޮފިތައް އިތުރުވުމެވެ.
ފަރެސް މާތޮޑާގެ ފަޅު ފުން ނުކުރެވިގެން ސަރުކާރު ހައިޖެކް
ކުރަނީނަމަ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކުން އެރަށެގައި އޮތް
ސަރުކާރުގެ ފުރާޅަށް ގައު ނުއުކަންވީ އެއްވެސް ސަބަބެއް
ނޯންނާނެއެވެ. ގައު އުކުމަކީ ޑިމޮކްރެޓިކް ކަމެކެވެ. ގައު
އުކަންވާނީ ޞުލްޙަވެރިކަމާއިއެކު އިޙްތިޖާޖް ކުރަމުންނެވެ.
ރައްޔިތުންނޭވެ! ވިސްނާށެވެ. ސަރުކާރުގެ ފުރާޅުން ފޫގޮސް، ބޮލަށް
ވާރޭ ވެހޭ ހިސާބަށް ދުއްވާލަން ޖެހިފައި ނުވާ އެއްވެސް ސަރުކާރެއް
ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނެތެވެ. އެމެރިކާގެ ރައްޔިތުން
ބުޝް ސިފަކުރަނީވެސް 'ގޮޅާބޯ' އެއްގެ ގޮތުގައެވެ. އިނގިރޭސިން ޓޯނީ
ބްލެޔަރ ދެކެނީވެސް 'ގޮޅާބޯ' އެއް ކަމަށެވެ. އަހަރުމެން
ދިވެހިންނަށް މައުމޫނު ޢަބްދުލް ޤައްޔޫމް ފެންނަނީވެސް 'ގޮޅާބޯގެ'
ސިފައިގައެވެ. މިގޮޅާބޯއިންތައް ފޫދުއްވާލުމަށްފަހު ދެން
އަންނާނީވެސް 'ގޮޅާބޯ' އަކަށް ނުވާނެ ކަމެއް ނޭނގެއެވެ. އަދި
މާދަމާގެ ގޮޅާބޯގެ ސަރުކާރުގެ ފަރާތުންވެސް ދާނި ހަމަ މިހާރުވެސް
އެތިބި 'ވަހުޝީ ބާރުގެ ބޭނުންކުރާ' ސްޓާރ ފޯހެވެ. ޖެހޭނީ
އެއްތާކުއެވެ.
ޑިމޮކްރަސީގެ ނަމުގައި އަމިއްލަ ނަފްސު ޤުރުބާންކޮށް ޒަމާނާއި
ވަގުތުގެ ދުޝްމަނުންނަށް ވުމުގެ ކުރީން ވިސްނާލަމާތޯއެވެ!
ހަޅުތާލަކީ އަހަރުމެންގެ ދީނުގައި ޞުލްޙައަށް މަގުދައްކާ
ވަސީލަތެއް ނޫނެވެ. ފަނާވެގަތުމަކީ ބިނާކުރުމަށް އެޅޭ
ބިންގަލެއްވެސް ނޫނެވެ. ޑިމޮކްރަސީ އަކީ އަމިއްލަ އެދުމުގެ
ދަހިވެތިކަމުގައި އަނެކުންގެ މަތިން ހަނދާން ނައްތާލުމެއްވެސް
ނޫނެވެ

|